ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރަށް ފަހިވާނެހެން އިންތިޚާބު ކާމިޔާބުކޮށްދެއްވައިފިނަމަ ސަރުކާރުގެ ހުރިހާ ވައުދެއް 100 ޕަސެންޓް ފުއްދައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ރައީސް އޮފީހުން ގެނެސްދެމުން އަންނަ "ރައީސްގެ ޖަވާބު" ސެގްމެންޓްގައި މާލެސިޓީ، މ. މެޑަލްމާގެ، އިސްމާއިލް ނިޔާޒްގެ ސުވާލަށް ދެއްވި ޖަވާބުގައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި ސަރުކާރުގެ ހަފުތާ 14 ނިމުނުއިރު އެ މުއްދަތުގައި ހާސިލް ކުރަން ކަނޑައެޅި ވައުދުތަކުގެ 100 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ވައުދެއް ވެފައިވާނީ ފުއްދުމުގެ ނިޔަތުގައި އަދި ފުއްދޭނެ ކަމަށް ގަބޫލު ކުރެވޭތީ ފުއްދޭނެ ގޮތްވެސް އެނގިވަޑައިގަންނަވާތީ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެެވެ.

"14 ހަފްތާއަށް ކަނޑައެޅި ވައުދުތައް އެވަނީ ގާތްގަނޑަކަށް ހަމަ 100 ޕަސެންޓް ނިންމިފަ، 97 ޕަސެންޓްވަރު ފުއްދިއްޖެ." ރައީސް ވިދާޅުވިއެވެ.



ރައީސް މުޢިއްޒު ވިދާޅުވީ ވައުދުތަކުގެ އެންމެ ބޮޑު އިންސައްތައެއް ކަވަރު ކުރަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދޭ ބަޖެޓުން ކަމަށާއި ބަޖެޓަކީ ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ ބާރު އޮންނަ ކަމެއް ކަމަށެވެ. އެގޮތުން މިފަހަރަށް ފާސްކުރި ބަޖެޓުވެސް މި އަހަރަށް ކުރިއަށްގެންދަން ބޭނުންވާ މަޝްރޫއުތައްވެސް ހިމަނާފައި ފޮނުވި ކަމަށާއި އެހެން ނަމަވެސް ބަޖެޓް ފާސްކުރީ އޭގެ ތެރެއިން އެތައް މަޝްރޫއެއްގެ އަދަދުތައް ވަރަށް ކުޑަކޮށް އަދި ބައެއް މަޝްރޫއުތައް އެއްކޮށް އުނިކޮށްފައި ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. ރައީސް ވަނީ މަޖިލީހުން އެގޮތަށް އަމަލު ކުރާތީ ވަރަށް ގިނަ ކަންކަމުގައި ދަތިތައް ދިމާވާކަން ފާހަގަކުރަށްވާފައެވެ.

"ކުޑަ އަދަދެއްގެ ފައިސާ ހިމެނީ، އޭގެ ސަބަބުން މަޝްރޫއަށް ދަތިތައް އާދޭ، އަލަށްފަށަން އަޅުގަނޑު ހިމެނި ވައުދުތަކުގެ ތެރެއިން ހިމެނޭ ގިނަ މަޝްރޫއުތައްވެސް ފަހު ކުއާޓާގަ ކިރިޔާ ފެށޭވަރަށް ކުޑައަދަދެއްގެ ފައިސާ ބަޖެޓްކޮށްދިނީ.” ބަޖެޓް ފާސްކުރި ގޮތާއި މެދު ހިތްޕުޅުހަމަނުޖެހުން ފާޅުކުރަށްވައި ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ވައުދުތައް ފުއްދުމަށްޓަކާ ބޭނުންވާ ކަންތައްތަކެއް އެބަ ހުރިކަމަށާއި އެންމެ މުހިންމު ކަމަކީ ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ކަމަށެވެ. އެ އެއްބާރުލުން ނުލިބި މި ރާއްޖޭގަ ގާނޫނު އަސާސީގެ ތެރެއިން ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގައި ސަރުކާރަށް ފުރިހަމަ ކަމާއެކީގައި ކަންކަން ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"އެހެންވީމަ ރައްޔިތުންގެ މަޖިލީޙުގެ އެއްބާރުލުން މުހިންމުވޭ ވަރަށް މުހިންމުވޭ، މިނިވަން ބައެއް މުއައްސަސާތަކުގެ ދައުރުވެސް އެބަ ހުރި." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ސަރުކާރަށް ދެއްވުމުގެ ބާރާ ދައުރު އޮތީ ރައްޔިތުންނަށް ކަމަށެވެ. ކުރިއަށް މި އޮތް އިންތިޚާބުގައި އެގޮތަށް ހަމަޖައްސައިދެއްވާނެކަމަށް އުންމީދުކުރައްވާ ކަމަށާއި އޭރުން ސަރުކާރުން ދާން ބޭނުންވާ ބާރު ސްޕީޑްގަ ދިޔުމަށް ފަސޭހަވެ މަގުފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެެ. އޭރުން ފަސް އަހަރުތެރޭގައި ވައުދުތައް 100 އިންސައްތަ ފުއްދައިދެވޭނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން