މަރިޔަމް ލަމްޙާ ރަޝީދު   17 ސެޕްޓެމްބަރު 2023 - 13:0
ފުރާވަރުގެ ކުދިން ތަރުބިއްޔަތު ކުރުމަކީ ގޮންޖެހުންތަކެއް ހުރި ކަމެކެވެ. ފުރާވަރުގެ އަހަރުތަކަކީ ދަރިފުޅު ދުނިޔެތެރެއަށް ލޯހުޅުވި އެކިކަހަލަ ކަންކަން ދަސްކޮށް އަދި އެކުދިންގެ ހަށިގަނޑާއި ސިކުނޑި ފުރާފުރިހަމަ ވަމުން އަންނަ ދުވަސްވަރެކެވެ. މިދުވަސްވަރުގައި ބައެއްފަހަރު ކުދިންނަށް އެކުދިންގެ މައިންބަފައިންނަށްވުރެ ރައްޓެހިން ގާތްކުރެވޭތަން އާދެއެވެ. އަދި ބައެއްފަހަރު އެކުދިންގެ މުޅި މިޒާޖަށްވެސް ބަދަލުތަކެއް އާދެއެވެ. މިހެންވުމުން މައިންބަފައިންނާއި ދަރިފުޅުގެ ގުޅުން ހީނަރުވެ އެކުދިން މައިންބަފައިންގެ ބަސްޤަބޫލުނުކުރާތަން އާދެއެވެ.

ހެދިބޮޑުވަމުން އަންނަ ފުރާވަރު އުމުރުގެ ކުދީންގެ ހަޔާތުގެ މި މުހިންމު މަރުހަލާގައި ބެލެނިވެރިންނާއި އެކުދިންނާ ދެމެދު ވަރުގަދަ ގުޅުމެއް ގާއިމުވެފައި އޮތުމަކީ ނުހަނު މުހިންމުކަމެކެވެ. ދަރިފުޅު ގޯސް ބަޔަކާއި ގުޅުން ބަދަހިވެ ނުބައި ގޯޅިޔަކުން އެޅުމުން ސަލާމަތްވުމަށް މިއުމުރުފުރާގައި މައިންބަފައިންގެ ދައުރު ވަރަށްވެސް މުހިންމެވެ. ދަރިފުޅާއި މައިންބަފައިންނާއި ދެމެދު މުއާމަލާތުކުރުން އިތުރުކޮށް ދަރިފުޅާއި މައިންބަފައިންނާއި ދެމެދު އޮންނަ ގުޅުން ވަރުގަދަކުރުމަށް ކުރެވިދާނެ ބައެއް ކަންކަން މިލިޔުމުގައި ހިއްސާކޮށްލާނަމެވެ.

ފުރާވަރުގެ ކުދިންނާ މުއާމަލާތް ކުރުމުގައި ބެލެނިވެރީން ސަމާލުވާންޖެހޭ ކަންތައްތައް:

1. ދަރިފުޅުގެ ވާހަކަތަކަށް ސަމާލުކަންދީ އެވާހަކަތައް ކަނުލާ އަޑުއެހުން:

ފުރާވަރުގެ ކުއްޖާ ދައްކާ ވާހަކައަށް ތިބާގެޝައުގުވެރިކަން ހުރިކަން އިހުސާސްކޮށްދީ ކަނުލާ އަޑުއެހުމަކީ ވަރަށް މުހިންމުކަމެކެވެ. މިއުމުރުގައި އެކުދިންގެ އަމިއްލަ ޝަހުސިއްޔަތު ބިނާވަމުންދާއިރު، އެކުދިންނަކީ މުހިންމު ބައެއްކަން އިހުސާސްވުމަށް ބޮޑެތި މީހުން ފަދައިން އެދޭނެއެވެ. އަދި މިދުވަސްވަރުގައި އެކުދިންނަށް ފެންނަމުންދާ އައުކަންކަމާއި ކުރެވޭ އައު ތަޖުރިބާތަކުގެ ޚިޔާލު ފާޅުކުރުމަށްވެސް ނުހަނު ބޭނުންވާނެއެވެ. މިގޮތުން މައިންބަފައިން ކުރިމަތީގައި އެކުދިންގެ މުހިންމުކަން އިހުސާސްކުރެވޭނެ އެންމެ ފަސޭހަ އެއްގޮތަކީ އެކުދިން ދައްކާވާހަކައަށް ސަމާލުކަންދީ އަޑުއެހުމެވެ. އަދި މިއާޚިލާފަށް އެކުދިން ދައްކާވާހަކައަށް ސަމާލުކަން ނުދީފިނަމަ، މައިންބަފައިން ބެލެނިވެރިންނާ އެއޮތްނަންވާ ގުޅުން ހީނަރުވެ، އެކުދީންނަށް ދެރަކަމެއް ދިމާވުމުންވެސް މައިންބަފައިންނާއި ހިއްސާކުރުމަށް އެކުދިން ޖެހިލުންވާނެއެވެ.



2. އެކުދިންގެ ޚިޔާލަށް އިޙްތިރާމްކުރުން:

ތިމާގެ ފިކުރުތަކާއި ވިސްނުންތަކާ ތަފާތު ނަމަވެސް، އެކުދިންގެ ޚިޔާލާއި ވިސްނުމަށް އިހުތިރާމްކުރަންވާނެއެވެ. ތިމަން ބޮޑުވެގެން މިވެނިކަމެއް ކުރަން ބޭނުންވެޔޭ ބުނުމުން އެއީ ރާއްޖޭގައި ކުރެވޭނެ ކަމެއް ނޫނޭބުނެ ނުވަތަ ކޮންމެވެސް ނައްސި ބަސްތަކެއް ބުނެ ކުއްޖާގެ ހިތްމަރާނުލާށެވެ. ސަބަބަކީ އެކުދިން ބޮޑުވެގެން އޮންނާނީ މިހާރު މިއޮތް މާހައުލު ނޫންކަންދަނެ ތަފާތު ވިސްނުންތަކަށް ތަރުހީބުދިނުމަކީ އެކުދިންގެ ކުރިއެރުމަށް މައިންބަފައިންނަށް ކޮށްދެވޭނެ އެންމެ މުހިންމު ކަމެވެ. އަދި ހަމައެހެންމެ، ' އޯޕަން މައިންޑް އެޕްރޯޗަކީ' އެކުދިން އިތުރަށް ހިއްސާކުރުމަށް ހިތްވަރު ލިބޭ ކަމެކެވެ.

3. ކެއްތެރިކަމާއިއެކު ވިސްނުންތެރިކަމާއެކު ދަރީންގެ ކަންކަން ދެނެގަތުން:

ފުރާވަރުގެ ކުދިންނަށް ނަފްސާނީ އަދި ޖިސްމާނީ ގޮތުން ބޮޑެތި ބަދަލުތަކެއް އަންނަކަން ދެނެގަންނަން ވާނެއެވެ. އެހެންކަމުން ދިމާވާ ކަންކަމާއި ގުޅިގެން އެމީހުންގެ ޖަޒުބާތީވެ މާޔޫސްވުމަކީ އެކަށީގެންވާނެ ކަމެކެވެ. އެހެންކަމުން އެކުދިން މާޔޫސްކަން އިހުސާސްކުރަމުންދާ ވަގުތުތަކުގައި މައިންބަފައިންގެ ހައިސިއްޔަތުން އެކަންކަމަށް ކެއްތެރިވެ އަދި އެކުދިންނަށް އެކަންކަމާއި ކުރިމަތިލުމަށް ޖާގަދީ ވަގުތުދޭންވާނެއެވެ. އަދި އެހީތެރިކަމެއް ބޭނުންވާނަމަ އެއެހީތެރިކަން ފޯރުކޮށްދިނުމަކީވެސް މައިންބަފައިން ކުރަންޖެހޭނެ ކަމެކެވެ. ނަމަވެސް މިއިން އެއްވެސް ހާލަތެއްގައި އެކުދިންނަށް މަލާމާތްކޮށް އެކުދިންގެ އިހުސާސްތަކަކީ ތާކުންތާކުނުޖުހޭ އިހުސާސްތަކެއް ކަން އެކުދީންނަށް އިޙްސާސް ވިޔަދީގެން ނުވާނެއެވެ.

4. 'އެންޕަތީ އެންޑް ވެލިޑޭޝަން': އެހެންމީހުންގެ އިހުސާސްތަކަށް އިހުތިރާމްކުރުމާއި ހަމްދަރުދީވުމަކީ އެމްޕަތީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނޭ ކަންކަމެކެވެ. އަދި ވެލިޑޭޝަންއަކީ އިހުސާސްތައް ފާޅުކުރުމުން އެކަންކަން ބަލައިގަނެ އަނެކާއަށް ހިއްވަރުދިނުމުގެ ގޮތުން ބޭނުންކުރެވޭ މުއާމަލާތުގެ ބަސްތަކަށް ބޭނުންކުރެވޭ ބަހެކެވެ. ފުރާވަރުގެ ކުއްޖާއަށް އެމީހުންގެ އިހުސާސްތަކާއި ތަޖުރިބާތުތަކަކީ އަގުހުރި އަދި މުހިންމު އެއްޗެއްކަން އަންގައިދޭށެވެ. އެމީހުންގެ ކަންބޮޑުވުންތައް ކުޑަކުޑަ ކަމެއް ކަމުގައި ހީވިޔަސް، އެމީހުންގެ ކަންބޮޑުވުންތައް އަޅާނުލުމާއި ބާކީކޮށްލުމުން ދުރުހެލިވާށެވެ.

5. ކަންކަމުގައި ޙައްދުތައް ނުވަތަ އިންތަކެއް ކަނޑައެޅުން:

ތިމާގެ ކުރާކަންކަމުގައާއި ގެންގުޅޭ އެކުވެރިންނާއި ގުޅުން ބަދަހިކޮށް އެކުގައި އުޅުނުނަމަވެސް އައު ކަންކަމައި ނޭނގޭ އެއްޗެއް އޮތްނަމަ އެކަންކަމުގައި މައިންބަފައިންނާއި މަޝްވަރާ ކުރުމަށް ބުނެދޭށެވެ. އަދި ދިރިއުޅޭ މާހައުލުގައި ނުވަތަ ސްކޫލްގައި އުޅޭ އުޅުމުގައި އެއާއިލާއަކުން ޤަބޫލުކުރާ ވަކި ޚާއްސަ ޤަވާޢިދުތަކެއް ޤާއިމުކުރުމާއިއެކު އެކަމުގައި ރަނގަޅަށް ސާބިތުވެ ތިބުމަށް ބުނެދޭންވާނެއެވެ.

6. ތުހުމަތުކުރުން:

ކަންބޮޑުވުންތަކަށް އަލިއަޅުވާލާއިރު، އެމީހުންގެ އަމަލުތަކުން ތިބާއަށް އިހުސާސް ކުރެވޭ ގޮތް ހާމަކުރުމަށް މަންމަ ނުވަތަ ބައްޕަ އަށް ފާހަގަކުރެވެނީ ނުވަތަ ފެންނަނީ މިފަދަ އިބާރާތްތައް ބޭނުންކުރުން މުހިންމެވެ. ދަރިފުޅު އަބަދު އެހެން ނުވަތަ މިހެންނޭ ކިޔުމުން އެއިން ދޭހަކޮށްދެނީ އެމީހުންގެ މައްޗަށް ތުހުމަތު ކުރުމެވެ. އޭރުން މިއުމުރުފުރާގެ ކުދިން އަޑުއެހުމުގެ ބަދަލުގައި ވިސްނާނީ މައިންބަފައިން ތިމާއަށް އިހުތިރާމްނުކުރަނީ ކަމަށެވެ.



7. އާއިލާއާއިއެކު ވަގުތު ހޭދަކުރުން:

ފުރާވަރުގެ ކުއްޖާއާއެކު ހޭދަކުރުމަށް ޚާއްޞަ ވަގުތެއް ކަނޑައަޅާށެވެ. އަދި އެކުއްޖާއާއި ފަސޭހައިން ވާހަކަ ދެއްކުމަށް މާހައުލެއް އުފެއްދުމަށްޓަކައި އެމީހުންނަށް ކަމުދާ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވާށެވެ. އަދި މުވާމަލާތުކުރެވޭނެ ވަގުތު ހޯދާށެވެ. މައިންބަފައިންނަކީ އެކުދިންނަށް ކޮންމެ ކަމެއް ހިއްސާކޮށްލެވޭނެފަދަ ގާތްބަޔަކަށް ވުމަށްޓަކައި އެކުގައި ވަގުތު ހޭދަކުރުމަކީ ވަރަށްވެސް މުހިންމުކަމެކެވެ.

8. ވިސްނުންތެރިކަމާއިއެކު ޓެކްނޮލޮޖީ ބޭނުންކުރުން:

މިޒަމާނަކީ ޒަމާނަކީ ޓެކްނޮލޮޖީގެ ޒަމާނެވެ. އެކުދިން ބޭނުންކުރާ ކޮންމެ ޕްލެޓްފޯމެއް މައިންބަފައިން ދަސްކުރަންވާނެއެވެ. އަދި އެޕްލެޓްފޯމްތަކުގެ ހަޤީގަތް ދެނެގަނެ އޭގެ ހެޔޮނުބައި ދަނެގަނެ، ކުދީން ރަނގަޅުމަގުން ކަސިޔާރުވެގެން ހިނގައިދާނެ ކަންކަމަށް ހުޝިޔާރުވެ އެކުދިންނަށް ނަސޭހަތްދެވޭ މިންވަރަށް އެތަކެއްޗަށް މައިންބަފައިން ހޭލުންތެރިވާންވާނެއެވެ. ވަކިން ޚާއްސަކޮށް 'ޓެކްސްޓް މެސެޖިންގެ' މިޒަމާނުގައި ދަރިފުޅާއި މުއާސަލާތުކުރުމަށް މެސެޖިން އެޕް ފަދަ ފުރާވަރުގެ ކުއްޖާއަށް ފަސޭހަވާ ޑިޖިޓަލް މުވާސަލާތީ މަންސަތައް ބޭނުންކުރުމަކީ މުހިންމުކަމެކެވެ.

9. މިނިވަންކަމާއި ޒިންމާދާރުވުމަށް ހިތްވަރު ދިނުން:

ފުރާވަރުގެ ކުއްޖާއަށް އަމިއްލައަށް ނިންމުންތައް ނިންމުމާއި ދިރިއުޅުމުގެ ބައެއް ޒިންމާތައް އަމިއްލަޔަށް ނަގަން އެހީތެރިވާންވާނެއެވެ. މިގޮތަށް ޢަމަލުކުރުމުން އެކުދިންނަށް އަމިއްލަޔަށް އުޅެން ދަސްވެ، އެކުދިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުވެގެންދާނެ ކަމެކެވެ.

10. ބޭނުންޖެހިއްޖެ ހާލަތެއްގައި ޕްރޮފެޝަނަލް އެހީތެރިކަން ހޯދުން:

މައިންބަފައިންނާއި ދަރިފުޅާއި ދެމެދު އޮންނަންޖެހޭ ގުޅުމާއި މުއާމަލާތުކުރުމުގައި ގޮންޖެހުންތައް ދެމިއޮތްނަމަ ނުވަތަ އިތުރުވެއްޖެނަމަ، ދަރިފުޅަށް މަގުދައްކައިދިނުމަށް ނަފްސާނީ ޑޮކްޓަރެއްގެ އެހީތެރިކަން ހޯދާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން