ކުށް ކުރުން ހުއްޓުވުމަށް ގާނޫނީ ޒިންމާ އަދާކުރަން ގޮވާލައި އެމްޑީޕީން ބަޔާނެއް ނެރެފިއެވެ.

މި ބަޔާނުގައި މާލެ ސަރަހައްދުގައި ކުށް ކުރުން ހައްދުން ނެއްޓި އެތައް ބައެއްގެ މުދަލަށް ގެއްލުންވަމުންދަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ސަބަބުން ކަމަށް ސިފަވާގޮތަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ތަރުޖަމާނު އަޙުމަދު ޝިފާން ދެއްކެވި ވާހަކަތައް އެމްޑީޕީން ވަނީ ކުށްވެރި ކޮށްފައެވެ. ފުލުހުންގެ ފަރާތުން މިކަމަށް ބާރުދޭ ހެއްކެއް، ތަފާސްހިސާބެއް، ދިރާސާއެއް ނުވަތަ ލިޔެކިޔުމެއް ހުށައަޅާފައި ނެތުމުން އެއީ ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށް އެ ޕާޓީން ދެކޭކަމަށް ވެސް ބުނެފައި ވެއެވެ. އަދި ފުލުހުންގެ ފަރާތުން މިފަދަ ވާހަކައެއް ދެއްކުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށް ދެކޭކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ އެމްޑީޕީ ސަރުކާރުން ޙުކުން ތަންފީޒު ކުރަމުންދިޔަ މީހުން މިނިވަން ކުރުމުގައި ޢަމަލުކޮށްފައި ވާނީ ޤާނޫނު ނަންބަރު 2/2010 (މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު) ގައި ކަނޑައަޅައިފައިވާ އުސޫލުތަކާއި އިޖުރާއަތުތަކަށް ކަމަށެވެ. އަދި މީހުންނަށް މާފުދިނުމުގައި ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންގެ ތެރެއިން ޖަލުގެ އަޚުލާގު ރަނގަޅު މީހުނާއި، ރީހެބިލިޓޭޓްކުރުމާއި މަސައްކަތް ދަސްކޮށްދިނުމަށް ޖަލުގައި ހިންގޭ އެކިއެކި ޕްރޮގްރާމްތައް ފުރިހަމަކުރާ ފަރާތްތަކުގެ ތެރެއިން، މުޖުތަމައަށް އަނބުރާ ގެނެސް، އަލުން ދިރިއުޅުން ބިނާކުރުމަށް އިތުރު ފުރުސަތެއް ދެވިދާނެފަދަ މީހުން މިނިވަންކޮށްފައިވާނެ ކަމަށް ބުނެފައިވެއެވެ.

އެ ގޮތުން މީހުން މިނިވަންކޮށްފައި ވާނީ މިނިވަންކުރާ ދުވަހުން ފެށިގެން 1 އަހަރުގެ ތެރޭގައި އިތުރު ޖިނާއީ ކުށެއް ނުކުރުމަށް ޝަރުތުކޮށް، އެ މުއްދަތުގައި ޖިނާއީ ކުށެއް ކޮށްފިނަމަ، އިތުރު ހުކުމެއް ކުރުމަކާ ނުލައި އެމީހަކު އަލުން އަނބުރާ ޖަލަށް ގެންގޮސް، މަޢާފުކުރެވުނު ޙުކުމުގެ ބާކީ ބައި ތަންފީޒުކުރަން ފަށަންޖެހޭ ގޮތަށް ކަނޑައަޅައިފައި ކަމަށް އެ ބަޔާނުގައިވެއެވެ.

އެމްޑީޕީން ވަނީ މި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ދިމާކޮށް ނުރައްކާތެރި ކުއްވެރިންތަކެއް ދޫކޮށްލުމުން ކަންބޮޑުވާ ކަމަށް ބުނެފައެވެ. އަދި އެ ކުށްވެރިން ދޫކޮށްލާފައިވަނީ ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކަމަށް ރައްޔިތުން ތުހުމަތު ކުރާތީ، ދޫކޮށްލި މީހުންގެ ލިސްޓު އާންމު ކުރުމަށް ވަނީ ގޮވާލާފައެވެ.



ކުށް ކުރުން ހުއްޓުވުމުގެ ގާނޫނީ ޒިންމާއިން ބަރީއަވުމުގެ ބަދަލުގައި އެ ޒިންމާ އަދާކޮށް، މުޖުތަމައުގެ އަމާންކަމާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެމްޑީޕީން ވަނީ ސަރުކާރަށް ގޮވައިލައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން