ގިނަ ބަޔަކު އުއްމީދު ކޮށްގެން ތިބި ގޮތާއި ޚިލާފަށް ރާއްޖޭގެ އަދުގެ ސިޔާސީ މަޝްރަހު އެނބުރިގެން ދިޔައީ ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި މެދު މުހިންމު ނިންމުމެއް ނިންމި ހިސާބުންނެވެ. 2008 ވަނަ އަހަރު ރާއްޖޭގައި އަމަލުކުރަން ފެށި މަލްޓިޕާޓީ ނިޒާމާއެކު "ކިންގ މޭކަރ" ގެ ނަމުން މަޝްހޫރުވެފައިވާ ސިޔާސީ ލީޑަރު، ގާސިމް އިބްރާހީމްގެ ޖޭޕީގެ މިނިންމުން ވެގެން ދިޔައީ ބައެއް ސިޔާސީ ބޭފުޅުން މާ ގަޔާވާ ނިންމުމަކަށް ނޫނެވެ. އަދި އެއީ ބައެއް ބޭފުޅުންނަށް "ހަޖަމް ކޮށްލަން" ތަންކޮޅެއް އުނދަގޫވި ވެސް ނިންމުމެކެވެ. ޖޭޕީން ނިންމީ އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދައިގެން ޖޭޕީ އިސްވެ އޮވެ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާށެވެ. އެއީ އެޕާޓީގެ އެންމެ މުހިންމު ގުނަވަނުން ނިންމި ނިންމުމެކެވެ. ޖޭޕީގެ އެ ނިންމުމަކީ ވަކި ބަޔަކާއެކު ކޯލިޝަން ނުހަދާކަށް ނުވަތަ އެފަދަ ކޯލިޝަނަކުން ނިންމާ ނިންމުމަކަށް ތަބާ ނުވާނެ ކަމަށް މާނަކުރެވޭ ފަދަ ނިންމުމެއް ވެސް ނޫނެވެ.

އެކި ކަހަލަ ސިޔާސީ ނިންމުންތަކާއި ސިޔާސީ މަޝްރަހުގައި ހިނގާ އެކި ކަހަލަ ކަންކަމާއި ގުޅިގެން މާބޮޑު ވިސްނުމެއް ފިކުރެއް ނެތި މާއަވަހަށް ޖަޒުބާތުގައި ޖެހި ރުންކުރުވެ ބަސް ބުނުމަކީ އެހާ ހިތްގައިމު ކަމެއް ނޫނެވެ. އަދި އެއީ އާޚިރުގައި ނަތީޖާ ވަރަށް ހިތިވެސް ވެދާނެ ކަމެކެވެ. މިކަންކަން އަޅުގަނޑުމެންނަށް ވަނީ މާޒީން ފެނި ތަޖުރިބާ ވެސް ކުރެވިފައެވެ.

ނަމަވެސް ޖޭޕީގެ މި ނިންމުމާއެކު ސިޔާސީ ގޮތުން ތަންކޮޅެއް ޅަ ސިކުނޑިތައް ޖަޒުބާތުން ފުރިގެން ދިޔައެވެ. އެ "ކުދިންނަށް" އެކަން ހަޖަމެއް ނުކުރެވުނެވެ. އެކުދީންނަށް އެކަން ވިސްނުނީ ހަތުރުވެރި ނިންމުމެއްގެ ގޮތުގައެވެ. މިހާހިސާބުން އެފަދަ ސިޔާސީ "ކުދިން"ގެ ޖަޒުބާތުތަކާއި ރުޅިވެރިން ކޮންޓްރޯލުން ނެއްޓި އެއްވެސް ވިސްނުމެއް ފިކުރެއް ނެތި ހިތު ހުރިހާ އެއްޗެއް ވެސް ގޮވަން ފެށީއެވެ. ޖުމްހޫރީ ޕާޓީއާއި އެޕާޓީގެ ލީޑަރު ގުއިވީއެވެ. ކުނި ވީއެވެ. މުއްދަތު ހަމަވީއެވެ. ބޮޑާ ބަސްތަކުން މުހާތަބުކޮށް ކޯލިޝަނުން ވެސް ނުކުންނަށް ގޮވާން ފެށީއެވެ.

މިމަންޒަރުތަކާއި އަޑުތައް ނިމިގެންދިޔަ ހަފުތާގެ މަޖިލިސް ޖަލްސާތަކުން ފެނި، އިވިގެން ދިއުމުން މިކަމާމެދު ކުރިއަށް ވުރެ ފުންކޮށް ވިސްނާލަން ޖެހުނީއެވެ. އަދި މަޖިލީހުގައި އެއިވުނު އަޑުތައް ފިނިކޮށް އެ ހޫނުގަނޑާއި އެޖަޒުބާތު މައިތިރިކޮށް ފިނިކުރާން ޖެހޭ މީހުންވެސް ވިސްނުމެއް ނެތި އިތުރަށް ދަރުއަޅައި އެ ހުޅުގަނޑު ބޮޑުކުރާން ފެށީއެވެ.

ހަމަ ގައިމުވެސް ރައީސް އިބްރާހީމް މުހައްމަދު ޞާލިހަކީ ސިޔާސީ ގޮތުން އެހާ ރުންކުރު ނިންމުންތައް ނިންމަވާ ބޭފުޅެއް ނޫނެވެ. މިހާތަނަށް ފެނިފައި ހުރި މަންޒަރުތަކާއި އިވިފައި ހުރި އަޑުތަކަށް ބަލާއިރު އެމަނިކުފާނަކީ އެފަދަ ކަންކަމުގައި ގޮތް ނިންމެވުމުގައި، ކުރިއަށް ފިޔަވަޅެއް އެޅުއްވުމުގައި އަދި ބަސް ވިދާޅުވުމުގައި ވެސް ވަރަށް ކެތްތެރިކަމާއެކު ވިސްނުންފުޅު ވަރަށް ބޮޑަށް ކުރިއަށް ނެރުއްވައިގެން ވަރަށް ހިތްތިރިކަމާއި އޯގާތެރިކަމާއެކު އަމަލު ކުރަށްވާ ބޭފުޅެކެވެ. ޖުމްހޫރީ ޕާޓީގެ އެނިންމުމާއެކު އެހާ އަވަސް އަރުވާލައިގެން ކަތި ނިންމެވުމެއް ރައީސް ޞާލިހު ނިންމަވާނެއެކޭ އަޅުގަނޑުގެ ހިތެއް ނުބުނެއެވެ. އަދި ޖުމްހޫރީ ޕާޓީގެ އެނިންމުމާއެކު އެޕާޓީ ކޯލިޝަނުން ނެރެލައި އެޕާޓީގެ ސިޔާސީ މަގާމުތައް އުވާލައްވާނެއެކޭވެސް އަޅުގަނޑުގެ ހިތެއް ހަމަ ނުބުނެއެވެ. އެމަނިކުފާނުގެ އަމިއްލަ ޕާޓީގެ މެންބަރުން ސަރުކާރުގައި ތިބެ އެމަނިކުފާނާ ދެކޮޅަށް ތެދުވެ ބަސްބުނެ ސީދާ އިދިކޮޅު ކެމްޕޭންކޮށް އެތައް ގޮންޖެހުންތަކެއް އެމަނިކުފާނަށް ކުރިމަތިކުރުވި އިރުވެސް ހުންނެވީ ހަނެވެ. އެކަމުގައި އިދިކީލި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. މިއީ އިހަށްދުވަހު ހިނގާ ދިޔަ ހާދިސާއެއްގެ ތަޖުރިބާއެކެވެ.

މިއަދު ޖޭޕީން އެނިންމި ނިންމުމުގައި ސިޔާސީ ގޮތުން އެޕާޓީ ކަޑައްތު ކުރާނެ އެތައް މަރުހަލާއެއް އަދި އެބައޮތެވެ. ރިޔާސީ އިންތިޚާބަށް ރައީސް ޞާލިހާއެކު ކޯލިޝަން ހެދުމަށް ދެއްވި ދައުވަތުގައި ޖޭޕީން ވެސް އަދި ޖޭޕީގެ ލީޑަރުވެސް ކޮޅުފައަކުން ނުޖައްސަވައެވެ. އެކަމަކަށް ނޫނެކޭ ވެސް ވިދާޅެއް ނުވެއެވެ. އެޕާޓީގެ ނިންމުމުން ބުނެދެނީ އަދި އެހާހިސާބަށް ދިއުމަށް މަރުހަލާތަކެއް ކަޑައްތު ކުރަން ޖެހޭ ކަމެވެ. އެހާ ހިސާބަށް ދިއުމަށް އެޕާޓީގެ އެތެރެއިން ނިންމަން ޖެހޭ ނިންމުންތަކެއް އަދި އެބަހުރި ކަމެވެ.

ޖޭޕީގެ މިނިންމުމާމެދު ރުންކުރުވެ ފާޑުވިދާޅުވާ ފަރާތްތަކަށް ޖޭޕީގެ ލީޑަރ ގާސިމް އިބްރާހީމް ދެއްވީ ވަރަށް ވެސް ފުރިހަމަ އަދި މާނަފުން ޖަވާބެކެވެ. އެމަނިކުފާނު ހަނދާން ކޮށްދެއްވީ 2018 ގައި ރިޔާސީ އިންތިހާބުގައި ގޮތް ނިންމިއިރު އޮތް ހާލަތު މިއަދު ނެތް ވާހަކައެވެ. އޭރު އެނިންމި ނިންމުމަކީ ސިޔާސީ ހުރިހާ ލީޑަރުން ހައްޔަރުވެ ކަސްތޮޅު އެޅިފައި ތިބި ހާލަތެއްގައި ނިންމި ނިންމުމެއް ކަމެވެ. އެހެންވީމާ މިއަދު ސިޔާސީ ގޮތުން ލިބިފައިވާ މިނިވަންކަމާއެކު ނިންމާ ނިންމުންތައް ނިންމުމުގައި ޕާޓީގެ އެތެރެއާއި ބޭރުން ކަޑައްތު ކުރަންޖެގޭ ހުރިހާ މަރުހަލާތަކެއް ކަޑައްތު ކުރަން ޖެހޭނެކަން ގާސިމުގެ ވާހަކަފުޅުން ދޭހަވެގެން ދިޔައެވެ.

ޖޭޕީއަކުން އަދި ރިޔާސީ ކެންޑިޑޭޓެއް ކަނޑައެއް ނާޅައެވެ. ކޯލިޝަން ނުހަދާކަށް ވެސް ނުނިންމައެވެ. އަދި ރައީސް ޞާލިހު ނުވަތަ އެމްޑީޕީއާއެކު ކޯލިޝަން ނުހަދާކަށްވެސް ޖޭޕީއަކުން ނުނިންމައެވެ. ޖޭޕީގެ ކައުންސިލްގެ ނިންމުމެއް އޮތީ އެޕާޓީން އިސްވެ އޮވެ ހަދާ ކޯލިޝަނަކުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކައެވެ. އެގޮތަށް ނިންމުމުގެ ކުރިން އެޕާޓީން ވަނީ ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމުގެ ބާރު އެޕާޓީގެ ލީޑަރަށް ދީފައެވެ. އެއަށް ފަހު މިހާރު އެޕާޓީން ކުރިއަށް ގެންދާ މަރުހަލާއަކީ އެޕާޓީގެ ރިޔާސީ ޓިކެޓް ދޭނެ ބޭފުޅަކު ކަނޑައެޅުމެވެ. އެޓިކެޓް ހޯއްދެވުމަށް ގާސިމު ކުރިމައްޗެއްވެސް އަދި ނުލައްވައެވެ. މާދުރު ނޫން މާޒީއަށް ޖެހިލާއިރު ހަމަ މިހުރިހާ މަރުހަލާއެއް އެމްޑީޕީން ވަނީ ނިންމާފައެވެ. ރައީސް ޞާލިހަށް މިއަދު ރިޔާސީ ޓިކެޓް ކަށަވަރުވެފައި ވަނީ އެމަރުހަލާ ނިމިގެންނެވެ. ކޯލިޝަން ހެދުމުގެ ބާރު ރައީސް ޞާލިހަށް ލިބިވަޑައިގެންނެވީ އެމަރުހަލާ ވެސް އެމްޑީޕީން ކަޑައްތުކޮށްފައި ވާތީއެވެ.

ކަންމިހެން އޮތް އިރު އަދި ޖޭޕީން ވެސް ޖޭޕީގެ ލީޑަރުވެސް އެޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރުމާއިމެދު ވަކި ގޮތެއް ނުނިންމައި އަދި އެމަރުހަލާ މުޅިން ނުނިމި އޮއްވާ ސިޔާސީ ގޮތުން އަދި ވަރަށް "ޅަ ކުދިން" ނުކުމެ ޖަޒުބާތާއި ރުޅިވެރިކަމުގައި ހިތުހުރިހާ އެއްޗެއް ގޮވައި މަޝްރަހު ހޫނުކޮށް ފަހުން ގާތް ނުވެވޭ ވަރަށް ދޭތެރެ ދުރުކުރީމާ "އޭތި" އަޅުގަނޑަށް ހަމަ "ކަޑައީ" އެވެ. އެކުދިން މާ އަވަހަށް "ރިއެކްޓް" ކުރީމާ އަދި މާބޮޑަށް "ކަޑައީ" އެވެ.

އަނެއްކޮޅަށް ބައެއް "ރޯނު އެދުރުން" ޖާހިލިއްޔަ ޒަމާނުގައި އުޅުނު ކާހިނުން ފަދައިން ހިސާބު ޖަހައި އިންތިހާބުގެ ނަތީޖާ ނެރުމަކީ ވެސް ހަމަ އެހާމެ "ކަޑަ" ކަމެކެވެ. މިޒަމާނުގައި މީހުން އިންތިހާބު ތަކުގެ އަންދާޒާ ކުރެވޭ ނަތީޖާ ނެރޭ އެއްވެސް ކަހަލަ ތަހުޒީބީ ފޯމިއުލާއަކާއި ނުލައި، ފާލު ބަލައި ރަމަލު ޖަހައިގެން ނަތީޖާ ނެރޭ ގޮތަށް އިންތިހާބުން މިވެނި އެވެނި ޕަސެންޓެއް ލިބޭނެކަން ތިމަންނާގެ ހިސާބުން ދައްކައޭ މީހަކު ބުނުމުން އެމީހަކު ހަމަ ވާނީ ކުރިން މިކިޔާ ކަހަލަ ރޯނު އެދުރެއް ފަދަ މީހަކަށެވެ. އެކަހަލަ ވާހަކަ ދައްކައި އެކަހަލަ ހިސާބު ޖެހީމާ މީހުން ގާތަށް އަންނާނީ ޒާތެއްގެ ނުބައި ހިންޏެކެވެ. މީގެއިތުރުން ސިޔާސީ މަޝްރަހު އޮތް ގޮތަށް ނުވިސްނައި ދައްކާ މިފަދަ ވާހަކަތަކުގެ ނަތީޖާއަކަށް ވާނީ މަޝްރަހުގައި އިތުރު ނުތަނަވަސްކަމާއި ރުޅިވެރިކަން އުފެދުމެވެ. ޖޭޕީއާއި އަދި ގާސިމް އިބްރާހީމާއި ނުލައި ވެސް ތިމަންނާ ހުރިއްޔާ ރައީސް ޞާލިހަށް ވެރިކަން ލިބޭނެއޭ ބުނެ އެމަންޒަރު މިހާރުއްސުރެ ދައްކާން ވަކި ބަޔަކު މަސައްކަތް ކުރުމުން އާޚިރުގައި އޭގެ ހިތި ނަތީޖާއާއި ކުރިމަތި ލާން ޖެހުމަކީ މާދުރުގައިވާ ވެސް ކަމެއް ނޫނެވެ.

ބައެއް ސިޔާސީ "އެދުރުންގެ" ފިކުރަކީ މިއީ ކަމުގައި ވިޔަސް ރައީސް ޞާލިހު އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ގެންގުޅުއްވާ ވިސްނުންފުޅަކީ އެމަނިކުފާނާއެކު އިންތިޚާބަށް ދާން ބޭނުންވާ އެންމެން ރުއްސައިގެން މަޝްވަރާ ކުރަށްވައިގެން އެއެންމެން ގޮވައިގެން މިފަހަރު އިންތިހާބަށް ވަޑައިގަތުމެވެ. މިކަމުގައި އެމަނިކުފާނު ގެންގުޅުއްވާ ހިކުމަތަކީ އިންތިހާބުގައި ދެވަނަ ބުރަކަށް ވަޑައި ނުގެން އެއްބުރުން އިންތިހާބު ކާމިޔާބު ކުރެއްވުމެވެ.

އެހެންވީމާ ޖުމްހޫރީ ޕާޓީގެ ނިންމުމަށް ވެސް އިހުތިރާމު ކުރަށްވައި އަދިވެސް މަޝްވަރާގެ އުސޫލު އިސްކޮށް އެޕާޓީވެސް އޮޑިއަށް އަރުވައިގެން ދަތުރު ފެށުމަކީ އެންމެ ބުއްދިވެރި އަދި އެންމެ ފައިދާހުރި ގޮތެވެ. މީގެކުރީގެ އިންތިހާބު ތަކުގެ ތަޖުރިބާއަށް ބަލާއިރު ކޯލިޝަން ހަދާތަން ފެނިފައި ވަނީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކާމިޔާބު ނުލިބުމުން ދެވަނަ ބުރަކަށް ދިއުމަށް ކަމަށްވާއިރު އެ ފުރުސަތު ވެސް ނުވަތަ އެދޮރުވެސް ހުޅުވާފައި ބޭއްވުމަކީ މުހިންމު ކަމެއްކަމުގައި ވާނެއެވެ. މިވަގުތު ސިޔާސީ މަޝްރަހު އެނބުރެމުންދާ ގޮތަށް ނުވިސްނައި މާ އަވަހަށް "ރިއެކެޓް" ކުރުމުން ދެން އޮންނާނީ ސިޔާސީ ގޮތުން އެއްދާން ކުރަން ކޮންމެހެން ބޭނުންވާއިރު އެއްދާން ނުކުރެވޭ ވަރަށް ނޫނީ އެވާހަކަ ބުނާން ނުކެރޭ ވަރަށް މޫނު ކެނޑި ދުރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން