ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު ނިޔާވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މިރޭ ބުނީ، ނިޔާވެފައިވަނީ ހުކުމް ތަންފީޒު ކުރަމުންދިޔަ ތ. ތިމަރަފުށީ މިނިވަން އައްސޭރި އާދަމް ޢަލި މަނިކު (83 އަހަރު) ކަމަށެވެ.

ކަރެކްޝަނުން ބުނީ، އާދަމް ޢަލި މަނިކު ނުހޭލައިގެން، އެ ގޮޅީގައި ތިބި އެހެން ގައިދީން ޑިއުޓީ އޮފިސަރުންނަށް އެންގުމުން، މެޑިކަލް ސެންޓަރަށް ގެންދިޔައިރުވެސް ހަރަކާތް ނުކުރާތީ، އޭނާ ވަނީ 12:00 ހާއިރު އެމަޖެންސީ ހާލަތުގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައި ކަމަށެވެ.

އަދި ފަރުވާ ދިނުމަށްފަހުވެސް ހަރަކާތެއް ނެތުމުން، އޭނާ ނިޔާވެފައިވާކަމަށް ކަނޑައަޅާފައިވަނީ މެންދުރު 12:30 ހާއިރުކަމަށް ކަރެކްޝަންސުން ބުނެއެވެ.

އާދަމް ޢަލި މަނިކުއަކީ ކުޑަކުއްޖަކާ ގުޅޭ ބަދުއަހުލާގީ މައްސަލައެއްގައި 10 އަހަރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރަމުންދިޔަ މީހެކެވެ. އަދި އޭނާއަކީ ހަކުރު ބަލި، ކިޑްނީ އަދި ކުޑަކަމުދާ ނިޒާމުގެ ބަލި، ކޮލެސްޓްރޯލް، ހައިޕަރޓެންޝަން އަދި ލޮލުގެ ބަލި ފަދަ ގިނަ ބަލިތަކަށް ބޭސްކުރަމުން އައި މީހެކެވެ.

އާދަމް ޢަލި މަނިކު ނިޔާވުމާ ގުޅިގެން ކަރެކްޝަންސް އިން ވަނީ ވަގުތުން އެކަން އޭނާގެ އާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައިވާ ކަމަށް އެ ސަރވިސް އިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން