ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ރައްޔިތުންގެ ހައްގަށް ހުރަސް އަޅަން ފެށީމާ ރިޔާސަތު ބަދަލުކުރާ ހިސާބަށްދާނެ ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު ޝިފާއު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ފަންކްޝަންވިޔަ ނުދިނުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ރައްޔިތުންނަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކުރިޔަނުދިނުމަށްޓަކައި، ކުރަމުންދާ މަސައްކަތް ރައްޔިތުން ބަލައެއްނުގަންނަ ކަމަށެވެ. އޭނާ ވިދާޅުވީ އެމް.ޑީ.ޕީގެ މެޖޯރިޓީ ރައްޔިތުންގެ މަޖިލީހުގައި އޮވެގެން، މިފަދަ ހުރިހާ ކަމެއް ހައްލުކުރަން މަސައްކަތްކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން ނުހަނު އިހުތިރާމާ އެއްކޮށް އެމް.ޑީ.ޕީގެ ރައީސަށް މި ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ހަވާލުކުރީ. އެހެންނަމަވެސް، ރައްޔިތުންގެ ޙައްގުތަކަށް ހުރަސްއަޅަން ފެށީމާ، ރައްޔިތުންގެ މަސްލަހަތަށް ހުރަސްއަޅަން ފެށީމާ އަޅުގަނޑުމެންގެ ކެތްތެރިކަން ވެސް ކޮޅުންލާނެ. ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަދަލުކުރާ ހިސާބަށް ވެސް ދާނެ. ރިޔާސަތު ބަދަލުކޮށްގެން ކަމުގައި ވިޔަސް އެމް.ޑީ.ޕީ މެންބަރުންގެ އެންމެ މުހިންމު މަސައްކަތް، ރައްޔިތުންނާ ގުޅުންހުރި ރައްޔިތުންގެ ބޮޑެތި ހައްގުތައް އެ ރައްޔިތުންނަށް ކަށަވަރުކޮށްދީ

ރައްޔިތުންނަށްޓަކައި ލުއިފަސޭހަ ގޮތްތަކެއް މި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހޯދައިދިނުން." މެންބަރު ޝިފާއު ވިދާޅުވިއެވެ.

މެންބަރު ޝިފާއު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމް.ޑީ.ޕީ ގައި، ސަރުކާރުގައި އޮތްހާ ހިނދަކު، ސަރުކާރު ނިސްބަތްވާ ޕާޓީ، އެމް.ޑީ.ޕީ އޮތްހާ ހިނދަކު، ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ލުއިފަސޭހަ ކަންކަން ފަހިކޮށްދިނުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުން މަސައްކަތްކުރާނެކަމުގެ ސައްތައިން ސައްތަ ޔަގީންކަން ދެއްވާފައެވެ.

"އިއްޒަތްތެރި ރައީސް ކޮމިޓީތަކުގެ މަސައްކަތް ހުއްޓުވާފައި އޮތްއޮތުން، ހާއްސަ ގޮތެއްގައި އެއީ އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެކަނި ކަންބޮޑުވާކަމެއް ނޫން. މި ރާއްޖޭގެ ރައްޔިތުން އިންތިހާއަށް ކަންބޮޑުވޭ. އަޅުގަނޑުމެން އިއްޔެ ޕާލަމެންޓަރީ ގްރޫޕުން އެ ނިންމުން ނިންމާ ސޮއިކުރަން ފެށީމާ އަޅުގަނޑުގެ ދާއިރާގެ ރައްޔިތުން ވެސް އެބަ ބުނޭ، ދިވެހި ހުރިހާ ރައްޔިތުން އެބަ ބުނޭ މި ވަގުތަށް ކޮންމެހެން ކުރަންޖެހޭ ކަމެކޭ. މާ ބޮޑަށް ލަސް ވެސް ވެއްޖެއޭ. ސަބަބަކީ ކޮބައިތޯ؟ ރައްޔިތުންނާ ގުޅުންހުރި އެތައް ކަންކަމަކަށް މި ރައްޔިތުންގެ މަޖިލިހުގެ ރިއާސަތުން މިއަދު ހުރަސްއަޅަމުންދާތީ." މެންބަރު ޝިފާއު ވިދާޅުވިއެވެ.

މެންބަރު ޝިފާއު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވުމަށް ރިޔާސަތުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ރައްޔިތުން އެދޭ ނަތީޖާއަކީ އެއެއް ނޫން ކަމަށާއި، ރައްޔިތުންގެ ހައްގުގައި ކުރަން ހުރި ގިނަގުނަ މަސައްކަތްތައް ބާރު ސްޕީޑުގައި ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

ޝިފާއު ވިދާޅުވީ އެ ނަތީޖާއާ ހަމައަށް ވާސިލްކޮށްދީ ގެނެސްދޭނެ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަދަލުކޮށްގެން ކަމުގައި ވިޔަސް، ރައްޔިތުންގެ މަޖިލީހަށް ގެންނަންޖެހޭ ކޮންމެ ބަދަލެއް އެމްޑީޕީން ގެންނާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން