މިއަހަރުގެ ހައްޖު އަދި އުމްރާ ކުރުމަށް ފުރުސަތު ލިބޭނީ ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖަހައިގެން ކަމަށް ސައުދީ އަރަބިއްޔާއިން ނިންމައިފިއެވެ.


މިކަން އިއުލާންކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާ އިން މިދިޔަ ހޯމަ ދުވަހުއެވެ. މިއުލާނުގައި ވާގޮތުންނަމަ މިއަހަރުގެ ހައްޖު އަދި އުމްރާ ކުރުމަށް ހުއްދަ ލިބޭނީ ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖަހާފައިވާ މީހުންނަށެވެ. މީގެ ތެރޭގައި ވެކްސިނުގެ ދެޑޯޒް ހަމަކުރަން ޖެހޭ ފަރާތްތަކުގެ ތެރެއިން ހައްޖު އަދި އުމްރާ ކުރުމަށް ހުއްދަދެވޭނީ ދެޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށާއި، ވެކްސިނުގެ ފުރަތަމަ ޑޯޒު ފުރިހަމަކޮށް 14 ދުވަސް ހަމަވެފައިވާ ފަރާތްތަކަށެވެ.

މީގެއިތުރުން، މިއަހަރުގެ ހައްޖު އަދި އުމްރާ ކުރަން ތައްޔާރުވުމުގެ ގޮތުން ކޮވިޑާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރާނެ ކަމަށްވެސް ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާ އިން ހާމަކޮށްފައިވެއެވެ.

ކޮވިޑާއި ގުޅިގެން ހައްޖާއި އުމުރާ ކުރުން މަޑުޖެހުމަކަށް އައިނަމަވެސް މިދިޔަ އަހަރު ސައުދީ އަރަބިއްޔާގައި ދިރިއުޅޭ 10،000 ފަރާތަކަށް ހައްޖު އަދި އުމުރާ ކުރުމަށް ހުއްދަ ދީފައިވެއެވެ. ނަމަވެސް 2019 ވަނަ އަހަރު 2.5 މިލިއަން މީހުން ދުނިޔޭގެ އެކި ކަންކޮޅުން ހައްޖު އަދި އުމުރާ ކުރުމުގައި ބައިވެރިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު