ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ ކާރު ވަގަށް ނެގި މައްސަލާގައި ހައްޔަރު ކޮށްފައިވާ މީހާގެ ނަމުގައި 100 ވެހިކަލް ރަޖިސްޓްރީ ކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނެފައިވަނީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ ކާރު ހޯދަން ކުރި މަސައްކަތުން އެ ވައްކަމުގެ ފަހަތުގައި ވެހިކަލް ވަގަށް ނެގުމުގެ ބޮޑު ނެޓްވޯކެއް އޮތްކަން ފާހަގަވެފައިވާ ކަމަށެވެ.

ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު މިއަދު ވިދާޅުވީ، އެމްއޭސީއެލް އެމްޑީގެ ކާރު އެއާޕޯޓުން ވަގަށް ނަގައިގެން ފުރަތަމަ ގެންދިޔައީ ހުޅުމާލެއަށް ކަމަށާއި އެއަށް ފަހު އުޅަނދުގެ ބޯޑު ބަދަލުކޮށްފައިވާ ކަމަށެވެ.

އަދި، އުޅަނދު މާލެއަށް ގެންގޮސް މި ފަހުން އަލިފާނުގެ ހާދިސާއެއް ހިނގި ހ. އީރަމްގޭގެ ގްރައުންޑް ފްލޯގައި ހުރި ގަރާޖަކަށް ވައްދާތަން ފެނިފައިވާ ކަމަށާއި އެގަރާޖު ކުއްޔަށް ނަގައިގެން އުޅޭ މީހާގެ ހާޒިރުގައި އެ ތަން ބަލައި ފާސްކުރުމުން ވަގަށްނެގި އެމްއޭސީއެލް އެމްޑީގެ އުޅަނދާއި އިމިގްރޭޝަނުން ވަގަށް ނަގައިގެން ހުށައަޅާފައިވާ ހަތަރު ފުރޮޅުލީ އުޅަނދުވެސް އެގަރާޖުން ފެނިފައިވާ ކަމަށް ދާއޫދު ވިދާޅުވިއެވެ.

"އަސްލު އޮޅުވާލުމަށްޓަކައި އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ކަހާލުމަށް ފަހު، ފުޅާ ދާއިރާއެއްގައި މާލޭގައި މިވިޔަފާރި މިދެންނެވި ފަރާތުން ކުރަމުންދާކަން ފާހަގަކުރިފައިވަނީ." ދާއޫދު ވިދާޅުވިއެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ. މޮޑަން ކޮމެޓް ޢުމުރުން 43 އަހަރުގެ އަހްމަދު ނިޒާމް ކަމަށެވެ. އަދި އެމްއޭސީއެލްގެ އުޅަނދު ވަގަށް ނެގީ އެ ކުންފުނީގައި މަސައްކަތްކުރި މ. ސީނިއަސުރުމާގެ ޢުމުރުން 42 އަހަރުގެ މުހައްމަދު ހައިޝަމްގެ އެހީތެރިކަމާ އެކުގައި ކަމަށް ދާއޫދު ވިދާޅުވިއެވެ.

ދާއޫދު ވިދާޅުވީ، ނިޒާމްގެ ނަން މަތީގައި 100 އުޅަނދު ރަޖިސްޓްރީކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 86 އުޅަނދަކީ ހަތަރު ފުރޮޅުލީ އުޅަނދު ކަމަށެވެ.

އަދި އެއުޅަނދުފަހަރު ރަޖިސްޓްރީކޮށްފައިވަނީ އަންހެނުންނާ ދެ މީހުންގެ މައްޗަށް ބަހާލައިގެން ކަމަށާއި އެގޮތުން ނިޒާމްގެ އަންހެނުންގެ ނަން މަތީގައި 42 އުޅަނދު ރަޖިސްޓްރީކޮށްފައިވާ ކަމަށް ދާއޫދު ވިދާޅުވިއެވެ.

ދާއޫދު މިއަދު ވިދާޅުވީ އޭގެ ތެރެއިން ބައެއް އުޅަނދުތައް ރަޖިސްޓްރީކޮށްފައިވަނީ 2025، 2026، 2027 ވަނަ އަހަރަށް ކަމަށާއި އެހެންކަމުން އެމައްސަލައިގައި ސީރިއަސް ތަހުގީގެއް ކުރުމަށް ފުލުހުން ތައްޔާރު ވަމުންދާ ކަމަށެވެ.

ފުލުހުން މިއަދު ބުނީ މި ނެޓްވޯކުން ވަގަށް ނަގާފައިވާ އުޅަނދުތަކުގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ފުހެލުމަށް ފަހު، ވަގު ރަޖިސްޓްރީތައް ހަދާފައިވާތީ ވަގަށް ނަގާފައިވާ އުޅަނދުތަކުގެ ކަށަވަރު އަދަދު މިވަގުތު ދެނެގަނެވިފައި ނުވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން