މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މާދަމާ ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ތަރުޖަމާނު އިބްރާހިމް ހުދޫ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބު ކުރައްވާނީ، ޤައުމީ ދުވަހުގެ ހެނދުނު 10 ޖަހާއިރު ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކުރައްވާކަމަށެވެ.

ޤައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީއުލް އައްވަލް މަހުގެ 1 ވަނަ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމް ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ.

ޤައުމީ ދުވަސް މިއަހަރު ފާހަގަކުރާއިރު، ކޯވިޑާ ގުޅިގެން ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި ދެއްވަމުން ގެންދަވާ ޤައުމީ އިނާމު، މިއަހަރު ދެއްވުން ވަނީ ފަސްކުރައްވާފައެވެ. ނަމަވެސް ކޯވިޑު-19ގެ ހާލަތު، ޢާންމު ހާލަތަކަށް ބަދަލުވުމުން، ޤައުމީ އިނާމު ދެއްވުމަށް ޚާއްޞަ ޖަލްސާއެއް ބާއްވަވާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. އަދި މި ޖަލްސާ ބާއްވަވާނެ ތާރީޚު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފަހުން އިޢުލާން ކުރައްވާނެކަމަށްވެސް އެއޮފީހުން ވިދާޅުވެއެވެ.

މިއަހަރުގެ ޤައުމީ ދުވަހު ބާއްވަވާ ޚާއްޞަ ޖަލްސާ ނުބޭއްވުމަށް ސަރުކާރުން ނިންމާފައިވުމުން މާލޭގައި އެއްވެސް ހަރަކާތެއް ދުވަހާއި ގުޅިގެން ކުރިއަށް ނުދާނެކަމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުންވެސް ވަނީ ހާމަކުރައްވާފައެވެ. ނަމަވެސް ކޮންމެ އަހަރަކު އުތީމުގައި ބާއްވާ ޖަލްސާ މިއަހަރުވެސް ރަށު ފެންވަރުގައި ބާއްވާނެކަމަށާއި، ނަމަވެސް މާލެއިން އެއްވެސް ވަފުދެއް އެރަށަށް މިއަހަރު ނުދާނެކަމަށްވެސް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން