ޕަބްލިކް ޓްރާންސްޕޯޓް ވަރުގަދަކޮށް މާލެއަށް އިތުރު ބަސްތައް ނެރެންޖެހޭ ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ، ޕީއެސްއެމްގެ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މާލޭގައި ސަރުކާރުން ފޯރުކޮށްދޭ އާންމު ދަތުރުފަތުރުގެ ޚިދުމަތް މިހާރަށްވުރެ ވަރުގަދަކުރަންޖެހޭ ކަމަށެވެ. އެގޮތުން މާލޭގެ ދަތުރުފަތުރުގެ ޚިދުމަތަށް އިތުރު ބަސް ނެރެންޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑު ހަމަ ވަރަށް ބޮޑަށް އެދެން ޕަބްލިކް ޓްރާންސްޕޯޓް ހަރުދަނާކުރުމަށް އިތުރު ބަސްތަކާއި އެެއްޗެހި އިތުރުކޮށްދިނުމަށް، އެއީ ކުރިން ކެޕޭސިޓީ ކަނޑައެޅިގެންދާއިރު އަޅުގަނޑުމެން އޮޕްޝަންތަކެއް އެބަ ދޭންޖެހޭ މީހުން ތަންތަނަށް ދާން އެގޮތަށް ވިސްނައިގެން، އެންމެން ވެގެން މިކަން ކުރެވޭނީ،" މޭޔަރު ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ އަމާޒަކީ ކުރިއަށް އޮތް ތިންމަސް ދުވަސް ތެރޭގައި މާލޭގައި ދުއްވޭނެ ވެހިކަލްތަކުގެ އަދަދު ކަނޑައެޅުން ކަމަށެވެ. އެގޮތުން ވެހިކަލް ލިމިޓް ކަނޑައެޅުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިހާރު ކުރަމުންދާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

"މިހާ ކުޑަކުޑަ ތަނެއްގައި ބޭނުންހާ ވަރަކަށް އުޅަނދުތަކަށް ނޫޅެވޭނެ، މިހާރު މިސާލަކަށް މާލޭގައި އަޅުގަނޑުމެން މިއަދު އެކަން (ވެހިކަލް ލިމިޓް ކަނޑަނާޅަައިފިނަމަ) ނުކޮށްފިނަމަ ކުރިއަށް އޮތް ފަސްއަހަރު ތެރޭގައި އެއްވެސް އުޅަނދަކަށް މިތާގައި ކުރިއަކަށް ނުދެވޭނެ، ހަމަ ހުއްޓާލައިގެން ތިބެންޖެހޭނީ،" މޭޔަރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ، ބޭނުންފުޅުވަނީ މާލެ އަކީ އެންމެންނަށް ހިތް ފަސޭހަކަމާއެކު ދިރިއުޅެވޭނެ ތަނަކަށް ހެދުން ކަމަށެެވެ. އެގޮތުން އަމާޒަކީ މާލެ އަކީ ގިނަ މީހުން ހިނގާފައި އުޅޭ ތަނަކަށް ހެދުމަށްފަހު ތޮއްޖެހިފައި އޮތް އޮތުން ނިމުމަކަށް ގެނައުން ކަމަށް އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގުޅީ ފަޅާއި ގިރާވަރު ފަޅާއި އުތުރު ތިޅަފަޅުން ބިން ހިއްކިގެންދާއިރު އެތަންތަނަށް ބަދަލުވާން މާލޭގައި ދިރިއުޅޭ ގިނަ ބަޔަކު ބޭނުންވާނެ ކަަމަށެވެ. އެހެންކަމުން މިވަގުތަކީ މާލޭ ތޮއްޖެހުން ކުޑަކުރުމަށް އެންމެ ރަނގަޅަށް މަސައްކަތް ކުރެވޭނެ ދަނޑިވަޅު ކަމަށް މޭޔަރު ވިދާޅުވިއެވެ.

"މިހާރު ބިން މި ފުރެނީ ގުޅީ ފަޅާއި ގިރާވަރު ފަޅާއި އުތުރު ތިޅަފަޅު ފުރެން މިއުޅެނީ އެތަން ތަން ފުރިގެންދާ ގަޑީގައި މާލެ ތޮއްޖެހިފައި އޮތް ތޮއްޖެހުން އަޅުގަނޑުމެންނަށް ރިލީފް ކުރެވޭނެ މިގަޑީގައި، އެއީ އެތަންތާގައި ބިން އެބަހުރި އެސިޓީތަކަށް ދިޔުމަށްޓަކައި މީހުން ރިޖެކްޓެއް ނުކުރާނެ, މާލޭގެ މި ކުދިކުދި ގޯތިތަކުގައި ތޮއްޖެހިގެން ހަނިހަނިކޮށް ގޯޅި ތެރޭގައި ތިބޭތިބުން ބަދަލުވާން އެންމެން ބޭނުންވާނެ. މާލެ އަކީ ޕްލޭންކޮށްގެން ހަދާފައި އޮތް ސިޓީއެެއް ނޫން. އުޅެމުން އުޅެމުން ގޮސް ހެދުނު ތަނެއް މީ. އަޅުގަނޑަށް ފެންނަނީ މިގަޑީގައި ހިތްވަރުކޮށްފި ކަމަށް ވާނަމަ މިއީ ވަރަށް ރަނގަޅު ވަގުތެކޭ މާލެ ސިޓީ ތޮއްޖެހުން ކުޑަކުރަން،" މޭޔަރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން