މަރިޔަމް ލަމްޙާ ރަޝީދު   2 ސެޕްޓެމްބަރު 2023 - 13:49
މީހެއްގެ ފިރިއަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅުމަކީ އަޚުލާޤީ ގޮތުންނާއި އިޖުތިމާއީގޮތުންވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެހެންނަމަވެސް މިއީ މިހާރު މިދިވެހި މުޖުތަމަޢުގައިވެސް އާއްމުވަމުން އަންނަކަމެކެވެ. މިހެން މިޖުމްލަ ނުނިމެނީސް ފިރިހެންވެރިންގެ ރައްދުގެ ބަސްތައް އައުމުގެ ކުރިން ބުނެލަމެވެ. އާއެކެވެ. އިސްލާމްދީނުގައި ހަތަރު އަނބިން ހުއްދައެވެ. އެހެންނަމަވެސް އެއީ ކައިވެނި ކުރީމައެވެ. ކައިވެންޏާއި ނުލައި ހިތާވެގެން އުޅުމަކީ ހުއްދަކުރާ ކަމެއް ނޫންކަން ފިރިހެނުންވެސް ދަންނަންވާނެއެވެ. އެހެންކަމުން ދެން މިމައުޟޫއާއިއެކު ކުރިއަށް ދަމާ ހިގާށެވެ.

ހުސްހަށިބައި އަންހެންވެރިންނަށް މީހުންގެ ފިރިން ކަމުދަނީ ކީއްވެހެއްޔެވެ؟ މީހެއްގެ ފިރިއެއްގެ މަޤާމުގައި ހުންނަ ފިރިހެނަކާއި ހުސްހަށިބައި ފިރިހެނަކާއި ތަފާތަކީ ކޮބައިހެއްޔެވެ؟ ޅަފުރާގެ ރީތި އަންހެންކުދިންވެސް މީހުންގެ ފިރިންގެ މައްޗަށް ހިތް ކިޔަނީ ކޮން ސަބަބަކާއި ހުރެހެއްޔެވެ؟

ސަބަބުތަކެއް އެބަހުއްޓެވެ. އެހެންކަމުން ތިރީގައި މިވާ ކަންތައްތަކަކީ އެހެންމީހުންގެ ފިރިންނަށް ޒުވާން އަންހެންކުދީންނާއި މީހުންގެ އަނބިންގެ ހިތްތައް ލެނބިގެންދާ މައިގަނޑު ސަބަބުތަކެވެ.



1- ސީރިއަސް ރިލޭޝަންޝިޕްއެއް ބޭނުން ނުވުން:

މީހުންގެ ފިރިންނާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހުން ގިނަފަހަރު ބޭނުންވަނީ ހަމައެކަނި ހުސްވަގުތު ފުރާލުމަށެވެ. ކައިވެނީގައި މައްސަލަތަކެއް ޖެހުނުނަމަވެސް އަނބިމީހާއާއިއެކު އުޅުމުގެ ގަސްދުކޮށްގެންތިބެ ކައިވެނިން ބޭރުން އެކިއެކި އަންހެނުންގެ ފަރާތުން ތިމާގެ ނުފުދި ހުރި ބޭނުންތައް ފުއްދަމުންދާ ފިރިހެނުންނަށް މިފަދަ އަންހެނަކު ލިބިއްޖެނަމަ ޖަވާހިރެއްފަދައިން ގެންގުޅެއެވެ. ދެމީހުންނަށްވެސް އެމީހުންގެ ބޭނުންތައް ފުއްދާލެވެއެވެ. އަންހެން މީހާއަށް އޭނާގެ ދިރިއުޅުމުގެ ލަނޑުދަނޑިތައް ހާސިލްކުރެވެންދެން ނުވަތަ ކޮންމެވެސް އެހެން ސަބަބަކާއިހުރެ މިދަފަ މީހަކާއި ރައްޓެހިވުމަކީ އެންމެ ފަސޭހަގޮތެވެ. އެގޮތުން، ކުރީގެ ބައިވެރިޔާގެ ފަރާތުން ކެހި ލިބުމުން މީހަކާ ރައްޓެހިވެގެން އުޅެން ފޫހިވެ، ސީރިއަސް ދިރިއުޅުމެއް ބިނާ ކުރާނެ ފަދަ ބައިވެރިއެއް ހޯދުމަކީ ބޭކާރުކަމެއްކަމުގައި ޤަބޫލުކުރެވި އޭގެ ބަދަލުގައި މިފަދަ ކުރިއެރުމެއްނެތް ކަންކަމުގެ ތެރެއަށް ވަދެއެވެ.

2. ސަމާލުކަން ހޯދުން:

އަންހެންވެރިންނަކީ މީހުންގެ ސަމާލުކަން ބޭނުންވާ ބައެކެވެ. ޚާއްސަކޮށް މީހަކާއި އިނދެގެން ހުރެ ހުރިހާކަމެއް ރިސްކުގެ ތެރެއަށް ވައްޓާލައި އެންހެން ކުއްޖަކަށް ސަމާލުކަންދިނުމަކީ އެމީހުންގެ 'އީގޯ ބޫސްޓް' ވާނެ ކަމެކެވެ. ނުވަތަ އިތުރަށް ތިމާގެ ރީތިކަމާއި ފަރިކަމާއިހުރެ ބޮޑާވާނެ ކަމެކެވެ. އަންހެނުންގެ ތެރެއިން ގިނަ މީހުންނަށް ހުސްހަށިބައި މީހުންގެ ތައުރީފަށްވުރެ މީހުންނާއި އިނދެގެން އުޅޭ މީހުންގެ ތައުރީފުގެ ބަސްތައް މާކަމުދަނީ އެހެންވެގެންނެވެ. އަދި ހުސްހަށިބައި މީހަކު ކުރާ ތައުރީފަށްވުރެ މީހަކާއިއެކު ދިރިއުޅޭ ކަންކަން ފެނި އެނގި ދަންނަ މީހަކު އޭނާއަށް ކުރާ ތައުރީފަށް އިތުބާރުކުރެވޭގޮތްވެސް ވެއެވެ.

3. މީހަކާއި އިނދެގެން އުޅޭ މީހުންނަށް އަންހެންވެރިން ގެންގުޅެން އެނގުން:

މީހަކާއި އިނުމުގެ ނިޔަތުގައި އެކިޒާތްޒާތުގެ މީހުންނާއި ބައްދަލުވެ އެކި މީހުންނާއި ވާހަކަ ދެކެވި އެކި މީހުންނާއި ރައްޓެހިވެގެން އުޅެ ވަރުބަލިވުމުން ދެން އިތުރަށް މީހަކަށް 'ކޮމިޓް' ވާން ބޭނުންނުވެ ދިރިއުޅުން މަތިން ފޫހިވާންފަށައެވެ. މިހާލަތުގައި ބައެއް އަންހެންވެރިން އަޅާލުމާއި އޯގާތެރިކަން ހޯދަނީ މިދެންނެވި އެހުރިހާކަމެއް ތަޖުރިބާ ކުރަމުން އަންނަ މީހެއްގެ ފިރިއެއްގެ ފަރާތުންނެވެ. އޭނާއަށް އަންހެނުންގެ ގޮތް އެނގި އަންހެންވެރިން ގެންގުޅެން އެނގެއެވެ. އެހެންކަމުން ހުސްހަށިބައި މީހުންނަށްވުރެ އެމީހުންނާއި ގުޅިގެން އުޅެން ބައެއް އަންހެންވެރިން ބޭނުންވެއެވެ.

4. މީހަކާއި އިނދެގެން އުޅޭ މީހުން ދިރިއުޅުމުގައި 'ސެޓުލް' ވެފައިވުން:

ދިރިއުޅުމުގައި ދާންބޭނުންވާ މިސްރާބާއިހަމައަށް ގޮސް ހަމަޖެހޭ ދިރިއުޅުމެއް ބިނާކޮށްގެން އުފަލުގައި އުޅުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެކެވެ. އެހެންނަމަވެސް އެހިސާބަށް ދިއުމުގެ ކުރިން ކައިވެނިކޮށް އެހުރިހާ އުނދަގުލާއި ގޮންޖެހުންތަކާއި ކުރިމަތިލައި ހިތްހަމަޖެހޭ އުފާވެރި ދިރިއުޅުމަކާ ހަމައަށް އަމިއްލަ ބައިވެރިޔާއާއެކު ދިޔުމަށް ހުރި ހުރަސްތަކާހުރެ، ބަދަލުގައި އަންހެންވެރިން ބޭނުންވަނީ ހަމަޖެހޭ އުފާވެރި ދިރިއުޅުމަކަށް 'ޝޯޓް ކަޓެއް' ނުވަތަ ކުރުމަގެއް ޚިޔާރު ކުރާށެވެ. އުފާވެރި ދިރިއުޅުމެއް ވޭތުކުރަމުންދާ ދެމަފިރިންގެ ދޭތެރެއަށް މިފަދަ އަންހެނުން ވަންނަނީ ތިމާގެ ފިރިމީހާއަށްވެސް ރޭކާނުލައެވެ. ގިނަފަހަރަށް މިފަދަ އަންހެނުން އޭނާގެ ފިރިމިހާއަށް ސިއްރުން މީހުންގެ ފިރިންނަށް ލޯއަޅަނީ އެފިރިހެނުން އެމީހުންގެ އަނބީން އުފަލާއި ހިތްހަމަޖެހުމާއެކު ގެންގުޅޭތީއެވެ. އަދި އެންމެފަހުން ހަޔާތުގެ ބައިވެރިޔާ ދޫކޮށް މީހުންގެ އެފަދަ ފިރިން އިޚުތިޔާރު ކުރަނީ އުފާވެރިކަން ހޯދުމުގެ ބޭނުމުގައެވެ. އަނބީންނާއެކު ތަނަވަސް އުފާވެރި ދިރިއުޅުމެއް އުޅޭ ފިރިހެނުންނަކީ ތަނަވަސް ނުވަތަ ފައިސާވެރިއެއް ނަމަ، އެމީހަކާ ހިތާވަނީ ހަމައެކަނި މީހުންގެ އަނބީންނެއްވެސް ނޫނެވެ. ޒުވާން ޅަ އަންހެންކުދިންވެސް މިފަދަ ފިރިންނާ ހިތާވެ ގުޅުންބާވަމުންދެއެވެ. މިއީ ވަރަށް ދަށުދަރަޖައިގެ އަދި މީހުން ތިމާއަށް ކުރާ އިޙްތިރާމު ގެއްލޭނެފަދަ އަމަލެއްކަންވެސް މިފަދަ އަންހެންކުދިން ނުދަންނަ ކަހަލައެވެ.

5. މީހެއްގެ ފިރިޔަކާއި ރައްޓެހިވުމަކީ މަނާކަމަކަށްވުން:

މަނާކަންކަމަކީ އިންސާނުންގެ ތަބީޢަތުގައި، އެކަމަކަށް ލަންބުވާ އެކަމަކަށް ދަމާ ކަންކަމެވެ. އެހެންކަމުން މީހަކަށް އެނގިދާނެ ކަމުގެ ބިރު އޮންނަ މިފަދަ ރިސްކު ބޮޑު ކަމެއް ކުރުމަކީ ބައެއް އަންހެންނުނަށް މާގަޔާވާކަމެކެވެ. އަދި އެހެން ސިއްރުން އުޅުމަށް، އެމީހުންނަށް މީހުންގެ ފިރިންނާއިއެކު އެއުޅޭ އުޅުން މާބޮޑަށް ގަޔާވާކަމުގައިވެއެވެ. ހަމަމިއާއިއެކު މައިންބަފައިންގެ ދިރިއުޅުމުގައި ވަރިގިނަވެފައި ޒަވާޖީ ހަޔާތް ފެއިލްވެފައިވާނަމަ، ކައިވެނީގެ ގުޅުމަކީ އަގެއް ހުރި އެއްޗެއް ކަމުގައި އެފަދަ އަންހެނުން ނުދެކެއެވެ. އެހެންކަމުން މިފަދަ ގޮތަކަށް ސިކުނޑީގައި ހަރުލާފައި ހުރިނަމަވެސް އެހެން މިހުންގެ ދިރިއުޅުމަށް ވަދެގެން އެފަދަ ގުޅުންތައް ބޭއްވުމަކީ ބޮޑުކަމެއްކަމުގައި އެމީހުން ނުދެކޭނެއެވެ.

6. ފިރިހެންވެރިން ދޮގުތަކުން މަހާލާ މަޅިފަތީގައި ފަސޭހައިން ބެދުން:

މީހެއްގެ ފިރިއަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ އެންމެންކަހަލަ ގޮތަކަށް ކިޔައިދޭނީ އެމީހުންގެ އަނބިންގެ ސަބަބުން ފިރިމީހާ އެހެން މީހުންކައިރިއަށް ދާންޖެހޭ ވާހަކައެވެ. އަނބިމީހާ އޭނާއަށް ވަގުތު ނުދޭތީއެވެ. ނުވަތަ އޭނާގެ ކަންކަމަށް ފަރުވާ ނުބަހައްޓާތީއެވެ. ނުވަތަ އޭނާގެ ބަސްނާހާތީއެވެ. މިއިން ކޮންމެވެސް ބަހަނާއެއް ދައްކާފައި ގޭގައި ގެންގުޅޭ ކިރުދޫނީގެ ހިތް ކަތިލާފައި މާދުރުން ފެންނަ މާރަނގައެއް އަތުލުމަށް މަޅިޖަހަނީއެވެ. ދެން މާރަނގަވެސް ގޮސް އެތައް ދޫންޏެއްހެން އެމަޅިފަތީގައި ޖެހިދެއެވެ. މިގޮތަށް ކިތަންމެ ދޫންޏެއް މަޅިފަތީގައި ޖެހުނަސް މިއިން އެއްވެސް ދޫންޏެއް ގެއަށް ގެންދިއުމަކަށް ދޫނިހިފާ މީހާ ބޭނުމެއް ނުވެއެވެ. އަނބި މީހާ ދޫކޮށްލަންވެސް ބޭނުމެއް ނުވެއެވެ. އަދި އަނެއް ކުއްޖާއާއި އިންނާކަށްވެސް ބޭނުމެއް ނުވެއެވެ.

7. ބައްޕައާއި އަންހެންދަރިންނާއިދެމެދު ގުޅުމެއް ނެތުން:

އަންހެންދަރިންނަށް ބައްޕައެއްގެ އަޅާލުން ވަރަށް މުހިންމެވެ. ބައްޕައެއްގެ ފަރާތުން އަޅާލުން ނުލިބޭ އަންހެންކުދިންނަށް އެއަޅާލުމާއި ލޯބި ހޯދުމަށް ބައެއްފަހަރު އުމުރުން ދޮށީ އަދި މީހުންނާއި އިނދެގެން އުޅޭ މީހުންނާއިއެކު ގުޅުން ބޭއްވެއެވެ. ބައްޕައެއްގެ ލޯތްބި ނުލިބުމަކީ އަންހެން ކުދިން އެމީހުންގެ ދިރިއުޅުމުގައި ނުރަނގަޅު ނިންމުންތައް ނިންމުމަށް ދިމާވެދާނެ ކަމެކެވެ. މީގެ ތެރޭގައި އެމީހުންނަށް ވަގުތު ނުދެވޭ އަދި އެމީހުންނަށްވުރެ މަޤާމުން ނުވަތަ އުމުރުން މަތި އެމީހުންނަށް ނުލިބުނު އަޅާލުން އެފަދަ އެހެން މީހެއްގެ ފަރާތުން ހޯދަން ބޭނުންވުން ހިމެނެއެވެ. އެމީހުން ބޭނުންވާނީ ބައިވެރިޔާ އެމީހުންގެ މައްޗަށް ބަސްބުނެ އަމުރު ހިންގުމަށެވެ. އަދި މިއީ ލޯބިދިނުންކަމުގައި އެމީހުންނަށް ޤަބޫލުކުރެވެއެވެ.

