އަމިއްލަފުޅަށް އުފެއްދެވި ޕާޓީއަށް އަމިއްލަފުޅަށް ސޮއިކުރެއްވުމަށްފަހު ނަޝީދު ވިދާޅުވެފައިވަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ ރޫޅާލައްވާނެކަމަށެވެ. މިހާތަނަށް އެޕާޓީއެއްގެ ރައީސްކަން ތިމާ ކުރެއްވި، އަދި އެޕާޓީގެ ފިކުރު ދުވަހަކުވެސް ދެން މިރާއްޖެއިން ނުފޮހެވޭނެކަމަށް ނަޝީދު ވިދާޅުވަމުން ވަޑައިގެންނެވި ޕާޓީ ރޫޅާލައްވާނެކަމަށް ވިދާޅުވާ ވިދާޅުވުމާމެދު ވިސްނާލުން މުހިންމެވެ.

ނަޝީދު އިސްކޮށް ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރެއްވުމަށް ފަހު އާޓިފިޝަލް ބީޗުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީ ދެން ދާނީ ރޫޅެމުންކަމަށެވެ. އަދި އެޕާޓީ ރޫޅާލާނެކަމުގެ އިންޒާރު ނަޝީދު ވަނީ ދެއްވާފައެވެ.

"އަޅުގަނޑު ދަންނަވާލަން އޮތީ އެމްޑީޕީގެ ހުރިހާ ބޭފުޅުންނަށް، އަޅުގަނޑު ތިޕާޓީ ރޫޅާލާނަމޭ. ރޫޅާލާނަން." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އެމްޑީޕީ ދޫކޮށް ނުކުމެވަޑައިގަތީ އެޕާޓީގެ ރިޔާސީ ޕްރައިމަރީން ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީ ހަޖަމުނުވެގެންނެވެ. ގަބޫލުކުރިއަސް ނުކުރިއަސް އެނާކާމިޔާބީ އަކީ މިހާރު ނަޝީދުގެ ސިޔާސީ ތަރީގެ އަލި ފަނޑުވެފައިވާ މިންވަރުގެ ހަގީގީ މަންޒަރެވެ.

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ކަނޑައެޅުމަށް މިއަހަރުގެ ޖެނުއަރީ މަހުގެ 28ގައި ބޭއްވި ޕްރައިމަރީގައި ރައީސް ނަޝީދުގެ މައްޗަށް ރައީސް ޞާލިހު ކާމިޔާބު ހޯއްދެވީ ބޮޑު ތަފާތަކުންނެވެ. ޕްރައިމަރީގައި ރައީސް ޞާލިޙަށް 61 އިންސައްތަ ލިބިވަޑައިގެންފައިވާއިރު، އެއީ 24572 ވޯޓެވެ. ރައީސް ނަޝީދަށް ލިބިވަޑައިގަތީ 15631 ވޯޓާއެކު 39 އިންސައްތައެވެ.

މިނަތީޖާ ޤަބޫލުފުޅު ނުކުރައްވައި ނަޝީދު ހަޅުތާލުކުރެއްވިއެވެ. އަމިއްލަފުޅު ޕާޓީއާ ދެކޮޅަށް އިދިކޮޅު ސިޔާސީ ޙަރަކާތެއް ފެށިއެވެ. "ފިކުރެއްގެ ދިރުން"ގެ ނަމުގައި އެ ޙަރަކާތް ފަށައި ރައީސް ޞާލިޙާ އިދިކޮޅު ހަރަކާތެއް ހިންގެވިއެވެ. އެމްޑީޕީ ރޫޅާލަން އެތައް މަސައްކަތެއް ކުރެއްވިއެވެ. ޕްރައިމަރީގައި ވޯޓު އޮޅުވާލާފައިވާކަމަށް ވިދާޅުވެ އެތައް ވާހަކަފުޅެއް ދެއްކެވިއެވެ.

ސާފުވަނީ ނަޝީދަށް އެމްޑީޕީގައި ތާޢީދު ނެތްކަމެވެ. ނަޝީދާއެކު އެމްޑީޕީގެ ޢާންމު މެމްބަރުންގެ ތެރެއިން މާގިނަބަޔަކު ނުނުކުތެވެ. ޕާޓީގެ ރައީސްގެގޮތުގައި ހުންނަވައިގެން ޕާޓީން ބަޔަކު ގެންދަވައިގެން އާ ޕާޓީއެއް އުފެއްދެވިއެވެ. އެހެންނަމަވެސް އެމްޑީޕީއެއް ނުރޫޅުނެވެ، އޭރު ހުންނެވީ އެތެރޭގައެވެ.

ސުވާލަކީ މިއަދު ޕާޓީން ބޭރުގައި ހުންނެވި އެހެން ޕާޓީއެއްގެ ބޭފުޅަކަށް ނަޝީދު ވާއިރު އެމްޑީޕީ ރޫޅާލެވިދާނެތޯއެވެ؟ އަދި އެފަދަ މަސައްކަތެއް ކުރައްވަން އުޅުއްވާނަމަ އެއީ ކޮންކަހަލަ ޑިމޮކްރަސީއެއްތޯއެވެ؟ މަލްޓިޕާޓީ ޑިމޮކްރެޓިކް ނިޒާމެއްގައި އެއްޕާޓީން ނުކުމެ އަނެއްޕާޓީ ރޫޅާލާނެކަމަށާއި އެޕާޓީ ނައްތާލާނެކަމަށް ބުނުމަކީ ކޮންކަހަލަ ހެއްވާކަމެއްތޯއެވެ. އަދި އަމުދުން ތިމަންމެންނަކީ ޑިމޮކްރެޓުންނޭ ބުނަމުން ނުކުތްބަޔަކު މިފަދަ ކަމެއްގެ ވާހަކަ ހަރުއަޑުން ގޮވުމަކީ ކޮންފަދަ އަޖައިބެއްތޯއެވެ. ކޮންފަދަ ލަދުވެތި ކަމެއްތޯއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން