ހައްޖުގެ އަޅުކަން އަދާކުރުމަށް މި އަހަރު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދާ ހައްޖާޖީންނަށް، އެ މީހުން ތިބޭތަން ވަގުތުން ބަލާލެވޭގޮތަށް ލައިވް ލޮކޭޝަން ޓްރެކް ކުރެވޭ ޑިވައިސެއް ދިނުމަށް ހަމަޖެހިފައިވާކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް މިރޭ ވިދާޅުވީ، ހައްޖަށް ގޮސް އުޅުމުގެ ތެރޭގައި ވީނުވީއެއް ނޭނގި ހައްޖާޖިން ގެއްލޭ މައްސަލައަށް ހައްލެއް ހޯދުމަށް އެ ކޯޕަރޭޝަނުން މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، އެ ކޯޕަރޭޝަންގެ ހަވާލުގައި މިފަހަރުގެ ހައްޖުގެ އަޅުކަމަށް ފުރާ ހުރިހާ ހައްޖާޖީންނަށް ވެސް ލައިވް ލޮކޭޝަން ޓްރެކިން ޑިވައިސްއެއް ލިބޭނެކަމަށާއި، އެ ޑިވައިސްއަށް ފިތާލައިގެން އެ މީހާ ހުރި ލޮކޭޝަން ކޯޕަރޭޝަނަށް ފަސޭހަކަމާއެކު ހޯދާލެވޭނެކަމަށެވެ.

މީގެ ކުރިން އެކިފަހަރު ހައްޖާޖީން ގެއްލޭ މައްސަލަތައް ދިމާވެފައިވާކަން ފާހަގަކުރައްވަމުން ޝަކީލް ވިދާޅުވީ، މިފަހަރު ހަވާލުކުރެވޭ ޑިވައިސްތަކުން، ސައުދީ އަރަބިޔާގެ ކޮންމެތަނެއްގައި ހުއްޓަސް އެ ހުރިތަނެއް ހޯދޭނެކަމަށެވެ.

ހައްޖު ކޯޕަރޭޝަނުން ދަނީ ހައްޖާޖީންގެ ރައްކާތެރިކަމަށް ކޮންމެ އަހަރަކު ވެސް އެކި މަސައްކަތްތައް ކުރަމުންނެވެ.

ރާއްޖޭން ހައްޖަށް ގެންދަން މިހާރު ލިބެނީ 1000 ކޯޓާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން