ކޮރޯނާ ވައިރަސް ފިލުވަން ވެގެން އިންޑިއާގެ އުއްތުރަޕްރަދޭޝްގައި އެތައް ހާސް ބަޔަކު އެއްކޮށް ކެމިކަންޖަހާ ދޮވެލި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އިންޑިއާގެ މީޑިޔާ ރިޕޯޓްތަކާ ހަވާލާދީ އަލްޖަޒީރާއިން ބުނީ ކެމިކަލް ޖަހާ ދޮވެލި މީހުންނަކީ އެހެން ސިޓީ ތަކުން ހިޖުރަ ކޮށްގެން އުޅޭ މަސައްކަތްތެރީންގެ ބަޔަކު ކަމަށެވެ. އެމީހުން ދޮންނަން ފެނާއި އެއްކޮށްގެން ޖެހި ސްޕްރޭއަކީ ބްލީޗްގައި ބޭނުން ކުރާ ކެމިކަލެއް ބޭނުންކޮށްގެން ހަދާފައިވާ ސްޕްރޭއެއް ކަމަށް އަލްޖަޒީރާއިން ބުނެފައިވެއެވެ. މިއީ މީހުން ދަތުރުކުރާ ބަސްތައް ޑިސްއިންފެކްޓް ކުރަން ބޭނުންކުރާ ސްޕްރޭއެއް ކަމަށްވެސް ހާމަކޮށްފައި ވެއެވެ.

މިކަން މިހާރު ދުނިޔޭގެ ސަމާލު ކަމަށް އައިސްފައިވާއިރު މިކަމާމެދު ބައެއް މީހުން ދެކޭ ގޮތްވެސް ވަރަށް ތަފާތެވެ. މިއީ ވަރަށް ނާތަހުޒީބީ، ލާ އިންސާނީ އަމަލެއް ކަމަށް ބައެއް މީހުން ޓްވިޓަރގައި ސިފަކޮށްފައި ވާއިރު އަނެއް ބަޔަކު ބުނެފައިވަނީ މިއީ އެމީހުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކާ އަދި އެހެން ރައްޔިތުންގެ ވެސް ސަލާމަތާ ރައްކާތެރިކަމަށް އެޅި ރަނގަޅު ފިޔަވަޅެއް ކަމަށެވެ.

އިންޑިޔާގެ ނޫސްތަކާ ހަވާދީ އަލްޖަޒީރާއިން ބުނީ ޞިއްޙަތާ ބެހޭ މާހިރުން އަންގާފައިވަނީ މީހުން ދަތުރު ކުރާ ބަސްތައް ކެމިކަލް ޖަހައިގެން ދޮވުމަށެވެ. މީހުން ގަޔަށް ސްޕްރޭކޮށް ދޮންނަށް އަންގާފައި ނުވާނެ ކަމަށެވެ. ނަމަވެސް މިކަން ކުރަމުން ގެންދިޔަ މީހުން މިފަހަރު ސްޕްރޭކޮށް ދޮވެލީ އުއްތުރަޕްރަދޭޝަށް ހިޖުރަކޮށްގެން އުޅޭ އެތައް ސަތޭކަ މަސައްކަތް ތެރީންނެވެ.



ކޮރޯނާ ވައިރަސް ފެތުރެމުންދާތީ އިންޑިއާ ލޮކްޑައުންކޮށް ކާފިއު ހިންގާފައިވާއިރު ގިނަ ބައެއްގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ނުކުޅެދި، ކާބޯތަކެތި ލިބުމަށް ދަތިވެފައިވާތީ ފާޑުކިއުންތައް ދަނީ އަމާޒުވަމުންނެވެ. ފެކްޓްރީތަކާއި އެހެނިހެން ވެސް މަސައްކަތްތައް ހުއްޓާލައި އެތަންތަން ބަންދުކޮށްފައިވާތީ ވަޒީފާ އަދާ ކުރުމަށް އެހެން ސިޓީ ތަކުން ހިޖުރަ ކޮށްގެން އުޅޭ މީހުން އަމިއްލަ ވަޒަނަށް ދިއުމަށް ކުރާ މަސައްކަތަށް ވެސް ވަނީ ހުރަސް އެޅިފައެވެ. އެމީހުން މަސައްކަތްކުރާ މަރުކަޒުތަކާއި ފެކްޓްރީތަކާއި ސައިޓްތައް ބަންދު ކުރުމުން މިފަދަ ބައެއް މީހުން ގަސްތަކުގައި ނިދާ ހަދާ ކަމަށްވެސ ބުނެފައިވެއެވެ.

ބައެއް މީހުން ބުނީ ގޭގައި ނުނުކުމެ ބަންދުގައި ތިބުމަށް ސަރުކާރުން އެންގި ނަމަވެސް އެމީހުން ބަންދުވެގެން ތިބޭނެ ގެއެއް ކޮޓަރިއެއް ނެތް ކަމަށެވެ. އަދި އިޖުތިމާޢީ ގައިދުރުކަމުގައި އުޅެން ބުންޏަށް އެކަން ކުރެވޭނެ ގޮތެއްނެތް ކަމުގައި ވެސް ބުނެފައި ވެއެވެ.

އިޖުތިމާޢީ ގައިދުރުކަމުގައި އުޅެން އަންގާފައިވާއިރު މާރުކޭޓް ފަދަ ތަންތަތް ތޮއްޖެހިފައިވާތީ އެ އުސޫލަށް އަމަލު ނުކުރެވޭ ކަމަށް މީޑިޔާތަކުން ވެސް ރިޕޯޓްކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން