ދުނިޔޭގެ އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެންމެ ބޮޑު އިގްތިސާދުގެ މަގާމު އިންޑިއާއިން ހިފަހައްޓާފައިވާއިރު 2023 ވަނަ އަހަރުގެ ފަހު ތިން މަސް ދުވަހުގެ ތެރޭގައި ފާއިތުވެދިޔަ އަހަރާ އަޅާ ބަލާއިރު 8.4 އިންސައްތައިގެ ކުރިއެރުމެއް ވަނީ ލިބިފައެވެ. މިއީ ކަމާބެހޭ ވުޒާރާތަކުން ލަފާ ކުރި މިންވަރަށް ވުރެއް މަތިން ލިބުނު ކުރިއެރުމެކެވެ.

ރިޕޯޓުތައް ބުނާގޮތުން އިންޑިއާގެ އިގުތިސާދުގެ ކުރިއަރާފައިވަނީ އިންޑިއާގެ އުފެއްދުންތެރިކަމަށް ލިބުނު ކުރިއެރުމާއެކުއެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އިންޑިއާގެ އުފެއްދުންތެރިކަން ވަނީ 11.6 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. މީގެއިތުރުން، ގައުމުގެ ޖީޕީޑީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ހިއްސާކުރާ ޕްރައިވެޓް ކޮންސަމްޕްޝަން ވެސް ވަނީ 3.5 އިންސައްތަ އިތުރުވެފައެވެ.

މި ޑޭޓާ އާންމުކޮށްފައިވަނީ މި އަހަރު އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިހާބެއް ބޭއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

އިގުތިސާދީ ގޮތުން ލިބުނު މިކާމިޔާބީއާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެކްސް ގައި ކުރައްވާފައިވާ ޕޯސްޓެއްގައި، މިކާބީއިން "އިންޑިއާގެ އިގްތިސާދުގެ ވަރުގަދަކަމާއި، އެ ގައުމުގެ އިގްތިސާދުގެ ގާބިލްކަން" ދައްކުވައިދޭ ކކަމަށް ވިދާޅުވެފައިވެއެވެ.

އިންޑިއާގެ ކަމާބެހޭ ވުޒާރާތަކުން ލަފާ ކުރާގޮތުގައި، ކުރިޔަށް އޮތް އަހަރުތަކުގެ ތެރޭގައި ޖަޕާނާއި ޖަރުމަން ވިލާތް ފަހަތަށް ޖައްސާލައި އިގުތިސާދީ ގޮތުން ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ގައުމުގެ ގޮތުގައި އިންޑިއާއިން ކުރި ހޯދާނެއެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަފާކުރާ ގޮތުގައި 2024 ވަނަ އަހަރު އިންޑިއާގެ އިގްތިސާދު 6.5 އިންސައްތަ ކުރިއަރާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން