ޞާދިރު ޢަލީދީދީ   28 ޖެނުއަރީ 2021 - 12:47
ވޭނީކަރުނަ
ވޭނީކަރުނަ
36 ވަނަ ބައި

..................

ޖައްޔިދާމެންނަކީ، އެންމެ ފުރަތަމަ މިތަން ކުއްޔަށްހިފި މީހުންނެވެ.... އަހަންނަށް ހީވާގޮތުން ޖައްޔިދާއާއި ގެއިން ބައްދަލުނުވަނީ އަބަދު ބޭރުގައި އުޅޭތީއެވެ. ތިޔައީ ހިނގުމަށް އެހާފޯރި ހުންނަ މީހެއްކަން އަހަރެން ދަންނަމެވެ.]

[އެހެން ނޫނަސް އަހަރެމެން ތިބޭބައިގެ ދޮރާށި ހުންނަނީ އަނެއް ފަރާތުގައެވެ. ތިޔަބުނީ ހަމަ ތެދެކެވެ. އަހަރެމެން ދެމީހުންނަކީވެސް ބުރުއެޅުމަށް އެހާފޯރި ހުންނަ ދެމީހުންނެވެ. ކުޑަ ކުއްޖަކުވެސް އަހަރެމެންގެ ނެތެވެ.] އޭނާ މޮޅިވެފައި ބުންޏެވެ.

ޖަވާބުގައި ބުނާނީ ކީކޭކަމެއް ރަމްލާގެ ސިކުނޑިއަކަށް ނައެވެ. ޖައްޔިދާ ބުންޏެވެ.

[އަންނާށެވެ. އަހަރެންގެ ފިރިމީހާއާއި ބައްދަލު ކުރުވާނަމެވެ. އެނާ މިތާ ބޭރުގައި ވެއްޖެއެވެ.]

ޖައްޔިދާ ބިލް އަދާކުރިއެވެ. ދެން ސާމާނުކޮތަޅުތައް ހިފައިގެން ދެމީހުން ބޭރަށް އަތުވެއްޖެއެވެ. ޖައްޔިދާ ފެނުމާއިއެކު އެއްކަލަމީހާ ކާރުން ފައިބައިފިއެވެ.

އެވަގުތު ރަމްލާގެހިތަށް ކަށްޓެއް ހެރުނު ކަހަލައެވެ. އަދި އޭނާގެ މޫނުމައްޗަށް ރީނދޫކުލައެއް ވެރިވެއްޖެއެވެ.. އޭނާ ހަމަޖެހިލިއެވެ. އަދި ހިތުގެ މައްޗަށް ގަދަވެގަތެވެ.

[މިއީ........ މިއީ..... މިއީ.... އަހަރެންގެ ފިރިމީހާއެވެ..... ފިރިމީހާއެވެ.... ފިރިމީހާއެވެ.

މަގުމަތީގައިވާ ހިރަފުސްތައް އުދުހި އުދުހިފައި އޭނާއަށް މަލާމާތްކުރަން ފެށިއެވެ. ކަލެއަކީ މީހެއްގެ އަންބެކެވެ. އަދި އެއީ މީހެއްގެ ފިރިއެކެވެ. މިދުނިޔޭގައި ކަންތައް ވަމުންދާ ގޮތަކީ މިއީއެވެ.

ރަމްލާ މޫނު މައްޗަށް ގަދަކަމުން އުފާވެރިކަން ގެންނަމުން އޭނާއާއި ސަލާން ކޮށްލިއެވެ.

ޔާދިރުއެވެ. މިވީ އަހަރެންގެ ޅަދުވަހުގެ ރަޙްމަތްތެރިޔާއެވެ. ރަމްލާއެވެ.

ޔާދިރު....... ޔާދިރު..... ޔާދިރު.......

ޔާދިރު ވަރަށް އުފާވެރިގޮތަކަށް ރަމްލާގެ އަތުގައި ހިފާ ސަލާން ކޮށްލިއެވެ. އެއަތުގައި އެވަގުތުވެސް ވިލާތުގެ ސުއްޓާއެއް އޮތެވެ. އޭނާ ހިނިތުން ވެލިއެވެ. ހީވީ ކޮންމެވެސް މީހަކު އަންނާރެއް ފަޅާލި ހެންނެވެ. ދެން އޭނާ ބުންޏެވެ.

[ދެންމެއަކު އަހަރެން އުޅުނީ ރަމްލާގެ ގައިގާ އަލިފާން ޖަހަންވެގެންނެވެ.]

[ޔާދިރުއެވެ. ތިޔަ އަލިފާންޖަހާ ކުޅިގަނޑު ދެން ހުއްޓަވާ ލައްވާށެވެ.]

ޔާދިރު، ޖައްޔިދާގެ އަތުން ކޮތަޅުތައް އަތުލައިފިއެވެ. އަދި ޑިކީ ހުޅުވާލާފައި ބަހައްޓާލިއެވެ. ދެން އަނެއްކާވެސް އެނބުރި އައިސް ހަމަ އެފަރުވާކުޑަ ރާގުގައި ބުންޏެވެ.

[މިއީ ވަރަށް ރައްކާތެރި އަންހެން ކުއްޖަކު ކަމުގައި ފެނެއެވެ. އޭނާ ތިމާގެ ފަސްބައިގާ އަލިފާން ޖެހުނަކަ ނުދިނެވެ.]

ހިތް.... ހިތް.... ހިތުގައި ރޯވި އަލިފާން ފަސްބައި ސަލާމަތް ކުރީއެވެ.

ރަމްލާ އިސްޖަހާލިއެވެ.

ޔާދިރު މަޖާވެފައި އަލިފާންދަނޑި އެއްލުމުން ރަމްލާގާތަށް ރުޅިއައި ވާހަކަ ކިޔައިދޭން ފަށައިފިއެވެ.

[ކަޅިއަޅައިގެންފައި އެތެރެއަށް ވަދެގެން ދިޔަގޮތުން އަހަރެން ހީކުރީ މަންމަނެއް ކަމަށެވެ. އެހެން ނޫނަސް މަންމަނެއް ކަމުގައި މީސްތަކުން ލޯމައްޗަށް ދައްކައިގެން އުޅުމަކީ މިޒަމާނުގެ އަންހެން ކުދިންގެ ފެޝަނެކެވެ.]

[ޔާދިރުއެވެ..... ކަލާ އަނެއްކާވެސް އަންހެން ކުދިން ރުޅިއަރުވަން ފެއްޓެވީތޯއެވެ.]

[މިކުދިން އަނގައިން ބުނާނީ ކޮންމެވެސް ބަހަނާއެއް ދައްކައިގެންނެވެ. އަހަންނަކަށް އޭނާގެ އަޑެއް ނުއިވެއެވެ...]

[ރަމްލާއެވެ...] ޖައްޔިދާ އަތް އުފުލާލަމުން ބުންޏެވެ. ]އިރާދަކުރެއްވިއްޔާ މިއަދު ހަވީރު ބައްދަލު ކުރާނަމެވެ. ފިރިމީހާއާއި ދަރިފުޅު ދެކެލުމަށް އަހަރެމެން ދާނަމެވެ.]

އެވަގުތު ރަމްލާ އިސްއުފުލާ ބަލާލިއެވެ. ޔާދިރުގެ މޫނުމަތިން ހިޔަންޏެއް ހުރަސް ކޮށްލިހެން ހީވިއެވެ. ހަމަ މިކަހަލަ ހިޔަންޏެއް ރަމްލާގެ މޫނުމަތިންވެސް ހުރަސް ކުރިއެވެ. މިހިތްތަކުގެ ހިޔަނިތައް މޫނު މައްޗަށް އަންނަނީ ކީއްވެގެން ހެއްޔެވެ؟

ރަމްލާ އަވަސް ފިޔަވަޅު އަޅަމުން ގެއަށް ހިނގައްޖެއެވެ... ގެއަށް ވަންއިރު މަޢޫޒު ރޮމުން ރޮމުންގޮސް މުޅިގެ އެފުށް މިފުށަށް ޖަހައިފިއެވެ..... ރަމްލާ ހަނދާން ނެތުނީއެވެ.... އޭނާ ބޭރަށް ދިޔައީ މަޢޫޒް ނިންދަވާފައެވެ.

ދަރިފުޅުގެ މަތިން ހަނދާން ނެތުމަކީ މަންމައެއްގެ ތަބީޢަތުގައިވާ ކަމެއްނޫނެވެ. އެންމެފަހު ނޭވާގައިވެސް ދަރިފުޅު މައްޗަކުން ހަނދާނެއް ނުނެތޭނެއެވެ. އާދެ އެކަމަކު، މަގުއޮޅިގެން ދާހިނދު ދަރިފުޅުގެ މަތިން ހަނދާން ނެތިދެއެވެ.

ރަމްލާ މޭޒުމަތީގައި ކޮތަޅު ބަހައްޓާފައި ގޮސް މަޢޫޒް އުރައިފިއެވެ.

މިކުޑަކުޑަ ފުރާނަ ރޮއިރޮއި ހަލާކުވަނީއެވެ. އަތާއި ތުންފަތް ނޫކުލައަށް ބަދަލުވަނީއެވެ. އަދި މުޅި ހަށިގަނޑު ރަތްވެއްޖެއެވެ.

[މަންމާއެވެ. މީނާއަށް ކިހިނެތްވީތޯއެވެ؟]

ރަމްލާ ކަންބޮޑުވެފައި މަންމައަށް ބަލާލިއެވެ.

[އެއްވެސްކަމެއް ނުވެއެވެ. ހަމަހޭލައިގެން ރުއީއެވެ. ރަމްލާގެ ވަސްޖެހުމުން އޭނާ ހުއްޓާލާނެއެވެ. އޭނާ ލޮއްސައިގެން ބުއްދޭށެވެ. ފުރަތަމަ ފަހަރަށް ބޭރަށް ދެވުނީމާ ވީގޮތެކެވެ. ކުދިންނަކީ ވަރަށް އިޙްސާސްގަދަ ބަޔެކެވެ. ހުރިހާކަމެއް އެނގޭނެއެވެ.]

ރަމްލާ މޮޔައެއް ފަދައިން މަޢޫޒު މޭގައި ޖައްސާވިއެވެ. ލޯބިކުރަން ފެށިއެވެ. ގޮތްގޮތަށް ތަޅުވަން ފެށިއެވެ. އެންމެފަހުން މަޑުމަޑުން ކުއްޖާގެ ކުލަ ބަދަލުވާން ފަށައިފިއެވެ.

[ރަމްލާ ދިއުމާއެކު ހޭލީއެވެ. ފަރަތަމަ ރީތިކޮށް ކުޅެން އޮތެވެ. އަހަރެން ފުޅިއަށްއަޅާފައި ފެންވެސް ދިނީމެވެ. ދެން ވީގޮތެއް ނޭގުނެވެ. ހަމަ ކުއްލިއަކަށް ރޯންފެށީއެވެ. އަހަރެން ހުރީ ހާސްވެފައެވެ.]

ރަމްލާ މަޢޫޒު ގޮވައިގެން ކޮޓަރިއަށް އަތުވެއްޖެއެވެ. އޭނާއަށް ލަސްވެވުނުކަމުގެ މައްޗަށް ދެރަވެއްޖެއެވެ.

މިހާ ކުޑަކުދިންވެސް މިހާވަރަށް ތެޅިފޮޅެއެވެ. ރަމްލާގެ ހިތަށް އެރިއެވެ.

އެނދުގައި އިށީނުމާއިއެކު އޭނާ އުނގުމަތީގައި ދަރިފުޅު ބޭއްވިއެވެ. އަދި ހަމަ އުނގުމަތީގައި ބޭއްވުމާއެކު މާޢޫޒް ވާތް ފަރާތަށް މޫނު އަނބުރާލިއެވެ. އެކުޑަ ކުއްޖާގެ ނޭފަތުގައި މަންމަގެ ސާފު ކިރުގެވެސް ޖެހިއްޖެއެވެ. ހަމައެއާއިއެކު ރަމްލާގެ މޭމަތިން ގަމީސް ތެމިގެން ދިޔަތަން އޭނާ ދުށްޓެވެ.

މިއީ ކޮންގުޅުމެއް ހެއްޔެވެ؟

ރަމްލާ ހިތުން ވިސްނާލިއެވެ.

ކުޑަކުއްޖާ ބަނޑުހައިވެ ކާނާއަށް ބޭނުންވާހިނދު މަންމަގެ މޭމައްޗަށް ކިރުއަންނަން ފަށައެވެ. ކުއްޖާ ކިރަށްއެދި ރޯންފެށުމުން މަންމަގެ މޭމަތި ތެމިފޯވެއެވެ. މިއީ ސައިންސްއާއި ގުޅޭކަމެއް ނޫނެވެ. މިއީ ކަލާނގެ ޤުދުރަތްތެރި ކަމެވެ.... ކުޑަކުއްޖާއަށް ކަލާނގެ ދެއްވާ ބުއިމެވެ.

މާތްރަސްކަލާނގެ ޤުދުރަތްތެރިކަން ދެނެގަންނަން މިވަރު ނުފުދޭ ހެއްޔެވެ؟

މަޢޫޒަށް ކިރުދިނުމުން ރަމްލާއަށް އަޖައިބެއްފަދަ ހަމަޖެހުމެއް އިޙްސާސް ކުރެވެން ފަށައިފިއެވެ. މިވަގުތު މުޅި ކާއިނާތުވަނީ އޭނާގެ މަރާލެވިފައިވާ ލޮލުގެ އެތެރޭގައެވެ.

ކުއްޖާގެ މޫނު މަތީގައި ހުރީ ހިތްހަމަޖެހުމުގެ ނޫރެވެ.

މިވަގުތު އެކުއްޖާ އެއޮތީ އޭނާއަށްޓަކާ އެންމެ އަގުބޮޑު ތަޚްތުގައެވެ.

އޭނާއަކީ މިދުނިޔޭގައިވާ އެންމެ ޢިއްޒަތްތެރި އިންސާނާއެވެ.

މަންމަގެ މިފަގީރު އުނގަކީ، އޭނާގެ އެންމެ އަގުހުރި ޚަޒާނާއެވެ.

ރަމްލާގެ ލޮލުން ކަރުނަ އަތުވެއްޖެއެވެ.

އޭނާ، މަޢޫޒުގެ މުށްކަވާ ލެވިފައިވާ ތުއްތުއަތުގައި ހިފާފައި ތުންފަތުގައި ޖައްސާލިއެވެ.

މަޢޫޒުއެވެ.... އަހަރެންގެ ދަރިފުޅާއެވެ.... މިދުނިޔެއަކީ ވަރަށްމުޑުދާރު ތަނެކެވެ..... މަންމަ ސަލާމަތްކޮށްދޭށެވެ.

މިތުންފަތުގެ ޤުރުބާނީ.... މަންމަގެ ހަށިގަނޑުގައިވާ ހިތާމަތައް ހޮވާލާށެވެ.... ރަމްލާ އޭނާގެ އާދައިގެ މަތިން ރޯންފަށައިފިއެވެ.

މައިވަންތަކަމަކީ ކޮން އެއްޗެއްކަން އޭނާއަށް، އެނގޭނީ ކިހިނެތް ހެއްޔެވެ؟ މިކަން އޭނާއަށް އެނގުނީ މަޢޫޒު ފުރަތަމަ ފަހަރަށް މަންމަގެ ގާތުން ކިރުބުއި ދުވަހުއެވެ. މި މަރްޙަލާއާއި ހަމައަށް އޭނާއަށް އާދެވުނީ މައިދައިތަގެ ސަބަބުންނެވެ.

އޭނާކުރީގައި ގަސްދުކޮށްފައި އޮތީ، ދަރިފުޅަށް ގާތުން ކިރުދިނުމަކަށް ނޫނެވެ.... އެހެން ނަމަވެސް އެއްދުވަހަކު ހަސްފަތާލުގައި މައިދައިތަ އޮތީ ރަނގަޅަށް ތަޤްރީރު ދީފައެވެ. ދަރިފުޅަށް މަންމަގާތުން ކިރުދިނުމާ ބެހޭގޮތުންނެވެ.

[ދަރިފުޅާއެވެ. ތިޔަ އުނދަގުލަކީ ހަމަ ކުޑަދުވަސްކުޅެއްގެ ކަމެކެވެ. މަޑުމަޑުންގޮސް ކުއްޖާ އެކަމަށް ހޭނިދާނެއެވެ. ކުއްޖާއަށް ކިރުދިނުމުން ދަރިފުޅަށް ހަމަޖެހުން ލިބެން ފަށާފާނެއެވެ. ދަރިފުޅާއެވެ. ތިޔައީ ކުޑަ ދަރިފުޅަށްޓަކާ ޤުދުރަތުން ދެއްވާފައިވާ ޚަޒާނާއެވެ. އެއާއިމެދު ޤަދަރު ކުޑަކުރާކަށް ނުވާނެވެ. ކުއްޖާ މި މަޙްރޫމް ކޮށްލެވެނީ ކޮންފަދަ އެއްޗަކުންކަމެއް މިހާރުގެ މޮޑަން މައިންނަކަށް ނޭނގެއެވެ. މިހާރަކަށް އައިސް މަންމައާއި ދަރިންނާއި ދެމެދު ގުޅުން ނުހުންނަނީ އެހެންވެގެންނެވެ. ކުދިން ބޮޑުވެ ތަޞައްރަފު ފުދުމާއިއެކު ވަކިވަކިވެ ގަނެއެވެ. އަހަރެންގެ ބަސް އަހާށެވެ.... ދަރިފުޅު މަންމަގެ ކިރު ބޯކަމުގައިވާނަމަ ހާސްބަލާއިން ސަލާމަތް ވާނެއެވެ. ފަހަރެއްގައިވެސް ބަނޑު ގޯހެއްނުވާނެއެވެ. މައިމީގެ ކިރަކީ ބަރަކާތްތެރި އެއްޗެކެވެ. އަހަރެންގެ ބަސް ޤަބޫލުކުރާށެވެ... ފަހުން ހިތާމަކުރުމުގެ އެއްވެސް ފައިދާއެއްނެތެވެ. މާތްރަސްކަލާނގެ ދެއްވި ނިޢުމަތުން ކުއްޖާ މަޙްރޫމް ނުކުރާށެވެ.

ރަމްލާ ރޮމުން ވިސްނިއެވެ. މައިދައިތަ އެބުނީ ކިހާ ރަނގަޅު ވާހަކައެއް ހެއްޔެވެ. ކުއްޖާއަށް ކިރުދިނުމުން އޭނާއަށް ކިހާބޮޑު ހަމަޖެހުމެއް ލިބޭ ހެއްޔެވެ. އޭނާއަށް ދުނިޔޭގައިވާ އެންމެއުސް މުންނާރުތަކުގެ މައްޗަށް ދެވެއެވެ.

ދުނިޔޭގައި މިއަށްވުރެބޮޑު ނިޢުމަތެއްނެތީ ކަންނޭގެއެވެ.

ރަމްލާ ކަރުނަ ފޮހެލިއެވެ.... ޚިޔާލީ ދުނިޔެއިން ނުކުމެފައި އޭނާ މަޢޫޒުގެ މޫނަށް ބަލާލިއިރު އޭނާ އޮތީ ނިދާފައެވެ.... ކިރުދޭން ފެށުމުން ކިހާ އަވަހަަށް ކުދިން ނިދާ ހެއްޔެވެ؟

އޭނާ ދަރިފުޅަށް ލޯބިން ބަލާލާފައި ވިސްނާލިއެވެ. މަންމަގެ ހިތްނުފުރުނު ކަމުގައިވިޔަސް ދަރިފުޅު ފުން ނިދީގައި ނިދާލައެވެ. އެދަރިފުޅު އުނގުގައި، ބޭއްވުމުން މުޅި ދުނިޔޭގެ މަތިން އޭނާ ހަނދާން ނެތުނީއެވެ. އޭނާ މަޑުމަޑުން މަޢޫޒުނަގާ އެނދުގައި ބާއްވައިފިއެވެ. އޭނާގެ ތުންފަތުގައި ހުދުކިރުތިކެއް ހުއްޓެވެ. ރަމްލާއަށް އެތިކި ފެނުނީ ސާފު ހަނދުގެ ސިފައިގައެވެ. މިއީ އެކުއްޖާގެ ލޭގައިވާ ދެވަނަ ކުލަ ކަހަލައެވެ. ރަމްލާ މަލްމަލް ފޮތީގެ ރުމާނަގާފައި އެކިރުތިކި ފޮހެލިއެވެ. މަޑުމަޑުންނެވެ. ލޯތްބާ އެކުގައެވެ.... މަޢޫޒު ކުޑަކޮށް އަތްފައި ތަޅުވާލިއެވެ. ދެން ނިދައިފިއެވެ.

ރަމްލާ އައިސް އެނދުގައި އޮށޯވެއްޖެއެވެ. މުޅިން ސީދަލަށެވެ. ދެން ދެލޯމަރާލިއެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން