މީހެއްގެ އެކައުންޓުން 1.8 މިލިއަން ރުފިޔާ ނެގި ބަޔަކު ހައްޔަރުކޮށް އެފައިސާގެ ބޮޑުބައެއް ހޯދައިފިއެވެ.

ފުލުހުން މިއަދު ބުނީ މަކަރާ ހީލަތުން ފައިސާ ފޭރުމުގެ މި މައްސަލައިގައި ހިމެނޭ ފައިސާގެ 98 އިންސައްތަ ހޯދައި 3 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. މިމަހުގެ 13 ވަނަ ދުވަހު ފެންމަތިވި މި މައްސަލާގައި ފައިސާ ފޭރިފައިވަނީ މީހެއްގެ ފޯނު ކޮމްޕްރޮމައިޒް ކުރުމަށް ފަހުއެވެ.

އެގޮތުން އެކައުންޓުން ނަގާފައިވާ 1.67 މިލިއަން ރުފިޔާ ރިކަވަރ ކޮށްފައިވަނީ 48 ގަޑިއިރު ތެރޭގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައިވާ 3 މީހުންގެ އިތުރުން ދެން ތުހުމަތު ކުރެވެނީ 16 އަހަރުގެ ކުޑަ ކުއްޖަކަށް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

“ރިކަވާ ކުރެވުނު ފައިސާގެ ތެރޭގައި ތުހުމަތުކުރެވޭ މީހުންގެ އެކައުންޓްގައި ހުރި ފައިސާ އާއި ކޭޝްކޮށް ނަގާފައި ހުރި ފައިސާ އާއި އެ ފައިސާ ބޭނުންކޮށްގެ ގަނެފައިވާ ތަކެތި ވެސް ހިމެނޭ.” ފުލުހުން ބުނެފައިވެއެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ 24 އަހަރުގެ ފިރިހެނަކާއި އަންހެނެއްގެ އިތުރުން، 23 އަހަރުގެ ފިރިހެނެކެވެ. އިސްލާމިކް ބޭންކްގެ އެކައުންޓަކުން ފޭރުނު މި ފައިސާ ތިން މީހެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ތިން މީހުންގެ މައްޗަށް ދައުވާކުރަން ވަރަށް އަވަހަށް ފޮނުވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން