ﷲ ތަޢާލާގެ ދީނުގައި ޙުކުމްތަކަށް ވަރަށް މަތިވެރި މަޤާމެއް ދެވިފައިވެއެވެ. ޙުކުމަށް އަންނަ ބަދަލަކީ ޒަމާނާއި، ތަނާއި، ޙާލަތާއި، އާދަތައް ބަދަލުވުމުން އަންނަ ބަދަލެކެވެ. އާދަކާދައަށް ޙުކުމެއް ކަނޑައަޅާ، ވަގުތާ ޒަމާނާ ބަދަލުވެ، އެ އާދައަށް ބަދަލު އަތުވެއްޖެނަމަ ކުރީގެ ޙުކުމަށްވެސް ބަދަލު އަންނާނެއެވެ. ޙުކުމް ބަދަލުވަނީ އާދަކާދައާއި ގުޅިގެން މީހުންގެ ބޭނުންތަކަށް އަންނަ ބަދަލުގެ ސަބަބުންނެވެ. އެ ބަދަލަކީ ކުރީގެ ޙާދިސާ އޮތްގޮތް ބަދަލުވުމުން، އައު ކަންކަމެއް ހިމެނިގެން ވާތީ އެކަންކަމަށް ބަލާ އަންނަ ބަދަލެކެވެ.

ޝައްކެއްވެސް ނެތެވެ. މާތް ﷲ ވަނީ މިއުއްމަތުގެ މީސްތަކުންނަށް ދީނެއްކަމުގައި އިސްލާމްދީން ކަނޑައަޅުއްވާފައެވެ. އަދި އެނޫންދީނެއް މާތްﷲ އެއްވެސް މީހެއްގެ ކިބައިން ޤަބޫލުނުކުރައްވަތެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.

وَمَنْ يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَنْ يُقْبَلَ مِنْهُ وَهُوَ فِي الْآَخِرَةِ مِنَ الْخَاسِرِينَ "ދީނެއްގެ ގޮތުގައި އިސްލާމްދީން ނޫން ދީނެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) ޤަބޫލެއް ނުކުރައްވާ ހުށްޓެވެ. އަދި، އާޚިރަތުގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ."

ކީރިތި ރަސޫލާ ވަނީ މިއުއްމަތުގެ ތެރެއިން ބަޔަކުމީހުން މިދީނުގެ އަދާވާތްތެރިންނަށް ތަބާވާނޭކަން އަންގަވާފައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. "ހަމަކަށަވަރުން ތިޔަބައިމީހުން، ތިޔަބައިމީހުންގެ ކުރިން އައިމީހުންގެ ގޮތްތަކަށް ތަބާވާނެއެވެ. މުށަކަށްފަހު މުށެކެވެ. ކައިވަތަކަށްފަހު ކައިވަތެކެވެ. އެބައިމީހުން ޟައްބެއްގެ (ސަހަރާތެރޭ އުޅޭ ބޮނޑެއްގެ) ހޮރަށް ވަންކަމުގައި ވިޔަސް ތިޔަބައިމީހުން އެމީހުންގެ ފަހަތުން ގޮސް އެހޮރަށް ވަންނާނެއެވެ. އެހިނދު ތިމަންބޭކަލުން ދެންނެވީމެއެވެ. އޭ اللهގެ ރަސޫލާއެވެ. އެއީ ޔަހޫދީންނާއި ނަޞާރާއިން ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ. "ފަހެ އެނޫން ދެން ކޮންބައެއް ހެއްޔެވެ؟". (ބުޚާރީ: 8/151، މުސްލިމް 4/2054)

އާއަހަރު ފާހަގަކުރުން

އާއަހަރު ފާހަގަކުރުމަކީ ރޯމަނުން އީސާ ޢަލައިހިއްސަލާމްގެ ކުރިން އެބައިމީހުންގެ ކަލާންގެއަކާއި ގުޅުވައިގެން ފާހަގަކުރަން ފެށިދުވަހެކެވެ. އެގޮތުން މިދުވަސް ރިފޯމްކޮށް 46 ބީސީގެ ކުރިން އަލުން ފާހަގަކުރަން ފެށީ ޖޫލިއަސް ގައިސަރެވެ. އެއަށްފަހު މީނާ މަރާލުމުން މިދުވަސް ފަހުން ފާހަގަކުރަން ފެށީ މީނާގެ ހަނދާނުގައެވެ.

ނަމަވެސް މިދުވަހުގެ އަސްލަކީ ބީސީގެ 150 އަހަރު ކުރިން ރޯމަނުންގެ ކަލާނގެއެއް ކަމަށްވާ ޖޭނަސް އެވެ. މިއީ ދެމޫނު ހުންނަ އެމީހުން ޝަރީކުކޮށް އުޅުނު ބުދެކެވެ. މިދުވަހުގެ އަސްލަކީ ރޯމަނުންގެ މުޝްރިކުންގެ މިފާހަގަކުރުންކަމާއިމެދު ޝައްކެއްނެތެވެ. އަދި ހަތްވަނަ ޤަރުނުގައި ޔޫރަޕުގައި މިދުވަސް ފާހަގަކުރުމަށްޓަކައި ހަދިޔާ ބަދިޔާ ބަދަލުކުރެވެމުން ދިޔައެވެ.

ދެން އެއަށްފަހު ޔޫރަޕުގައި މިއާދަ ފެތުރި ނަޞާރާއިން މިދުވަސް ފާހަގަކުރަންފެށީ އެބައިމީހުންގެ ދީނާއި ކުރީގެ އެބައިމީހުންގެ އީދުތަކާއި ގުޅުވައިގެނެވެ. ވީމާ މިކަމުގެ އަސްލަކީ އަދި މިހާރުވެސް މިއީ ޣައިރު މުސްލިމުންގެ އީދެއްކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ.

ކްރިސްމަސް ފާހަގަކުރުން

ކުރިސްމަސް ފަދަ ޢީދުތަކަކީ ޣައިރު މުސްލިމުންގެ ދީނީ ޢީދެކެވެ. އެބައިމީހުން ކުފުރާއި ޝިރުކު ފާހަގަ ކުރާ ޢީދެކެވެ. ﷲ އަށް ދަރިކަލެއް ލިބިގެންވާކަމަށް ދަޢުވާ ކުރުމާއި، އެ އިލާހުއީ 3 އިލާހުގެ ތެރެއިން އެއްފަރާތް ކަމުގައި އެމީހުން އީމާންވާ ފަރާތަށް އެމީހުން ފާހަގަ ކުރާ ދުވަހެކެވެ.

ފަހެ، މި ދުވަހުގައި ތަހުނިޔާ ފޮނުވާ މީހާ އެތަހުނިޔާ ފޮނުވަނީ އެބައިމީހުންގެ ކުފުރާއި، ޝިރުކާއި، އެމީހުންގެ މައްޗަށް އެ ކަންތައްތަކަށް ރުހިގެންވާ ޙާލުގައި ކަމުގައި ނުވާނަމަ، އެބައިމީހުން އެތިބީ ޙައްޤުމަގުކަމުގައި ދެކިގެންތޯ ޢިލްމުވެރިން ސުވާލު އުފައްދަވައެވެ. އެއީ ބާޠިލް އަދި ކުފުރާއި ޝިރުކު ކަމުގައި ދެކޭ މީހާ އެބަޔަކު ފާހަގަކުރާ ކުފުރާއި ޝިރުކުގެ މައްޗަށް ތަހުނިޔާ ކިޔާނީ ކިހިނެއް ހެއްޔެވެ؟ އިސްލާމް ދީނާއި، އިސްލާމީ ޢަޤީދާ އަދި ރަސޫލުންނާއި ނަބިއްޔުންގެ ދަޢުވަތުގެ އަސާސް ކަމުގައިވާ لاإله إلا الله ގެ ކަލިމަ ދަންނަ މީހަކު އެނގިހުރެ މިފަދަ ޢަމަލެއް ނުކުރާނެއެވެ.

ޣައިރު މުސްލިމުންގެ ޢީދުތަކަށް ތަހުނިޔާ ކިޔުން ޙަރާމްވެގެންވާކަމުގެ މައްޗަށް އެންމެހައި ޢިލްމުވެރިން އިއްތިފާޤުވަޑައިގެންފައިވާކަން ޛިކުރުކޮށް ބަޔާން ކުރައްވާފައިވަނީ އެތަކެއް ޒަމާން ކުރީގަ އެވެ. އަދި އެމަގުގައި ދެމިތިބި އަހުލުވެރިންގެ ފަރާތުން އެބަސްފުޅުތައް ޖީލަކަށްފަހު ޖީލަކުން ނަޤުލު ކުރަމުން ގެންދެ އެވެ. އަލްއިމާމް އިބްނުބާޒް ރަޙިމަﷲ ވިދާޅުވެފައިވެ އެވެ. "އެ މީސްތަކުންގެ ޙަޤީޤަތް އޮޅުންފިލައިފައިވާ މީހާއަށް އޮތީ، އެ ބާޠިލްގެ އަހުލުވެރިން ގެ މައްޗަށް މީސްތަކުންނަށް އިންޒާރުދީ، އެމީހުންނަކީ ބާޠިލް ބައެއްގެ ގޮތުގައި މީސްތަކުންނަށް އެންގުން (މަޝްހޫރު) ކުރުމެވެ. އެއީ މީސްތަކުން އެމީހުންގެ މަގުތަކުން ވަކިވެ ދުރުވުމަށްޓަކަ އެވެ." الفتاوى 5-202

ޣައިރު މުސްލިމުންގެ ޢީދުތަކުގައި ތަހުނިޔާ ކިޔުން ޙަރާމްވެގެންވާ ކަމުގެ މައްޗަށް އުއްމަތް އިއްތިފާޤުވަޑައިގެންފައިވާކަން ބަޔާން ކުރައްވާ އަލްއިމާމް ޢައްލާމާ މުޙައްމަދު ބިން ޞާލިޙް ޢުޘައިމީން ވިދާޅުވެފައިވެ އެވެ. "އިބްނު ޤައްޔިމް ނަޤުލު ކުރައްވާފައިވާ ފަދައިން ކާފަރުންނަށް ކުރިސްމަސްއަށް ތަހުނިޔާ ކިޔުމާއި ނުވަތަ އެ ނޫންވެސް ދީނީ ޢީދުތަކަށް ތަހުނިޔާ ކިޔުމަކީ އެންމެހައި ޢިލްމުވެރިން އިއްތިފާޤުވެގެންވާ ގޮތުގައި ޙަރާމްވެގެންވާ ކަމެކެވެ."

ފަހެ، އިސްލާމްދީނުގައި މުސްލިމުން ފާހަގަކުރާނޭ ދުވަސްތަކެއްވަނީ ﷲ ތަޢާލާ ކަނޑައަޅުއްވާފައިއެވެ. މިއިން ދުވަހަކަށް އިތުރުކުރުމެއްވެސް އަދި އުނިކުރުމެއްވެސް އެއީ ގަބޫލުކުރެވޭނޭ ކަމެއްނޫނެވެ.

~ނިމުނީ~


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން