އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ވަރަށް ކާމިޔާބު ކަމަށާއި ދިވެހި ރައްޔިތުންނަށް ހެވާއި ލާބަ ލިބޭގޮތަށް ދެޤައުމުގެ ގުޅުމުގެ ތެރެއިން ކަންކަން ފަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު އިންޑިޔާ އަށް ވަޑަައިގަތީ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.

އިންޑިޔާގެ ދަތުރުފުޅުގެ ތެރެއިން ދައުލަތުގެ މީޑިޔާއަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ އިންޑިއާއަށް ކުރެއްވި އެ ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއްކަމަށެވެ. އަދި ދަތުރުފުޅަކީ ދިވެހިރާއްޖެ ހިމެނޭ ސަރަހައްދަށްވެސް ރަނގަޅު ދަތުރުފުޅެއްކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.



އިންޑިއާއަށް ކުރެއްވި މި ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުއިއްޒު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ، އެގައުމުގެ ރައީސާ ދުރޫޕަދީ މުރްމޫއާއި، އެކްސްޓަރަނަލް އެފެއަރޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާވެސް ބައްދަލުކުރައްވާފައެވެ. ރައީސް މުޢިއްޒު ވިދާޅުވީ އެ ބައްދަލުކުރެއްވުންތަކުގެ ސަބަބުން ކުރިއަށްވުރެވެސް ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއާއި އިންޑިއާގެ ގާތް ގުޅުމުގެ ތެރެއިން ރަނގަޅު ކަންތައްތަކެއް ރާއްޖެއަށް ފަހިވެގެންދާނެ ކަމަށެވެ. އެގޮތުން ދިވެހި ގައުމާއި، ދިވެހި ރައްޔިތުންނަށް ހެވާއި ލާބަ ލިބޭނެގޮތަށް ދެގައުމުގެ ގުޅުން ފެނިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ކުރިއަށް އޮތްތާނގައި ދެގައުމުގެ ގުޅުމުގެ ތެރެއިން ކުރިއަށްވުރެވެސް އިރާދަކުރެއްވިއްޔާ ރަނގަޅުވެގެންދާނެކަމަށް އުންމީދުކުރަން. ރާއްޖެއަށް އެންމެ ރަނގަޅުގޮތް، ދިވެހި ރައްޔިތުންނަށް ހެވާ ލާބަ ލިބޭގޮތަށް އަޅުގަނޑުމެން ދެޤައުމުގެ އެކުވެރި ގާތް ގުޅުމުގެ ތެރެއިން ކަންކަން ފަހިވެގެންދާނީ." ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މިއީ ވެރިކަމާއި ހަވާލުވެވަޑައިގަތުމަަށްފަހު ރައީސް މުޢިއްޒު އިންޑިޔާ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އެމަނިކުފާނު މި ދަތުރުފުޅު ނިންމާލެއްވުމަށްފަހު މިހާރު ވަނީ މާލެ ވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން