އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 1.5 ބިލިއަން ރުފިޔާ އިތުރުކުރީ ރައްޔިތުންނަށް އޭގެ އަސަރު ކުޑަވާގޮތަށް ބެލުމަށްފަހު ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީގް ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކުރަން މި އޮތް މުއްދަތުގައި ބޮޑު ބަދަލެއް ބަޖެޓަށް ނުގެނެވޭނެ ކަަމަށެވެ.

އެގޮތުން ބޮޑު ބަދަލެެއް ބަޖެޓަށް ގެނެސްފިނަމަ އޭގެ އަސަރު ވަރަށް ބޮޑަށް ރައްޔިތުންނަށް ކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އާ ސަރުކާރުން ހިންގާ ޕްރޮޖެކްޓްތައް ހިންގަން ބަޖެޓަށް 1.5 ބިލިއަން ރުފިޔާ އިތުރުކޮށްފައިވާނެ ކަމަށެވެ. އަދި އެ އަދަދަށްވުރެ އިތުރަށް ބަޖެޓަށް އިތުރުކުރަން ސަރުކާރުން ބޭނުންވާ ކަމަށާއި އެހެން ނަމަވެސް މިހާރުގެ ހާލަތަށް ބަލާއިރު އެކަން ކުރެވެން ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ބަޖެޓަށް ބަދަލު ގެނައުމުގައި ބަލާފައިވަނީ ރައްޔިތުންނަށް އެންމެ އަސަރު ކުޑަވާގޮތަކަށް ބަލާފައި ސަރުކާރުގެ ވިސްނުމާއި އެއްގޮތަށް ރައީސްގެ ވައުދު ފުއްދޭ ގޮތަށް. މިހާރު އޮތް އާ ސަރުކާރުން ބޭނުންވާ މަގުސަދުތައް ހާސިލް ކުރުމަށްޓަކައި ކުރެވެން ހުރި މަސައްކަތް ކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކޮށްފައިވާނީ." ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ފިނޭންސް މިނިސްޓަރު ޑރ.މުޙައްމަދު ޝަފީގް ވިދާޅުވީ، މިއަހަރުގެ ބާކީ މިއޮތް ދެމަސްދުވަހު ކޭޝް ފުލޯ މެނޭޖްކުރަން ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ކޭޝް ފުލޯ މެނޭޖްކުރަން 200 މިލިއަން ޑޮލަރު މިހާރުން މިހާރަށް ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ބަލަނީ ވީހާ ވެސް އަވަހަކަށް ދެ މަސް ތެރޭގައި ރަނގަޅު އިންފްލޯއެއް ގެންނަން ޓާގެޓު ކުރަން ޖެހިފައިވަނީ ވެސް 200 ބިލިއަނަށް ވުރެ ގިނަ ޑޮލަރުގެ އިންފްލޯއެއް ގެނައުމަށްޓަކައި." ޝަފީގު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ.ޝަފީގު ވިދާޅުވީ ފައިސާ ނުލިބިއްޖެނަމަ ބައެއް މަޝްރޫއުތައް ހުއްޓާލަން ޖެހިދާނެ ކަަމަށެވެ. އަދި މިހާރު ހިންގަން ނިންމާފައިވާ މަޝްރޫއުތައް ރިވިއު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން