ކޯލިޝަން ސަރުކާރު ވަރަށް “ސްލޯ” ވެފައި ނަތީޖާ ނުނެރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ ގިނަ ޕާޓީތަކެއް އެކުލެވޭ، ސަރުކާރު ހިންގާ ކޯލިޝަންގެ ތެރޭގައި ހިޔާލުތަފާތުވުންތައް ހުރި ނަމަވެސް، މަޝްވަރާކޮށްގެން އެ ފަދަ މައްސަލަތައް ހައްލުކޮށް ކޯލިޝަން ދެމެހެއްޓޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ވާހަކަފުޅަކާއި ގުޅުވައިގެންނެވެ.

އާދަމް ޝަރީފު އިތުރަށް ވިދާޅުވީ ރައްޔިތުން ތިބީ ބަލިމަޑުކަމާއި ތަދުމަޑު ކަމުގައި ކަމަށާއި ކޯލިޝަން ސަރުކާރަށް ނަތީޖާ ނުނެރެވޭތީ ކަންކަން ބޮއްސުން ލާފައިވާ ކަމަށެވެ.

“ކޯލިޝަން ސަރުކާރު ވަރަށް ސްލޯ، ނަތީޖާ ނުނެރެވޭ. ރައްޔިތުން ބަލިމަޑުކަމާއި ތަދުމަޑުކަމުގައި. ގައުމުގެ ސިޔާދަތު ގެއްލިފައި. ކޯލިޝަން ނުރޫޅި އޮތީ ވެރިކަމަށް އަންނަން ހެދި ގޯސްތައް ފަޅާއަރާނެތީ އާއި ރައީސް ޔާމީން އަށް ނުހައްގުން އަނިޔާ ދޭން. ޖަސްޓިސް ވިލް ޕްރިވެއިލް" އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރު ނިމުމަކަށް އައީ ސެޕްޓެންބަރު 23، 2018 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި އޭރުގެ އިދިކޮޅު ކޯލިޝަނުން ކާމިޔާބު ކުރުމާއި ގުޅިގެންނެވެ. އިންތިހާބަށް އިދިކޮޅުން ނިކުތް ކޯލިޝަންގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާއި މައުމޫން ރިފޯމް މޫވްމަންޓް ހިމެނެ އެވެ.

ނަމަވެސް، ސަރުކާރުގެ ތިންވަނަ އަހަރު މިހާރު ގުނަމުންދާއިރު، އަދާލަތާއި އެމްއާރުއެމްގެ އިތުރުން ޖުމްހޫރީ ޕާޓީއަށް ކެބިނެޓުން ދިން ސްލޮޓުތައް ވަނީ ގެއްލިފަ އެވެ.

އަދި ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްފަހު ކޯލިޝަންގެ ހަތަރު ލީޑަރުން ކަމަށްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ހޮޓެލް ޖެންގައި ރައީސް ސޯލިހާ ބައްދަލު ކުރައްވައި، ސަރުކާރަށް ލަފާ އެރުވުމާއި ގުޅިގެން ކުރިއަށް ދިޔުމަށް ކޮންމެ މަހަކު އެއް ފަހަރު ހުރިހާ ލީޑަރުން އެކުގައި ބައްދަލުވުމެއް ބާއްވަން ނިންމެވި އެވެ.

ނަމަވެސް، އޭގެ ފަހުން އެފަދަ ބައްދަލުވުމެއް ބާއްވާފައިނުވާއިރު، ކޯލިޝަން ރޫޅާލުމަށް އެމްޑީޕީގެ ތެރެއިން ރައީސަށް ކުރިމަތިވެފައިވާ ޕްރެޝަރު ވަނީ އިތުރުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން