ރޯދަ މަހުގެ ފަހުން އިންތިހާބު ބާއްވަން ޖެހޭ ގޮތަށް އިންތހާބާ ބެހޭ ގާނޫނަށް ބަދަލު ގެންނަށް ފާސްކުރި ބިލު ތަސްދީގުކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ޑިމޮކްރެޓްސްއަށް ނިސްްބަތްވާ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބަލައިގަތީ 23 މެމްބަރުންގެ ވޯޓާއެކު އެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ އެއްމެ މެމްބަރެކެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައި އޮތީ އަންނަ މަހުގެ 17 ވަނަ ދުވަހު މަޖިލިސް އިންތިހާބު ބާއްވާށެވެ. އެ ދުވަސް ދިމާވަނީ ރޯދަ މަހުގެ ކުރީކޮޅާ އެވެ. ނަމަވެސް ރޯދަ މަހާ ދިމާވާނަމަ، އެ އިންތިހާބެއް ބޭއްވުން ރޯދަމަސް ނިމުމަށްފަހު 10 ދުވަސް ފަހުން ބާއްވާ ގޮތަށް އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހުގެ ބިލު މަޖިލީހުގެ ތަޅުމުން މި މަހުގެ 11 ވަނަ ދުވަހު ވަނީ ފާސްކޮށްފަ އެވެ.

ނަމަވެސް އަދިވެސް އެ ބިލު ތަސްދީގެއް ނުކުރެއެވެ. އަދި މިދިޔަ ހޯމަ ދުވަހު އައްޑޫ ސިޓީ ހުޅުމީދޫގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އެ ބިލު ތަސްދީގު ނުކުރަައްވާނެކަން ދޭހަވާ ފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވައިފަ އެވެ.

މިއަދު ކުއްލި މައްސަލަ ހުށަހަޅުއްވަމުން ވަހީދު ވިދާޅުވީ ރޯދަ މަހުގެ ފަހަށް އިންތިހާބު ބޭއްވޭ ގޮތަށް އިސްލާހު ފާސްކުރީ ދިވެހި ރައްޔިތުންނަށް ކުރިމަތިވާނެ ދަތިތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ކަމަށެވެ. އަދި އެ ބަދަލު ގެނައީ ވެސް ހުރިހާ ޕާޓީތަކެއްގެ ތާއިދާއެކު ނަމަވެސް އެ ބިލު ތަސްދީގު ނުކުރެވި އަދި އިންތިހާބު ބާއްވާނެ ތާރީހަކާމެދު ރައްޔިތުން އޮޅުން ބޮޅުމެއްގެ ތެރޭގައި ތިބެން ޖެހުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ވީމާ މި ހައްސާސް މައްސަލައަށް އަވަސް ހައްލެއް ހޯދުމަށްޓަކައި ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އިޖުރާއަތްތަކާ އެއްގޮތަށް އަމަުލު ކުރުމަށް ފުރުސަތު ދިނުމަށް ވީ އެއްމެ އަވަހަކަށް މި ބިލު ތަސްދީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލާ މި ކުއްލި މައްސަލަ ހުށަހަޅަމެވެ." ވަހީދު ވިދާޅުވި އެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން