ދެމަފިރިންގެ ދިރިއުޅުމުގައި ލޯތްބާއި އަޅާލުމަކީ ވަރަށް މުހިންމު ކަންކަމެވެ. އެކުގައި ވަގުތު ހޭދަކުރުމާއި އެކަކު އަނެކަކަށް ޒީނަތްތެރިވުމާއި ގޭތެރޭގައި އެހީތެރިވުމަކީ ހަމަޖެހޭ ޒަވާޖީ ހަޔާތެއް ބިނާ ކުރުމަށް ނުހަނު ބޭނުންތެރި ކަމެވެ. އެހެންނަމަވެސް ދިވެހިންގެ ތެރޭގައި ގިނައީ މަންމައެއްފަދައިން އޭނާއަށް އަޅާލަން ބޭނުންވާ އަޅެއްހެން އަނބިމީހާ އޭނާއަށް ޚިދުމަތްކުރުވާ ގޭގައި ރަސްކަލެއްހެން އުޅެން ބޭނުންވާ ފިރިންނެވެ. ކައިވެނީގެ ގުޅުމަށް ގެންނަ ތިމާގެ އަނބިމީހާއަކީވެސް ލޯތްބާއި އަޅާލުމާއި ހަމްދަރުދީ އަދި ހިތްހަމަޖެހުން ބޭނުންވާނެ މީހުންކަން އެފަދަ ފިރިން ނުދަންނަ ކަހަލައެވެ.

އަޅެއްހެން އަނބިމީހާ ގެންގުޅުމަކީ އިސްލާމްދީނާއި ޚިލާފުކަމެކެވެ. ދީނުގައި ދެމަފިރިންގެ މެދުގައި ލޯތްބާއި ކުލުނު އަށަގަނުވައި އެކަކު އަނެކަކަށް އިހުތިރާމް އިތުރުވާނެ ހުރިހާ ނަމޫނާއެއްވަނީ ރަސޫލާގެ ހަޔާތުން ދައްކުވައިދެއްވާފައެވެ. ހުޅަނގުގެ ޤައުމުތަކުން މަޝްހޫރުކޮށް މީހުންގެ ސަމާލުކަން ގެނުވާފައިވާ 'ރޯމޭންޓިކް ޕްރެކްޓިސް' ތަކަކީ މުސްލިމުންނަށް އާއެއްޗެއް ނޫނެވެ. ނަމަވެސް ސަޤާފަތާއި މުޖުތަމަޢުގެ ތެރެއިން އައިސްފައިވާ އާދަތަކުގެ ތެރޭގައި އުޅޭ ދިވެހިންނަށް ހުޅަނގުގެ މީހަކު އޭނާގެ އަނބިމީހާއަށް ލޯބިން ކޮށްދޭ ކަންކަން 'ރޮމޭންޓިކް' ވެގެން އެކަންކަން ކޮޕީކުރެއެވެ. އެހެންނަމަވެސް އިސްލާމްދީނުގައި މިނަމޫނާ ފެންނަން އޮތުމުން އެގޮތްތައް ދަސްކޮށް އެގޮތަށް ދިރިއުޅުމުގައި ހިމަނާލުމުން ދެމީހުންގެ ދެމެދުގައި ހިތްހަމަޖެހުން އިތުރުވެ ސުންނަތެއްވެސް ދިރުވުނީއެވެ. އެހެންކަމުން އެކުގައި އުފާވެރި ޒަވާޖީ ހަޔާތެއް ބޭނުން ކޮންމެ މުސްލިމު ދެމަފިރިޔަކުވެސް ތިރީގައި މިދަންނަވާ ބައެއް ސުންނަތްތަކަށް ޢަމަލުކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ.

ލޯބި އިތުރުކުރެއްވުމަށް ރަސޫލާގެ ސުންނަތުން އެނގެންހުރި ކަންކަން



1. އަނބިމީހާދެކެ ލޯބިވާކަން އެކިގޮތްގޮތަށް ހާމަކުރުން:

ސަހާބީންގެ މަޖިލީހެއްގައި ރަސޫލާގެ ބޭކަލަކު ވަޑައިގެން އެންމެ ލޯބިފުޅުވަނީ ކާކުދެކެތޯ އެއްސެވުމުން އަނބިކަބަލުންގެ ނަންފުޅު ވިދާޅުވިއެވެ. ވިސްނާށެވެ. މިއީ މުސްލިމުންގެ ވެރިޔާއެވެ. ހަނގުރާމަތަކުގައި އާއި ޤައުމެއްގެ މަސްޢޫލިއްޔަތުތައް އުފުއްލެވި މުޅި އިސްލާމީ އުއްމަތުގެ ނަބިއްޔާއެވެ. އެންމެންގެ ތެރޭގައި އަނބިކަނބަލުންދެކެ ލޯބިފުޅުވާކަމަށް ވިދާޅުވިއެވެ. ދިވެހިންގެ ތެރޭގައި ފިރިހެނަކު އަނބިމީހާ ގުޅީމައި އެކުވެރިން ކައިރީގައި ހުރެ އޭނާ އެފޯނަށް ޖަވާބުދިނުމަކީވެސް 'އަނބި ދަށުވުމުގެ' ދަރަޖަ ދެވިފައިވާކަމެކެވެ. ރިވެތި ގޮތް ޚިޔާރުކޮށް އަނބިމީހާއަކީވެސް ލޯތްބާއި އިހުތިރާމް ލިބިގެންވާ މީހެއްކަން އޭނާއަށް އިހުސާސްކޮށްދިނުމުން އާރާސްތުވާނީ ތިބާގެ ދިރިއުޅުމެވެ.

2. ކާން ދިނުން:

ތިބާގެ އަތުން އަނބިމީހާ އަނގަޔަށް ލަވައިދޭ ކާއެތިކޮޅުންވެސް ޘަވާބުލިބޭނެކަމަށް ހަދީޘުގައި އައިސްފައިވެއެވެ. އެހެންކަމުން ވީވަރަކުން އެކުގައި ކެއުމާއި ދޭތެރެއަކުން މިގޮތަށް އަނބިމީހާއަށް ކާންދިނުމަކީ ތިބާއަށް ކުރެވިދާނެ ކަމެކެވެ. ހަމައެއާއިއެކު އައިޝަތުގެފާނުގެ ވިދާޅުވެފައިވާ ގޮތުގައި އެކަމަނާ ބެއްލެވި ތަށީން އެކަމަނާ ތަށީގައި ތުންޖެއްސެވި ހިސާބެއް ހޯއްދަވައިގެން އެހިސާބަކުން ތުންޖައްސަވައި އެކަލޭގެފާނު ބައްލަވައި ހައްދަވާކަމަށެވެ.

3. އެކުގައި ކުޅެ މަޖާކުރުން:

ގޭގައި އުޅޭވަގުތު އަނބިމީހާއާއިއެކު ކުޅެ މަޖާކޮށް އުޅެނީ އަހަރުމެންގެ ތެރެއިން ކިތައް ފިރިހެނުންހެއްޔެވެ؟ އަހަރުމެންގެ ނަބިއްޔާ މިއުއްމަތަށް ދީން އުނގަންނަވައިދެއްވުމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރައްވަމުންވެސް އަނބިންނާއިއެކު ހޭދަކުރައްވަން މިފަދަވަގުތުކޮޅެއް ހޯއްދެވިއެވެ. އަދި އާއިޝަތުގެފާނު ވިދާޅުވެފައިވާ ގޮތުގައި އެކަލޭގެފާނުވަނީ އެކަމަނާއާއިއެކު ދުވެވަޑައިގެން އެކަމަނާއާއި ރޭސް ޖައްސަވާފައެވެ.

4. އަނބިމީހާއަށްޓަކައި ސާފުތާހިރުވެ ޒީނަތްތެރިވުން:

ރަސޫލާ އެކަލޭގެފާނުގެ ގެކޮޅަށް ވަޑައިގެން ކުރައްވާ އެންމެ ފުރަތަމަކަމަކީ ކޮބައިތޯ އެއްސެވުމުން އައިޝަތުގެފާނު ވިދާޅުވެފައިވަނީ އެކަލޭގެފާނު އެންމެ ފުރަތަމަ ކުރައްވާ ކަމަކީ މިސްވަކުން ދަތް ސާފުކުރެއްވުން ކަމުގައެވެ. އަހަރުމެންގެ ބައެއް އަންހެނުންގެ އަބަދުގެ ޝަކުވާއަކަށްވެފައި އޮންނަނީ ފިރިމީހާ ސިނގިރޭޓު ބޯތީ އުނދަގޫވާ ވާހަކައެވެ. އެއީ އެ ބޮއިއެގެން ގެއަށް އައުމުން އުނދަގޫވާ ވާހަކައެވެ. އަނގަދޮވެލާ މީހާ ރީތިވެލާ ތާޒާވެލުމުން އަނބިމީހާވެސް ތިބާއާއި ގަޔާވެ ހިތްހަމަޖެހޭނެއެވެ.

5. އުނގުމަތީ ބޯއަޅާލުން:

ލަވަތަކާއި ފިލްމުތަކުގައި ދެލޯބިވެރިން މާފޮޅުވަން ތިބޭއިރު އަންހެންމީހާގެ އުނގުގައި ނިކަން ލޯބިކޮށް ފިރިހެން މީހާ އޮވެ ވާހަކަ ދައްކާ މަންޒަރު އާއްމުކޮށް މިއީ ފެންނާނެ މަންޒަރެކެވެ. ނަމަވެސް އަނބިން ގާތަށް ގެއަށް ދިއުމުން މިގޮތަށް ވަގުތު ހޭދަކޮށް ދެމަފިރިން އެކަކު އަނެކަކާއި ވާހަކަ ދެއްކުމަކީ އެހައި މުހިންމު ކަމެއް ނޫންކަމުގައި އަހަރުމެންގެ ތެރޭގައި ޤަބޫލު ކުރެވިފައިވެއެވެ. އަހަރުމެންގެ ތެރެއިން ގިނަ ބަޔަކަށް ހީވާގޮތުން އަނބިމީހާއަށް ކޮންމެ ގޮތެއް ވަރިހަމަވާނެއެވެ. އަދި އެކުގައި ދިރިއުޅެވުނީމާ އެނިމުނީއެވެ. އެހެންނަމަވެސް ރަސޫލާވަނީ އަނބިކަނބަލުން އުނގުފުޅުމަތީގައި އޮންނަވައި ޤުރުޢާންވެސް ކިޔަވާ ވިދާޅުވެފައެވެ. އަދި އެކަނބަލުން މައްސަރު ކަންތަކުގައި އުޅުއްވާއިރުވެސް އެގޮތަށް ހައްދަވާކަމުގައި އައިޝަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ.

6. އެކުގައި ފެންވެރުން:

ޖުނުބުވެވަޑައިގަތުމަށްފަހު އެކުގައި ހިނައިގަންނަވާކަމަށް ރަސޫލާގެ އަނބިއަނބިކަނބަލުންގެ ރިވާޔަތްތަކުން ފެންނަން އެބަހުއްޓެވެ. އިސްލާމްދީނަކީ ހަމައެކަނި ހުސް ފަރުޟު ނަމާދުތަކާއި ރޯދައާއި ހައްޖާއި އުމްރާކުރުމެއް ނޫންކަން މިކަމުން އެނގެއެވެ. ދިރިއުޅުމުގެ ކުދިކުދި އެހެންނަމަވެސް ޒަވާޖީ ހަޔާތް ބާއްޖަވެރިވެދެނި މިފަދަ ކަންކަމަކީވެސް އިސްލާމްދީނުގައި އޮތް ރިވެތި ނަމޫނާކަން މިކަމުން އެނގިގެންދެއެވެ.

7. އަނބިމީހާގެ އެކުވެރިންނަށް ޤަދަރުކުރުން:

ރަސޫލާގެ އަނބިކަނބަލުން ޚަދީޖަތުގެފާނު އަވަހާރަވުމަށްފަހު އެކަމަނާގެ އެކުވެރިންނާއި ގުޅުން ބަދަހިކޮށް އެމީހުންގެ ހާލު ބައްލަވާކަމަށް ސުންނަތުން އެނގެއެވެ. އެހެންކަމުން އަނބިމީހާގެ އެކުވެރިންނަށް ތިބާވެސް އިހުތިރާމްކޮށް އެމީހުންނާއިއެކު އަނބިމީހާ ވަގުތު ހޭދަކުރުމަށްވެސް ފުރުޞަތުދޭންވާނެއެވެ.

8. ގޭތެރޭގައި އެހީތެރިވުން:

އަނބިންނަށް ގޭތެރޭގައި އަތްގާތްކޮށްދީ އެމީހުންނަށް އެހީތެރިވުމަކީ ފިރިންނަށް ހަމައެހައި އުނދަގޫކަމަކަށްވަނީ ކިއްވެހެއްޔެވެ؟ ރަސޫލާ ވަނީ އެކަލޭގެފާނުގެ އާއިލާއަށް ޒިޔާރަތްކޮށް އަނބިކަނބަލުންނަށް ޚިދުމަތްވެސްކޮށްދެއްވާފައެވެ. އަނބިމީހާގެ ބުރަތައް ފަސޭހަކޮށްދީ ލުއިކޮށްދިނުމަކީ އޭނާ ތިބާއަށްކޮށްދޭންޖެހޭ ކަންކަންވެސް އެންމެ ފުރިހަމައަށް ކުރުމަށް ފަސޭހަވެގެންދާނެ ކަމެކެވެ.

9. ރީތި ނަންނަމުން މުޚާތަބުކުރުން:

އާއިޝަތުގެފާނަށް އެކަލޭގެފާނު ހުމައިރާ ކިޔުއްވާކަން ރިވާވެގެންވެއެވެ. ހުމެއިރާއަކީ ކޯތާފަތް ރަތްވުމަށް އަރަބިން ކިޔައިއުޅޭ ނަމެކެވެ. އަނބިމީހާއަށް ލޯބި ނަންނަމުން މުޚާތަބުކުރުމަކީ ތިބާ އޭނާދެކެވާ ލޯބި އޭނާއަށް އިހުސާސްކޮށްދިނުމަށް ކުރެވޭނެ މުހިންމު ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން