ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުގެ ތެރެއަށް ސަރުކާރުން ވަދެ، މަޖިލީހުގެ މަސައްކަތްތައް ހުއްޓުވަން ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރައްވާނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިހެން ވިދާޅުވެފައި މިވަނީ، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގެންގޮސް ހުއްޓުވަން އެމްޑީޕީން މަސައްކަތް ކުރާކަމަށާއި އަދި އެކަމުގައި ސަރުކާރުގެ ބައިވެރިވުން ވަރަށް ބޮޑުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ތުހުމަތު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

ހެންވޭރުގައި މިއަދު ކުރިއަަށްދިޔަ ޑޯޓުޑޯ ހަރަކާތެއްގެ ތެރެއިން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ސާލިހުގެ ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވުމުގައި އެމަނިކުފާނުގެ ބައިވެރިވުން އޮތްކަމަށް ބުނެ ދައްކާ ވާހަކައަކީ ހަގީގަތެއް ނޫންކަމަށާއި، އެފަދަ ކަމެއް އެމަނިކުފާނު ކުރައްވާފައި ނުވާނެކަމަށެވެ.

ރައީސް ސާލިހް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ވަކި ބާރެއްކަމާއި އެމަނިކުފާނަކީވެސް މަޖިލީހުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ބޭފުޅެއްކަމުން އެކަންކަން ހިނގަންޖެހޭ ގޮތް ރަނގަޅަށް ދެނެވަޑައިގަންނަވާކަމަށެވެ.

"މަޖިލީހުގައި ކަންތައްތައް ހިނގާ ގޮތް އެނގޭ. މަޖިލީހުގެ ކަންކަން ވާ ގޮތް އެނގޭ. އަޅުގަނޑު އޭގެ ތެރެއަށް ހަމަގައިމުވެސް ނުވަންނަން" ރައީސް ޞާލިހު ވިދާޅުވިއެވެ.

މަޖިލީހުގެ މަސައްކަތްތަކަށް ސަރުކާރުން ނުފޫޒު ފޯރުވައިގެން ހުއްޓުވަން މަސައްކަތްކުރާކަމަށް ރައީސް ނަޝީދު ތުހުމަތު ކުރެއްވީ މިއަދު މަޖިލީހުގެ ޖަލްސާ ފަށާ ގަޑި ޖެހުނުއިރުވެސް ކޯރަމް ހަމަނުވުމުގެ ސަބަބުންނެވެ.

ކޯރަމް ހަމަނުވުމުގެ ސަބަބުން ރައީސް ނަޝީދު ވިދާޅުވީ އެކަމުގެ ޒިންމާ ނަންގަވަން ޖެހޭނީ ރައީސް ޞާލިހުކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން