ހުއްދައާ ޚިލާފަށް، ކުއްތާއެއް ޔޮޓުން ބާލައިގެން ތުލުސްދޫގައި
ހުއްދައާ ޚިލާފަށް، ކުއްތާއެއް ޔޮޓުން ބާލައިގެން ތުލުސްދޫގައި
ދީފަ އޮތް ހުއްދައާ ޚިލާފަށް، ކުއްތާއެއް ޔޮޓަކުން ބާލައިގެން ރާއްޖޭގެ ރަށެއްގައި ގެންގުޅުނު މައްސަލަ ދިވެހި ކަސްޓަމުގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.

ހިންމަފުށީގެ ބޭރުގައި އޮތް ޔޮޓެއްގައި ފަތުރުވެރިއަކު ގެންގުޅުނު ކުއްތާއެއް ތުލުސްދޫއަށް ބާލައި ގެންގުޅެނިކޮށް ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯތަކާ ހަވާލާދީ ކަސްޓަމުން ބުނީ ޔޮޓުން ކުއްތާ ބާލާފައިވަނީ ހުއްދަ އާއި ހިލާފަށްކަމަށެވެ.

ކުއްތާއަކީ، ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު ގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީ އޮފް ޑިފެންސްގެ ޚާއްޞަ ހުއްދައެއް ލިޔުމަކުން ލިބިގެން ރާއްޖެއަށް ގެނެވޭ އެއްޗެއް ކަމަށް ކަސްޓަމުން ބުނެފައި ވެއެވެ.

ދައުރުވަމުންދާ ވީޑިޔޯގައި ފެންނަ ކުއްތާއަކީ، މި ހިނގާ މެއި މަހުގެ 16 ވަނަ ދުވަހު ސެއިލިންގ ޔޮޓެއްގައި ރާއްޖެ ގެނެސްފައިވާ ކުއްތާއެއް ކަމަށް ކަސްޓަމުން ބުނެފައި ވެއެވެ. ދިވެހި ކަސްޓަމުން ބުނީ އެ ކުއްތާ ހަމައެކަނި އެ ޔޮޓުގައި ޕެޓް ޑޯގެއްގެ ގޮތުގައި ގެންގުޅުމަށް މިނިސްޓްރީ އޮފް ޑިފެންސުން ޚާއްޞަ ހުއްދައެއް ދީފައިވާކަމަށެވެ. އަދި، އެ ޔޮޓު ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ދަތުރުކުރިނަމަވެސް، ޔޮޓުން ކުއްތާ ނުބޭލޭނެ ކަމަށް އެ ހުއްދައިގައި ބަޔާންކޮށްފައި ވާކަަމަށް ވެސް ކަސްޓަމުން ހާމަކޮށްފައިވެއެވެ.

ނަމަވެސް، ހުއްދައާ ޚިލާފަށް، ކުއްތާ ޔޮޓުން ބާލައިގެން ރާއްޖޭގެ ރަށެއްގައި ގެންގުޅެފައިވާކަމަށް ބެލެވޭތީ، ކަސްޓަމުން އެމައްސަލަ އިތުރަށް ތަހުޤީޤްކުރަމުން ގެންދާކަން މިއަދު ވަނީ ހާމަކޮށްފައެވެ.

މި ކުއްތާ ތުލުސްދޫއަށް ބޭލި މައްސަލައިގައި ފުލުހުން ވަނީ އިއްޔެ ތުލުސްދޫގައިވެސް ހަރަކާތްތެރިވެފައެވެ. އަދި ފުލުހުންގެ އެދުމުގެ މަތިން އެކުއްތާ ވަނީ އިއްޔެ ތުލުސްދޫއިން ބާލައި ޔޮޓަށް ފޮނުވާލާފައެވެ.

މީގެ ކުރިން 2022 ވަނަ އަަހަރުވެސް ރާއްޖޭގެ ފަޅު ރަށަކަށް ކުއްތާއެއް އެރުވި މައްސަލައެއް ފެންމަތިވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން