ރިސޯޓްތަކުން ދައްކަންޖެހޭ ކުލީގެ ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ އެއްކޮށް މައާފުކޮށްފައި ނުވާނެކަމަށާއި، އެއީ ހަޤީޤަތާއި ހިލާފު ވާހަކަތަކެއްކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން މިއަދު ވަނީ މިހާތަނަށް ނުހެދި ހުރި ބައެއް ރިސޯޓްތަކުގެ ބިމު ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާއަށް ލުޔެއް ދިނުމަށް ނިންމައި، އެކަމާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ފަށާފައެވެ.

ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވީ ރިޒޯޓުތަކުގެ ޖޫރިމަނާ މައާފު ކޮށްދިން ކަމަށް ބުނެ ފަތުރަނީ ރަނގަޅު ހަބަރުތަކެއް ނޫންކަމަށާއި، އެކަމުގެ ސަބަބުން އާއްމުންނަށް އޮޅުން އަރާކަމަށެވެ.

މައުސޫމް ވިދާޅުވީ ބިމު ކުލީގެ ޖޫރިމަނާ އެއްކޮށް މައާފުކޮށްދީފައި ނުވާނެކަމަށެވެ.

"ޖޫރިމަނާ އަރާފައިވާ މުޅި މުއްދަތަށް %18 (ދުވާލަކު %0.0493) ރޭޓުން ޖޫރިމަނާ ދައްކަންޖެހޭނެ. ކުރިން ދައްކަންޖެހިފައި އޮތީ %182.5 (ދުވާލަކު %0.5) އޭގެން %18 އަށްވުރެ އިތުރުވާ އަދަދު އުނިކޮށްދިނީ." މައުސޫމް ވިދާޅުވިއެވެ.



ސަރުކާރުން ބުނާ ގޮތުގައި ކުރީގެ ރޭޓުގައި 1 މިލިއަން ރުފިޔާގެ ރިޒޯޓު ކުލި ނުދައްކާ ފަރާތެއް އަނބުރާ އެ ފައިސާ ދައްކާއިރު އެ އަދަދު ދެގުނަވެ، ކުލީގެ އިތުރަށް ހަމައެކަނި ޖޫރިމަނާގެ ގޮތުގައި އަހަރަކު 1.8 މިލިއަން، ރުފިޔާ ދައްކަން ޖެހޭކަމަށެވެ. އަދި މިއީ ރާއްޖެއަށް ޓެކްސް ނިޒާމް ތައާރަފް ކުރުމުގެ މާކުރިން ހަދާފައިވާ ރޭޓެއްކަމަށާއި، އެހެންކަމުން ޓެކްސް ނިޒާމާއެކު އައި ބަދަލުތަކާއެކު ޖޫރިމަނާގެ ރޭޓަށް ގެނެވުނު ރިއަލިސްޓިކް ބަދަލަކީ ރާއްޖޭގެ ވިޔަފާރި ކުރުމުގެ ފަހިކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށްވެސް ސަރުކާރުން ބުނެއެވެ.

ސަރުކާރުން ބުނީ ކުލީގެ ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާއަށް ލުއިދިނުން ފިޔަވައި އިތުރު އެއްވެސް ފީއެއް މައާފްކޮށްފައި ނުވާނޭކަމަށެވެ. އަދި މިހާރު ހިންގަމުންދާ ރިސޯޓަކުން ދައްކަންޖެހޭ ޖޫރިމަނާއަކަށްވެސް ލުއި ދީފައިނުވާނޭކަމަށް ސަރުކާރުން ބުނެއެވެ.

ނަމަވެސް ޖޫރިމަނާއަށް ގެނައި ބަދަލާއެކު ދައުލަތަށް ދައްކަން ޖެހޭ ޖޫރިމަނާގެ ތެރެއިން 4 ބިލިއަން ރުފިޔާ މައާފް ވެގެންދާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން