ގައު ހުދުވާތީ މަޑުޖައްސާލަން އެންގި މަޝްރޫޢުތައް ކުރިއަށް ގެންދަން އީޕީއޭ އިން ހުއްދަ ދީފައިވާ ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ދާދި ފަހުން އީޕީއޭ އިން ވަނީ ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވެ ފަރުތަކުން ގާ ހުދުވަމުން ދާތީ، ބިން ހިއްކުމާއި އަދި ފަރުމަތީގައި މަސައްކަތް ކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް ކަމާބެހޭ މުއައްސަސާތަކަށް އަންގާފައެވެ.

އެކަމާ ގުޅިގެން ވަޒީރު ޠާރިޤް ވިދާޅުވީ އީޕީއޭ އަކީ އަމިއްލަ މިނިވަންކަމާއެކު މަސައްކަތްކުރާ ތަނެއް ކަމަށާއި ރާއްޖޭގެ ކަނޑުތަކުގެ ހޫނުމިން ދަށްވެ ގައު ހުދުވުމުގެ މައްސަލަ މަޑުމަޑުން ރަނގަޅުވަމުންދާ ކަމަށް އީޕީއޭ އިން މިހާރު މަޢުލޫމާތުދޭ ކަމަށެވެ.

އެހެންކަމުން މަޑުޖައްސާލާފައިވާ މަޝްރޫޢުތައް ފެށުމުގެ ހުއްދަ މިހާރު އީޕީއޭ އިން ދީފައިވާ ކަމަށާއި ބައެއް މަސައްކަތްތައް ފަށާފައިވާ ކަމަށްވެސް ޠާރިޤް ވިދާޅުވިއެވެ.

“އަޅުގަނޑުމެން އެންގި އެންގުމަށް ވަރަށްގިނަ ފަރާތްތަކުން އިޖާބަދިންކަން އަޅުގަނޑުމެންނަށް ފާހަގަވެގެން ދިޔަ.” ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޠާރިޤް އިތުރަށް ވިދާޅުވީ ގައު ހުދުވަނީ ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މަތިވެ ފަރުތަކަށް އޮކްސިޖަން ލިބޭ މިންވަރު މަދުވުމުން ކަމަށާއި އީޕީއޭގެ އެންގުމާ ގުޅިގެން 200 އެއްހާ މަޝްރޫޢުގެ މަސައްކަތް މެދު ކަނޑާލި ކަމަށެވެ.

އަދި އަލުން މަޝްރޫއުތައް ކުރިއަށް ގެންދާއިރު، އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓްތަކުގައި ހުރި ކަންކަމަށް ރިއާޔަތްކޮށްގެން މަސައްކަތް ކުރިއަށް ގެންދަން ޖެހޭ ކަމަށާއި ގާ ހުދުވުމުގެ ހާލަތު ބަދަލުވެފައި ވިޔަސް، މުރަކަތަކުގެ ހާލަތު އަދިވެސް ވަރަށް ނާޒުކު ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު ގައު ހުދުވުމުގެ މިހާރުގެ ހާލަތަށް ބަލައި އެލަރޓް 1 އަދި 2 ން، ވޮޗް ސްޓޭޖަށް ޙާލަތު ބަދަލުވެފައިވާ ކަމަށާއި އެހެންކަމުން އީޕީއޭގެ ނިންމުމާ އެއްގޮތަށް ރާއްޖޭގެ ތިމާވެށި ޙިމާޔަތް ކުރުމަށް ކޮންޓެކްޓަރުން ދެއްވި އެއްބާރުލުމަށް ވަޒީރުވަނީ ޝުކުރު އަދާކުރަށްވާފައެވެ.

2008 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގަރާރަކުން އުފެއްދެވި އީޕީއޭ މާލީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން ވާޖިބު އަދާކުރެވޭ ވަރަށް ފުދުންތެރިކުރުވައި އެތަނަށް ބޭނުންވާ ގާނޫނީ މިނިވަންކަމާއި ބާރު ދިނުމަކީ ދައުލަތުން ކުރަން ޖެހޭ ކަމެއް ކަމަށް ސުޕްރީމް ކޯޓުން ދާދިފަހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން