ރާއްޖޭގެ ރަށެއްގައި ބޮޑޫ ޖަމާއަތުގައި ޢީދު ނަމާދު ކުރަނީ (ފައިލް ފޮޓޯ- މީސްމީޑިއާ)
ރާއްޖޭގެ ރަށެއްގައި ބޮޑޫ ޖަމާއަތުގައި ޢީދު ނަމާދު ކުރަނީ (ފައިލް ފޮޓޯ- މީސްމީޑިއާ)
ޢީދު ނަމާދަކީ ސުއްނަތް ނަމާދެކެވެ.



ޢީދު ނަމާދަކީ ގަދަވެގެންވާ ސުއްނަތް ނަމާދެކެވެ. މިއީ ޝާފިޢީ މަޛްހަބާއި މާލިކީ މަޙްހަބާއި ޙަނަފީ މަޛްހަބުގެވެސް ރައުޔެވެ. އެހެނަސް އިމާމު އަބޫ ޙަނީފާގެ އެއްބަސްފުޅަކީ އަދި އަޙްމަދުގެ މަޛްހަބަކީ މިއީ ކިފާޔަތުގެ ފަރުޟެއް ކަމަށެވެ. ފިޠުރި ޢީދާއި އަޟްޙާ ޢީދެވެ. މިނަމާދު ސުއްނަތް ވެގެންވަނީ ޖަމާޢަތުގައެވެ. އެކަހެރިކޮށްވެސް ކުރެވިދާނެއެވެ. ފިރިހެނުންނަށާއި އަންހެނުންނަށާއި ކުޑަކުދިންނަށެވެ. ހަމައެކަނި ޝަހަރުގައި ދިރިއުޅޭ މީހުންނަށެވެ. ވިލެޖްތަކުގެ މީހުންނަށް ހުކުރު ނަމާދު ނޯންނަ ފަދައިން ޢީދު ނަމާދުވެސް ސުއްނަތް ވެގެން ނުވެއެވެ. ނަމަވެސް ވިލެޖްގެ މީހުން ޝަހަރަށް އައިސް އެތާގެ ޖަމާޢަތުގައި ބައިވެރިވެ ނަމާދު ކުރުމީ ސުއްނަތެކެވެ. އަދި އެކަހެރިކޮށްވެސް ކުރެވިދާނެއެވެ.

ޢީދު ނަމާދަކީ ޖަމާޢަތުގައްޔާއި އެކަހެރިކޮށް ކުުރެވިދާނެ ނަމާދެއް:

ސުއްނަތް ވެގެންވަނީ ޢީދު ނަމާދު ޖަމާޢަތުގައި ކުރުމެވެ. މިއީ ޞައްޙަ ޙަދީޘުތަކުގައި އަންނަ ފަދައިން ދީނުގެ ޢިލްމުވެރިން އެކަމަށް އެއްބަސްވެ ވަޑައިގެންފައިވާ ކަމެކެވެ. އެހެނަސް ޖަމާޢަަތަށް ނުދެވޭ މީހާ އެކަހެރިކޮށް ކުރުމީ ޝާފިޢީ މަޛްހަބުގައި ހުއްދަ ވެގެންވާ ކަމެކެވެ. އެހެންނަމަވެސް ބައެއް މަޛްހަބުތަކުގައި އެގޮތަށް ޢީދު ކުރުމެއް ނޯވެއެވެ. އިމާމު ޝާފިޢީގެ އަރިހުން އިމާމު ނަވަވީ ނަގުލު ކުރަށްވާފައި ވެއެެވެ. ]تُشْرَعُ صَلَاةُ الْعِيدِ لِلْحُرِّ وَالْعَبْدِ وَالْمُسَافِرِ وَالْمَرْأَةِ وَالْمُنْفَرِدِ فِي بَيْتِهِ أَوْ فِي غَيْرِهِ[ މާނައީ: ޢީދުނަމާދު މަޝްރޫޢު ވެގެންވަނީ މިނިވަން މީިހާއަށާއި އަޅުމީހާއަށާއި ދަތުރުވެރިޔާއަށާއި އެކަނި ނަމާދުކުރާ މީހާއަށް ވެސް ގޭގައްޔާއި އެނޫން ތަންތާގައި ކުރުމަށް އޮންނަ އަޅުކަމެއްގެ ގޮތުގައެވެ.

މިނަމާދު އިމާމު އަބޫ ޙަނީފާއާއި އެނޫން ބައެއް ބޭކަލުންގެ އަރިހުގައި އެކަހެރިކޮށް ނުކުރެވޭނެއެވެ. އެއީ އެބޭކަލުންގެ އަރިހުގައި އެނަމާދުގެ ޝަރުޠު ފުރިހަމަ ނުވާތީއެވެ. އަނަސްގެފާނުންގެ ކިބައިން އިމާމު ބައިހަޤީއާއި އިބްނި އަބީ ޝައިބާ ނަގުލު ކުރަށްވާފައިވެއެވެ. ]كَانَ أَنَسٌ إِذَا فَاتَهُ الْعِيدُ مَعَ الْإِمَامِ جَمَعَ أَهْلَهُ فَصَلَّى بِهِمْ مِثْلَ صَلَاةِ الْإِمَامِ فِي الْعِيدِ[ މާނައީ: އަނަސްގެފާނުންގެ ކިބައިން ޢީދު ނަމާދުގެ ޖަމާޢަތް އެޅިއްޖެ ހިނދެއްގައި އެކަލޭގެފާނު ގޭގެ ބޭފުޅުން ޖަމާކުރަށްވައިގެން އެބޭފުޅުން ލައިގެން އިސްވެ ނަމާދު ކުރަށްވާ ކަަމަށެވެ. އޭރު އެކަލޭގެފާނު ޢީދު ކުރަށްވަނީ އިމާމު މީހާވެސް ނަމާދު ކުރިފަދައިންނެވެ. އެބަހީ ދެރަކްޢަތް ނަމާދެވެ.

ކޮރޯނާގެ ބަލި ޙާލަތުގައި ނަމާދު ކުރުން:

ޢީދު ނަމާދަށް ޖަމާޢަތަށް ދިއުން މިދުވަސްވަރު އުނދަގޫ ކަމަކަށް ވުމީ އެކަށީގެންވާ ކަމެކެވެ. ޖަމާޢަތަށް ދެވޭނަމަ މޮޅުގޮތަކީ ޖަމާޢަތަށް ދިއުމެވެ. އެކަމަކު ޞިއްޙީ ދާއިރާއިން ޢާއްމުކޮށް ގައިދުރުމަށް އަންގަވާ ފަދައިން ގަައިދުރުކުރަން ވާނެއެވެ. މާސްކު ބޭނުންކުރުމަކީ އެއްވެސް މައްސަލައެއްއޮތް ކަމެއްނޫނެވެ. ސަޖިދަކުރާ ތަނުގައި ނޭފަތް ޖެއްސުމަކީ ސުއްނަތެކެވެ. ތިމާގެ އަމިއްލަ މުސައްލައަށް ސަޖިދަ ކުރާނަމަ މާސްކު ތިރިކޮށްލާފައި އެސުއްނަތް އަދާކުރެވޭތޯ ބައްލަވާށެވެ. ދެން ސަޖިދައިން ތެދުވަމުން މާސްކު އުފުލައިލާށެވެ. މިއިން އެއްވެސް ގޮތަކީ ތިމާ ކަންބޮޑުވާން ޖެހޭ ކަންކަމެއް ނޫނެވެ.

ޢީދުނަމާދުގައި ހިމެނެނީ ކިތައް ރަކްޢަތްތަ:

ދީނުގެ އެންމެހައި ޢިލްމުވެރިން އިޖްމާޢު އެއްބަސްވާ ގޮތުގައި ޢީދު ނަމާދުގައި އޮންނަނީ ދެރަކްޢަތެވެ. މާތް ﷲ ރުއްސުންލެއްވި އިބްނި ޢައްބާސްގެ އަރިހުން އިމާމު ޝާފިޢީއާއި ބުޚާރީއާއި މުސްލިމު ރިވާކުރަށްވާފައި ވެއެވެ. ]عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَلَّى يَوْمَ الْعِيدِ رَكْعَتَيْنِ لَمْ يُصَلِّ قَبْلَهَا وَلَا بَعْدَهَا[ މާނައީ: رَسُولُ اللَّهِ ﷺ ޢީދުނަމާދުގައި ކުރަށްވަނީ ދެރަކްޢަތެވެ. އެނަމާދުގެ ކުރިއަކުންވެސް އަދި ފަހަކުންވެސް އެހެން ނަމާދެއް ނުކުރަށްވައެވެ.

ދީނުގެ ގިނަ ޢިލްމުވެރިން ވިދާޅުވަނީ ޖަމާޢަތުގައި ކުރިކަމުގައި ވިއަސް އަދި ޖަމާޢަތް ފުރިހަމައަށް ނުލިބޭ މީހަކު ކަމުގައި ވިއަސް އެކަހެރިކޮށް ކުރިނަމަވެސް ސުއްނަތް ވެގެންވަނީ ދެރަކްޢަތް ކަމަށެވެ.



މާތް ﷲ ރުއްސުންލެއްވި އިބްނި މަސްޢޫދާއި އެނޫން ބައެއް ބޭކަލުން ވިދާޅުވަނީ ޢީދު ނަމާދު ފާއިތުވެއްޖެއްޔާ ނުވަަތަ ޤަޟާ ކުރާނަމަ ކުރަންވާނީ ހަތަރު ރަކްޢަތް ކަމަށެވެ. ޙަންބަލީ މަޛްހަބުގައި ވެސް އޮންނަނީ ހަތަރު ރަކްޢަތެވެ. އިމާމު އިބްނި ޤުދާމާ އަލްމުޣްނީގެ 2/279 ގައި ވިދާޅުވެފައި ވެއެވެ. ]وَمَنْ فَاتَتْهُ صَلَاةُ الْعِيدِ صَلَّى أَرْبَعَ رَكَعَاتٍ، كَصَلَاةِ التَّطَوُّعِ، وَإِنْ أَحَبَّ فَصَلَّ بِسَلَامٍ بَيْنَ كُلِّ رَكْعَتَيْنِ .وَجُمْلَتُهُ أَنَّ مَنْ فَاتَتْهُ صَلَاةُ الْعِيدِ فَلَا قَضَاءَ عَلَيْهِ[ މާނައީ: ޢީދުނަމާދު ފާއިތު ވެއްޖެއްޔާ ސުއްނަތް ނަމާދު ކުރާފަދައިން ހަތަރު ރަކްޢަތް ކުރާށެވެ. ބޭނުންނަމަ ދެރަކްޢަތުން ދެރަކްޢަތުން ދެސަލާމުން ވެސް ކުރެވިދާނެއެެވެ. އަދި ހަތަރު ރަކްޢަތް އެއްފަހަރާ އެއް ސަލާމުންވެސް ކުރެވިދާނެއެވެ. އަދި ޖަމާޢަތް ނުލިބިއްޖެނަމަ ޢީދު ނަމާދު ޤަޟާކުރުމެއް ނޯންނާނެއެވެ. އިބްނި މަސްޢޫދާއި އިމާމު އަޙްމަދު ޤިޔާސް ކުރަށްވަނީ ހުކުރު ނަމާދަށެވެ. ހުކުރު އެޅިއްޖެމީހާއަށް ކުރުން އޮންނަނީ ހަތަރު ރަކްޢަތެވެ. އަޅުގަނޑުމެންގެ ދަލީލަކީ ޢީދު ނަމާދުގެ ރަކްޢަތްތަކުގެ ޢަދަދު ކީރިތި ރަސޫލާގެ އަރިހުން ސާބިތުވަނީ ދެރަކްޢަތް ކަމަށާއި ހުކުރު ނަމާދަކާ ޢީދު ނަމާދަކާ ގުޅުމެއް ނެތް ކަމަށެވެ. މިހެނީ ހުކުރު ނަމާދަކީ މެންދުރު ނަމާދުގެ ބަދަލު ކަމުގައިވާތީ ހުކުރު ނުލިބޭ މީހާއަށް ނުވަތަ ހުކުރު ވާޖިބު ނޫން މީހާއަށް ހުކުރު ނުކުރާނަމަ ކުރުން އޮންނަނީ މެންދުރު ނަމާދެވެ. މިއާޚިލާފަށް ޢީދުނަމާދަކީ ވަކި ނަމާދެއްގެ ބަދަލުގައި ކުރެވޭ ނަމާދެއް ނޫނެވެ.

މިގޮތުން އިމާމު އިބްނި ސީރީނާއި މާލިކާއި ނަޚްޢީއާއި ޢަޠާއާއި ޤަތާދާއާއި އިބްނިޖަރީރާއި އެނޫންވެސް ވަރަށް ގިނަ ތާބިޢީ ބޭކަލުން ވިދާޅުވަނީ ޢީދު ނަމާދު ފާއިތުވާ މީހާ ނުވަތަ ޤަޟާކުރާ މީހާއަށް އޮންނަނީ ދެރަކުޢަތް ކަަމަށެވެ. އިމާމު ބުޚާރީ ޞަޙީޙު ބުޚާރީގައި ވިދާޅުވެފައި ވެއެވެ. ]يَقُولُ الْإِمَامُ الْبُخَارِيُّ: بَابُ إِذَا فَاتَهُ الْعِيدُ يُصَلِّي رَكْعَتَيْنِ وَكَذَلِكَ النِّسَاءُ وَمَنْ كَانَ فِي الْبُيُوتِ وَالْقُرَى لِقَوْلِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ هَذَا عِيدُنَا أَهْلَ الْإِسْلَامِ وَأَمَرَ أَنَسُ بْنُ مَالِكٍ مَوْلَاهُمْ ابْنَ أَبِي عُتْبَةَ بِالزَّاوِيَةِ فَجَمَعَ أَهْلَهُ وَبَنِيهِ وَصَلَّى كَصَلَاةِ أَهْلِ الْمِصْرِ وَتَكْبِيرِهِمْ وَقَالَ عِكْرِمَةُ أَهْلُ السَّوَادِ يَجْتَمِعُونَ فِي الْعِيدِ يُصَلُّونَ رَكْعَتَيْنِ كَمَا يَصْنَعُ الْإِمَامُ وَقَالَ عَطَاءٌ إِذَا فَاتَهُ الْعِيدُ صَلَّى رَكْعَتَيْنِ[ މާނައީ: މީހާއަށް ޢީދު ނަމާދު ވާހިނދު ކުރުން އޮންނަނީ ދެރަކްޢަތެވެ. ހަމައެހެންމެ އަންހެނުންނާއި ނަމާދަށް ނުދެވި ގޭގައިތިބި މީހުންނާއި ވިލެޖްތަކުގެ މީހުންވެސްމެއެވެ. رَسُولُ اللَّهِ ﷺ ޙަދީޘު ކުރަށްވާފައިވާ ފަދައިންނެވެ. މިއީ ތިމަންމެން މުސްލިމުންގެ ޢީދެވެ. ދެން ބުޚާރީ ވިދާޅުވެފައި ވެއެވެ. ރިވާޔަތުގައި އަންނަނީ މާތް ﷲ ރުއްސުންލެއްވި އަނަސްގެފާނު އެކަލޭގެފާނުންގެ އަޅު އިބްނި އަބީ ޢުތުބާއަށް އެންގެވި ކަމަށްވަނީ ގޭގެ އެއްކާރިފަށުގައި އަނބިކަނބަލުންނާއި ބޭފުޅުން ޖަމާކުރެއްވުމަށެވެ. ދެން އެކަލޭގެފާނު އެއެންމެންނާއެކު އިމާމުމީހާ ޢީދުކުރާފަދައިިން ނަމާދުކުރެއްވިއެވެ. އަދިވެސް ބުޚާރީ ވިދާޅުވެފައި ވަނީ އިމާމުޢަޠާ ވިދާޅުވާގޮތުގައި ޢީދުގައި އޮންނަނީ ދެރަކްޢަތް ކަމަށެވެ. އިމާމު ޝާފިޢީ ވިދާޅުވެފައި ވެއެވެ. މީހަކު ޢީދަށް އައިއިރު ނަމާދު ނިމިއްޖެ ކަމުގައިވާނަމަ އޭނާ ބޭނުމިއްޔާ މިސްކިތުގައި ނަމާދު ކުރާނީއެވެ. ނޫންނަމަ އޭނާ ބޭނުންތަނެއްގަައި ނަމާދު ކުރެވިދާނެއެވެ.

ޢީދުނަމާދު ކުރާގޮތް/ އިތުރު ތަކްބީރު ކިޔާނެގޮތް:

ޢީދުނަމާދު ކުރާނީ ޢާއްމު ނަމާދު ކުރާގޮތަށެވެ. ބަންގިއެއް ޤަމަތެއް ދިނުމެއް ނޯންނާނެއެވެ. އެހެންނަމަވެސް ނަމާދަށް ސަފުހެދުމަށްޓަކައި ]الصَّلَاةُ جَامِعَةٌ[ ކިޔާލުމަކީ ސުއްނަތެކެވެ. ދެން ޢާއްމު ނަމާދު ކުރާގޮތަށް ކުރާނީއެވެ. މިގޮތަށް ކުރާއިރު ފުރަތަމަ ރަކްޢަތުގައި ހަށަންބަން ތަކްބީރުގެ އިތުރުން ހަތް ތަކްބީރު ކިއުމާއި ދެވަނަ ރަކްޢަތުގައި ސަޖިދައިން ތެދުވާ ތަކްބީރުގެ އިތުރުން ފަސް ތަކްބީރު ކިއުމީ ސުއްނަތް ވެގެންވާ ކަމެކެވެ. މިތަކްބީރުތައް ކިޔަންވާނީ ކޮންމެ ރަކްޢަތެއްގައި ވެސް އަލްޙަމްދު ކިޔަވަން ފެށުމުގެ ކުރިންނެވެ. ކޮންމެ ތަކްބީރެއް ކިޔާވަގުތު ދެއަތް ދެކޮނޑާ ހަމައަށް އުފުލުމަކީ ސުއްނަތެކެވެ. ބައެއް މަޛްހަބުގައި ތަކްބީރުކިއުން އޮންނަނީ ސޫރަތް ކިޔެވުމަށްފަހުގައެވެ. ޙަނަފީ މަަޛްހަބުގައި އޮންނަނީ ފުރަތަމަ ރަކްޢަތުގައި އިތުރު ފަސް ތަކްބީރެވެ. ދެވަނަ ރަކްޢަތުގައި އިތުރު ތިން ތަކްބީރެވެ. އަޅުގަނޑުމެންގެ ދަލީލަކީ އިމާމު އަބޫ ދާއޫދާއި ޙާކިމު ޞައްޙަ ސަނަދުން މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ އިބްނި ޢަމްރުގެ ކިބައިން ރިވާކުރަށްވާފައިވާ މިރިވާޔަތެވެ. އަދި މިރިވާޔަތް ޢަބްދު ﷲ ފިޔަވައި އެނޫން ގިނަ ޞަޙާބީންގެ އަރިހުންވެސް ރިވާވެފައިވާ ކަމަށެވެ. ]إِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ كَانَ إِذَا خَرَجَ إِلَى الْعِيدَيْنِ ..، ثُمَّ يَبْدَأُ بِالصَّلَاةِ قَبْلَ الْخُطْبَةِ، ثُمَّ كَبَّرَ فِي الْأُولَى سَبْعًا قَبْلَ الْقِرَاءَةِ ، وَفِي الْآخِرَةِ خَمْسًا قَبْلَ الْقِرَاءَةِ، ثُمَّ خَطَبَ النَّاسَ[ މާނައީ: رَسُولُ اللَّهِ ﷺ ޢީދު ނަމާދަށް ނިކުމެ ވަޑައިގަންނަވަތެވެ. ދެން ޚުޠުބާ ދެއްވުމުގެ ކުރިން ނަމާދަށް ފަށްޓަވަތެވެ. ފުރަތަމަ ރަކްޢަތުގައި ހަށަންބަން ތަކްބީރަށް ފަހުކިޔަވާ ވިދާޅުުވުމަށް ފެއްޓެވުމުގެ ކުރިން ހަތްފަހަރު ތަކްބީރު ވިދާޅުވެތެވެ. އަދި ދެވަނަ ރަކްޢަތަށް ތެދުވެ ވަޑައިގެން (ސަޖިދައިން ތެދުވަމުން ކިޔާ ތަކްބީރުގެ އިތުރުން) ކިޔަވާ ވިދާޅުވާން ފެއްޓެވުމުގެ ކުރިން އިތުރު ފަސް ތަކްބީރު ވިދާޅުވެތެވެ. އެއަށްފަހު ނަމާދުން ނިމިވަޑައިގެން ޚުޠްބާ ދެއްވަތެވެ. މިތަކްބީރުތަކަކީ އިތުރު ތަކްބީރުތައް ކަމުގައި ވާތީ ހަނދާންނެެތިވެ އުނިއިތުރު ވެއްޖެނަމަ ޔަޤީންވާ ގޮތަކަށް ޢަދަދު ހަމަކުރީމަ ނިމުނީއެވެ. ކުށުސަޖިދަ ކުރާކަށް ނުޖެހޭނެއެވެ. އަދި ކިޔަވަން ފެށުމުގެ ކުރިން ތަކްބީރު ކިއުން ހަނދާން ނެތިއްޖެނަމަ ކިޔަވައި ނިމިގެން ރުކޫޢަށް ދިއުމުގެ ކުރިން ތަކްބީރުތައް ކިޔާލުމުން ފުދޭނެއެވެ.

ގިނަ ދަންނަބޭކަލުންގެ އަރިހުގައި ހަތް ތަކްބީރާއި ފަސް ތަކްބީރު އޮތް ކަމުގައި ވިއަސް އިމާމު އަބޫ ޙަނީފާގެ އަރިހުގައި އޮންނަނީ ފަސް ތަކްބީރާއި ތިން ތަކްބީރެވެ. އަދި ކިއުން އޮންނަނީވެސް ޤުރުއާން ކިޔަވައިގެން ރުކޫޢަށް ދިއުމުގެ ކުރިންނެވެ. މިއިންކޮންމެ ގޮތެއްވެސް ރަނގަޅުވާނެއެވެ. ނަމަވެސް އައުލާގޮތަކީ ކުރީގައި ބަޔާންވެދިޔަ ގޮތެވެ.

ޢީދުނަމާދުގެ ވަގުތު:

ޢީދުނަމާދުގެ ވަގުތަކީ އިރުއެރުމަށްފަހު ލޮންސިއެއް ހައިމިންވަރު އިރު އުފުލުމުން ފެށިގެން އިރުމެދު ޖެހުމާ ދޭތެރެއެވެ. ފިޠުރު ޢީދު ކުރުން މޮޅުއިތުރީ ލަސްކޮށްލާފައެވެ. ފިޠުރު ޢީދުނަމާދަށް ދާއިރު އެއްޗެއް ކައިގެން ދިއުމަކީ ސުއްނަތެކެވެ. މޮޅުއިތުރީ ކަދުރު އޮށަކުން ނާސްތާ ކޮށްލުމެވެ. އަޟްޙާ ޢީދު ކުރުން މޮޅުއިތުރު ވެގެންވަނީ ވީހާވެސް އަވަސްކޮށެވެ. އަދި ނާސްތާ ކުރުން ސުއްނަތް ވެގެންވަނީ މިޢީދުގެ ފަހުންނެވެ.

ޢީދު ނަމާދުގައި ކިޔެވުން:

ޢީދު ނަމާދުގައި ކިއުމަށް ސުއްނަތް ވެގެންވާ ތަފާތު ސޫރަތްތައް ވެއެވެ. މިގޮތުން ފުރަތަމަ ރަކްޢަތުގައި އަލްޙަމްދަށް ފަހު ]سَبِّحِ اسْمَ رَبِّكَ[ އަދި ދެވަނަ ރަކްޢަތުގައި އަލްޙަމްދަށް ފަހު ]هَلْ أَتَاكَ حَدِيثُ الْغَشِيَةِ[ ކިޔެވުމީ ސުއްނަތެކެވެ. ކިޔެވުން ސުއްނަތް ވެގެންވަނީ ހުކުރު ނަމާދު ފަދައިން ބާރަށެވެ. އިމާމު އައުޒާޢީ ވިދާޅުވަނީ ސިއްރުން ކިވުމަށެވެ. ނަމަސް ސުއްނަތުން ސާބިތުވަނީ ބާރަށް ކިޔެވުމެވެ. އަދި މިނޫން ސޫރަތެއް ކިޔަވައިގެން ވެސް ސުއްނަތް ޙާޞިލުވާނެއެވެ.

ޢީދުގައި ޚުޠުބާ ދިނުން:

ޢީދު ނަމާދުގައިވެސް ހުކުރު ނަމާދު ފަދައިން ޚުޠުބާ ދޭންވާނެއެވެ. އަދި ޚުޠުބާގައި އޮންނަނީ ހުކުރު ފަދައިިން ދެޚުޠުބާއެވެ. އެހެނަަސް ޢީދުގައި ޚުޠުބާ ދިނުމީ ސުއްނަތްވެގެންވާ ކަމެކެވެ. އަދި މިޚުޠުބާ އޮންނަނީ ޢީދު ނަމާދުގެ ފަހުންނެވެ. އެކަހެރިކޮށް ކުރާ މީހާއަށާއި އަންހެނުންނަށް ޚުޠުބާ ދިނުމެއް ނޯވެއެވެ. ގޭގައި ކުދިކުދި ޖަމާޢަތް ކުރާއިރު ޚުޠުބާ ދިނުމެއް ނޯންނާނެއެވެ. އިމާމު ޝާފިޢީ ވިދާޅުވެފައި ވެއެވެ. ]وَلَا أُحِبُّ أَنْ يَخْطُبَهُمْ أَحَدٌ فِي الْمِصْرِ إذَا كَانَ فِيهِ إمَامٌ خَوْفَ الْفُرْقَةِ[ މާނައީ: ރަށުގެ ބޮޑު މިސްކިތުގައި އިމާމު މީހާ ޚުޠުބާ ދިނުމަށްފަހު ދެން އޭގެ ފަހުން (ޖަމާޢަތް ބޭއްވުނު ކަމުގައި ވިއަސް) ދެވަނަ ފަހަރަށް އަނެއް އިމާމަކު ޚުޠުބާ ދިނުމަކީ ތިމަންކަލޭގެފާނު ރުހިވަޑައިގަންނަވާ ކަމެއް ނޫނެވެ. އެއީ ބައިބައިވުމުގެ ބިރުވެރިކަމުން ސަލާމަތް ވުމުގެ ގޮތުންނެވެ.

ޢީދުގެ ފަހުން ދެ ޚުޠުބާ ދިނުން:

ޢީދު ޚުޠުބާ ސުއްނަތް ވެގެންވަނީ ޢީދުގެ ފަހުންނެވެ. ޚުޠްބާ ދިނުން ސުއްނަތް ވެގެން ވަނީ ދެޚުޠްބާއެވެ. މިއީ ކީރިތި ރަސޫއާއި ހަތަރު ޚަލީފާއިން ކަން ކުރެއްވި ގޮތެވެ. އަދި މިއީ އެންމެހައި އިމާމުން އެއްބަސްވެ ވަޑައިގަންނަވާ މައްސަލައެކެވެ. ޢީދުގައި ދެޚުޠްބާ ދިނުމަކީ މުސްލިމުންގެ މެދުގައި އެހާރާއި މިހާރުގެ އެންމެން އިޖްމާވެފައިވާ މައްސަލައެކެވެ. ހަތަރު މަޛްހަބު އެއްބަސްވާ މައްސަލައެއް މެއެވެ. މިހާރަކަށް އައިސް ބައެއް ޒާހިރީ ގޮތްތައް ފަތުރަން އެޅޭމީހުން ތިމާމެން މަޝްހޫރު ވުމުގެ ބޭނުމުގައި އެއީ އެއް ޚުޠްބާކަމުގައި ދަޢުވާ ކުރެއެވެ. އެމީހުން ބުނަނީ ކީރިތި ރަސޫލާ ޚުޠްބާގެ ދެމެދު އިށީނދެ ވަޑައިގަތްކަން ޞައްޙަމަގުން ސާބިތުވާން ނެތްކަމަށެވެ. އަޅުގަނޑު ބުނާނީ އިތުރު އެކަލޭގެފާނު އިށީނދެ ވަޑައިގަތްކަން ސާބިތުވާން ނެތުމަކީ އެކަލޭގެފާނު އިށީނދެ ވަޑައި ނުގަންނަވާ ކަމުގެ ހެއްކެއް ނޫންކަމަށެވެ. އަދި އެކަލޭގެފާނު ދެޚުޠުބާ ދެއްވާފައި ނެތްނަމަ ހަތަރު ޚަލީފާއިން ފެށިގެން މިއަދާ ހަމަައަށް މުސްލިމުން ދެޚުޠްބާ މަތީ ޤާއިމުވެ ނުތިބީހެވެ.

ޢީދު ނަމާދު ޤަޟާކުރުން:

ދަންނަބޭކަލުން ވިދާޅުވަނީ ޢާއްމު ސުއްނަތް ނަމާދު ފަދައިން ޢީދު ނަމާދުވެސް ޤަޟާ ކުރެވޭނެ ކަމަށެވެ. މިތާގައި ޤަޟާ ކުރުމޭ ބުނެވެނީ ޢީދު ދުވަހުގެ މެންދުރު ނަމާދުގެ ކުރިން ޢީދު ނުކުރެވޭ ނަމައެވެ. އޭރުން ޤަޟާ ކުރާނީ ވަޅު ޢީދު ދުވަހު ހެނދުނުގައެވެ. އަޟްޙާ ޢީދު ނަމާދު ނުކުރެވޭނަމަ އެެގާރަ ވަނަ ދުވަހާއި ބާރަވަނަ ދުވަހާއި ދެދުވަހުން ކުރެ އެއްދުވަހުގައި ޤަޟާ ކުރެވިދާނެއެވެ. އިމާމު މާލިކުގެ އަރިހުގައި ޤަޟާކުރުމެއް ނޯވެއެވެ. އިމާމު އަބޫ ޙަނީފާ ވިދާޅުވަނީ ރަށުގައި ޢީދުގެ ޖަމާޢަތް ނުބޭއްވޭނަމަ ވަޅު ޢީދު ދުވަހު ޤަޟާކުރާނީއެވެ. އިމާމު އަޙްމަދު ވިދާޅުވަނީ ޤަޟާކުރުމެއް ނޯންނަ ކަމަށެވެ. އިމާމު ޤަތާދާގެ ކިބައިން އިބްނު ޙަޖަރު ނަގުލު ކުރަށްވާފައި ވަނީ ރަށުގައި ބަޔަކު ނުވަތަ ދަތުރުވެރިންތަކެއް ވެސް ނަމާދު ނުުކޮށް ތިބިއްޖެނަމަ އެބައިމީހުން އެއްތަނަކަށްޖަމާވެ އެކަކު އިމާމަކަށް ހުރެ ނަމާދު ކުރެވިދާނެ ކަމަށެވެ.

ޢީދު ތަކްބީރު ކިއުން:

ޢީދު ތަކްބީރު ކިއުމަކީ ސުއްނަތެކެވެ. އެއީ ]اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ[ މިފަދައިން ތިންފަހަރު ކިއުމެވެ. ތަކްބީރު ކިޔާނީ ބާރަށެވެ. މިފަދައިން ކިއުމަށް ޢަބްދު ﷲ އިބްނި ޢައްބާސްގެ އަރިހުން ސާބިތުވާ ކަމުގައި އިމާމު ނަވަވީ ލިއުއްވާފައި ވެއެވެ. ތަކްބީރު ކިއުން ސުއްނަތް ވެގެންވަނީ ފަރުޟު ނަމާދުތަކުގެ ފަހުގައެވެ. ރަވާތިބު ސުއްނަތުގެ ފަހުގައި ތަކްބީރު ކީދާނެއެވެ. އެހެންނަަމަވެސް ކީރިތި ރަސޫލާގެ އަރިހުން ޢަމަލުފުޅަކުން ސާބިތުވާކަށް ނެތެވެ. ބަޤަރާ ސޫރަތުގެ 185 އާޔަތުގައި މާތް ﷲ ވަޙީ ކުރަށްވާފައި ވެއެވެ. ]وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَى مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ[ މާނައީ: އަދި ތިޔަބައިމީހުން ރޯދަމަހުގެ ރޯދައިގެ ދުވަސްތައް ފުރިހަމަކުރާށެވެ. އެހިނދު ދެން ﷲގެ ނަންފުޅުގައި ތަކްބީރު ކިޔާށެވެ. އެއީ ތިޔަބައިމީހުންނަށް ﷲ ހިދާޔަތު ދެއްވި ކަމަށްޓަކައެވެ. އަދި އެއިލާހު ދެއްވި ނިޢުމަތްތަކަށް ޝުކުރު އަދާކުރުމުގެ ގޮތުންވެސް މެއެެވެ. ތަކްބީރު ކިއުމުގައި އިތުރަށް ބޭނުންނަމަ މިފަދައިން ކިޔާށެވެ. ]اللَّهُ أَكْبَرُ اللَّهُ أَكْبَرُ اللَّهُ أَكْبَرُ لاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ اللَّهُ أَكْبَرُ وَلِلَّهِ الْحَمْدُ[ މިއެވެ. އިމާމު ޙަސަނުލް ބަޞްރީއާއި ޢަބްދު ﷲ އިބްނި މުޙައްމަދާއި ދެބޭކަލުން ވިދާޅުވާ ގޮތުގައި ވަރަށް ގިނަ އިމާމުވެރި ބޭކަލުން އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކުގައި މިތަކްބީރު ކިއުއްވާކަމަށް އިމާމު ނަވަވީ ލިއުއްވާފައި ވެއެވެ. އަދިވެސް އިމާމު ޝާފިޢީ ވިދާޅުވެފައި ވެއެވެ. މިމަޤާމަކީ ޛިކުރުގެ މަޤާމަކަށްވާތީ އަންނަނިވި ތަކްބީރު އިތުރު ކޮށްލުމަކީ އެންމެ ރަނގަޅުކަމެއް ކަމުގައި ތިމަން ކަލޭގެފާނު ދެކެވަޑައި ގަންނަވަމެވެ. އެތަކްބީރަކީީ رَسُولُ اللَّهِ ﷺ އަޟްޙާ ޢީދު ދުވަހު ޞާފާގައި ހަރުއަޑުފުޅުން ކިއުއްވި ތަކްބީރެއް ކަމުގައި އިމާމު ޝާފިޢީ ރިވާކުރަށްވާފައި ވެއެވެ. އެއީ ]اللَّهُ أَكْبَرُ كَبِيرًا وَالْحَمْدُ لِلَّهِ كَثِيرًا وَسُبْحَانَ اللَّهِ بُكْرَةً وَأَصِيلًا لَا إلَهَ إلَّا اللَّهُ وَلَا نَعْبُدُ إلَّا إيَّاهُ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الْكَافِرُونَ لَا إلَهَ إلَّا اللَّهُ وَحْدَهُ صَدَقَ وَعَدَهُ وَنَصَرَ عَبْدَهُ وَأَعَزَّ جُنْدَهُ وَهَزَمَ الْأَحْزَابَ وَحْدَهُ لَا إلَهَ إلَّا اللَّهُ وَاَللَّهُ أَكْبَرُ[ މިއެވެ.

މާތް ﷲ ރުއްސުންލެއްވި އިބްނި ޢުމަރުގެ ކިބައިން ރިވާވެގެންވާ ކަމަށް އިމާމު އިބްނި ޤުދާމާ ނަގުލު ކުރަށްވާފައި ވެއެވެ. ]وَكَانَ ابْنُ عُمَرَ يُكَبِّرُ فِي قُبَّتِهِ بِمِنًى يَسْمَعُهُ أَهْلُ الْمَسْجِدِ فَيُكَبِّرُونَ وَيُكَبِّرُ أَهْلُ الْأَسْوَاقِ حَتَّى تَرْتَجَّ مِنًى تَكْبِيرًا[ މާނައީ: އިބްނި ޢުމަރު މިނާގައި އެކަލޭގެފާނުންގެ ގުއްބަކޮޅުތެރޭ އިންނަވައިގެން މިތަކްބިރު ބާރަށް ކިއުއްވާކަމަށާއި އެއަޑުފުޅު އަޑުއިވުމުން މިސްކިތުގައި ތިބިހައި މީހުންނާއި ބާޒާރުގައި ތިބިހައި މީހުން އެއްއަޑާ ތަކްބީރު ކިޔަން ފެށުމުން މުޅިމިނާ ތަކްބީރުގެ އަޑުފަށްގަނޑުން ގުގުމާލާ ކަމުގައި ވެއެވެ.

މާތްﷲ އެދެބޭކަލުންނަށް ރުއްސުންލެއްވި ޢުމަރުގެފާނާއި ޢަލީގެފާނުންގެ ކިބައިން އިބްނި އަބީޝައިބާއާއި ނަވަވީ ރިވާކުރަށްވާފައި ވެއެވެ. ]أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يُكَبِّرُ مِنْ صَلَاةِ الْغَدَاةِ يَوْمَ عَرَفَةَ إلَى صَلَاةِ الْعَصْرِ مِنْ آخِرِ أَيَّامِ التَّشْرِيقِ[ މާނައީ: ޢަރަފާތް ދުވަހުގެ ފަތިސް ނަމާދުން ފެށިގެން ޙައްޖު މަހުގެ ތޭރަ ވަނަ ދުވަހުގެ ޢަޞުރު ނަމާދު ނިމެންދެން ތަކްބީރު ކިއުއްވާކަމަށް ވެއެވެ. އިމާމު އިބްނި ޚުޒައިމާއާއި ބައިހަޤީ މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ އިބްނި ޢުމަރުގެ ކިބައިިން ރިވާކުރަށްވާފައި ވެއެވެ. ]عَنْ عَبْدِ اللَّهِ بْنِ عُمَرَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَخْرُجُ فِي الْعِيدَيْنِ مَعَ الْفَضْلِ بْنِ عَبَّاسٍ وَعَبْدِ اللَّهِ بْنِ عَبَّاسٍ وَالْعَبَّاسِ وَعَلِيٍّ وَجَعْفَرٍ وَالْحَسَنِ وَالْحُسَيْنِ وَأُسَامَةَ بْنِ زَيْدٍ وَزِيدِ بْنِ حَارِثَةَ وَأَيْمَنَ ابْنِ أُمِّ أَيْمَنَ رَافِعًا صَوْتَهُ بِالتَّهْلِيلِ وَالتَّكْبِيرِ فَيَأْخُذُ طَرِيقَ الْحَدَّادِينَ حَتَّى يَأْتِيَ الْمُصَلَّى فَإِذَا فَرَغَ رَجَعَ عَلَى الْحَذَّائِينَ حَتَّى يَأْتِيَ مَنْزِلَهُ[ މާނައީ: އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. ދެޢީދު ދުވަހުގައިވެސް ޢީދަށްޓަކައި ގަނޑުވަަރުން ނިކުމެ ވަޑައިގެން ވަޑައިގަންނަަވަތެވެ. އަދި ޢީދުކުރާ ތަނާ ޖެހެންދެން ބާރު އަޑުފުޅުން ތަކްބީރާއި ތަހްލީލު ވިދާޅުވަތެެވެ. އަދި އަރިހުގައި ޢައްބާސާއި އިބްނި ޢައްބާސާއި ފަޟުލު އިބްނި ޢައްބާސާއި ޢަލީއާއި ޖަޢުފަރާއި ޙަނަސާއި ޙުސައިިނާއި އުސާމާއާއި ޒައިދާއި އައިމަން ވަޑައިގަންނަވައެވެ. ދެން ވަޑައިގަންނަވަނީ މަގުމަތިން ފެނިވަޑައިގަންނަވާހައި ބަޔަކު އަރިހުގައި ގޮވައިގެންނެވެ. އަދި ގަނޑުވަަރަށް ވަޑައިގަންނަވާ މަގުމަތިން ވެސް މަސައްކަތްތެރިންނާ ބައްދަލުކުރަށްވަމުން ވަޑައިގަންނަވައެވެ. އެހެންކަމުން ޢިލްމުވެރިން ވިދާޅުވަނީ ތަކްބީރުކިޔާ ދުވަސްތަކުގައި މިސްކިތުގައްޔާއި ގޭތެރޭގައްޔާއި ނަމާދުތަކުގެ ފަހުގައްޔާއި މަގުމަތީގައްޔާ ބާޒާރުމަތީގައި ތަކްބީރުކިޔައި އުޅުމީ ސުއްނަތެއް ކަމަށެވެ.

ޢީދު ނަމާދު ކުރުން އައުލާ ވެގެންވާ ތަން:

ޢީދު ނަމާދަކީ ޖަމާޢަތުގައި ކުރުން މޮޅުއިތުރު ނަމާދަކަށް ވުމާއެކު ކީރިތި ރަސޫލާގެ ފަހަތްޕުޅުގައި ނަމާދު ކުރުމަށް އަޞްޙާބު ބޭކަލުން ޝައުޤުވެރިވެ ލައްވާލެއް ބޮޑުކަމުން ޚާއްޞަކޮށް މަދީނާގެ އަންހެން ފިރިހެން ކުދިބޮޑު އެންމެންގެ އިތުރުން އެހިސާބުގަނޑުގެ ކުދިކުދި ވިލެޖްތަކުގައި ޢީދުގެ ޖަމާާޢަތް ކުރުން ސުއްނަތް ނުވާ ރަށްރަށުގެ މީހުންވެސް ޢީދު ކުރުމަށް މަދީނާއަށް އާދެއެވެ. އަދި ޚަލީފާވެރި ބެއިކަލުންގެ ދުވަސްވަރުގައި ވެސް ކަންއޮތީ މިގޮތަށެވެ. އެހެންކަމުން ކީރިތި ރަސޫލާވެސް އަދި ހަތަރު ޚަލީފާވެރި ބޭކަލުންވެސް ޢީދު ނަމާދު އިސްވެ ކޮށް އުޅުއްވީ މަދީނާގެ އާބާދީން ބޭރު ޞަޙަރާގައެވެ. ސަބަބަކީ ކީރިތި ރަސޫލާގެ މިސްކިތްކޮޅު ކުޑަކަމުން މިއެންމެންނަށް އެކީ ނަމާދު ނުކުރެވޭނެތީއެވެ. އޭރު ކީރިތި ރަސޫލާގެ މިސްކިތްކޮޅުގެ ބޮޑުމިނަކީ 1050 އަކަމީޓަރެވެ. މިއާޚިލާފަށް މައްކާއަށް ބަލާއިރު ކީރިތި ރަސޫލާގެ ދުވަސްވަރުން ފެށިގެން މިއަދާހަމައަށް ވެސް މީސްތަކުން ޢީދު ނަމާދު ކުރަމުން އައިސްފައި ވަނީ މައްކާގެ ޙަރަމްފުޅުގައެވެ. އެއީ މައްކާގެ ޙަަރަމްފުޅު ތަނަވަސް ވެފައި ގިނަމީހުން ބައިވެރިވުމަކުން ތަން ނުފުރޭނެތީއެވެ. ވުމާއެކު އިމާމު ޝާފިޢީ ވިދާޅުވެފައި ވެއެވެ. ]إنْ كَانَ مَسْجِدُ الْبَلَدِ وَاسِعًا فَالصَّلَاةُ فِيهِ أَوْلَى لِأَنَّهُ خَيْرُ الْبِقَاعِ وَأَطْهَرُهَا، وَلِذَلِكَ يُصَلِّي أَهْلُ مَكَّةَ فِي الْمَسْجِدِ الْحَرَامِ[ މާނައީ: ރަށުގެ މިސްކިތް ތަނަވަސް ވެގެންވާނަމަ ޢީދުނަމާދު ކުރުން އައުލާވެގެންވަނީ މިސްކިތުގައެވެ. މިހެނީ މިސްކިތަކީ އެބިމެއްގައިހުރި އެންމެ މާތް އެންމެ ތާހިރު ތަންކޮޅު ކަމުގައިވާތީއެވެ. އެހެންކަމާހުރެ ކީރިތި ރަސޫލާގެ ޒަމާނުއްސުރެން ފެށިގެން މައްކާގެ މީހުން ޢީދުކޮށް އުޅުނީ އަލްމަސްޖިދުލް ޙަރާމް ގައެވެ. މިއުޞޫލުގެ ދަށުން މަސްޖިދުއްނަބަވީ ބޮޑުކުރެވުމަށް ފަހު މަދީނާގެ އަހުލުވެރިންވެސް ޢީދު ނަމާދު ކުރަނީ މަސްޖިދުއް ނަބަވީގައެވެ. ހުސްމައިދާނުގައެއް ނޫނެވެ. ބުއްދި ޤަބޫލު ކުރަނީވެސް މިގޮތް މޮޅު ކަމަށެވެ. ނަމަވެސް އިމާމު އަޙްމަދުގެ މަޛްހަބަކީ ޢީދުކުުރުމަށް އައުލާވެގެންވަނީ ޞަހަރާކަމުގައެވެ. އެއީ رَسُولُ اللَّهِ ﷺ އާއި ޚަލީފާވެރި ބޭކަލުން ޢީދު ކުރެއްވީ އެތާގައި ކަމަށް ވާތީއެވެ.

ނަމާދުކޮށް ނިމިގެން އެކަކު އަނެކަކަށް ތަހުނިޔާ ކިޔައި ދުޢާކުރުން:

ޢީދުކޮށްނިމި ޚުޠުބާއަށް ފަހުގައި އެކަކުއަނެކަކަށް ސަލާންގަލާން ކުރުމާއި ދުޢާކުރުމާއި މުބާރަކު ބާދު ކިއުމީ ސުއްނަތެކެވެ. އިބްނި ޤުދާމާ ނަގުލު ކުރަށްވާފައި ވެއެވެ. އެއްފަހަރަކު މީހަކު އިމާމު އަޙްމަދާ ސުވާލު ކުރިއެވެ. ޢީދު ދުވަހު ]تَقَبَّلَ اللَّهُ مِنَّا وَمِنْكَ[ (ﷲ ތިމަންނާއާއި ކަލޭގެ އަޅުކަން ޤަބޫލު ކުރަށްވާށިއެވެ.) މިފަދައިން ބުނުމަކީ ކޮންކަހަލަ ކަމެއްތޯއެވެ. ޖަވާބުގައި އަޙްމަދު ވިދާޅުވިއެވެ. އެއީ މައްސަލައެއް އޮތްކަމެއް ނޫނެވެ. އަބޫ އުމާމާގެ ކިބައިިން ޝާމުކަރައިގެ މީހުން އެކަން ނަގުލުކޮށް ހަދައެވެ. ކޮންމެއަކަސް މިބަސް ކިއުމާއި ނުކިއުމަށް ކީރިތި ރަސޫލާގެ އަރިހުން ވާރިދުވެގެންވާ ބަސްފުޅުތަކަކީ ޟަޢީފު، މުންކަރު ރިވާޔަތްތައް ކަމުގައި ބައިހަޤީއާއި އިބްނި ޙަޖަރާއި ޛަހަބީ ވިދާޅުވެފައި ވެއެވެ.

ޢީދުވިލޭރޭ އިޙްޔާކުރުން:

ދެޢީދު ވިލޭރޭ އިޙްޔާކޮށް ޛިކުރު ކުރުމާއި ދުޢާކުރުމުގައި މިސްކިތުގައި މަޝްޣޫލުވެ އިނުމަކީ ސުއްނަތެކެވެ. މިސްކިތުގައި ނީދެވޭނަމަ ގޭގައެވެ. އިމާމު ޝާފިޢީ އަލްއުއްމުގައި ވިދާޅުވެފައި ވެއެވެ. ތިމަން ކަލޭގެފާނަށް ޚަބަރު ލިބިވަޑައިގެންފައިވާ ގޮތުގައި ﷲގެ ޙަޟުރަތުގައި ދުޢާ ޤަބޫލު ކުރަށްވާ ފަސް ރެއެއް ވެއެވެ. އެއީ ހުކުރު ވިލޭރެއާއި އަޟްޙާ ޢީދު ވިލޭރެއާއި ފިޠުރު ޢީދުވިލޭރެއާއި ރަޖަބު މަހުގެ ފުރަތަމަ ރެއާއި ޝަޢުބާން މަހުގެ ފަނަރަ ވިލޭރެއެވެ. އަދިވެސް އިމާމު ޝާފިޢީ ވިދާޅުވެފައި ވެއެވެ. ތިމަން ކަލޭގެފާނުންގެ އަރިހުގައި މާތް ﷲ ރަޙްމަތްލެއްވި އިބްރާހީމް އިބްނި މުޙައްމަދު ވިދާޅުވެފައި ވެއެވެ. މަދީނާގެ ޢިލްމުވެރިންގެ ތެރެއިން އަރާތިއްބެވި ބޭކަލުން ދެޢީދު ވިލޭރޭ މަސްޖިދުއް ނަބަވީއަށް ޖަމާވެ ވަޑައިގެން ރޭގަނޑުން ބައެއް ވެއަތުވަންދެން ދުޢާކުރެއްވުމާއި ޛިކުރު ކުރެއްވުމުގައި މަޝްޣޫލުވެ ތިއްބަވަތެވެ. އަދިވެސް ޝާފިޢީގެފާނު ވިދާޅުވެފައި ވެއެވެ. ތިމަން ކަލޭގެފާނަށް ޚަބަރު ލިބިވަޑައިގެންފައިވާ ގޮތުގައި މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ އިބްނި ޢުމަރު ބޮޑު ޢީދުވިލޭރޭ އިޙްޔާކުރަށްވަތެވެ. އަދިވެސް ޝާފިޢީގެފާނު ވިދާޅުވެފައި ވެއެވެ. އެހެންކަމުން ތިމަން ކަލޭގެފާނު ބަޔާންކުރެއްވި ރޭތައް ފަރުޟުކަމެއްގެ ގޮތުގައި ދުށުމެއްނެތި އިޙްޔާކުރުމަކީ މުސްތަޙައްބު ކަމެއް ކަމުގައި ދެކެވަޑައި ގަންނަވަމެވެ.

وَمَا تَوْفِيقِي إِلاَّ بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيب

وَصَلَّى اللَّهُ وَسَلَّمَ عَلَى خَيْرِ خَلْقِهِ مُحَمَّدٍ وَآلِهِ وَصَحْبِهِ أَجْمَعِينَ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން