މަޖިލިސް ކުރީގެ ނައިބް ރައީސް މޫސާ މަނިކު، ފޮޓޯ:މަޖިލިސް
މަޖިލިސް ކުރީގެ ނައިބް ރައީސް މޫސާ މަނިކު، ފޮޓޯ:މަޖިލިސް
އިންސާނީ ވަގުފާރި ރާއްޖެއިން ނައްތާލެވޭނީ ފިޔަވަޅު އަޅައިގެން ކަމަށާއި، އެފަދަ ކަންކަން ހުއްޓުވުމަށް ރިޕޯޓްކޮށް ފިޔަވަޅު އަޅާނެ މުވައްސަސާއެއް ރާއްޖޭގައި ނެތްކަމަށް މަޖިލީހުގެ ކުރީގެ ނައިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އިންސާނީ ވަގުފާރީގެ ޝިކާރައަށްވާ މީހުން ބައިތިއްބާނެ ތަނެއް ވަރަށް އަވަހަށް ހުޅުވާނެ ކަމަށް ސަރުކާރުން ހާމަކުރުމާއި ގުޅިގެން މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންސާނީ ވަގުފާރިއަކީ ރާއްޖޭގައި އެންމެބޮޑު ވެފައިވާ އެންމެ ސީރިއަސް މައްސަލަކަމަށެވެ. މިމައްސަލަ ހައްލުކުރެވޭނީ ފިޔަވަޅު އަޅައިގެންކަމަށް މޫސަ ވިދާޅުވިއެވެ.

މިއަދު ރާއްޖޭގައި މިމައްސަލަ ހައްލުކުރުމާއި ދިމަލަށް މިސްރާބު ޖަހާއިރު ދިމާވާ އެންމެބޮޑު ގޮންޖެހުމަކީ މިފަދަ މައްސަލަތައް ރިޕޯޓްކުރާނެ ތަނެއް ނެތުމުންކަމަށެވެ. މިފަދަ ކަންކަން ބެލުމުގެ ޒިންމާ އެންމެބޮޑަށް އޮތް ފުލުހުންނާއި، އިމިގްރޭޝަނަށް މިކަމުގައި ފިޔަވަޅު ނޭޅުމަކީ މިއަދު މިހިސާބަށް މިކަންކަން ދާންޖެހުނު އެންމެބޮޑު ސަބަބުކަމަށް މޫސަ ވިދާޅުވިއެވެ.

"އިންސާނީ ވަގުފާރި ރާއްޖޭން ނައްތާލެވޭނީ ފިޔަވަޅުއަޅައިގެން. ފިލައިގެން އުޅޭމީހާއާއި ފިލުވި މީހާގެ މައުލޫމާތު ރިޕޯޓުކުރާނެތަނެއް ނެތް؟ ފިލާ މީހާއާއި ފިލުވި މީހާގެ މައުލޫމާތު ފުލުހުންނާ. އިމިގްރޭޝަނަށް ހުށަހަޅައިގެން ކުރިއެރުމެއްނުލިބޭ؟" މޫސާ މަނިކު ވިދާޅުވިއެވެ.

އިންސާނީ ވަގުފާރީގެ ޝިކާރައަށްވާ މީހުންނަށް ބައިތިއްބާނެ ތަނެއް ވަރަށް އަވަހަށް ހުޅުވާނެ ކަމަށް ޑިފެންސް މިނިސްޓްރީ އިންވަނީ ބުނެފައެވެ. ޑިފެންސް މިނިސްޓްރީން ވިދާޅުވީ އިންސާނީ ވަގުފާރި އާއި ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެއިން ދެމި ތިބޭނެކަމަށެވެ. އަދި އެ މަސައްކަތް ކާމިޔާބު ކުރެވޭނީ ބައިނަލްއަޤްވާމީ މުޖުތަމައު ގުޅިގެން މަސައްކަތްކޮށްގެން ކަމަށެވެ.

"އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް ރައްކާތެރި ކަމާއިއެކު ތިބެވޭނެ ހިޔާވެއްސެއް ވަރަށް އަވަހަށް ހެދުމަށް ވަނީ ހަމަޖެހި. އިންސާނީ ވަގުފާރި އާއި ދެކޮޅަށް މަސައްކަތްކުރަން އެކުލަވާލާފައިވާ ހާއްސަ އެކްޝަން ޕްލޭންގެ މަސައްކަތްވެސް ފަށައިގަންނަން ދައުލަތުން ފައިސާ ހަމަޖައްސައި، އެ ޕްލޭންގެ ދަށުން، އިންސާނީ ވަގުފާރިއަށް ހާޢްސަ އޮފީހެއް ޤާއިމްކުރަން ވަނީ ހަމަޖެހިފަ." ޑިފެންސް މިނިސްޓްރީ އިން ވިދާޅުވެއެވެ.

ބިދޭސީންގެ މައްސަލަ ގައުމީ ބޮޑު މައްސަލައަކަށް ވެފައިވާއިރު، މިއަހަރުގެ ތެރޭގައި ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީންގެ ތެރެއިން 20،000 އަށްވުރެ ގިނަ މީހުން ފޮނުވާލުމަށް އަމާޒު ކަނޑައަޅާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒްއިސްމާއިލް ވަނީ ވިދާޅުވެފައެވެ. މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން މިއަހަރުގެ މިހާތަނަށް ފަސް ހާހަށްވުރެ ގިނަ ބިދޭސީން ރާޢްޖެއިން ފޮނުވާލާފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން