ދަރިޔަކު ލިބުމަށް އެދޭނަމަ އެންމެ ފުރަތަމަ ފިރިމީހާވެސް ދޮޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ސަމާލުކަންދިނުން ވަރަށް މުހިއްމު
ދަރިޔަކު ލިބުމަށް އެދޭނަމަ އެންމެ ފުރަތަމަ ފިރިމީހާވެސް ދޮޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ސަމާލުކަންދިނުން ވަރަށް މުހިއްމު
ފިރިހެނުންގެ ފާޓިލިޓީ ނުވަތަ ދަރިން ލިބުމުގެ ޤާބިލިއްޔަތުކަން ބިނާވެގެންވަނީ ސްޕާމް ނުވަތަ ދަރިފަނީގެ ކޮލިޓީއާއި ސްޕާމް ކައުންޓް ނުވަތަ ހުންނަ މިންވަރެއްގެ މައްޗަށެވެ.

ދަރިމައިނުވުމުގެ މައްސަލަތަކުގެ ތިން ބައިކުޅަ އެއްބައި މައްސަލަތައް ދިމާވަނީ ފިރިހެނުންގެ ސްޕާމް ކައުންޓްއާއި ކޮލިޓީ ހުންނަންޖެހޭ ވަރަށް ނެތުމުންނެވެ.

ދަރިމައިވުމަށް ރަނގަޅު ކޮލިޓީގެ ސްޕާމް އުފައްދައި އަންހެނާގެ ރަހިމުގެ ތެރެއަށް ދަތުރުކުރުމަށް ސްޕާމްގައި ފުރިހަމަވާންޖެހޭ ކަންތައްތަކެއް ހުރެއެވެ. ސްޕާމް ދަތުރުކުރާ ބާރުމިން ދަށްވުމާއި އަދި ސްކްރޯޓަމްގައި ހުންނަންޖެހޭ މިންވަރަށްވުރެ ހޫނުކަން ގަދަވުމުންވެސް ފިރިހެނުންނަށް ދަރިން ލިބުމުގައި ދަތިވެއެވެ.

ފިރިހެނުންގެ ސްޕާމް ކޮލިޓީ ދަށްވާ ސަބަބުތައް:

1. ލުބްރިކެންޓްސް:

ބައެއް ލުބްރިކެންޓްސްގެ ސަބަބުން ސްޕާމް ދާންވާ މަންޒިލަށް ދަތުރުކުރުމުގެ ކުރިން މަރުވެއެވެ. ތެލާއި ޕެޓްރޯލިއަމް ޖެލީ އަދި ކުޅަކީވެސް ސްޕާމްއަށް ނުރައްކާތެރި އެއްޗެއްސެވެ.

2. ޓެސްޓިކަލްސް ހޫނުވުން:

ހޫނު ގަދަވުމުގެ ސަބަބުންވެސް ސްޕާމް އުފެއްދުމަށް ދަތިވެއެވެ. ގިނަ ވަގުތު ބާރު އެއްޗެހި ލައިގެން ހުރުމުގެ ސަބަބުންނާއި ލެޕްޓޮޕް ބޭނުން ކުރުމުން އަދި މާގިނަވަގުތު އިށީނދެއިނުމުން ޓެސްޓިކަލް ހޫނުވެއެވެ. އަދި މީގެ ސަބަބުން ސްޕާމް އުފައްދާ މިންވަރު ދަށްވެއެވެ.

3. ސްޓްރެސްވުމާއި މާޔޫސްވުން:

ސްޓްރެސްއާއި ނަފްސާނީގޮތުން މީހާ ބަލިކަށިވެ މާޔޫސްވުމުން، ސްޕާމް އުފެއްދުމަށް ބޭނުންވާ ހޯމޯން ހަށިގަނޑުގައި އުފެދާ މިންވަރަށް ބޮޑު ބަދަލުތަކެއް އާދެއެވެ. މިގޮތުން ސްޕާމް އުފެއްދުމަށް ބޭނުންވާ ޓެސްޓަރސްޓްރޯން ހޯމޯން ސްޓްރެސްގެ ސަބަބުން ދަށްވެއެވެ.

4. ފަލަވުން:

ފަލަވުމަކީ ހަށިގަނޑުގައި ފިރިހެން ހޯމޯން ޓެސްޓަސްޓްރޯން ދަށްކޮށްލާ އަދި އެސްޓްރޮޖެން- ނުވަތަ އަންހެނުންގެ ގައިގައި ގިނައިން އުފައްދާ ސެކްސް ހޯމޯން އިތުރުވެއެވެ. ފިރިހެނުންގެ ހަށިގަނޑުގައި ޓެސްޓަސްޓްރޯން މަދުވުމުން ސްޕާމް އުފައްދާ މިންވަރު ދަށްވެއެވެ.

5. ގިނަ ބޭސްތަކެއް އެއްފަހަރާ ކެއުން:

އެންޓިއބައޮޓިކްސްއާއި ލޭގެ ޕްރެޝަރ ދަށްކުރުމަށް ކާ ބޭހާއި ފަންގަލް އަދި ޔުރިނަރީ ޓްރެކްޓް އިންފެކްޝަން އާއި ކެންސަރ ފަދަ ބަލިތަކަށް ތައްޔާރުކޮށްފައި ހުންނަ ބޭސްތަކަކީ ބާރުގަދަ ބޭސްތަކެކެވެ. އަދި މިފަދަ ބޭސްތައް ބޭނުންކުރުމުން ސްޕާމްގެ ކޮލިޓީދަށްވެ ރަހިމަށް ވާސިލްވުމުގެ ކުރިން މަރުވެއެވެ.

6. ހައިޕޯގޮނަޑިޒަމް/ޓެސްޓެކިއުލާ ގޯނެޑްގެ މަސައްކަތް ދަށަށްވުން:

އުމުރުން ދުވަސްވުމާއި ޓެސްޓިކަލްއަށް ހާނިކައެއްވުމުންނާއި ހަކުރު ބައްޔާއި ތައިރޮއިޑް ފަދަ ބަލިތަކުގެ ސަބަބުންވެސް ޓެސްޓަސްޓްރޯން ލެވަލް ދަށަށްދެއެވެ. އެހެން ކަމުން މިފަދަ ކަންކަން ދިމާވުމުންވެސް ސްޕާމްގެ ކޮލިޓީ ދަށްވެއެވެ.

7. ކުރިމަތިފަރާތް ދުޅަވުން:

ޕްރޮސްތޭޓް ނުވަތަ ކުރިމަތިފަރާތް ދުޅަވުމުމަކީ ސްޕާމް އިޖެކިއުލޭޓް ކުރުމުގައި އުނދަގޫތަކެއް ދިމާވެދާނެ ކަމެކެވެ. ކެންސަރު ފަދަ ބައްޔެއްގެ ސަބަބުން ކުރިމަތިފަރާތް ނަގަން ޖެހިއްޖެނަމަ ސްޕާމް ބޭރުނުވެ އެތެރެއަށް ދަތުރު ކުރުމުގެ ސަބަބުންވެސް އެބްނޯމަލް އިޖެކިއުލޭޝަންވާން މެދުވެރިވެއެވެ.

8. އުޅޭ މާހައުލު:

ޕެސްޓިސައިޑްސްއާއި އިންޑަސްޓްރިއަލް ކެމިކަލްސްއަށް ހަށިގަނޑު ހުށަހެޅުމާއި އަދި ވެލްޑިން ފަދަ ހޫނުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ގިނަވަގުތު ހޭދަކުރުކުމުން މިފަދަ މާއްދާތަކާއި ކެމިކަލްތައް ހަށިގަނޑަށް ވާސިލްވެ ސްޕާމް ކޮލިޓީ ދަށްވުމަށް މެދުވެރިވެއެވެ.

9. ޞިއްހީ މައްސަލަތައް:

އޮލިގޮސްޕާމިއާ ނަމަކަށް ކިޔާ ބައްޔަކީ ހަށިގަނޑުގައި ހުންނަ އެހެން ކަމެއްގެ ސަބަބުންނާއި އުމުރުން ދުވަސްވުމުގެ ސަބަބުން ސްޕާމް ކައުންޓް ނުވަތަ އިޖެކިއުލޭޝަންއާއިއެކު ސްޕާމް ބޭރުވާ މިންވަރު ދަށްވާ ކަމެކެވެ.



އެހެންކަމުން ދަރިއަކު ހޯދުމަށް ޕްލޭން ކުރާއިރު މިދެންނެވި ކަންކަމަށް ސަމާލުކަން ދޭންވާނެއެވެ. އަދި ޑޮކްޓަރުގެ އިރުޝާދާއި ލަފާ ހޯދަންޖެހިއްޖެ ހާލަތެއްގައި ލަދުނުގަނެ އެހީތެރިކަން ހޯދުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން