މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ މި މަހު ރާއްޖެ އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމުން ގެނެސްދިން ޕްރޮގްރާމެއްގައި މިނިސްޓަރު ރޭ ވިދާޅުވީ އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަންނާނީ މި މަހުގެ ފަހުކޮޅު ކަމަށް ބެލެވޭ ކަމަށެވެ.

އެހެންވެ އެ ފަތުރުވެރިޔާ އަށް މަރުހަބާ ކިއުމަށް މިހާރު ތައްޔާރީތައް ވެސް ވަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައުން ވަރަށް ކުލަގަދަކޮށް ފާހަގަ ކުރައްވާނެ ކަމަށެވެ.

ނިމިގެން ދިޔަ އަހަރު 1.8 މިލިއަން ފަތުރުވެރިން ގެންނަން ސަރުކާރުން ކަނޑައެޅި އަމާޒަށް ވާސިލް ވެވުނު އިރު މި އަހަރު ސަރުކާރުން އަމާޒު ހިފައިފައި ވަނީ ދެ މިލިއަން ފަތުރުވެރިން ގެނައުމަށެވެ.

މިނިސްޓަރު ރޭ ވިދާޅުވީ އެ ޓާގެޓަށް މި އަހަރު ވާސިލު ވެވޭނެ ކަމަށާއި އަދި އޭގެ އިތުރަށް 2.1 ނޫނީ 2.2 މިލިއަން ފަތުރުވެރިން ގެނެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

މި އަހަރު ކުރީކޮޅު ފަތުރުވެރިން އައުން އިތުރުވި ނަމަވެސް މިހާރު ހިނގަމުންދާ އޮފް ސީޒަންގައި ފަތުރުވެރިން އަންނަ އަދަދު ވަނީ ދަށަށް ގޮސްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން