ރިޔާސީ އިންތިޚާބުގައި ގުޅިގެން މަސައްކަތް ކުރުމަށްޓަކައި މަޝްވަރާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙް މާދަމާ މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ލީޑަރޝިޕާއި ބައްދަލު ކުރަށްވާނެ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެކުގައި މަސައްކަތް ކުރުމަށްއެދިވަޑައިގެން ރައީސް ޞާލިހު ވަނީ އެމްއާރުއެމްގެ ޒަޢީމް ކުރީގެ ރައީސް މައުމޫނަށް މިމަހުގެ 19 ވަނަ ދުވަހު ސިޓީފުޅެއް ފޮނުއްވާފައެވެ. ނަމަވެސް އެމްއާރުއެމުން އެސިޓީގެ ޖަވާބު މިހާތަނަށް ދީފައި ނުވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދު ބުރާސްފަތި ދުވަހުވަނީ ވިދާޅުވެފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މާދަމާގެ ވަގުތެއްގައި މި މަޝްވަރާތަކަށް ރައީސް ޞާލިޙާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބައްދަލުކުރަށްވާނެއެވެ.

އެމްއާރުއެމަށް ފޮނުވާފައިވާ ސިޓީއަށް ޖަވާބުދިނުން ލަސްވެފައިވާތީ، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އިއްޔެ ވިދާޅުވީ އެމްއާރުއެމުން ސަރުކާރު ކޯލިޝަނުން ވަކިވާން ބޭނުންނަމަ ދިއުޅި ދިގުނުކޮށް ވަކިވާން ވީކަމަށެވެ. އަދި އެމްޑީޕީން ފާރިސް މައުމޫނަށް ރަނިންމޭޓުކަން ނުދޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވަކިން ވާދަކުރަން ނިންމާފައިވާތީ މިދިޔަ ބުދަ ދުވަހު ރައީސް ޞާލިޙް ވަނީ މުލިއާގޭގައި އެމްޑީޕީގެ މަޖިލީސް މެމްބަރުންނާއި ބައްދަލުކުރަށްވައި އިންތިޚާބުގެ ތައްޔާރީތައް ކުރިއަށްދާގޮތުގެ އަޕްޑޭޓް ދެއްވާފައެވެ. މި ބައްދަލުވުމުގައި 50 މެމްބަރުންނާއި ބައެއް ވަޒީރުން ބައިވެރިވެފައިވެއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމާއި ގުޅިގެން އެ ޕާޓީގެ މެމްބަރުން ސިޔާސި މަގާމުތަކުން އިސްތިއުފާ ދޭންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.

އޭގެއިތުރުން ރައީސްއޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދުވެސް ވިދާޅުވީ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމަކީ ރައީސަށް މާބޮޑު މައްސަލައެއް ނޫންކަމަށާއި، އެކަމުގެ ސަބަބުން ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ރައީސް ސާލިހަށް ދައްޗެއް ކުރިމަތިނުވާނެ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާއީދުކޮށް، އެމްޑީޕީއާއެކު ކޯލިޝަނުން ހެދުމަށް މިހާތަނަށް ނިންމާފައިވަނީ މޯލްޑިވިއަން ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)އާއި އަދާލަތު ޕާޓީންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން