މައިސްޓްރޯ ކަޕް 2024ގެ ދެވަނަ ދުވަހުގެ މެޗްތައް ރޭ ކުޅެފިއެވެ.

މި މުބާރާތަކީ މ. މަޑުއްވަރީގެ ޢުމުރުން 35 އަހަރުން މަތީގެ ފަރާތްތަކަށް ކުޅިވަރުގެ ތެރެއިން ހިތްހަމަޖެހޭ އުފާވެރި ވަގުތުކޮޅެއް ހޯދައިދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މުބާރާތެއްކަމަށް މި މުބާރާތް އިންތިޒާމް ކުރަށްވާ މ. މަޑުއްވަރީ ކައުންސިލް މެންބަރ އިބްރާހިމް އަސްލަމް ޢަލީ ވިދާޅުވިއެވެ. މިއީ މި މުބާރާތް ބާއްވާ ތިންވަނަ އަހަރެވެ.

ޖުމްލަ 4 ޓީމް ވާދަކުރާ މިމުބާރާތުގެ ތިންވަނަ މެޗުގައި ރޭ ވާދަކޮށްފައިވަނީ ނޯ-ޓީ ބޯއިސް އާއި މަޑުއްވަރީ މުސްކުޅީ ބޯއިސް އެވެ. މިމެޗް 4 ލަނޑު 3 ލަނޑުން ކާމިޔާބު ކުރީ ނޯ-ޓީ ބޯއިސް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ނޯ-ޓީ ބޯއިސް އަށް 2 ގޯލް ކާމިޔާބުކޮށްދިން އިސްމާޢީލް އީސާ (މެސީ) އެވެ.

މުބާރާތުގެ ހަތަރުވަނަ މެޗުގައި ރޭ ބައްދަލުކުރީ މަސްރޮށި އާއި އެއްލިކަޅި އެވެ. މި ދެޓީމްގެ ކުރިމަތިލުން 6 ލަނޑު 2 ލަނޑުން ކާމިޔާބު ކުރީ މަސްރޮށި ޓީމެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަސްރޮށި ޓީމަށް 3 ގޯލް ކާމިޔާބު ކޮށްދިން އިސްމާޢީލް މުޙައްމަދު އެވެ.

މި މުބާރާތުގައި މިރޭވެސް ދެމެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިރޭ 8:30 ގައި މަޑުއްވަރީ މުސްކުޅި ބޯއިސް އާއި އެއްލިކަޅި ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު މިރޭ 9:30 ގައި މަސްރޮށި ނިކުންނާނީ ނޯ-ޓީ ބޯއިސް އާއި ދެކޮޅަށެވެ.

މައިސްޓްރޯ ކަޕް 2024 އަކީ މ. މަޑުއްވަރީ ކައުންސިލުން އެންޑޯޒް ކޮށްފައިވާ މުބާރާތެކެވެ. މުބާރާތުގެ މެއިން ސްޕޮންސަރަކީ އުރީދޫ މޯލްޑިވްސް އެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ މަޑުއްވަރީ މުސްކުޅި ބޯއިސް އެވެ.

މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ އައިޑީޒެޑްލިންކް.ކޮމް އެވެ. ބްރޯންޒް ޕާޓްނަރުންނަކީ އަވަށު ޓީމާއި ހައިބްރިޑް އެފްއެކްސް މުއީން އެވެ.

މުބާރާތުގެ ކިޓް ޕާޓްނަރަކީ ފޭލި އާޓެވެ. މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރެއްގެ ގޮތުގައި ރެޑް ކްރިއޭޓިކް ހަމަޖައްސާފައިވާއިރު ޓްރެވަލް ޕާޓްނަރަކީ މައިދޫ ސްޕީޑެވެ. ކޮމިއުނިޓީ ޕާޓްނަރުންގެ ގޮތުގައި މ. މަޑުއްވަރީ ޕޮލިސް ޕޯސްޓާއި މަޑުއްވަރީގައި ހަރަކާތްތެރިވާ ކްލަބް ޖަމުޢިއްޔާތައް ވަނީ ހަމަޖައްސާފައެވެ.

މި މުބާރާތުގެ ހުރިހާ މެޗެއް މަޑުއްވަރީ މައިސްޓްރޯ ކަޕް ފޭސްބުކް ޕޭޖުން ލައިވް ކުރުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ރަސް އޮންލައިން އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން