ފާތިމަތު ނަޒީފާ އަޙްމަދު   27 ފެބްރުއަރީ 2024 - 23:6
ތުރުކީން ކާޑު ގެންނަ ބޯޓު ރާއްޖެ އަންނަން ފުރައިފިއެވެ.

އެސްޓީއޯގެ ކޯޕަރޭޓް ބްރޭންޑިންގް އޮފިސަރ ޔޫސުފް ޝާހު މީޑިޔާއަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކާޑު ޝިޕްމަންޓް ވަރަށް އަވަހަށް ރާއްޖެ ގެނެވޭނެ ކަމަށެވެ. ނަމަވެސް ޝިޕްމަންޓް ލިބޭނެ ވަކި ތާރީހެއް ދަންނަވަން ނޭނގޭ ކަމަށް ޝާހު ވިދާޅުވިއެވެ.

ރާއްޖޭގެ ފުޑް ސެކިއުރިޓީ ވަރުގަދަ ކުރުމަށް ތުރުކީއާއެކު އެއްބަސްވުމެއް ޤާއިމުކޮށްފައިވާ ކަމަށް ޖަނަވަރީ މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި މީޑީއާތަކަށް ދެއްވި ސްޓޭޓްމަންޓެއްގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ ފުޑް ސެކިއުރިޓީ ވަރުގަދަ ކުރުމަށް ތުރުކީއާއެކު އެއްބަސްވުމެއް ޤާއިމުކޮށްފައިވާ ކަމަށެވެ.

ރައީސް އެދުވަހު ވިދާޅުވީ އަސާސީ ކާބޯތަކެތި ހޯދުމަށް އެންމެ ގައުމަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ.

އެގޮތުން ހަނޑުލާއި ހަކުރާއި ފުށް ހޯދުމަށް ތުރުކީއާއެކު އެއްބަސްވުމެއް ގާއިމުކޮށްފައިވާ ކަމަށާއި އެގައުމުން ރާއްޖެއަށް އަހަރު ދުވަހަށް ބޭނުންވާ ކާޑުގެ ބާވަތްތައް ލިބޭނެ ކަމުގެ ޔަގީންކަން ދީފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"މި ރޯދަ މަހު ފުރަތަމަ ފަހަރަށް ކޮންމެ ގޭބީސީއަކަށް ސަރުކާރުގެ ފަރާތުން 10 ކިލޯގެ ހަނޑޫ ބަސްތާ އަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާ ކުރާނަން. އޭގެ އިތުރު ކަންތައްތައް ވެސް ވާނެ. އަދި މި އަންނަ އަހަރު އެއަށް ވުރެ އިތުރު ވެސް ކުރާނަން،" ރައީސް ވިދާޅުވި އެވެ.

ވަކި ގައުމަކަށް ބަރޯސާވުން ނިމުމަކަށް ގެންނާނެ ކަމަށް ރައީސް ވިދާޅުވެފައި ވާއިރު، ރާއްޖެއަށް އާންމުކޮށް ބޭހާއި ކާޑުގެ ބާވަތްތަކާއި ފިޔާ، އަލުވި އަދި ބިސް އެތެރެކުރަނީ އިންޑިއާއިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން