ހުޅުދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރިޔަށް ދަނީ،
ހުޅުދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރިޔަށް ދަނީ،
އައްޑޫސިޓީ ހުޅުމީދޫ އެމް.ޓީ.ސީ.ސީ ސައިޓްގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވުމުގެ ސަބަބުން ޕްރޮޖެކްޓްގެ މަސައްކަތްތައް މެދުކަނޑާލާފައި އޮތުމަށްފަހު، މީދޫ އާއި ހުޅުދޫގެ މަޝްރޫޢުތަކުގެ މަސައްކަތްތައް އަލުން ފަށައިފިއެވެ.

މިގޮތުން، ސ. މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 4.35 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމޭނެ ކަމަށް ލަފާކުރެވޭ ތާރީޚަކީ 25 މާރޗް 2021 ވަނަ ދުވަހެވެ.

މީދޫ ގެ އެހެނިހެން މަޝްރޫޢުތަކަށް ބަލާލާއިރު، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު މިމަސްތެރޭ ފަށާގޮތަށްވަނީ ހަމަޖެހިފައެވެ.

ހުޅުދޫ ގައި އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫޢުތަކަށް ބަލާލާއިރު، ސ. ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބަނދަރުގެ މަގަތު ފާލަމުގެ މަސައްކަތް މިއަހަރުގެ އޭޕްރީލް މަސްތެރޭ ފަށާގޮތަށްވަނީ ހަމަޖެހިފައެވެ. ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުއަކީ 1.65 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްގެންދާ މަގުހެދުމުގެ މަޝްރޫޢުތަކަކީވެސް އެމްޓީސީސީން ވަރަށް އިސްކަންދީގެން ކުރިއަށްގެންދާ މަޝްރޫޢުތަކެކެވެ. މިގޮތުން، ހުޅުދޫ ރައްޔިތުންގެ އިންތިޒާރަށް ނިމުންގެނެސްދީ ހުޅުދޫ ބަހާއުއްދީން މަގުހެދުމުގެ މަޝްރޫޢު، މިއަހަރުގެ އޭޕްރީލް މަސްތެރޭ ނިންމުމަށް ވަނީ އަމާޒު ކޮށްފައެވެ.

އެމްޓީސީސީގެ މަޝްރޫޢުތަކަކީ އެހެނިހެން ސިނާޔަތްތަކަށްވެސް ލުއިފަސޭހައަކަށް ކުރިއަށްގެންދާ މަޝްރޫޢުތަކެކެވެ. އައްޑޫ ސިޓީގައި ހުންނަ ފިޝަރީޒް ކޮމްޕްލެކްސްއަށް މުދާއަރުވާ ބޭލުމަކީ ދަތިކަމަކަށްވާތީ، ސ. ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން، ނެރު ފުންކުރުމުގެ މަސައްކަތް މިމަސްތެރޭ ފެށިގެންދާނެއެވެ.

އެމްޓީސީސީއަކީ އެއްވަގުތެއްގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަޝްރޫޢުތައް ހިންގަމުން އަންނަ ކުންފުންޏެކެވެ. ކޮވިޑްގެ ބަލިމަޑުކަމުގައި ކުންފުންޏަށް ދިމާވާ ތަފާތު ގޮންޖެހުންތަކާއިއެކުވެސް، ކުންފުނީގެ އަމާޒަކީ ނިންމަން ކަނޑައަޅާފައި އޮންނަ މުއްދަތަށް މަޝްރޫޢުތައް ނިންމުމެވެ. މިގޮތުން އެމްޓީސީސީގެ 40 އަހަރުގެ ދިގު މާޒީގައި އެންމެ ގިނަ މަޝްރޫޢުތައް ނިންމި އަހަރަކީ 2020 ވަނަ އަހަރެވެ. އަދި މިހިނގާ 2021 ވަނަ އަހަރަކީވެސް ގިނަ މަޝްރޫޢުތަކެއް ނިންމާ ކާމިޔާބު އަހަރަކަށް ހެދުމަކީ އެމްޓީސީސީގެ އަމާޒެވެ. މިވަގުތުވެސް އެމްޓީސީސީން 47 ޕްރޮޖެކްޓެއްގެ މަސައްކަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން