އީދަށް ލުއިދިނުމަށްފަހު ބަންގްލަދޭޝް އަނެއްކާވެސް ލޮކްޑައުންކޮށްފިއެވެ.

ބަންގްލަދޭޝްގައި ކޮވިޑް ކޭސްތައް ގިނަވުމުގެ ސަބަބުން މިމަހު ކުރީކޮޅު އެގައުމު ލޮކްޑައުންކޮށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް ހަރުކަށިކޮށްފައިވެއެވެ. ނަމަވެސް އީދާ ދިމާކޮށް ވިޔަފާރިތަކަށް ފައިދާ އިތުރުކުރުމުގެ މަގްސަދުގައި ކޮވިޑް ކޭސްތައް ގިނަވެފައިވާއިރުވެސް، މިހިނގާ ޖުލައިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ބަންގްލަދޭޝްގައި އަޅާފައިވާ ރައްކާތެރި ކަމުގެ ހަރުކަށި ފިޔަވަޅުތަކަށް ލުއިދީ ލޮކްޑައުން އުވާލިއެވެ.

ބަންގްލަދޭޝްގައި ކޮވިޑް ކޭސްތައް ގިނަވެފައިވަނީ އެގައުމުގައި ފެތުރެމުންދާ ކޮވިޑުގެ ޑެލްޓާ ވޭރިއަންޓުގެ ސަބަބުންނެވެ. މިގޮތުން މިވޭރިއަންޓުގެ ސަބަބުން ކޮވިޑް ކޭސްތައް 31 އިންސައްތަ އިތުރުވެފައިވާކަމަށް އެގައުމުގެ ސިއްހީ ވުޒާރާތަކުން ހާމަކޮށްފައިވެއެވެ.

ބަންގްލަދޭޝްގައި މިހާތަނަށް 1.14 މިލިއަން މީހުންނަށް ކޮވިޑް ޖެހި، 19000 އަށްވުރެ ގިނަމީހުން މިބަލީގައި މަރުވެފައިވާއިރު، މިދިޔަ 24 ގަޑިއިރު އެކަނިވެސް 166 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފައެވެ.

މިއާއެކު އީދަށް ލުއިދިނުމަށްފަހު ބަންގްލަދޭޝް އަނެއްކާވެސް ލޮކްޑައުންކުރިއިރު، ކުރިއަށް އޮތް ދެހަފްތާއެއްހާ ދުވަހު، ކުރިއަށްވުރެ ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކޮށްފައިވާނެކަމަށް ބަންގްލަދޭޝް ސަރުކާރުން ހާމަކޮށްފައިވެއެވެ. މިގޮތުން، މިފަހަރުގެ ލޮކްޑައުންގައި ސަރުކާރު އަދި އަމިއްލަ އޮފީސްތަކުގެ އިތުރުން މުދާ އެކްސްޕޯޓު ކުރާ ކުންފުނި ތަކާއި ގާމެންޓް ފެކްޓްރީތައްވެސް ބަންދުކުރުމަށް ބަންގްލަދޭޝް ސަރުކާރުން ވަނީ ނިންމާފައެވެ. ބަންގްލަދޭޝްގެ ގާމެންޓް ފެކްޓްރީތަކުގެ ވިޔަފާރިއަކީ، އިގްތިސާދީގޮތުން އެގައުމަށް އެންމެ ގިނަ ފައިދާއެއް ހޯދައިދޭ އެއްވިޔަފާރިއެވެ. މީގެ ކުރިން ލޮކްޑައުން ކުރިއިރުވެސް މިފަދަ ފެކްޓްރީތައް ބަންދުކޮށްފައެއް ނުވެއެވެ.

ލޮކްޑައުން ކުރި ނަމަވެސް އީދަށް އެކި ސަރަހައްދުތަކަށް ދަތުރު ދިޔަ ފަރާތްތަކުން، އޮގަސްޓު މަހުގެ ފަސްވަނަ ދުވަހާއި ހަމައަށް އަނބުރާ ގެއަށް ދިއުމަށް ދަތުރު ކުރުމުގައި ހުރަހެއް ނޯންނާނެ ކަމަށްވެސް ބަންގްލަދޭޝް ސަރުކާރުން ހާމަކޮށްފައިވެއެވެ.

އީދާ ދިމާކޮށް ބޮޑެތި ލުއިތަކެއް ބަންގްލަދޭޝްގައި ދިނުމުން، އެގައުމުގެ ސިއްހީ މާހިރުން ވަނީ ބަންގްލަދޭޝް ސަރުކާރަށް ވަރަށްބޮޑަށް ފާޑުކިޔާފައެވެ. އަދި އެލުއިތަކުގެ ސަބަބުން އިތުރަށް ހާލަތު ގޯސްވެފައިވާކަމަށްވެސް ސިއްހީ މާހިރުން ވަނީ ލަފާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން