އައްޑުއަތޮޅު ގަމުގައި ހިންގި ގާރމެންޓް ފެކްޓަރީ ތަކުގެ ތެރެއިން‎
އައްޑުއަތޮޅު ގަމުގައި ހިންގި ގާރމެންޓް ފެކްޓަރީ ތަކުގެ ތެރެއިން‎
އައްޑޫ ސިޓީގައި އަންނައުނު ކާރުޚާނާއެއް ގާއިމުކުރުމަށް ސިޓީ ކައުންސިލުން ސާވޭއަށް ފަށާފައިވަނީ މިމަހުގެ 23 ނަވަދުވަހު ކަމުގައިވީ ނަމަވެސް އޭގެ ސަބަބުން އައްޑޫގެ އިގްތިސާދަށް އެކަށޭނެ ފައިސާ ވަންނާނެ ކަމާއި މެދު އައްޑޫގެ ރައްޔިތުން ސުވާލުއެބަ އުފައްދަވައެވެ.

ސިޓީ ކައުން ސިލުން ފޭސްބުކް މެދުވެރިކޮށް ސާވޭއަށް ހުޅުވާލި ފޯމުގައި އެހާ ގިނަ ސުވާލު ތަކެއް ހިމަނާފައެއް ނެތެވެ. ސާވޭ ހުޅުވާލާފައިވަނީ 16 އަހަރުން މަތީގެ މީހުންނަށެވެ. ސުވާލުތައް އަމާޒުކޮށްފައިވަނީ އާއްމުގޮތެއްގައި އެފަދަ ކާރުޚާނާއެއްގައި މަސައްކަތް ކުރާނެ ތޯއެވެ؟ އަދި އެފަދަ ވަޒީފާއަކުން އުއްމީދުކުރާ މުސާރައިގެ ސުވާލުތައްވެސް ހިމެނެވެ.

ދުނިޔޭގެ މިފަދަ ކާރުޚާނާތައް އާއްމުގޮތެއްގައި މިހުންނަނީ ތިންވަނަ ދުނިޔޭގެ ގައުމު ތަކުގައެވެ. އަދި އެފެކްޓްރީތައް އެގައުމު ތަކުގައިވެސް ހުންނަނީ އެންމެ ފަގީރު ހިސާބު ތަކުގައެވެ. ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ މިފަދަ ކާރުޚާނާތައްވެސް ހުންނަނީ ފަގީރު ގައުމު ތަކުގައި ގާއިމު ކޮށްފައިކަން ފާހަގަ ކޮށްލަމެވެ. އަދި އެހެން ގައުމު ތަކުގައި އެފަދަ ކާރު ޚާނާތައް ހުރިނަމަވެސް ހުންނަނީ އެންމެ ފަގީރު ހިސާބުގައެވެ.

މިސަރަހައްދުގައި އެންމެ ގިނަ އަންނައުނު ކާރުޚާނާ ހުންނަނީ އަވައްޓެރި ބަންގްލާދޭޝްގައެވެ. އެގައުމުގައި މިފަދަ ކާރުޚާނާއެއްގައި މަސައްކަތް ކުރާ މީހަކަށް މަހެއްގެ މައްޗަށް މިޖެހެނީ އެވްރެޖް ގޮތެއްގައި އެމެރިކާގެ 96 ޑޮލަރެވެ. އެއީ ދިވެހި ރުފިޔާއިންނަމަ މަހަކަށް ފަނަރަވަރަކަށް ސަތޭކަ ރުފިޔާއެވެ. ކާރުޚާނާ ތަކުގެ މުސާރަ ބޮޑުކޮށްފިނަމަ އެތަންތަނުން އުފައްދާ ތަކެތީގެ އަގު ބޮޑުކުރަން ޖެހޭތީ އަބަދުވެސް މިފަދަ ކާރުޚާނާ ތަކުގެ ވެރިން ބަލަނީ ވީހާވެސް ކުޑަ މުސާރައެއްގައި މީހުން ގެންގުޅުމަށެވެ.

މިޒަމާނުގައި މިފަދަ ކާރުޚާނާތައް މިހާރު އަންނަނީ ޕްރޮޑަކްޝަން ލައިނަރ ފަދަ ބޮޑެތި މެޝިނަރީސް ތަކަށް ބަދަލު ކުރަމުންނެވެ. މީގެ މާނައަކީ މުވައްޒަފުން މަދު ކޮށްގެން އާޓެކްނޮލަޖީގެ މެޝިނަރީގެ އެހީގައި ޕްރޮޑަކްޝަން ނުވަތަ އުފައްދާ މިންވަރު އިތުރު ކުރުމެވެ. އެހެންކަމަށް ވާނަމަ މިފަދަ ކާރުޚާނާއަކުން އައްޑޫގެ އިގްތިސާދަށް ރައްޔިތުން ބޭނުންވާ ކުރިއެރުން އައުމަކީ ދުރުކަމެކެވެ. އައްޑޫ ރައްޔިތުން ބޭނުންވަނީ ގިނަފައިސާ އިގްތިސާދުގެ ތެރެއަށް ވަންނަ އިގްތިސާދީ ހަރަކާތްތައް ހިންގުމަށެވެ. އެގޮތަށް ބަލާނަމަ އަންނައުނު އުފައްދާ ކާރުޚާނާއަކުން އެފަދަ އާމްދަނީއެއް ލިބުމަކީ ނާދިރު ކަމަކެވެ.

އެންމެ ގިނަވެގެން އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދެވޭނީ 3000 ވަރަކަށް ރުފިޔާއެވެ. އެއީ މިހާރުގެ ދިރިއުޅުމަށް ބަލާއިރު ދެކޮޅު ޖެހޭނެ މުސާރައެއް ނޫނެވެ. މީގެ ކުރިން 1980 ގެ އަހަރުތަކުގައި އައްޑޫ ސިޓީ ގަމުގައި ފެކްޓްރީތައް ހިންގިއެވެ. އޭރު މުސާރައަށް މީހަކަށް ލިބެނީ ގާތްގަނޑަކަށް 300 ވަރަކަށް ރުފިޔާއެވެ. އަދި ފަހުން މުސަރައަށް 1500 ވަރަކަށް ރުފިޔާ ލިބެންފެށީ 2000 ވަނައަހަރުގެ ތެރޭގައެވެ. އެމުސާރައަށް މުވައްޒަފުން ލިބުމުގެ ދަތިކަން ހުރުމުން އެފެކްޓަރީ ތަކުން މީހުން ގެންނަން ޖެހުނީ އަވައްޓެރި ލަންކާއިންނެވެ. ސަބަބަކީ ޗީޕް ލޭބަރ ފޯސްއެއް ގާއިމު ކުރުމަށެވެ.

މިޒަމާނުގައި އެފަދަ ކާރު ޚާނާއެއް އައްޑޫގައި ހިންގި ނަމަވެސް ގިނަވެގެން އިތުރުވާނީ 400 ވަރަކަށް ވަޒީފާއެވެ. އަދި މީހަކަށް ލިބޭނީ އެވްރެޖް މުސާރައިގެ ގޮތުގައި 3000 ރުފިޔާނަމަ އައްޑޫ ސިޓީގެ އިގްތިސާދަށް މަހެއްގެ މައްޗަށް ވަންނާނީ ގިނަވެގެން ދޮޅު މިލިއަނެއްހާ ރުފިޔާއެވެ. އެހެން ކަމަށް ވާނަމަ އައްޑޫއަށް ބޭނުންވަނީ މިފަދަ ކާރުޚާނާތޯ ސުވާލު އުފައްދަން އެބަޖެހެއެވެ.

ހަގީގަތަކީ އައްޑޫ ސިޓީގެ ރައްޔިތުން މިހާރުވެސް ތިބީ އިގްތިސާދީ ދުވެލި އަވަސްކޮށް މުޅި އިގްތިސާދު ބޮޑުތަނުން ކުރިއަރާނެ ސިނާއަތަކަށް އިންތިޒާރު ކޮށްގެންނެވެ. މާނައަކީ އައްޑޫއަށް އެތެރެވާ ފައިސާ އިތުރުވާނެ ދުވަހަކަށް ބަލަބަލައެވެ. އެފަދަ އިގްތިސާދީ ހަރަކާތަކަށް ވާނެކަމަށް އައްޑޫ ސިޓީގެ މީހުން ގަބޫލު ކުރަނީ ވަކި ޑެސްޓިނޭޝަނެއްގެ ގޮތުގައި އައްޑޫގައި ފަތުރުވެރިކަން ތަރައްގީކޮށް ހުޅުވާލުމެވެ. އެގޮތަށް ހުޅުވާލެވިއްޖެނަމަ ބޮޑުތަނުން ވަޒީފާގެ ފުރުސަތު އިތުރުވާނެއެވެ. މިހާރުވެސް ގަމުގައި ރަނގަޅު 4 ސިޓީ ރިސޯޓު ގާއިމު ކުރެވިއްޖެނަމަ މަދުވެގެން 1500 ވަޒީފާ އުފެދިގެން އަންނާނެ ތަނަކަށް ވާނެއެވެ.

މިދާއިރާގެ އެވްރެޖް މުސާރަ އުޅޭނީ ގާތްގަނޑަކަށް 8000 ރުފިޔާއާއި 9000 ރުފިޔާއާއި ދެމެދުގައެވެ. މިމިންވަރަށް މުސާރަ ލިބޭނަމަ މަދުވެގެން އައްޑޫގެ އިގްތިސާދަށް ގާތްގަނޑަކަށް 12 ވަރަކަށް މިލިއަން ރުފިޔާ ވަންނާނެއެވެ. ނަމަވެސް ސިޓީ ކައުންސިލްގެ ވިސްނުން މިހާރު ހުރީކީ އިގްތިސާދީ ދުވެއްޔާ ދިމާލަށް ކަމާއި މެދު ސުވާލު އުފެދެއެވެ. އަދި އަންނަން އޮތް ކައުސިލުގެ ގިނަ ކެންޑިޑޭޓުން މުޅިން ވަކާލާތު ކުރަނީ އިޖްތިމާއީ ތަރައްގީ ހޯދުމަށެވެ.

އައްޑޫ ސިޓީ ފަދަ އާބާދީ ބޮޑު މުޖުތަމަޢުއަކަށް މިހާރު އެންމެ މުހިއްމު ކަމަކަށް ގިނަބަޔަކު ގަބޫލު ކުރަނީ އިގްތިސާދީ ތަރައްގީއެވެ. އެހެންކަމުން އައްޑޫގައި އަންނައުނު ކާރުޚާނާއެއް ގާއިމު ކުރުމުން ރައްޔިތުން އެދޭފަދަ ފައިދާ ނުލިބިދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން