ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކަށް އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ 65 މިލިއަން މީހުން ނުރައްކަލަށް ހުށަހެޅިގެން ދާނެކަމަށާއި އެހެންކަމުން އެކަމުގައި ދުނިޔޭގެ ހުރިހާ ގައުމުތަކެއްގެ އެހީތެރިކަން ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"ސިޑްސް" ގެ ބައްދަލުވުމާއި ގުޅިގެން ދި ގާޑިއަން ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އޭގެ ނުރައްކާ ރާއްޖެއަށް ކުރިމަތިވެފައިވާ ކަމަށާއި، ހާއްސަކޮށް ކަނޑުގެ ލޮނުގަނޑު އުފުލުމަކީ އެންމެ ބޮޑު އެއް ނުރައްކާ ކަމަށެވެ.

އަދި އެ މައްސަލަ ދުނިޔޭގެ ސަމާލުކަމަށް 1989 ގައި ރާއްޖެއިން ގެނެސްފައި ވީނަމަވެސް، ގައުމުތަކުން އެކަމަށް އެކަށީގެންވާ ސަމާލުކަމެއް ދެއްވާތޯ ރައީސް ވަނީ ސުވާލު އުފައްދަވާފައެވެ.

ރައީސް ވިދާޅުވީ، ރާއްޖެ ފަދަ ގައުމަކުން ދުނިޔެ ހޫނުވުމުގެ ސަބަބުން އެ ބުރަ އުފުލަމުންދަނީ ބައިނަލްއަގްވާމީ ދުނިޔޭގެ ވަރަށް ކުޑަ އެހީތެރިކަމަކާއެކުގައި ކަމަށާއި ރާއްޖެއިން ބޭރުކުރަނީ އެންމެ 0.003 އިންސައްތަ ގޭސް ނަމަވެސް މޫސުމީ މައްސަލަތައް އެންމެ ފުރަތަމަ ތަހައްމަލުކުރި އެއްގައުމަކީ ރާއްޖެކަމަށެވެ.

ރައީސް ވަނީ، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގެންގުޅޭ އުސޫލުތައް ބަދަލުކުރަން ޖެހޭކަން ވެސް ފާހަގަ ކުރައްވާފައެވެ.

އަދި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް ތައްޔާރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގެ ތެރޭގައި ރަސްމާލެ ކަނޑުގެ ލޮނުގަނޑުން ފެށިގެން 3 މީޓަރު އުސްކޮށް ތަރައްގީ ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރައްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން