ރައީސް ޔާމިން
ރައީސް ޔާމިން
ރައީސް ޔާމިންގެ ސިއްހީ ހާލުކޮޅަށް ރިޢާޔަތްކޮށް އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ނެރެފައިވާ ބަޔާނެއްގައި ވަނީ، ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ ސިއްހީ ހާލުކޮޅަށް ރިއާޔަތްކޮށް ރަމަޟާން މަސް ފެށުމުގެ ކުރިން އެމަނިކުފާނު ގެއަށް ބަދަލުކޮށް ދިނުމަށް ކޯލިޝަންގެ ފަރާތުން ސަރުކާރުގައި އެދިފައިވާނެ ކަމަށެވެ.

އެހެން ނަމަވެސް ރަމަޟާން މަސް ފެށިގެން ދިޔައިރުވެސް އެމަނިކުފާނު ގެއަށް ބަދަލުކޮށް ނުދިނުމުން ދޭހަވަނީ މި ސަރުކާރުން އިހުސާންތެރިކަމާއި އެއްބައިވަންތަކަމަށް ފުރުސަތުދޭން ބޭނުންނުވާކަން ކަމުގައި އިދިކޮޅު ކޯލިޝަންގެ ބަޔާނުގައިވެއެވެ.

އަދި ޤައުމަށް ދިމާވާ ކާރިސާތަކުގައި ޖަލު ބަންދުގައި ތިބި ސިޔާސީ ބޭފުޅުންނަށް މައާފްދިނުން ފަދަ ލުއި މީގެ ކުރިން ރާއްޖޭގައިވެސް ދީފައިވާކަމަށް ވެސް އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"މީގެކުރީގައި ތަފާތު އެކިބާވަތުގެ ކުށް ކުރިކަން ޝަރީއަތަށް ސާބިތުވެ ޖަލަށް ހުކުމްކުރެވިފައިވާ ސިޔާސީ ބޭފުޅުން ވަނީ ރަމަޟާންމަހުގެ ދުވަސްތައް އެފަރާތްތަކުގެ އާއިލާއާއެކު ހޭދަކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން ކުރީ ސަރުކާރުތަކުން ގެއަށް ބަދަލުކޮށްފަ އެވެ." ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެމަނިކުފާނުގެ އިސްތިއުނާފުގެ މައްސަލަ އަވަސްކޮށްދިނުމަށް މަސައްކަތް ކޮށްދިނުމަށާއި، ރައީސް ޔާމީން ގެއަށް ބަދަލުކުރުމުގެ ކަންކަން އަވަސްކޮށްދިނުމަށް އެޗްއާރުސީއެމްގެ ފަރާތުންވެސް އެދޭ ކަމުގައި އިދިކޮޅުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން