ޞާދިރު ޢަލީދީދީ   18 ފެބްރުއަރީ 2021 - 15:1
ވޭނީކަރުނަ
ވޭނީކަރުނަ
48 ވަނަ ބައި

..................

[ތިޔައިގެ ޖަވާބުގައި އަހަންނަށް ބުނެވޭނީ އެންމެ އެއްޗެކެވެ. މާތްރަސްކަލާނގެ ޖައްޔިދާއަށް އަވަސް ފުރުޞަތެއްގައި ދަރިއަކު ދެއްވާށިއެވެ. އަދި އޭގެ ސަބަބުން ޖައްޔިދާއަށް ހުރިހާ ޖަވާބެއް ލިބުމަށް އަހަރެން އެދެމެވެ.]

[ތިޔަ ކަހަލަ އެކަށީގެންނުވާ ދުޢާކުރާކަށް ނުވާނެއެވެ.] ޖައްޔިދާ ދިގު ނޭވާއެއް ދޫކޮށްލަމުން ބުންޏެވެ.

[ޖައްޔިދާ މިގެއަށް އައިދުވަހު އަހަރެންގެ މައިދައިތަ ބުނީ ކީކޭ ހެއްޔެވެ. ހިތްމަރުވާ ފާޑުގެ ވާހަކަތައް ދުލުން ބޭރުނުކުރާށޭ ބުންޏެއް ނޫން ހެއްޔެވެ؟] މިހެން ބުނަމުން ބޭއިޚްތިޔާރުގައި ރަމްލާ އެނބުރިލާފައި ފަހަތަށް ބަލާލިއެވެ. މަންމަ ހަމަކައިރީގައި ޖައްސާފައި ހުއްޓެވެ.

[ޙަޤީޤަތުގައިވެސް ރަމްލާގެ މައިދައިތައަކީ، ވަރަށް ރަނގަޅު އަންހެނެކެވެ. އެދުވަހު އޭނާއާ ބައްދަލުވުމުން އަހަރެން ވަރަށްބޮޑަށް އުފާވިއެވެ.]

[މަންމަވެސް ޖައްޔިދާގެ މަތިން ވަރަށް ހަނދާން ކުރެއެވެ. އެކަމަކު ޖައްޔިދާ ހަނދާނެއް ނުކުރެއެވެ.]

އަހަރެންގެ ވާހަކަނުދައްކާށެވެ. ރޭގަނޑު ވަރުބަލިކަމާއެކު ނިދާފައި ހެދުނު ހޭލެވޭއިރުވެސް ހީވަނީ ލޯމެރިފައި ހުންނަ ހެންނެވެ. މިއަދުވެސް އަދި މިތެދުވީއެވެ.]

[ކޮން ޙާލެއް ހެއްޔެވެ؟]

[ތަކުރާރުކޮށް ބުނާނީ ކީކޭ ހެއްޔެވެ؟] ރަމްލާ ބުންޏެވެ.

[ފިރިމީހާގެ ޙާލު ކިހިނެތް ހެއްޔެވެ؟]

ރަމްލާގެ ހިތް އަޖައިބު ގޮތަކަށް ތެޅެން ފަށައިފިއެވެ. އޭނާގެ ހަވަނަ ޙިއްސު ބުންޏެވެ.... ތިޔަ އަންހެންމީހާ ކަލެޔަށް ބޮނޑިއެއް ދީފާނެއެވެ..... ކަލެޔާ ދިމާއަށް ތީރެއް އެއްލަފާނެއެވެ. އެގޮތުން އޭނާގެ ހިތަށް ހަމަޖެހުމެއް ލިބިދާނެއެވެ.

[އޭނާގެ ޙާލުވެސް ރަނގަޅެވެ.] ރަމްލާ މޯޅިއަޑަކުން ބުންޏެވެ.

ޖަވާބުގައި ޖައްޔިދާ އެކައްޗެކޭވެސް ނުބުނެއެވެ. އިރުކޮޅަކު ހިމޭނުން ހުއްޓެވެ. ދެން އަނެއްކާވެސް ކުޑަކޮށް އަޑަށް ބަދަލުގެންނަމުން ބުންޏެވެ.

[އިންސާނާއެވެ. ޔާދިރު ހާދަވަރަކަށް ރަމްލާއަށް ތަޢުރީފު ކުރެއެވެ.....]

ޔާދިރު..... ޔާދިރު..... ޔާދިރު

ޓެލެފޯނުގެ ހުރިހާ ނަރުތައް ގުޅުމައިގަތެވެ.

ދުޝްމަން..... ދުޝްމަން...... ދުޝްމަން....... އަހަރެންގެ ހިތުގެ.... އަހަރެންގެ ހަމަޖެހުމުގެ...... އަހަރެންގެ ގޭގެ....!

މިއީ ފޯނުގެ އަތްގަނޑު ތެރޭގައި ނިދާފައިވާ އަޑު ތަކެކެވެ. ނުވަތަ އެއީ އޭނާގެ ހިތުގެ އަޑެވެ.

ރަމްލާ އެއްވެސް ޖަވާބެއް ނުދެއެވެ.

[ނިކަން މިގެއަށް އައިސް އަމިއްލަ ލޮލުން ދެކެބަލާށެވެ. ރަމްލާ އަހަރެންގެ ފިރިމީހާއަށް ތިޔަޖެއްސީ ކޮންފަދަ ޙާލެއް ހެއްޔެވެ؟]

މީގެ ޖަވާބުގައި ބުނާނެ އެއްޗެއް އެބައޮތް ހެއްޔެވެ. އޭނާ ބުނާނެ އެއްޗެއް ނޭގިފައި ހުއްޓެވެ.

[ޔާދިރު ބުނަނީ އޭނާގެ ޙަޔާތުގައި އޭނާއަށް ފެނުނީ އެންމެ އަންހެނަކު ކަމުގައެވެ. އެއީ ރަމްލާއެވެ.... ކުރީގައި އެފެންނަ ތޫނުފިލި މޫނު މިހާރަކު އެއްގޮތަކަށްވެސް ނުފެނެއެވެ. ހެލިފެލިވާ ވަގުތުވެސް މިހާރު އަބަދުމެ ދައްކަނީ ރަމްލާގެ ވާހަކައެވެ. މިހާރު އަހަރެންގެ ހިތުގައި ރަމްލާއާމެދު ޙަސަދަ އުފެދެން ފަށައިފިއެވެ.]

[ވިޔާނުދާ ވާހަކަ ނުދައްކާށެވެ.] ރަމްލާ ކުރެހިފައިވާ އަޑަކުން ބުންޏެވެ.

[އަހަރެމެން ދެމީހުންވެސް ރަމްލާގެ މަތިން ހަނދާން ކުރަމެވެ. އެކަމަކު އެންމެ ކުޑަމިނުން ފޯނުކޮށްލަންވެސް ރަމްލާއަކަށް ނުކެރެއެވެ.]

[މަސައްކަތް ހުންނަގޮތުން ފޯނު ނުކުރެވެނީއޭ ބުނެފީމެއް ނޫން ހެއްޔެވެ؟]

[އެދުވަހުގެ ފަހުން މިހިސާބަށްވެސް ކަލޭމެން ނާންނަނީ ކަންނޭގެއެވެ.] ޖައްޔިދާ ބުންޏެވެ.

[އެއްދުވަހަކު އަހަންނާ މުޢާޒު ޖައްސާލީމެވެ. ހަމަ ކުޑަކުޑަ އިރުކޮޅަކަށެވެ.]

[އެދުވަހު އަހަރެމެންގެ ގެއަށްވެސް ވަދެލިނަމަ ކިހާ ރަނގަޅު ހެއްޔެވެ. ކޮންމެވެސް ދުވަހަކުން މުޢާޒު ގޮވައިގެން އައިސް ބަލާށެވެ.]

[އާއެކެވެ. ދާނަމެވެ.....] ރަމްލާ އަނެއްކާވެސް ޔަޤީން ކަމާއެކު ޖަވާބުދިނެވެ.

]ބުނަން ހެއްޔެވެ......] ޖައްޔިދާ ވައިއަޑުން ބުންޏެވެ.

[ޔާދިރު ދުރުވެއްޖެއެވެ. ވާހަކަ ދައްކާލާށެވެ. އަމެވެ. ވާހަކަ ދައްކާލާށެވެ.....]

ރަމްލާ އެކަމަށް އިންކާރުކޮށް ނުވަތަ ދެކޮޅުހެދުމުގެ ކުރިން ޖައްޔިދާ މިހެންބުނެފައި ޔާދިރު އަތަށް ފޯނު އަތްގަނޑު ދީފިއެވެ.

[ޔާދިރުއެވެ. ރަމްލާއާ ވާހަކަ ދައްކަވާށެވެ. ޚަބަރު އައްސަވާލާށެވެ..... އަޅުގަނޑު މިދަނީ ބަދިގެއަށެވެ....]

ޔާދިރު އަތްގަނޑުގައި ހިފައިފިއެވެ. އެކަމަކު އެއްވެސްއަޑެއް ނާދެއެވެ. އަދި ކަންފަތަށް އަޑުނުލިބި އުޅެނިކޮށް ރަމްލާގެ ހިތުގެ ވިންދު އަވަސްވާން ފަށައިފިއެވެ. ހަށިގަނޑުގައިވާ ހުރިހާ ލެޔެއް މޫނުމައްޗަށް ޖަމާވެއްޖެއެވެ. އަދި މުޅި ހަށިގަނޑުގައި މަޑުމަޑު ތުރުތުރެއް އުފެދެން ފަށައިފިއެވެ.

[ރަމްލާއެވެ.....]

ޔާދިރު އޭނާގެ ބަރުއަޑުން މަޑުމަޑުން ރަމްލާއަށް ގޮވާލިއެވެ. ހޭނެތިފައިވާ ބަލިމީހަކަށް ހޭވެރިކަން ލިބުނު ފަދައިންނެވެ.

ރަމްލާ އަނެއްކާވެސް އެނބުރިލާފައި ފަހަތަށް ބަލާލިއެވެ. މިހާރު މަންމަ ހިނގައްޖެއެވެ. އެހެން ނަމަވެސް ގޭގެ ހުރިހާ ފާރުތަކާއި ދޮރުތައް ލޯދިއްކޮށްގެން ތިބިކަމުގައި އޭނާއަށް އިޙްސާސް ކުރެވުނެވެ. އަދި އޭނާގެ ވާހަކައަށް އެތަކެތި ކަންފަތް ދިއްކޮށްގެން ތިބިކަމުގާ ހީކުރެވުނެވެ.

[ރަމްލާއެވެ.......]

ޔާދިރުގެ އަޑު ދެވަނަ ފަހަރަށް އަތުވެއްޖެއެވެ.

[ރަމްލާގެ ރީތިކަމާ އެއްވަރަށް ހިތްވެސް ހަރުކަށި ކަމުގައި ހީވެއެވެ.]

ސުއްޓާގެ ދުންތައް ފޯނުގެ އަތްގަނޑުންލާފައި އައިސް އޭނާގެ ކަރުތެރެއަށް އަރައިގެން ދަނީކަމުގައި ހީކުރެވުނެވެ..... ވަށައިގެންވަނީ ދުމެވެ..... އޭނާއަށް އެއްވެސް ތަނެއް ނުފެނެއެވެ..... އޭނާ އެއްޗެކޭ ބުނުމުގެ ބަދަލުގައި..... އިރުއިރުކޮޅާ ވަށައިގެން ހޯދާ ބަލާލައެވެ..... އޭނާގެ ކޮޓަރިއާ ދިމާއަށެވެ..... ބޭރު ބޮޑު ދޮރާ ދިމާއަށެވެ......

[ރަމްލާއެވެ.....]

ޔާދިރުގެ ތިންވަނަ އަޑު ފޮނިވެފައި ލޯތްބެވެ. އެއާއެކު އޭނާގެ ހުރިހާ ވަޢުދަކާއި ގަސްތެއް ވަޔަށްވެގެން ހިނގައްޖެއެވެ. އޭނާގެ އެތެރެހަށީގައިވާ އަލިފާންގަނޑު އަނެއްކާވެސް ހުޅުފަޅައިފިއެވެ... އަނެއްކާވެސް ޠޫފާން އުފެދިއްޖެއެވެ. ބޮޑެތި ގަސްތައް މުލުން ލުހިގެން އަންނަން ފަށައިފިއެވެ.

ވޭތުވެދިޔަ ފަނަރަ ވަރަކަށް ދުވަހު އޭނާ އުޅުނީ ކިހާ ހަމަޖެހިގެން ހެއްޔެވެ. އޭނާއަށް ކެތްކުރެވިއްޖެ ކަމުގާ އަމިއްލަ ހިތަށް ޤަބޫލުކުރެވުނެވެ. އޭނާ އަމިއްލަ ހިތްމައިތިރި ކުރިއެވެ.... އެހިތުގެ ސިއްރު ދެނެގަތެވެ..... އެކަމަކު މިއީ ހަމަކުރީގެ ހިތެވެ.

އެއަނިޔާވެރިޔާގެ އަޑު ހެއްޔެވެ..... ނުވަތަ .......

މަރުވެފައިވާ ހުރިހާ އުއްމީދުތަކެއް ފާޅުވެއްޖެއެވެ... ތައްޔާރުވެއްޖެއެވެ..... މިއަދާހަމައަށް އޭނާގެ ހަނދާނުގައި އޭނާއަށްޓަކައި ދިރިހުރި އިންސާނަކު ފަދައިންނެއެވެ..... އޭނާއަށްޓަކައި މަރުދެމުން އައި މީހެއް ފަދައިންނެވެ.

ލޯބީގެ މަސްތުން ފުރިފައިވާ ލޯ، އަދި ލޯބީގެ ދިލައިން އަނދާ އަޅިއަށްވަމުންދާ ތުންފަތް، އަސަރުގަދަ މޫނަކައިގެން އޭނާގެ ކުރިމައްޗަށް އަތުވެއްޖެއެވެ. ފޯނުގައި ހިފަހައްޓާފައިވާ އޭނާގެ އަތް ތުރުތުރު އަޅަން ފަށައިފިއެވެ. އާދެ ރަމްލާގެ ޙާލަކީވެސް މިއެވެ.

[އަހަރެން ރަމްލާއަށް އިންތިޒާރު ކުރާތާ ކިތަންމެ ދުވަހެކެވެ.... ނައީ ކީއްވެގެން ހެއްޔެވެ..... ބީރައްޓެހި ނުރައްޓެހި ވައިރޯޅިއެއް ފަދައިން އަންނާށެވެ.... އަންނަގޮތަށް އައިސް އަހަންނަށް އަތުނުޖެހޭ ގޮތަށް އަހަރެންގެ ކައިރިން ލައިގެން.... އެކަމަކު އަތުވެއްޖިއްޔާ..... އަހަރެންދެކެ ރުޅިއަޔަސް އެހެން މީހުންނަށްޓަކައި އައިސްދޭށެވެ..... އަންނާށެވެ.... އަންނާށެވެ.....]

ރަމްލާގެ ލޮލުގައި އަނެއްކާވެސް ހިތި ކަރުނަ އުފެދެން ފަށައިފިއެވެ. ހިތާމައިގެ ކޯރުގައި ފުރިފައިވާ ފެން ބަނޑުން ވެއްޖެއެވެ. އޭނާގެ ދަތްތަކުން ތިރީ ތުންފަތުގާ ދަތްއެޅިއެވެ. ދެން މުޅި ގޭތެރެއަށް ކެތްމަދު ނަޒަރަކުން ބަލާލިއެވެ. މަންމަގެ އަޑު ބަދިގޭން އިވެއެވެ..... އޭނާ ކޮންމެވެސް އެއްޗެއް ބުނީއެވެ..... އެކަމަކު އެބުނީ ކީކޭ ހެއްޔެވެ؟

[ރަމްލާއެވެ. ކޮންމެވެސް އެއްޗެކޭ ބުނެބަލާށެވެ... ރަމްލާގެ ރީތިއަޑު އަހަންނަށް އިއްވާލަ ދީބަލާށެވެ.... އެފޮނި އަޑެވެ. އެއަޑާމެދު ރަމްލާ ބަޚީލުވެފައިވާ އަޑެވެ.]

ރަމްލާގެ ހުރިހާނާރުތައް ވަކިވަކިން ނާނާ އަޅުވާލިއެވެ... އެތައްދުވަހެއްގެ ފަހުން މިއަދު އަޖައިބު ވައްތަރެއްގެ ކަންތައްގަނޑެއް ވެރިވީއެވެ..... ޙަޤީޤަތުގައި ރަމްލާވެސް ޔާދިރު ދެކެ ލޯބިވެއްޖެއެވެ.

ލޯބިވުމަކީ ކުށެއްނޫނެވެ. ނޭގި ހުއްޓާވެސް ލޯބިވެވިދާނެއެވެ. މިޖަޒްބާތުތައް ހުއްޓުވުނީ ކާކަށް ހެއްޔެވެ؟..... ލޯބި.... ލޯބި.... ލޯބި.... ލޯތްބަކީ ވަރަށްވެސް ލޯބި އެއްޗެކެވެ.... ވަރަށް އަސަރުގަދަ އެއްޗެކެވެ. ހުރިހާ އެއްޗެއްގެ އެނގުން ބަދަލުކޮށްލާ އެއްޗެކެވެ.

ތެދެކެވެ. އޭނާއަކީ މީހަކާ އިނދެގެންއުޅޭ އަންހެނެކެވެ. އެނާއަށްވަނީ ޙަޔާތުގެ ހުރިހާ ސިއްރެއް އެނގިފައެވެ... އެކަމަކު މިހާރުވެގެން މިއުޅޭގޮތް މީގެ ކުރިއަކުން ދުވަހަކުވެސް އޭނާއަކަށް ނުވެއެވެ.

[ރަމްލާއެވެ..... އަހަރެންގެ އަޑުއިވޭކަމުގައި ވަންޏާ ކޮންމެވެސް ޖަވާބެއް ދީބަލާށެވެ. އަހަރެންގެ ހިތަށް އަނިޔާ ނުދޭށެވެ. މިއީ ކެތްމަދުވެފައިވާ ހިތެއްގެ އާދޭހެވެ.]

[ކީކޭތޯއެވެ.] ރަމްލާ ފުރަތަމަ ފަހަރަށް ބުންޏެވެ. [އަޅުގަނޑު ބުނާނީ ކީކޭތޯއެވެ؟]

[ދެން އެންމެ ރަނގަޅެވެ. ތިޔަވަރުން ފުދިއްޖެއެވެ.... ރަމްލާ ބޭނުމިއްޔާ ހަމަގައިމުވެސް އަހަރެން ދިރި ހުންނާނަމެވެ. ރަމްލާގެ އިންތިޒާރުގައި ދިރި ހުންނާނަމެވެ. އަހަރެންގެ ބޭނުމަކީ ހަމައެކަނި ލޯބިވެރިޔާގެ ރީތި ހަށިގަނޑު ދެކެލުމެވެ.... އަހަރެން މިހާރު މި ދިރިހުންނަނީ ރަމްލާގެ ސިފަ ހަމައެންމެ ފަހަރަކު ދެކެލުމަށް ޓަކައެވެ. އަދިވެސް ބުނެބަލާށެވެ..... ރަމްލާއެވެ..... ބުނެބަލާށެވެ........]

[ކީކޭތޯއެވެ... އަޅުގަނޑަކަށް އެކައްޗެއްވެސް ނުވިސްނެއެވެ....] ރަމްލާ ތުންފަތުގައި ދޫކާއްތާލަމުން ބުންޏެވެ. [ތިޔަ ދައްކަވަނީ ކޮންކަހަލަ ވާހަކަތަކެއް ތޯއެވެ؟]

[ރަމްލާއަށް ހުރިހާކަމެއް އެނގެއެވެ. އަހަރެން މިދައްކާ ހުރިހާވާހަކައެއް އެނގޭނެއެވެ. އަދި ނުބުނަން ތިޔައުޅޭ ހުރިހާ ވާހަކައެއް އަހަންނަށް އެނގެއެވެ. ރަމްލާގެ ކަންބޮޑުވެފައިވާ މޫނުސާފުކޮށް އަހަންނަށް އެބަފެނެއެވެ. ތިޔަ ރީތި ނިތްކުރީގައިވާ ޝަބްނަމްގެ ތިކިތައް ހުރިހާ ސިއްރެއް ފާޅުކޮށްދެއެވެ.]

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން