ހަނގުރާމައިގައި ޣައްޒާގެ ގެތަކެއް ސުންނާފަތިވެފައި
ހަނގުރާމައިގައި ޣައްޒާގެ ގެތަކެއް ސުންނާފަތިވެފައި
ޣައްޒާ އާއި ދެކޮޅަށް ޒަޔަނިސްޓު އިސްރާއީލުން ކުރަމުންދާ ހަނގުރާމައަށް އެތައް މަހެއް ވެފައިވާއިރު މި ހަނގުރާމަ ހުއްޓާލުމަށް މުޅި ދުނިޔެ ދަނީ ގޮވަމުންނެވެ. މިއަދާ ހަމައަށްވެސް އިސްރާއީލުން މި އަޑުތަކަށް ދިނީ ބީރު ކަންފަތެކެވެ. ނަމަވެސް ދާދިފަހުން އދ. ގެ ސަލާމަތާއި ބެހޭ ކައުންސިލް (ޔޫއެންއެސްސީ) އިން ނެގި ވޯޓާއެކު އިސްރާއީލަށް ގޮތެއް ނިންމަން އެކި ފަރާތްތަކުން ޕްރެޝަރު ކުރާނެކަމަށް ބެލެވެއެވެ.

ޔޫއެންއެސްސީ އިން ފާސްކުރި ހަނގުރާމަ ހުއްޓާލުމުގެ ގަރާރަށް ހަމާސްއިން ވަނީ މަރުހަބާ ކިޔާފައެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އިސްރާއީލުން ޣައްޒާގައި ކުރިއަށް ގެންދާ ހަނގުރާމަ ހުއްޓާލުމާމެދު ވަކި ގޮތެއް ކަނޑަ އަޅާފައި ނުވާކަން ފާހަގަ ކުރެވެއެވެ.

ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން އދ. ގެ ޔޫއެންއެސްސީއިން ފާސްކުރި ތިން ފިޔަވަހީގެ އެއްބަސްވުމަށް ކައުންސިލްގެ 14 މެންބަރުން އިއްތިފާގު ވެފައިވާއިރު މި ގަރާރު ފާސްކުރުމުގައި ރަޝިޔާއިން ބައިވެރިވެފައެއް ނުވެއެވެ.

ގަރާރުގައި ކަނޑައަޅާފައިވާ ފިޔަވަހިތައް؛

ފުރަތަމަ ފިޔަވަހި - ހަ ހަފްތާ ތެރޭގައި އިސްރާއީލުގެ ޖަލުތަކުގައި ތިބި ޣައްޒާގެ ރައްޔިތުން ދޫކޮށްލައި މި މުއްދަތުގައި ހަނގުރާމަ ނުކުރުމަށް އެދިފައި ވެއެވެ. އަދި ޣައްޒާގެ ބޮޑު ސަރަހައްދަކުން އިސްރާއީލުގެ ސިފައި ފައިބައި އިންސާނީ އެހީތެރިކަން ވަގުތުން ވަގުތައް ލިބޭނޭ ގޮތް ހަމަޖެއްސުން ހިމެނެއެވެ.

ދެވަނަ ފިޔަވަހި - ބަންދުގައި ތިބި ހަނގުރާމައިގެ އަސީރުން އެއްކޮށް މިނިވަންކޮށް އިސްރާއީލުގެ ހުރިހާ ސިފައިން ޣައްޒާއިން ފެއިބުން ހިމެނެއެވެ.

ތިންވަނަ ފިޔަވަހި - މި ފިޔަވަހީގައި ވަނީ ހަނގުރާމައިގައި ސުންނާފަތިވެފައިވާ ޣައްޒާ އެއްކޮށް އާރާސްތު ކުރުމުގެ މަސައްކަތެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަންވެސް ސުލްހައިގެ ހުށަހެޅުމެއް މެއި މަހުގެ 31 ވަނަ ދުވަހު ހުށައެޅި އެވެ. ނަމަވެސް މި ހުށައެޅުމަށް އިސްރާއީލުން ތާއިދުކޮށްފައި ނުވާއިރު އިސްރާއީލާއި އެމެރިކާއާ އޮތް ގުޅުމަށްވެސް މިކަމުގެ ސަބަބުން އަސަރުކުރާނެ ކަމަށް ތަޖުރިބާކާރުން ހާމަކުރިއެވެ.

އެމެރިކާ އަކީ އިސްރާއީލުގެ ވާގިވެރިއެއް!

އިސްރާއީލުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 37،000 މީހުން މަރުވެފައިވާއިރު މި ހަމަލާތަކުގައި 85،000 މީހުންނަށް ވަނީ އެކި ވަރުގެ ޒަހަމްތައް ލިބިފައެވެ. މީގެތެރޭގައި ހަށިގަނޑުގެ ގުނަވަންތައް އުނިވެފައިވާ މީހުން މަދެއް ނޫނެވެ. އަދި ޣައްޒާގެ އެކި ހިސާބުތައް އެއްކޮށް ސުންނާފަތިވެފައިވާއިރު މި ހަނގުރާމައިގައި އިސްރާއީލަށް އެންމެ ބޮޑަށް އެހީތެރިވެދޭ އެއް ގައުމަކީ އެމެރިކާއެވެ. އެގައުމުން ވަނީ އިސްރާއީލަށް ހަތިޔާރާއި ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ސަލާމަތީ މަޖިލީހަށް މިހާތަނަށް ހުށައެޅި ހަނގުރާމަ ހުއްޓާލުމުގެ ހުރިހާ ގަރާރެއް ފެއިލް ކޮށްލާފައި ވަނީ ވެސް އެމެރިކާއިންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން