ދުނިޔޭގެ ދެބައި ހަމަ ކަމުގައިވާ އީކުއޭޓަރުގެ ދެކުނު ފަޅީގައި މީހުންވަޒަންވެރިވެ އުޅެނީ ނިސްބަތުން ވަރަށް މަދު ރަށްތަކެއްގައެވެ. އީކުއޭޓަރުގެ ދެކުނު ފަޅީގައި ޖެހެމުންދާ ރޯޅީގެ ތަޖުރިބާ ކުރެވެނީވެސް ވަރަށް މަދު ބަޔަކަށެވެ. ޤުދުރަތީ ގޮތުން ދިވެހިރާއްޖެ އުފެދިފައި އޮތް ގޮތުން ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އަތޮޅު އައްޑޫ އަތޮޅަކީ އީކުއޭޓަރުގެ ދެކުނުގައި އޮތް އަތޮޅަކަށް ވުމުން އައްޑޫ ރައްޔިތުންނަށް އީކުއޭޓަރުގެ ދެކުނުގައި ތިބުމުގެ ނަޞީބު ވަނީ ލިބިފައެވެ.

2011 ވަނަ އަހަރު އައްޑޫ އަތޮޅަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅުނު ހިސާބުން އައްޑޫ ރައްޔިތުންގެ އުއްމީދަކަށް ވެފައި އޮތީ ތަރައްޤީ ވެފައިވާ ސިޓީއެއްގެ ގޮތުގައި އައްޑޫ ވެގެން ދިއުމެވެ. އެހެންނަމަވެސް 2018 ވަނަ އަހަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމާއި ޙަޥާލުވެ ވަޑައިގަންނަވަންދެން "އައްޑޫ ސިޓީއޭ" ކިޔުން ފިޔަވައި އައްޑޫ ސިޓީއަކަށް ބަދަލުވުމުގެ މާބޮޑުކަމެއް ނުހިނގައެވެ.

ޝައްކެއްނެތެވެ. ރާއްޖޭގެ ރައީސްކަމުގެ މަޤާމާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ޙަޥާލުވެ ވަޑައިގަތުމާއެކު އައްޑޫ ރައްޔިތުންގެ ހިތްތަކަށް ދިރުން ލިބިގެން ހިނގައްޖެއެވެ. އައްޑޫގެ ތަރައްޤީގެ މަސައްކަތް ތަކުގައި ފުރާނައެޅިއްޖެ ކަމުގެ ވާހަކަ އައްޑޫގައި ގުގުމަން ފަށައިފިއެވެ.

ޒަމާނުއްސުރެ އައްޑޫ ރައްޔިތުންނަކީ ތަޢުލީމަށް ލޯބި ކުރަމުންދާ ބަޔަކަށް ވުމުން އައްޑޫގައި މަތީ ހަރުފަތްތަކަކަށް ކިޔަވައިދެވެމުންދާތަން ދުށުމަކީ އައްޑޫ ރައްޔިތުންގެ ފޮނި ހުވަފެނެކެވެ. މިހުވަފެން މިއަދު މިވަނީ ޙަޤީޤަތަކަށް ބަދަލުވެފައެވެ. އެހެނީ މަތީ ސާނަވީއަށް ޚާއްޞަ ވަކި ސްކޫލެއް އައްޑޫ ސިޓީ ގައި ވަނީ ބިނާ ކުރެވިފައެވެ. އެއާއެކު އައްޑޫގައި ގިނަ ޢަދަދެއްގެ ކޮލެޖް ތަކުގެ ކެމްޕަސްތަކެއް ޤާއިމު ކުރެވި ޔުނިވަރސިޓީ ތަޢުލީމު އައްޑޫ ސިޓީގައި މިވަނީ އާއްމުވެފައެވެ.

ރާއްޖޭގެ އެންމެ އާބާދީ ބޮޑު އަތޮޅު ކަމުގައިވާ އައްޑޫ އަތޮޅު ރައްޔިތުންނަށް ޞިއްޙީ ފަރުވާ ހޯދުމުގައި ފަހަކާއި ޖެހެންދެން ކުރިމަތިލާން ޖެހިފައިވާ ހިތްދަތިކަމާއި ވޭން އެއީ މާޒީ ކަމުގައި ވެއްޖެއެވެ. އައްޑޫގައި ޒަމާނީ ފެންވަރުގެ ޓާޝަރީ ހޮސްޕިޓަލެއް ޢިމާރާތް ކުރައްވައި އެހޮސްޕިޓަލުގެ ޚިދުމަތް އައްޑޫ ރައްޔިތުންނަށް މިއަދު މިވަނީ ލިބެން ފަށާފައެވެ.

މިއަދު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަކީ އަވައްޓެރި ޤައުމުތަކުގައިވެސް މަދުން ނޫނީ ނެތްފެންވަރުގެ ހޮސްޕިޓަލެކެވެ. ނަތީޖާއަކީ އައްޑޫ ރައްޔިތުން ޞިއްޙީ ފަރުވާ ހޯދުމަށް އެކިތަންތަނަށް ދަތުރުކުރުން ހުއްޓުމެވެ. އައްޑޫ ރައްޔިތުންނަށް ދުޅަހެޔޮ ޞިއްޙަތެއްގައި އުޅުމަށް މަގު ފަހިވުމެވެ.

މިއަދު އައްޑޫރައްޔިތުންގެ ހިތްތަކަށް އެންމެ ބޮޑު ހަމެޖެހުމެއް ލިއްބައިދެނީ ގިނަ އަހަރުތަކެއް ވަންދެން ކުރަމުންދިޔަ ފޮނި އިންތިޒާރު ނިމުމަކަށް އައުމުގެ ކުލަވަރު މުޅި ސިޓީން ފެންނަންފަށާފައި ވުމުންނެވެ. ސިޓީގެ ކޮންމެ ރަށެއް ނޫނީ އަވަށެއްގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ވަނީ ޤާއިމު ކުރެވިފައެވެ. މުޅި ސިޓީން ވެސް ފެންނަމުން ދަނީ ފެނާއި ނަރުދަމާގެ ޚިދުމަތްތައް ގޭގެއަށް ގުޅައި ނިމުމާއެކު، ސިޓީގެ އަވަށްތަކުގައި މަގުހެދުމުގެ ބިޔަ ބޮޑު ޙަރަކާތްތައް ފެށިގެން ކުރިއަށްދާ މަންޒަރެވެ.



އެހެންކަމުން ދެހާސް ތޭވީސްވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ވޯޓުލުމަށްޓަކައި އައްޑޫ ރައްޔިތުން ކާރު ދުއްވާފައި ދާނީ ރައީސް ޞާލީހުގެ ވެރިކަމުގައި ތާރު އަޅައި ނިންމާފައިވާ ޒަމާނީ މަގުތަކުންނެވެ.

އައްޑޫއަތޮޅު ރައްޔިތުން ޤަބޫލު ކުރަނީ އައްޑޫ އަތޮޅުގެ ހިތަކީ އައްޑޫ ގަން ކަމުގައެވެ. މިސަބަބާހުރެ އައްޑޫއަތޮޅު ގަމުގެ ތަރައްޤީ އަށާއި އެއަރޕޯޓަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްދެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށެވެ. ވުމާއެކު ގަމުގެ އެއަރޕޯޓް ބޮޑުކުރެވި އައްޑޫ އަތޮޅު ގަމަކީ ދެކުނު ސަރަޙައްދު ގައި ޤާއިމު ކުރެވޭ ދަތުރުފަތުރުގެ މައި ހަބަށް ބަދަލުވެގެން ދާތަން މިއަދު ފެންނަން ފަށައިފިއެވެ.



ރާއްޖޭގެ ގިނަ ރަށްރަށުގެ ރައްޔިތުންނެކޭ އެއްފަދައިން އައްޑޫ ރައްޔިތުންވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް އިންތިޒާރު ތަކެއް ކުރިއެވެ. ހިތަދޫ އާއި އެހެން އަވަށްތަކުގައި އަޅާފައިވާ ފުލެޓްތަކުގައި އާބާދުވެ، ގިނަ ޢާއިލާ ތަކަކުން އުފާވެރި ދިރިއުޅުމެއް އުޅެންވަނީ ފަށާފައެވެ. އެއާއެކު އުފާވެރި ދިރިއުޅުމަކަށް ބޭނުންވާ ހިތްގައިމު ޕާކުތަކާއި ރީތި ބީޗްތައް ސިޓީގެ އެކި ދިމަ ދިމާލުގައި ތަރައްޤީ ކުރެވި، ކުދިބޮޑު އެންމެން ދަނީ އެތަންތަނުން މަންފާ ހޯދަމުންނެވެ.

އައްޑޫ ސިޓީ ގައި ހިނގަމުންދާ ތަރައްޤީގެ ބިޔަ މަޝްރޫޢު ތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކުރެވޭ ކަމަކީ އައްޑޫ ގައި ހިނގަމުންދާ ބިންހިއްކުމުގެ މަޝްރޫޢެވެ. ހަލުއިކަމާއެކު ކުރެވެމުންދާ މިމަސައްކަތުގެ ނަތީޖާއަކީ ބިންބޮޑު އައްޑޫގެ ބިން އެތައް ގުނައަކަށް އިތުރުވެގެންދިއުމެވެ. ޓުއަރިސްޓް ހޮޓާ ތަކާއި ސިޓީ ހޮޓާ ތަކަށާއި ޓުރިޒަމް ޒޯނުތަކަށް އިތުރު ބިންތައް ހަމަޖެހި ރައްޔިތުންނަށް އޭގެ މަންފާ ލިބެންފެށުމެވެ. އަދި ބޯހިޔާވަހިކަމަށް ހައްލެއް ލިބި ރައްޔިތުން އުފާ ފާގަތިކަންމަތީ އުޅެންފެށުމެވެ.



ޝައްކެއްނެތެވެ. މެދުކެޑުމެއްނެތި ސިޓީގެ އެއްއަވަށުން އަނެއް އަވަށަށް ދަތުރު ކުރެވޭނެ އިންތިޒާމު ރައީސް ޞާލިޙުގެ ސަރުކާރުން ހަމަޖައްސަވައި ދެއްވައިފިއެވެ. އެއާއެކު އިޖުތިމާޢީ މައްސަލަތަކަކުން ރައްޔިތުން ސަލާމަތްވެ. ވިޔާފާރި އިޤުތިޞާދު ސިޓީ ގައި ގުޅި ލާމެހިފައިވާ އިޤުތިޞާދަކަށް ބަދަލުވެގެން ހިނގައްޖެއެވެ. ޝައްކެއްނެތެވެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ނަންފުޅު ދުނިޔޭގެ ތާރީޚުގައި ލިޔެވޭނީ އިކުއޭޓަރގެ ދެކުނު ފަޅީގައި ފުރިހަމަ ސިޓީއެއް ބިނާކުރެއްވި ލީޑަރގެ ގޮތުގައެވެ. އެލީޑަރަށް އައްޑޫ ރައްޔިތުންނާއި ދިވެހިރާއްޖޭގެ ރައްޔިތުން ގެ ފަރާތުން ދަންނަވާނީ ޢަމަލީ ޝުކުރެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން