ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޤާއިމްކުރެވިގެން ދިޔަ ވަރަށް މުހިއްމު ކުންފުންޏެކެވެ. ރާއްޖެއަށް ވަކިން ޚާއްޞަކޮށް އެންމެ އާބާދީ ބޮޑު ތޮއްޖެހިފައިވާ މާލެއަށް ދިމާވެފައި އޮތް ކުނީގެ މައްސަލައަށް ވެމްކޯއާއެކު ބޮޑު ހައްލެއް ލިބިގެންދިޔައެވެ. އަދި މިހާތަނަށް އައިރުވެސް އެމަސައްކަތް ދިޔައީ ވަރަށް ފުރިހަމައަށް ކުރަމުންނެވެ. ވެމްކޯ އުފަންވުމާއެކު މާލޭގައި އުފެދިފައި އޮތް ކުނި ފަރުބަދަ ބިމާ ހަމަވެ މާލޭގެ ގޯޅި ގޯޅިއާއި ކަންމައްޗާއި ބާޒާރު މަތީގައި އާލާވަމުން ދިޔަ ކުނި ގޮނޑުތަކުން މިންޖުވުމުގެ އިތުރުން އެއްވެސް އުސޫލެއް ހަމައެއް ލަމައެއް ނެތި ބިދޭސީން ބައިސްކަލްތަކުގައި ކުނިތައް އެލުވައިގެން ބޮޑުއަގުގައި ކުނި އުކަމުން ދިޔަ ދިއުމަށް ވެސް ނިމުމެއް އައެވެ. އޭރު މާލޭގައި ކުނި އުކާލަން އުފުލަން ޖެހުނު ބުރައާއި މަސައްކަތް އަދި އެކަމަށް ކުރި ހޭދައިގެ މަތީން މިއަދު ގިނަ ދިވެހީން ހަނދާނެއް ވެސް ނެތެވެ.

ވެމްކޯ ވެގެން ދިޔައީ ހަމައެކަނި މާލެއިން ކުނި އުކާ ކުންފުންޏަކަށް އެކަންޏެއް ނޫނެވެ. ވަޒީފާ ނެތިފައި ތިބި އެތަކެއް ދިވެހީންނަށް ރަނގަޅު މުސާރަ ލިބޭ ވަޒީފާގެ ރަނުގެ ފުރުސަތަކަށް ވެސް އެކުންފުނި ވެގެން ދިޔަކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. ރަނގަޅު މުސާރަ ލިބޭނެ ވަޒީފާއެއް ނެތި އެއްކުންފުނިން އަނެއް ކުންފުންޏަށް ވަޒީފާ ހޯދަން ހިނގި އެތައް ބަޔަކަށް ވެމްކޯ ވީ ރަންގަނޑަކަށެވެ. ގޭގައި ކުރާނެ މަސައްކަތެއް ނެތި ރަނގަޅު ވަޒީފާއެއް ނުލިފައި ތިބި އަންހެނުންނަށް ވެމްކޯވީ ހަމަ ނަސީބަކަށެވެ. މިއަދު އެތައް ހާސް ދިވެހި ޒުނާނުންނާއި އަންހެން ކަނބަލުން އުފަލާއެކު މަސައްކަތް ކުރަމުން ގެންދާ އަދި އަމިއްލަ ހަލާލު މަސައްކަތުން އާމްދަނީ ހޯދުމަށް މަގުފަހިކޮށްދިން ކުންފުންޏަކީ ވެމްކޯއެވެ. އިއްޔެ ކުނި އުކުމަކީ ބަންގްލަދޭޝް މީހުން ކުރަމުން އައި ހަޑި މަސައްކަތެކެވެ. ނަމަވެސް މިއަދު އެއީ އެކި އުމުރުފުރާގެ ދިވެހި އަންހެން ދަރީންނާއި ފިރިހެން ދަރީން ކުރާ ރީތި ފުރިހަމަ މަސައްކަތެކެވެ. ބޮޑު މުސާރަ ލިބޭ ގިނަ މީހުން ބަލައިގަންނަ ޝަރަފުވެރި ޚިދުމަތެކެވެ. ހަމަގައިމުވެސް މިއަދު މާލެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ރައްޔިތުންގެ ނަޒަރުގައި އެންމެ ޚިދުމަތްތެރި އެންމެ އަގުހުރި އަދި އެންމެ އިހުތިރާމު ކުރާ އަދި އެންމެ ބުރަ މަސައްކަތް ކުރާ މީހުންނަކީ ވެމްކޯގެ ހީވާގި މުވައްޒަފުންނެވެ. މިއީ ގިނަ ބަޔަކު ދެބަސް ނުވާނެ ހަގީގަތެކެވެ.

ކޯވިޑްގެ ހާލަތުގައިވެސް ވެމްކޯގެ ހިދުމަތް ރައްޔިތުންނަށް ލިބުމުގައި އެއްވެސް ދައްޗެއް ކުރިމައްޗެއް ނުވެއެވެ. އެންމެ އުނދަގޫ ހާލަތުގައި ވެސް އެމީހުން ދިޔައީ ގެގެއިން ކުނި ނަގަމުންނެވެ. ވެމްކޯއަށް ފައިސާ ދެއްކިޔަސް، ނުދެއްކިޔަސް އެ ޚިދުމަތް ދިޔައީ ފޯރުކޮށްދެމުންނެވެ. ނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ކަރަންޓާއި ފެނާއި އަތުގައި އޮންނަ މޮބައިލް ފޯނަށް ހޭދަކުރާ އުސޫލުން ކުނި އުކުމަކީވެސް ޚަރަދެއް ހިނގާނެ ކަމެއް ކަމެވެ. ގޭގައި އާންމުކޮށް އުފެދޭ ކުނި ވެންކޯއިން އުކާދެނީ 150 ރުފިޔާއަށެވެ. މިދެންނެވި ކުނި ކިތަންމެ ގިނަވިޔަސް އަގަކަށް ބަދަލެއް ނާދެއެވެ.

ގަބޫލުކުރިޔަސް ނުކުރިޔަސް އެއީ ބޮޑު ހޭދައެއް ކުރަން ޖެހޭނެ އެއް ޚިދުމަތެވެ. ގޭގެއިން ހަމައެކަނި ކުރަން ޖެހޭ ކަމަކީ ރަނގަޅަށް ކޮތަޅުގައި ބަންދު ކޮށްލާފައި ދޮރުކައިރިއަށް ކުނި ކޮތަޅު ވަކި ވަގުތެއްގައި ނެރެލުމެވެ. އޭގެ ފަހުން އެކުނި އުކުމުގެ ހުރިހާ ޒިންމާއެއް ނަގަނީ ވެމްކޯއިންނެވެ. ވެމްކޯއިން ކުނި އުކުމުގެ ޚިދުމަތް ދޭން ފެށިއިރު މާލޭގައި ބިދޭސީން ކުނި އުކުމުގެ ޚިދުމަތް ދޭއަގު ވަނީ އޭގެ ދެގުނައަށް ބޮޑުވެފައެވެ. އަދި އެއަގު ނަގާފައިވެސް އެމީހުން އެކަން ކޮށްދެނީ ހިތައް އެރި ގޮތަކަށެވެ. ކުނި ކޮތަޅުތައް ބައިސްކަލް ގަނޑުގެ ވަށައިގެން އެލުވައިގެން ދަމަމުން ނުވަތަ ދުއްވާފައި ދާއިރު ދެބައިކުޅަ އެއްބައި އޮންނަނީ މަގުތައް މައްޗަށް އެޅިފައެވެ. މާ ބުރަ ދުވަހެއް ވެއްޖެއްޔާ އަނދިރި މަގެއްގެ މަތީގައި ބަހައްޓާފައި ދަނީއެވެ. ދެން އެކަން އެގޮތަށް ނުކުރާ މީހުންވެސް މަގުމަތީން މީހުން މަދުވީމާ ސިއްރިސިއްރުން ކުނިކޮތަޅު ނެރެ ކޮންމެވެސް މަގެއްގެ މަތީގައި ބަހައްޓާލަނީއެވެ. ދެން އެކުނިތައް މަގުތަކުގައި ހުރެ ކުނިވެ މުޅި ހިސާބުގަނޑުގެ މީހުންނަށް އުނދަގޫވީމާ ކޮންމެވެސް ބަޔަކު އުކާލަނީއެވެ. މިއީ އެކަން ހިނގަމުން އައި ގޮތްކަން އަދި ހަނދާން ނެތޭހަ ދުވަހެއް ނުވެއެވެ. ނަމަވެސް ގިނަ ދިވެހީންނަކީ ކަންކަން ވަރަށް އަވަހަށް ހަނދާން ނެތޭ ބަޔަކަށް ވާތީ އެދުވަސް މިއަދު ހަނދާނުގައި ނެތީކަމަށް ވެސް ވެދާނެއެވެ.

ކޮންމެއަކަށް ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހަކީ ކޯވިޑްގެ އާލަމީ ވަބާގެ ދަތި ހާލަތުގެ އަސަރު ހުރިހާ ކަމަކަށް ވެސް ކުރަމުން އައި ދަތި އުނދަގޫ ދުވަސްތަކެކެވެ. އެއަސަރު ވެމްކޯގެ އެ ބުރަ މަސައްކަތަށް ވެސް ވަރަށް ބޮޑަށް ކުރިއެވެ. ނަމަވެސް ކޯވިޑްގެ ހާލަތަށް ކޮންމެވެސް ވަރެއްގެ ލުއެއް ލިބުމާއެކު ވެމްކޯއިން މާލޭގައި ކުނި ނަގަމުންދިޔަ އުސޫލަށް މަޑުމަޑުން ބަދަލު ގެންނަމުންގޮސް، މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ކުނި ނަގާ އުސޫލަށް ބަދަލުތަކެއް ގެނައެވެ. އެގޮތުން މަގުމައްޗަށް ކުނި ނެރުމުގެ ބަދަލުގައި ފައިސާ ދައްކާފައިވާ ގޭބީސީތަކަށް ގޮސް އެގެތަކުގެ ދޮރާށި ކައިރިން ކުނި ނަގާ ގޮތަށް އުސޫލު ބަދަލުކުރިއެވެ.

މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އެގޮތަށް އަމަލުކުރަން ފެށިނަމަވެސް، އާއްމުންގެ ތެރެއިން ގިނަ ބަޔަކު އަމަލުކުރީ ވެމްކޯއިން ކަނޑައެޅި އުސޫލާ ހިލާފަށެވެ. މަގުމައްޗަށް ކުނި ނުނެރުމަށް ވެމްކޯއިން އެންގުމުންވެސް ގިނަ ބަޔަކު މަގުމައްޗަށް ކުނި ނެރުނީއެވެ. އަނެއް ދުވަހު އިރު އަރައިގެން އައިއިރު މުޅި ހުރިހާ މަގެއްހެން އޮތީ ކުންޏާއިގެން ސަލާމަތް ނުވެ ކުނިވެފައެވެ. އެންމެންނަށްވެސް ގޯސްވީ ވެމްކޯއެވެ. އެކަމަކު ހަޤީޤަތުގައި މިކަމުގައި ގޯސް ހަދައިގެން މިއުޅެނީ އާއްމުންގެ ތެރެއިން ވަކި ބައެކެވެ. މަގުމައްޗަށް ކުނި ނުނެރޭށޭ ބުނުމުންވެސް ކުނިތައް ނެރެ މަގުމައްޗަށް އަޅާލީއެވެ. މިވާ ގޮތަކީ ކުނި އުކުމުގެ ޚިދުމަތަށް އަގު ނުދައްކާތީ ވެމްކޯއިން ކުނިނެގުމުގެ ޚިދުމަތް ނުދޭ ގޭގެއިން ކުނިތައް ނެރެ މަގުމަތީގައި ބަހައްޓަނީއެވެ. މި ނާތަހުޒީބު އަމަލު ހިންގަނީ ވެސް ހަމަ އަޅުގަނޑުމެންނެވެ. ކުރިން މަގުމައްޗަށް ކުނި ނެރޭ އުސޫލު ގެންގުޅުނު އިރު މިދެންނެވި މީހުން ނެގި ނާޖާއިޒު ފައިދާ އަދިވެސް ނަގަން މަސައްކަތް ކުރަނީއެވެ. އެއްވެސް ލަދެއް ނެތި އެ ނާތަހުޒީބު އަމަލު ހިންގަނީއެވެ.

މަގުމައްޗަށް ކުނި އެޅުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ. ކުށްވެރިވާ ކަމެކެވެ. އެކަން ބަލަހައްޓައި އެ ގާނޫނު ތަންފީޒު ކުރަންޖެހޭ ބަޔަކީ ވެމްކޯއެއް ނޫނެވެ. އެކަން ކުރަން ޖެހޭ ބަޔަކު ނުވަތަ އެޒިންމާ ނަގަން ޖެހޭ މީހުން އެކަން ހުއްޓުވަން މަސައްކަތް ކުރުމަކީ އެމީހުންގެ ގާނޫނީ ޒިންމާއެވެ. ވެމްކޯގެ ޒިންމާއަކީ ދުވަހުން ދުވަހަށް މާލޭގެ ގޭގޭގައި އުފެދޭ އާދައިގެ ކުނި އުކުމަށް ކަނޑައަޅާފައިވާ އުސޫލުން ކުނި އުކުމުގެ ޚިދުމަތް ދިނުމެވެ. އެކަން ވެމްކޯއިން ކުރަން ކަނޑައަޅާފައިވަނީ ކޮންމެ މަހަކު ކޮންމެ ގޭބިސީއަކުން 150 ރުފިޔާ ނަގާ ގޮތަށެވެ. ފައިސާ ދައްކާފައި ހުރި ގޭ ބިސީއަކުން ކުނި ނުނެގި ހުރިއްޔާ އެކުންފުންޏަށް ގުޅާ ލުމުން އެކަން އެމީހުން ކޮށްދޭނެއެވެ. ނަމަވެސް އެގޮތަށް އަމަލު ނުކޮށް ގޭގެއިން ކުނި ކޮތަޅު މަގުމައްޗަށް ނެރެ އުކަން ފެށުމުން އެއޮތީ ހަމައިން ނައްޓާފައެވެ. އުސޫލާ ޚިލާފުވެފައެވެ. އެކަން އެގޮތަށް ކުރަން ދޫކޮށްލައިފިނަމަ އެކަން ވެސް ބޮއްސުން ލީއެވެ. އެހެން ވެސް ކަންކަމުގައި ގާނޫނާ ގަވާއިދުތަކަށް ބޯނުލަނބާ މީހުންނާ މެދު ފިޔަވަޅު އަޅާ އުސޫލުން ހަމައެއް ލަމައެއް ނެތި މަގުމައްޗަށް ކުނި އަޅާނަމަ ފިޔަވަޅު އަޅަން ޖެހޭނެއެވެ. އެހެން ނޫނީ އެކަން ވެސް ވެގެންދާނީ އެއްވެސް ހަމައެއް ލަމައެއް ނެތި ރާއްޖޭގައި ބިދޭސީން ވިޔަފާރި ކުރާއިރު އެކަން ހުއްޓުވޭނެ ގޮތެއް ނެތޭ ބުނެ އަތް އުރާލައިގެން ތިބުން ކަހަލަ ކަމަކަށެވެ. ދިވެއްސެއްގެ ނަމުގައި ވިޔަފާރި ލައިސަންސް ނަގައިގެން ބިދޭސީން ވިޔަފާރި ކުރާތީ އެކަން ހުއްޓުވޭނެ ގޮތެއް ނޭނގޭ ކަމަށް ވަޒީރަކު ވިދާޅުވާނަމަ އެއީ އޭނާގެ ނާގާބިލުކަން ކަމުގައި ގަބޫލުކޮށް އިސްތިއުފާ ދެއްވަން ވީއެވެ. ބިދޭސީންނަށް ފިހާރައިގެ ކޮށިގަނޑުގައި ނުވަތަ ވިޔާފާރިކުރާ ނުވަތަ ވިޔަފާރި ޚިދުމަތްދޭ ތަނުގެ ކޮށިގަނޑުގައި ފައިސާ ކަނޑަން ނުތިބެވޭނެ ކަމަށް ކަނޑައަޅައި އެކަން ތަންފީޒު ކުރަން ފެށުމުން އެމައްސަލައަށް ހަމަ ރަނގަޅު ހައްލު ލިބެމުން އައިކަން ނޭނގޭ ވަޒީރުން މަގާމުގައި ތިބިއްޔާ އެމީހުންނަށް ދެން މިގައުމުގެ އެއްވެސް ކަމެއް ނޭނގޭނެއެވެ. މިވާހަކަ އެހެން ފަހަރަކުން ރަނގަޅަށް ދައްކާލަން ބާއްވާފައި ވެމްކޯއާއި މާލޭ ސިޓީ ކައުންސިލުން މިދައްކާ ވާހަކައާއިގެން ކުރިއަށްދާނަމެވެ.

ދެން ވީގޮތަކީ އެއްކަލަ ފައިސާ ނުދައްކައި ކުނި އުކާ މީހުން މަގުތަކަށް ކުނިތައް ނެރުނީމާ މަގުތަކުގައި ހުރި ކުނީގެ މައްސަލަ ބޮޑުވެ ވެމްކޯއަށް ބަވަބަވާފައި، މާލެ ސިޓީ ކައުންސިލުން އެތަންތަން ސާފު ކުރަން ނުކުތީއެވެ. ނަމަވެސް މާލެ ސިޓީ ކައުންސިލުންވެސް އެކަމުގައި އަމަލުކުރީ އަދި މާ ގޯސްކޮށެވެ. މާލޭ މަގުތަކުން ނެގިހާ ކުންޏެއް ގޮސް އަޅާލީ ވެމްކޯގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ދޮރުމައްޗަށެވެ. މިއީ ކިހާ ތަހުޒީބު އަމަލެއްތޯއެވެ؟ ރައްޔިތުންނަށް ނަމޫނާ ދައްކަން ތިއްބެވި ފަރާތްތަކުގެ ކިބައިން މިއީ އެއްވެސް ހާލެއްގައި ފެނިގެންވާނޭ އަމަލެއް ނޫނެވެ. މިފަދަ ކަންކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭނީ ނާތަހުޒީބު އަމަލުތައް ހިންގަން އިތުރު ހިތްވަރެކެވެ.

ދެން ސިޓީ ކައުންސިލާއި ވެމްކޯއާއި ދެމެދު ފެށުނީ ކުނީގެ ބޮޑު ހަނގުރާމައެކެވެ. އެއްވެސް ތާކުންތާކު ނުޖެހޭ އަދި އެތެރޭގައި ވާހަކަ ދައްކައިގެން ހައްލުތަކެއް ހޯދެން އޮތް މައްސަލައެއްގައި އެކަން ނުކޮށް ދެފަރާތުން ބަހުގެ ހަމަލާތައް ބަދަލުކޮށް ބޮޑު ޒުވާބަކަށް ހެދީއެވެ. އިރުކޮޅަކުން ދެފަރާތުން ކަލަ ގޮވައި އެއްބަޔަކު އަނެއްބައެއްގެ "ސޯޓުވެސް" ބާލަން ފެށީއެވެ. އަސްލު މިވާގޮތް އެނގުނީ މި ދެބައި މީހުން ޒުވާބު ކުރާން ފެށުމުންނެވެ. މާލޭގެ މަގުތައް ސާފުކުރަން ސިޓީ ކައުންސިލުން ވެމްކޯއަށް ދައްކާ ފައިސާއަކީ މާލޭގެ ގޭގެއިން މަގުތަކަށް ނެރޭ ކުނި އުކާން ދައްކާ އަގެއް ކަމުގައި ސިޓީ ކައުންސިލަށް ގަބޫލުކުރެވުނީއެވެ. ނަމަވެސް އެއީ މާލޭގެ މަގު ކުނިކަހާ ސާފުކުރަން ސިޓީ ކައުންސިލުން ވެމްކޯއަށް ދައްކާ ފައިސާއެވެ. އެއީ އެއްގޮތަކަށް ވެސް މާލޭގެ ގޭގެއިންނާއި ފިހާރަތަކުންނާއި ވޯކްޝޮޕްތަކުގައި އުފެދޭ ކުނި މަގުތަކަށް އަޅާލުމުން އެކުނި ނަގާން ދައްކާ ފައިސާއެއް ނޫނެވެ. މިކަން ކައުންސިލަށް އޮޅުނީ ފަހަރެއްގައި މިހާރުގެ ކައުންސިލަރުންގެ ގަމާރުކަމުން ކަމަށް ވެސް ވެދާނެއެވެ. މިކަމުގައި އިތުރު އެއްޗެއް ދަންނަވާކަން ނެތީމެވެ.

ވެމްކޯއިން މަސައްކުރަނީ މާލެއަކީ ކުނިން ސަލާމަތްވެފައިވާ ތަނަކަށް ހެދުމަށެވެ. އެންމެންނަކީ ކުނި އުފައްދާ މީހުންނަށްވާއިރު އެކަމަށް އަގު ދެއްކުމަކީ މިހާރު ދުނިޔޭގެ ހުރިހާ ތަހުޒީބު މުޖުތަމަޢުތަކުގައި އެކަން ކުރާ އުސޫލެވެ. ބޭނުމަކީ ކުނިން އާމްދަނީ ހޯދުމެއް ނޫނެވެ. ކުނި މަދުކުރުމެވެ. ވެމްކޯއިން އެކުރަނީ އެމަސައްކަތެކެވެ. އަޅުގަނޑުމެންގެ ޒިންމާއަކީ ވީވަރަކުން އެކަމަށް އެއްބާރުލުން ދީގެން ކުނި މަދުކުރެވޭތޯ މަސައްކަތް ކުރުމެވެ. ޖެހުނުހާ ތަނަކަށް ކުނި އަޅާ ފުރުމެއް ނޫނެވެ. ހަމައެކަނި ތަހުޒީބު ވާންވާނީ އަތުގައި އޮންނަ ފޯނެއް ނޫނެވެ. އަޅާ ހެދުމެއް ވެސް ނޫނެވެ. އަޅުގަނޑުމެންގެ އަމަލުތަކާއި ސިކުނޑިތަކާއި އުޅުންވެސް ޒަމާނާ އެއްގޮތަށް ތަހުޒީބުވާން ޖެހެއެވެ. އެހެންނޫނީ ކުނީގެ މައްސަލަވެސް ދެންވާނީ މާލޭގައި ޑްރަގް ކެފޭތައް ހިންގާކަން އެނގި ތިބެ، މިހާތަނަށް ވެސް އެކަން ހުއްޓުވާން މަސައްކަތް ނުކޮށް، ޑްރަގްގެ ވަބާއިން ދިވެހި ދަރީން ސަލާމަތް ކުރާން އުޅޭ ވާހަކަ އަޑުގެ ކޮޅަށް ދެއްކުން ކަހަލަ ބޭކާރު ކަމަކަށެވެ.


ކިޔުންތެރިންގެ ހިޔާލު


14

މަންސޫމް

19-Sep-2021

މޫކޭ' މިކަލޭގެއަށް ކިހާވަރެެއްދީގެންތަ މިވަރުގެ ރިޕޯޓެއްތިލިއެލީ



ޓްރެންޑިން