މީހުންގެ ފިރިންނާއި ރައްޓެހިވެގެން އުޅޭ އަންހެނުންނަށް ބުނެލަމެވެ. ދީނުގައި ކަނޑައަޅާފައިވަނީ ކައިވެނި ކުރުމަށެވެ. ކައިވެނި ނުކޮށް، އެހެން މީހަކަށް ކައިވެނީގެ ހުރިހާ މަޤާމަކާއި އިއްޒަތާއި ޝަރަފެއް ލިބި ތިބާއަށް އެއިން އެއްވެސް އެއްޗެއް ނުލިބި ތިޔަހެން އޭނާއާއެކު އުޅުމުން ވެއްޓެނީ ތިބާގެ އަގެވެ. އޭނާ ކައިވެނި ކުރާނެނަމަ އަހަރު ދެއަހަރު ވެގެން ރައްޓެހިވެގެން ނޫޅޭނެއެވެ. ވިސްނާލާށެވެ. އޭނާއަށް ޚިދުމަތް ކުރުމާއި ބޭނުންވާ ހުރިހާ ކަމެއް އަނބިމީޙާ ފުއްދައިދެއެވެ. ވީމާ ތިބާތިއީ އޭނާ ހިތް އުފާކޮށްލަން ގެންގުޅޭ ކުޅޭކުޅޭ އެއްޗަކަށްވިޔަ ދީގެން ތިޔަހެން ހުރުމުން ގެއްލުން ލިބޭތާނގައިވެސް ގެއްލުންވާނީ ތިބާއަށް އެކަންޏެވެ. ތިބާ ގާތުގައި އަނބިމީހާގެ ގޯސް ވާހަކަ ދެއްކުމަށްފަހުވެސް ހަމަ އަނބުރާދާނީ އަނބިމީހާގެ ދާނަށެވެ. އޭނާ އަކީ ހަމައެހައި ނުބައި ނުލަފާ އަންހެނެއްނަމަ އޭނާއާއެކު އެހައިދުވަހު އެކުގައި އުޅޭނެ ހެއްޔެވެ؟ ވިސްނާލާށެވެ. ތިބާއަށްވެސް މީހެއްގެ އަބުރުވެރި އަންބަކަށް ވެވިދާނެއެވެ. ތިޔަހެން އިންނާނެކަމުގެ ހުވަފެން ބަލަން ހުއްޓައި ޒުވާންކަން ގެއްލިގެން ދިއުމުގު ކުރިން ތިޔަކަން ހުއްޓާލައި ރަނގަޅު ބައިވެރިއެއް ހޯދައި އޭނާއަށް ވަދާއީ ސަލާމް ކިޔާލާށެވެ. އަދި ދިރިއުޅުމާއިގެން ކުރިއަށްދާށެވެ.



ކިޔުންތެރިންގެ ހިޔާލު


10

މިއްޓެ

13-Sep-2023

ތިލިޔުން ލިޔެފައިތިއޮތީ ވަކި މީހަކަށް ނިސްބަތްކޮށް ކަމުގައި ފެނޭ


-7

މާލަސް

06-Sep-2023

ވަރަށް ސަލާމެވެ.



ޓްރެންޑިން