އަދުގެ ދުނިޔޭގައި ކުރިއަރާފައިވާ ސިޓީތައް ވާންވާނީ އެތަނެއްގައި ދިރިއުޅޭ ރައްޔިތުންނާއި، ވިޔަފާރިތައް އަދި އެހެނިހެން މުވައްސަސާތަކަށް ލުއި ފަސޭހަކަން ލިއްބައިދޭތަންތަނަށެވެ. ޒަމާނާއެކު ޓެކްނޮލޮޖީއަށް އަންނަ ހަލުވި ބަދަލުތަކާއެކު ސިޓީތަކުގައި ދިރިއުޅޭ އަދި ވިޔަފާރިކުރާ ފަރާތްތަކުން، ޚިދުމަތް ހޯދުމާއި ލިބިގަތުމުގައި ފެންވަރު ރަގަޅު، އަވަސް ޚިދުމަތްތަކަށް ބޭނުންވެއެވެ. މީގެ ތެރޭގައި ސަރުކާރުގެ އެކި ވުޒާރާތަކުންނާއި ޢާންމު ޚިދުމަތް ފޯރުކޮށްދޭ މުވައްސަސާތައްވެސް ހިމެނެއެވެ.

އަދުގެ ދުނިޔޭގައި ދިރިއުޅުމުގެ ހުރިހާ ކަމެއްފުއްދުމުގައި އިންޓަނެޓްގެ ޚިދުމަތް މިވަނީ އަސާސީ ބޭނުމަކަށްވެފައެވެ. ނަމަވެސް، މުޖުތަމަޢުގެ ވަކިވަކި ފަރުދުން އެދޭ އެންމެ އެކަށީގެންވާ މިންވަރެއްގައި އަދި އަގެއްގައި މިޚިދުމަތްފޯރުކޮށްދިނުމަށް އެތައް ހުރަސްތަކަކާ ކުރިމަތިލާންޖެހެއެވެ. މީގެ ތެރޭގައި، އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މިލްކުގައިވާ އުމްރާނީ ވަސީލަތްތަކުގެ މަދުމިން ވަކިން ފާހަގަކޮށްލެވެއެވެ.

ސްމާޓް ސިޓީގެ އެންމެ މައިގަނޑު އެއް އަސާސަކީ އިންޓަރނެޓް ފަދަ ޒަމާނީ ޚިދުމަތްތައް ރައްޔިތުންނަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހަލުވިކަމާއެކު ހެޔޮ އަގެއްގައި ފޯރުކޮށްދޭނޭ މުނިސިޕަލް ވަސީލަތްތައް ޤާއިމްވެފައިހުރުމެވެ. މިފަދަ ވަސީލަތްތަކުގެ ތެރޭގައި އޯޕަން އެކްސެސް ނެޓްވޯކް ހިމެނެއެވެ. މިއީ، ސިޓީއެއް ފަރުމާކުރުމުގައި އެކުލަވާލެވޭ މުވާސަލާތީ ވިއުގައަކަށް ދެވިފައިވާ ނަމެކެވެ. އޯޕަން އެކްސެސް ނެޓްވޯކްފަދަ ވަސީލަތްތަކަކީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ހެޔޮ އަގެއްގައި އެޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދޭ، އަދި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް އަގުހެޔޮކޮށް އެޚިދުމަތްތަކަށް ވާސިލުވުމަށް އެހީތެރިވެދޭ މުހިއްމު ވަސީލަތެކެވެ. މިފަދަ ވަސީލަތްތަކުގެ ސަބަބުން މުޖުމަތަމައެއްގެ ގިނަ ފަރުދުންނަށް މިފަދަ ޚިދުމަތްތައް ލިބިގަތުމަށް ފަސޭހަވެގެންދާނެއެވެ.

އަޅުގަނޑުމެންގެ މިކުޑަ މުޖުމަތަޢުގައި އެކިއެކި ފަންނުތަކުގައި އަދި ދާއިރާތަކުގައި ހަރަކާތްތެރިވާ މީހުން ހިމެނެއެވެ. މީގެތެރެއިން ބައެއް ފަރާތްތަކުން އިހެކޭ އެއްފަދައިން ކަނޑައެޅިފައިވާ ވަކި ވަގުތުތަކެއްގައި ސަރުކާރު އަދި އަމިއްލަ ފަރާތްތަކުގެ އޮފީސްތަކުގައި ވަޒީފާއަދާކުރަމުން ދާއިރު، ގިނަ ޒުވާނުންގެ މެދުގައި އަމިއްލަ މަސައްކަތް ކުރުމުގެ ޝައުޤުވެރިކަންދަނީ ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންނެވެ. ސްމާޓް ސިޓީއެއް ވާންޖެހޭނީ އަމިއްލައަށް މަސައްކަތްކުރާ ފަރާތްތަކަށް އެފަރާތުގެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތުގައި ކުރެވޭނޭ އިންތިޒާމުތައް ފޯރުކޮށްދޭ އަދި އެފަދަ ވަސީލަތްތައް ފަސޭހަކަމާއެކު ހެޔޮއަގެއްގައި ލިބެންހުންނަ ތަނަކަށެވެ. ދުނިޔޭގެ އެހެން ކުރިއަރާފައިވާ ޤައުމުތަކުގައިވެސް އަލަށް ވިޔަފާރި ފަށައިގަންނަ ފަރާތްތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ޝެއަރޑް ވޯކްސްޕޭސަސް ފަދަ މަސައްކަތްކުރާނޭ ރަގަޅު މާހައުލުތައް އުފައްދާފައިވެއެވެ.

އިންޓަރނެޓްގެ ޚިދުމަތް ފުޅާވެ، ރަގަޅުވަމުން ދާކަމުގައިވަނީނަމަ އެކިއެކި ފަރާތްތަކުގެމެދުގައި ރައްކާކުރެވިފައިވާ މައުލޫމާތު ހޯދާ، ބަދަލުކުރުމަށް މަގުފަހިވާނެއެވެ. މިކަމުގެ ސަބަބުން، ދިރިއުޅުމުގެ އެކި ބޭނުންތަކުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ޚިދުމަތްލިބިގަތުމުގަޔާއި، ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށް ލުއިފަސޭހަކަން ލިބިގެންދާނެއެވެ. އަދި ޚިދުމަތުގެ ފެންވަރު މަތިވެ، ހަލުވި ވެގެން ދާނެއެވެ. މިގޮތުން، ސަރުކާރުގެ އިދާރީ ދާއިރާތައް ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުވެ، އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޒަމާނާ އެއްގޮތައް ހެޔޮ ބަދަލުތައް އަންނާނެއެވެ. މިސާލަކަށް، ސަރުކާރުން ހިންގާ މަޝްރޫޢުތަކަށް ކޮންޓްރެކްޓް އުސޫލުން ގަނެވިއްކުމުގެ މަސައްކަތްތަކަށާއި، ބިލްތަކަށް ފައިސާ ދެއްކުމަށާއި، ޚިދުމަތް ހޯދުމަށް ހުށަހަޅާ ފޯމުތައް ހުށަހެޅުމަށް މިކަމުގެ ސަބަބުން ލުއިފަސޭހަކަން ލިބިގެން ދާނެއެވެ. ދިގު ކިއު ތަކުގައި ވަގުތު ހޭދަކުރުން ނައްތާލާ، ފަސޭހަކަމާއެކު ޚިދުމަތްތައް ލިބިގަނެވޭނެއެވެ.

ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއެކު މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިވެސް އަންނަނީ ބަދަލުވަމުންނެވެ. ކުރިން ޖީބުގައި ބެހެއްޓި އައި.ޑީ ކާޑު، ލައިސަންސް ފަދަ ލިޔެކިޔުންތައް މިވަނީ ޑިޖިޓަލް ތަކެއްޗަށް ބަދަލުވެގެން ގޮސްފައެވެ. ފައިސާ ނޫޓުގެ ބަދަލުގައި ވިޔަފާރީގެ މުއާމަލާތްތައް ހިނގަނީ މުޅިން ކަހަލަގޮތަކަށް އިންޓަރނެޓް މެދުވެރިކޮށެވެ. މުސްތަޤްބަލުގައި ޕާކުކުރުން، އަދި ބެޓެރީ ކާރު އަދި ސައިކަލްފަދަ އުޅަނދުތައް ބޭނުންކުރުމުގައި އިންޓަރނެޓް ބޮޑު ދައުރެއް އަދާކުރާނެއެވެ. ސިޓީތައް އަމާން އަދި ރައްކާތެރިތަންތަނަށް ހެދުމަށްޓަކައި ބަހައްޓާފައިވާ މަގުބައްތިތަކަކީ ކަރަންޓް ޚަރަދު ކުޑަ، ސްމާޓް ތަކެއްޗަށް ބަދަލުވެގެންދާނެއެވެ. އަދި މަގުމަތީގެ ޤަވައިދުތަކާ ޚިލާފުވާ ފަރާތްތަކުގެ ލައިސަންސް ނަމްބަރު ޓެކޮނޮލޮޖީ މެދުވެރިކޮށް ދެނެގަނެވޭނޭ ވަސީލަތްތައް ޤާއިމްވެގެން ދާނެއެވެ. ރައްޔިތުންގެ ހަރަކާތްތަކާއި، އެއްވެ އުޅޭ ތަންތަން ދެނެގަތުމަށް ކިއު. އާރ ކޯޑް ފަދަ އެޕްލިކޭޝަންތައް ފުޅާދާއިރާއެއްގައި ބޭނުންކުރެވިގެން ދާނެއެވެ.

ހަމަމިފަދައިން، ގޭތެރޭގެ އާންމު ދިރިއުޅުމުގެ ކަންތައްތައްވެސް ޓެކްނޮލޮޖީގެ އެހީގައި ދާނީ ދުވަހަކުން ވުރެ ދުވަހެއް ކުރިއަރަމުންނެވެ. މިސާލެއްގެ ގޮތުން، މީހުން ދިރިއުޅޭ އިމާރާތްތަކުގައި ބަހައްޓާފައިވާ ޑަސްޓްބިންތައް ހުސްކުރުމަށް ޓެކްނޮލޮޖީގެ އެހީތެރިކަން ލިބިގެންދާނެއެވެ. އަދި ކަނޑައެޅިފައިވާ ވަކި ވަގުތުތަކެއްގައި ޑަސްޓްބިން ހުސްކުރުމުގެ ބަދަލުގައި، ވަކިވަރަކަށް ކުނި ގިނަވުމުން ދޫކުރާ ސިގްނަލެއްގެ އެހީގައި ޑަސްޓްބިން އުކާލުމުގެ އުސޫލު އަށަގަނެގެންދާނެއެވެ.

އެޗް.ޑީ.ސީ އިން ހިންގާ ސްމާޓް ސިޓީ މަޝްރޫއުގެ މަޤްސަދަކީ އިންޓަރނެޓާއި އެހެނިހެން މުއާސަލާތީ ޚިދުމަތްތަކުގެ އަގާއި ފެންވަރު މާލޭ ސަރަހައްދުގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހޯދައިދިނުމެވެ. އަދި މިސަރަހައްދަކީ މީހުން ދިރިއުޅުމަށް ފަސޭހަ، ޒަމާނީ ސަރަހައްދަކަށް ހެދުމަށް ބޭނުންވާ އެންމެހާ އުމްރާނީ ވަސީލަތްތައް ފޯރުކޮށްދިނުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން