2012 ވަނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން 17 ނޮވެމްބަރު 2018 އާއި ހަމައަށް ނުހައްގުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައި ދިނުމަށް އެކުލަވާލާ އިންތިޤާލީ އިންސާފުގެ ބިލަށް އާއްމުންގެ ފަރާތުން ހިޔާލު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ބިލް މަޖިލީހަށް ހުށައެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދެވެ. މަޖިލީހުގެ އިދާރާއިން ބުނީ ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއާއި ޖުޑީޝަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ސަބް ކޮމިޓީން ދިރާސާކުރަމުން ގެންދާ "އިންތިޤާލީ އިންސާފުގެ ބިލު" އަށް ޢާންމުންގެ ޚިޔާލު ހުށަހެޅުއްވުމުގެ ފުރުޞަތު، މި ބިލާ ގުޅޭގޮތުން ބާއްވާ ޕަބްލިކް ފޯރަމް ބޭއްވުމަށް ނިންމަވާ ތާރީޚުގެ ނިޔަލަށް އިތުރުކުރުމަށް އެ ކޮމިޓީން ނިންމާފައިވާކަމަށެވެ.

މިބިލު ހުށަހެޅުއްވުމުގެ އެންމެ ބޮޑު ބޭނުމަކީ 2012 އިން 2018 އާއި ހަމައަށް، ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ބޮޑެތި ޢަމަލުތައް ބަލައި، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންޞާފު ހޯދައިދިނުމެވެ.

އިންސާފު ޤާއިމްކުރުމަށް އެކުލަވާލާ މިޤާނޫނުގެ ދަށުން ނުހައްގު އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ޤާއިމްކޮށްދިނުމަށް މައްސަލަތައް ހުށައަޅާ ޚާއްސަ އޮފީހެއް ޤާއިމްކުރަންޖެހޭކަމަށް މި ބިލުގައި ބުނެއެވެ. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްމަން އޮފީސް އެކުލެވިގެންދާނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ 3 ބޭފުޅުންގެ މައްޗަށެވެ.

އަނިޔާލިބިފައިވާ ފަރާތްތަކުގެ މައްސަލަތައް ތަހުޤީޤުކޮށް ދައުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވުމުގެ ބާރުވެސް މި އޮފީހަށް ބިލްގައި ދީފައިވެއެވެ. ކުރިން ބަލައި ނިމިފައިވާ މައްސަލަތަކުގެ ތެރެއިން އިންސާފު ނުލިބިވާ މައްސަލައަކާއި ގުޅިގެން އާ ހެއްކެއް ފެނިއްޖެނަމަ އެމައްސަލައެއް އަލުން ބަލާ ތަހުޤީގު ކުރުމުގެ ބާރުވެސް މި ޤާނޫނުގެ ދަށުން އޮމްބަޑްސްމަން އޮފީހަށް ލިބިގެންދާނެއެވެ.

މިބިލުގެ ދަށުން ބަދަލު ނަގައި ދިނުމުގެ ބާރުވެސް އޮމްބަޑްސްމަން އޮފީހަށް ލިބިގެންދެއެވެ. އެގޮތުން އަނިޔާއެއްގެ ސަބަބުން މާލީ ބަދަލު ނަގައިދިނުމާއި، މާލީ ނޫންގޮތަކަށް މީހާއަށް އާމާޒުކޮށް ދެވޭ އަނިޔާގެ ބަދަލު ނަގައިދިނުމުގެ ބާރުވެސް އެ އޮފީހަށް ލިބިދީފައިވެއެވެ. މިބިލުގެ ދަށުން އޮމްބަޑްސްމަން އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ދައުވާ އުފުލަންޖެހޭ ފަރާތްތަކާއި ދޭތެރޭ ދައުވާ އުފުލުމުގެ ބާރުވެސް ޤާނޫނުން އެ އޮފީހަށް ލިބިދޭނެއެވެ.

ރާއްޖޭގައި އަދުލު އިންސާފު ޤާއިމްކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދު ފުޅެކެވެ. ފާއިތުވެދިޔަ އަހަރުތަކުގައި ޚާއްސަކޮށް ނިމިދިޔަ 5 އަހަރުގައި ނުހައްގުން އަނިޔާލިބި އިންސާފު ލިބިފައިނުވާ ފަރާތްތަކަށް އިންސާފު ޤާއިމްކޮށްދެއްވާނެކަމަށް ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސުލް ޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން