ކުރީގެ ނާއިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
ކުރީގެ ނާއިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
ރައީސް އޮފީހުގައި ތަޢުލީމެއްނެތް ގިނަބަޔަކު އިސްކޮށް އެބަތިބި ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިމޭރުމުން ވިދާޅުވީ، ގިނަޢަދަދަކަށް ދިވެހިން ދިރިއުލޭ އިންޑިއާ އާއި ސްރީލަންކާގައި ދިވެހިންނަށް ދިވެއްސާއި އިސްލާމް ކިޔަވައިދިނުމަށް ހިންގަމުން އައި ޕްރޮގްރާމް ހުއްޓިފައިވާ ކަމަށާއި އަންނަ ހަފްތާގައި އެ ޕްރޮގްރާމް ފަށަން މަސައްކަތް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

އެގޮތުން ޑރ. ޖަމީލް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒާއި ސަރުކާރުގައި އިސްކޮށް ތިއްބަވާ ބޭފުޅުންގެ މޫނުގައި ޑިޒައިންކޮށްފައިވާ އިސްތަށިކޮޅަށް ބަލައިގެން އެބޭފުޅުންގެ ޢަމަލުތަކާމެދު ގޮތް ނިންމަން ނުވާނެ ކަމަށެވެ.

ސަރުކާރާމެދު ގޮތް ނިންމަންވާނީ ރައީސް އޮފީހަށް ބަލައިގެން ކަމަށާއި، ތަޢްލީމެއް ނެތް ގިނަ ބަޔަކު އެއޮފީހުގައި އެބަތިބި ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ. ހަމައެއާއެކު ކީރިތި ރަސޫލާގެ ޙަދީޘްފުޅުގައިވާ ފަދައިން، اللہ ބައްލަވާ ވޮޑިގަންނަވަނީ މީހެއްގެ ސޫރަޔާއި މުދަލަށް ނޫން ކަމަށާއި، އެމީހެއްގެ ހިތަށާއި ޢަމަލަށް ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

"ރައްޔިތުން ހަމަކަންބޮޑުވާން ޖެހޭ ކަންތައް އެބަހުރި. ދައުލަތުން ޓިނުގަނޑުތަކަށްދާންދެން ވަގަށް ނަގަން ފޯރިނަގާ ބަޔަކު ކޮންމެ ފަދަ ދޮގެއް މިއިން ކޮންމެ މީހަކުވެސް ހަދާފާނެކަން ކަށަވަރު." ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

ޑރ. ޖަމީލް މިބީދައިން ވިދާޅުވެފައިވާއިރު ދާދިފަހުން ރައީސް ޑރ. މުއިއްޒު ތ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ތ. ވަންދޫއަށް ވަޑައިގެން ބޭއްވެވި ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ ސްރީލަންކާ، އިންޑިއާ އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގި ދިވެއްސާއި، އިސްލާމް ކިޔަވައިދިނުމުގެ ޕްރޮގްރާމް މިދިޔަ ސަރުކާރުގައި ހުއްޓާލާފައިވާ ކަމަށެވެ. އަދި މި ޕްރޮގްރާމަށް ކުރީ ސަރުކާރުން އެއްބާރުލުމެއް ދީފައިނުވާ ކަމަށް ވެސް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.

ނަމަވެސް ލަންކާގެ ސޯސަންވިލާގައި ހިންގާ މޯލްޑިވްސް ސެންޓަރުގެ އިސްވެރިޔަކަށް މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ހުންނެވި ޖައުފަރު ރަޝީދު ވަނީ، ލަންކާ އާއި މެލޭޝިއާގައި ދިވެއްސާއި އިސްލާމް ކިޔަވައިދިނުން ހުއްޓިފައިވާ ކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވި ވާހަކަ ދޮގުކުރައްވާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން