image ގައްދޫ ރަޝީދު   19 ނޮވެމްބަރު 2021 - 18:38
12 ވަނަ ބައި

................

ރޫޕާ ދަރިފުޅު ފެންވަރުވާފައި ކިރުދިނުމަށްފަހު ނިންދެވީ ހަމަ ދެންމެއަކުއެވެ. ދެން އޭނާ ނިދާފައި އޮތް ދަރިފުޅަށް ފަރުވާވެ ބަލާލިއެވެ. އޭނާގެ ހިތް ފުރިގެން ލޯބި އައެވެ. އެހެންކަމުން އެކުއްޖާގެ ނިތްކުރީގައި ލޯތްބާއެކު ބޮސްދިނެވެ. ދެން އޭނާ ކޮޓަރީގެ ވަށައިގެން ހޯދާލިއެވެ. އަންމެފަހުން އޭނާގެ ލޮލުގައި އަޅައިގަތީ ފާރުބުރި މަތީގައި ބަހައްޓާފައި ހުރި ތިރްލޯކްގެ ފޮޓޯއެވެ.

ރޫޕާ މަޑުމަޑުންގޮސް ފާރުބުރި ކައިރިއަށް ހުއްޓިއްޖެއެވެ. ފޮޓޯއަށް ފަރުވާތެރިކަމާއެކު ބަލަން ފަށައިފިއެވެ. ދެން އޭނާ ފޮޓޯގައި ކިސްކޮށްލިއެވެ. މިއީ އޭނާ ހޮސްޕިޓަލުން ގެއަށް އައިދުވަހުން ފެށިގެން އޭނާގެ ޙާލު ހުންނަގޮތެވެ. ބައެއް ފަހަރަށް ތިމާއަށް މި ހުރެވުނީ ހަމަހޭގައި ނޫންކަން އިޙްސާސް ކުރެވެއެވެ. މި ލިބުނު އާޙަޔާތަކީ އޭނާ ދެކޭގޮތުގައި ހުވަފެނެކެވެ. އެހެނީ އޭނާ އެންމެ ފުރަތަމަ ހޮސްޕިޓަލަށް ވަންނަން ދިޔަދުވަހު އިންތިހާއަށް ދަރިފުޅާ ލޯބިކުރިއެވެ. ކޮޓަރީގެ އެކި ފާރު ވަކިވަކިން އޭނާއާއި ދިމާއަށް ހިތާމައިގެ ނަޒަރުން ބަލަމުން ގެންދިޔައެވެ. އެކަމަކު މިއަދު އެތަކެތި އޭނާއާއި ދިމާއަށް އެބަލަނީ އުފަލާއެކުގައެވެ.

ރޫޕާ މިހެން ހުއްޓާ ކުއްލިއަކަށް ދޮރުގައި ޓަކި ޖަހާލައިފިއެވެ. އޭނާއަށް ވަގުތުން ދޮރާ ދިމާއަށް ދުއްވައި ގަނެވުނެވެ. ކީއްވެގެން ހެއްޔެވެ. އޭނާއަށް ހީވީ ތިރްލޯކް އައީ ހެންނެނެވެ. އަވަސް އަވަހަށް ސާޅީ ބޮލަށް ހެޔޮވަރު ކޮށްލިއެވެ. ދެން ދޮރު ހުޅުވާލިއެވެ. އެކަމަކު.........

ދޮރުކައިރީގައި ކިޝޯރު ހުއްޓާ ފެނުމުން ކުއްލިއަކަށް އޭނާގެ ހިތް މޯޅި ވެއްޖެއެވެ. ކިޝޯރު ފަރުވާތެރި ކަމާއެކު އޭނާގެ މޫނަށް ބަލާލިއެވެ. ދެން މަޑުމަޑުން ބުންޏެވެ.

"އަހަންނަށް މިއާދެވުނީ ގޯސްގަޑިއެއްގައި ނޫން ކަމެއް ނޭނގެއެވެ."

ކުއްލިއަކަށް ރޫޕާ ސިހިފައި ހިނިތުން ވެލަމުން ބުންޏެވެ.

"ނޫނެކެވެ. ދުރުވާށެވެ. އެތެރެއަށް ވަންނަވާށެވެ."

ކިޝޯރު ވަދެއްޖެއެވެ. ރޫޕާ އަވަހަށް ގޮނޑި ފޮޅާލާފައި ކިޝޯރު ގާތުގައި އިށީންނަވާށޭ ބުންޏެވެ. ކިޝޯރު އިށީންނަމުން ބުންޏެވެ.

"އަހަރެން މިގޮތަށް އައުމުން އަނެއްކާ ރޫޕާ ނުރުހުމެއް ނުވަމު ހެއްޔެވެ؟"

"ތިޔަ ދައްކަވަނީ ކޮންކަހަލަ ވާހަކައެއްތޯއެވެ. އަޅުގަނޑުގެ ނަޒަރުގައި ތިޔައީ މާތްމީހެކެވެ. އަޅުގަނޑަށް މިދިރިއުޅުން އަލުން ލިބުނީ ކިޝޯރުގެ ހެޔޮފުޅު ކަމުންނެވެ......."

ކިޝޯރު ހިކި ހިނުތުން ވުމަކާއެކު ބުންޏެވެ.

"ނޫނެކެވެ. ރޫޕާގެ ފިރިމީހާގެ މިންނެތް މަސައްކަތެވެ. އޭނާގެ ހިތުގައި ރޫޕާއާމެދު އުފެދިފައިވާ އޯގާވެރިކަން ނުފެނުނުނަމަ އޭނާއަށްޓަކައި އަހަންނަށް މިވަރުގެ މަސައްކަތެއް ނުކުރެވުނީސް ކަންނޭގެއެވެ. ޙަޤީޤަތުގައިވެސް އޭނާ ރޫޕާދެކެ ވަރަށް ލޯބިވެއެވެ."

"އަޅުގަނޑު ދެކެނީ އަޅުގަނޑަކީ ދުނިޔޭގައިވާ އެންމެ ނަސީބުގަދަ މީހާކަމުގައެވެ. އަޅުގަނޑަށް މާތްރަސްކަލާނގެ ދެއްވީ ދެވަނަ މީހަކަށް ނުދެއްވާފަދަ ރަނގަޅު އޯގާވެރި ފިރިއެކެވެ."

"އަހަރެން ވަރަށް އުފާކުރަމެވެ."

"އެކަމަކު އޭނާ ދުރުވާނީ ކިހާ ދުވަހަކުން ތޯއެވެ؟"

"ތިޔައީވެސް ލޯބީގެ ހެއްކެކެވެ. ވަކިވުމަކީ ދެހިތުގައިވާ ލޯތްބަށް ލިބޭ އިތުރު ބާރެކެވެ. އެކަމަކު ކަލޭމެންނަށް ލޯބީގެ ދެބައިކުޅަ އެއްބައި ސިޓީގެ ޒަރީޢާއިން ހަމަޖެއްސިދާނެއެވެ."

"އޭނާގެ ސިޓީއެއް ލިބުނީތޯއެވެ؟" ރޫޕާ ޝައުޤުވެރިވެފައި އެހިއެވެ.

"އަހަރެން ކަމަކާނުލައި ނާންނަކަން ކަލެއަށް އެނގޭނެއެވެ."

ދެން ކިޝޯރު ބޮޑު ސިޓީއުރައެއް ނަގާފައި ރޫޕާއާއި ދިމާލަށް ދިއްކޮށްލަމުން ބުންޏެވެ.

"މިއީ މިމަހުގެ މުސާރައެވެ."

ރޫޕާ މުސާރަ ސިޓީ އަތުލާފައި ބުންޏެވެ.

"ކަލާއަށް ކޮންމެ މަހަކުވެސް އުނދަގޫ ޖެހެނީއެވެ."

"މިއީ އަހަރެންގެ ނަސީބެވެ."

ކިޝޯރު އަނެއްކާވެސް ސިޓީއެއްދީފައި ބުންޏެވެ.

"މިއީ ތިރްލޯކްގެ ސިޓީއެވެ. އަހަރެންގެ ޙާޟިރުގައި ކިޔާލާށެވެ."

ރޫޕާ އުލަފުން ފޮޅެމުން ސިޓީކިޔަން ފަށައިފިއެވެ. އޭގައި ލިޔެފާ އޮތެވެ.

"ރޫޕާއެވެ.......... އަހަރެން ކަލޭ ދޫކޮށްލާފައި އައީ ކޮންފަދަ ވަގުތެއްގައިހޭ ރޫޕާގެ ހިތަށް އަރާނެއެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ. ބައެއް ފަހަރަށް ޙާލަތުވެސް އިންސާނާ އަޖައިބެއްފަދަ މަޖްބޫރީ ކަންތައްތަކެއްގައި ބަނދެލައެވެ. ރޫޕާ އަހާނެ ކަންނޭނގެއެވެ. ކޮންމެވެސް މީހަކު އެއްފަހަރަކު ދިމާވި ހާދިސާއެއްގައި ހޭ ނެތުނީއެވެ. އޭނާ އެ އޮތްގޮތަށް ހޭނެތިފައި ވިހިއަހަރު ދުވަހު އޮތެވެ. އަދި ވިހި އަހަރަށްފަހު އޭނާ އެ އޮތްގޮތަށް އޮވެ މަރުވެގެން ދިޔައީއެވެ.

ސޭޓް ސާހަބްގެ ބޮލަށްވަނީ ވަރަށް ގެއްލުން ލިބިފައެވެ. އެހާބޮޑު ފައިސާވެރިއެއްގެ އެކަނިހުރި ދަރިފުޅަކު މަރުވުމުން ކުރާނެ އަސަރު ރޫޕާއަށް އެނގޭނެއެވެ. ސޭޓް ސާހަބް ހޭއަރާނެ ކަމަށް ލަފާކުރެވިފައިވަނީ ދެމަސް ދުވަހުގެ ފަހުންނެވެ. މިހާރު މިއީ ތިންވަނަ މަހެވެ. ސޭޓް ހަމަ އެ އޮންނެވިގޮތަށް ހޭނެތިފައި އޮތީއެވެ. މިގޮތަށް ވޭތުވެގެން ދާނީ ކިހާދުވަހެއް ކަމެއް އެނގިލައްވާނީ ކަލާނގެއަށެވެ. އެހެން ނަމަވެސް މިޙާލުގައި ސޭޓް އޮންނަވަނިކޮށް އެނބުރި އައުމަކީ އަހުރެން ހިތް ޤަބޫލު ކަމެއްނޫނެވެ. އެހެނީ އޭނާއަކީ އަހަންނާމެދު އިންތިހާއަށް އޯގާވެރި ބޭކަލެކެވެ.

ރޫޕާއެވެ. އަހަރެންގެ ހިތްބުނާ އެއްޗަކީ އުދުހިލާފައި ރޫޕާގެ ކަރިއަށް ދެވޭފަދަ ފިޔައެއް އަހަންނަށް ލިބޭނެނަމަ ކޮންފަދަ ހެއްޔެވެ. ދަރިފުޅުގެ މަތިން އިންތިހާއަށް ހަނދާންވެއެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ. އަހަންނަށް މަޖްބޫރެވެ. ހަމައެކަނި ޕްރަބާ ކޮއްކޮއާ ކިޝޯރުބާބޫ ފަދަ ރަޙްމަތްތެރިއަކު ރޫޕާއަށް އެހީވުމަށް ތައްޔާރުގައި ތިބިކަން ހިތަށް އަރުވާލާފައި ހިތްހަމަ ޖައްސާލަނީއެވެ. ކިޝޯރުބާބޫ ކޮންމެމަހެއްގެ މުސާރަ ގެންގޮސް ދެއްވާނެއެވެ. އޭނާ އަހަންނަށް ފޮނުވި ސިޓީއެއްގައި މުސާރަ ބޮޑުކޮށްފި ވާހަކަވެސް ލިޔެފައި އޮތެވެ.

ހަނދާން ކުރާށެވެ. އަހަރެން އެނބުރި ދާއިރު ރޫޕާ ފެންނަންވާނީ ޙައިރާންވާފަދަ ރީތި ގޮތަކަށެވެ. ހަމަ ކުރީގެ ރޫޕާއެކޭ އެއްވެސް ތަފާތެއް ހުރެގެން ނުވާނެއެވެ. ރަނގަޅު ކާނާކައިގެން ހަށިގަނޑު ރީތިކުރާށެވެ. ޚާއްޞަކޮށް ހިތްވަރު ގަދަވާކަހަލަ ބޭސް ގިނައިން ކާށެވެ. މޭވާ ކާށެވެ. ހަނދާން ކުރާށެވެ. މިހުރިހާކަމެއް ނުކޮށްފިނަމަ އަހަރެން ދެކޭނީ ރޫޕާ، އަހަރެން ދެކެ ލޯބިނުވާ ކަމުގައެވެ.

އާނއެކެވެ. ރޫޕާއެވެ....... ރޫޕާ ރަނގަޅަށް ކާން ފަށައިފިއްޔާ ދަރިފުޅުގެ ސިއްޙަތުވެސް ބަލަބަލާ ހުއްޓާ ރަނގަޅުވާން ފަށާފާނެއެވެ. އަހަރެންގެ ދަރިފުޅު ސިއްޙަތު ރަނގަޅުކޮށް އޮއްވާ ދުށުމަށް އަހަރެންގެ ހިތް ވަރަށް ބޭނުންވެއެވެ. އަހަރެންގެ ލޯތްބާ އިތުބާރަށްޓަކައި އަހަރެންގެ ބަސް ޤަބޫލުކުރުމަށް ރޫޕާއަށް މަޖްބޫރު ވާނެއެވެ. ރޫޕާ އަހަރެންގެ ނަސޭހަތަށް ޢަމަލުކުރަން ފަށައިފިކަން އެނގެންދެން އިންތިޒާރު ކުރާނަމެވެ. ރޫޕާއެވެ..... މިސިޓީގެ ޖަވާބު ފޮނުވާށެވެ.

ސިޓީ ކިޔާނިމުމުން ރޫޕާ ލޮލުގައި ސިޓީ ޖައްސާލާފައި ރޯން ފަށައިފިއެވެ. ރޮމުންގޮސް ގިސްލެވިއްޖެއެވެ. ކިޝޯރު އަވަސް އަވަހަށް ބުންޏެވެ.

"އަސްތާއެވެ. ތިޔަރޮނީ ކީއްވެގެން ހެއްޔެވެ. އަނެއްކާ ކަމެއް ގޯސްވީ ހެއްޔެވެ؟"

ރޫޕާ ކަރުނަ ފޮހެލާފައި ހިނިތުންވެވޭތޯ މަސައްކަތްކުރަމުން ބުންޏެވެ.

"އެއްވެސް ކަމެއް ގޯހެއް ނުވެއެވެ. ސިޓީގައި އެއްވެސް ގޯހެއް ނެތެވެ."

"އެހެން ހެއްޔެވެ؟" ކިޝޯރު ތެދުވަމުން ބުންޏެވެ. "ހަމަޖެހިލައިގެން ސިޓީގެ ޖަވާބު ލިޔެފައި މާދަމާ ޕްރަބާއަތަށްދީ އަހަންނަށް ފޮނުވާށެވެ. ނޫނީ އަހަރެންވެސް ބަލާ އަތުވެދާނަމެވެ. އަހަރެން ފޮނުވައި ދޭނަމެވެ."

"އަދި އިށީންނަވަ ބައްލަވާށެވެ."

"ނޫނެކެވެ. ރޫޕާއެވެ. އަހަރެން މިއުޅެނީ ވަރަށް އަވަދިނެތިއެވެ."

"ކިތަންމެ ވަރަކަށް އަވަދިނެތި އުޅުއްވިޔަސް ސައިނުބައްލައެއް ނުދުރުވެވޭނެއެވެ. ކަލާ އަޑުގަނޑުމެންނާމެދު ތިޔަހާ ވަރަށް އެހީވެލައްވާއިރު އެންމެ ކަޅުސައިތައްޓެއް ދިނުމުގެ ޙައްޤު އަޅުގަނޑަކަށް ލިބިގެނެއް ނުވޭތޯއެވެ؟"

ކިޝޯރު ފިނި ނޭވާއެއްލާފައި އިށީންނަމުން ބުންޏެވެ.

"ދެން އެންމެ ރަނގަޅެވެ. ގެންނާށެވެ. ރޫޕާގެ ބަސް ދަށެއް ނުކުރެވޭނެ ވިއްޔާއެވެ."

ރޫޕާ ސިޓީ ބާއްވައިފިއެވެ. އަދި އަވަސް އަވަހަށް ސައި ހަދަން އުޅެގަތެވެ.

+ + + + +

ތިރްލޯކް އޭނާގެ ގޮޅިއާ ތަންކޮޅެއް ދުރުގައި ހުރި ގަހެއްގެ ހިޔަލުގައި ހިމޭންކަމާއެކު މަތި ބަލަހައްޓައިގެން އިނެވެ. ތުނބުޅިހުރީ ދިގުވެފައެވެ. ލޮލުގެ ކައިރި ކަޅުވެފައިވެއެވެ. ކުއްލިއަކަށް ކޮންމެވެސް މީހަކު ބިމުގައި ވަރަށް ބާރަށް ފައިން ޖަހައިފިއެވެ. ތިރްލޯކް ސިހިއްޖެއެވެ.

ކުރިމަތީގައި ޖަގަންނާތު ބިޑިބޯލަ ބޯލާ ހުއްޓެވެ. އިރުއިރުކޮޅުން އޭނާ ބިޑީގެ އަޅި ކަނޑާލައެވެ. އިސްކޮޅުން ދިގު ފަތިހަށި ޖަގަންނާތުގެ ލޯ ރަތް އަނގުރުގަނޑެއް ކަހަލައެވެ. މޫނު މަތިން ނުބައި ނުލަފާކަމުގެ އަސަރު ފެންނަން ހުއްޓެވެ. ތާކިހާ އޮތީ ބޮލުގެ ފުށް ކިބައިގައެވެ.

ތިރްލޯކް އިށީނދެ އިންތަން ފެނިފައި އޭނާ އަނެއްކާވެސް ބިމުގައި ފައިން ޖަހައިފިއެވެ. އަދި ބުންޏެވެ.

"ގޮތްކުޑަ މީހާއެވެ. ކަލޭގެ ކުރިމަތީގައި ހުރީ ކާކުކަން އެނގޭ ހެއްޔެވެ."

ތިރްލޯކް މަޑުމަޑުން ބުންޏެވެ.

"އާނއެކެވެ. ޖަގަންނާތެވެ........"

"ޖަގަންނާތަކީ ކާކުކަން އެނގޭ ހެއްޔެވެ........؟" މި ޖަލުގެ ސަރުދާރެވެ. އަހަރެން ފެނުމުން ޖޭލަރވެސް ކޮޅަށް ތެދުވާނެއެވެ. އެކަމަކު ކަލޭ ތިޔައިންނަނީ ކަލޭގެ ބައްޕަގެ ވެރިކަން މި ޖަލުގައި ހިނގާ ކަހަލަ ގޮތަކަށެވެ."

ތިރްލޯކް އެކައްޗެކޭވެސް ނުބުނެ މަޑުމަޑުން ކޮޅަށް ތެދުވެއްޖެއެވެ. ......... ޖަގަންނާތު ބިޑީގެ ދުންތައް ބުރުވާލަމުން ބުންޏެވެ.

"ރަނގަޅެވެ........ އަހަރެން މިއައީ މިއަދަކީ ކަލޭ ފުރިހަމަ ޖަލުމީހަކަށް ވެއްޖެއޭ ބުނަންވެގެންނެވެ."

"އަހަންނަކަށް ނުވިސްނުނެވެ......"

"ކޮންމެ ގައިދީއަކުވެސް ޖަލަށް އަންނަތާ ތިންމަސްވުމުން ގްރޫޕްގައި ބައިވެރިވީއެވެ. އަދި ގްރޫޕްގެ ކޮންމެ ބައިވެރިއަކު މަސްދުވަހުގެ އާމްދަނީގެ ހަތަރުބައިކުޅަ އެއްބައި ކަމިޝަން ގްރޫޕަށް ދެއެވެ. ވިސްނިއްޖެ ހެއްޔެވެ؟"

"އާނއެކެވެ. ވިސްނިއްޖެއެވެ."

ތިރްލޯކް ޖަގަންނާތާއެކު ހިނގައި ގަތްތަނާ އެހެން ގައިދީއަކު އައިސް ބުންޏެވެ.

"ތިރްލޯކްއެވެ........ ކަލޭގެ ކޮންމެވެސް މީހަކު ބައްދަލުކުރަން އަތުވެއްޖެއެވެ. ކަލޭގެ ކޮއްކޮ........"

"ކަލޭގެ ކޮއްކޮއަކުވެސް ހުރޭ ހެއްޔެވެ." ޖަގަންނާތު ސުވާލު ކުރިއެވެ.

"އާނއެކެވެ. އަހަރެން ކޮއްކޮއަކަށް ހަދައިގެން އުޅޭ ކުއްޖެކެވެ."

"އެހެން ހެއްޔެވެ...." ޖަގަންނާތު މަލާމާތުގެ ރާގަކަށް ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ. "ކޮއްކޮއެކޭ ބުނުމުންވެސް ކޮއްކޮއަކަށް ވޭ ހެއްޔެވެ....."

ތިރްލޯކް ކުޑަކޮށް ނުރުހުންވެފައި ބުންޏެވެ.

"ދުލުގެ ސަބަބުން ދުވަހަކު ނުދަންނަ ދެމީހުންވެސް މުޅި ޢުމުރަށް އެކަތިގަނޑަކަށް ވެދެއެވެ."

"އާނއެކެވެ. ވެދާނެއެވެ. އަންހެނަކާ ފިރިހެނެކެވެ. ..... ތިޔައީ ކޮންއިރަކުއްސުރެ ހިނގަމުން އަންނަ ކުޅިގަނޑެއް ހެއްޔެވެ."

ތިރްލޯކްގެ ލޭ ބާރަށް ހިނގައިގަތެވެ. އޭނާ ތަންކޮޅެއް ބާރުލާފައި ބުންޏެވެ.

"ކޮން ކުޅިގަނޑެއް ހެއްޔެވެ؟"

"ތިޔަ ބުނާ ކޮއްކޮގެ ކުޅިގަނޑެވެ......"

"ޖަގަންނާތުއެވެ. ތިޔައީ ވަރަށް ނުބައި ޢަމަލެކެވެ. މިހާ ގާތްތިމާގެ ކަމަކާމެދު ހަޑިހުތުރު ބަހުރުވައިން ވާހަކަ ނުދައްކާށެވެ."

ޖަގަންނާތު އަނެއްކާވެސް ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ.

"ހަދައިގެން އުޅޭ ތިމާގެ ކަމެއްގެ ވާހަކަ ހެއްޔެވެ."

ތިރްލޯކް ރުޅިއައިސްގެން ހިންދިރުވާލިއެވެ. ޖަގަންނާތު ބުންޏެވެ.

"ފާފަތައް ފޮރުވުމުގެވެސް ކޮންމެވެސް ކަހަލަ ބޭނުމެއް އޮންނާނެއެވެ. ކަލޭ އުޅެނީ މީހަކާ އިނދެގެން ދޯއެވެ."

"އާނއެކެވެ."

"މިހާރު ހުރިހާކަމެއް އެނގި ސާފުވެއްޖެއެވެ. ތިޔައީ އަނބިމީހާގެ ލޮލުގައި އަނދުން އަޅުވަންވެގެން ކޮށްގެން އުޅޭ ކަމެކެވެ."

ތިރްލޯކް އެއްޗެކޭ ނުބުންޏެވެ. އޭނާ ކެކި އަރަމުންދާ ލޭތައް ފިނިކުރަން މަސައްކަތް ކުރަމުން އޮފީހާ ދިމާއަށް ހިނގައިގަތެވެ. އެއާއެކު ޖަގަންނާތު ބުންޏެވެ.

"ތިޔަކަމުން ނިމިގެން އަވަހަށް ޗަންދާ ދައްކަން އަންނާށެވެ."

ތިރްލޯކް ވަކި ޖަވާބެއް ނުދީ ހިނގާފައި އަތުވެއްޖެއެވެ.

+ + + + +

ތިރްލޯކް ބައްދަލުކުރާ ކޮޓަރިއަށް އައުމާއެކުގައި ޕްރަބާއާއި ކިޝޯރު ކޮޅަށް ތެދުވެއްޖެއެވެ. ޕްރަބާގެ އަތުގައި ފޮނި ކާއެއްޗެހި ކޮތަޅެއްވެސް އޮތެވެ. ތިރްލޯކް އޭނާގެ ކައިރިއަށް ގޮސްފައި ހުއްޓިއްޖެއެވެ. އަދި ހިކި ހިނިތުންވުމަކާއެކު ބުންޏެވެ.

"ހަނދާން އެބަހުރި ހެއްޔެވެ. މިއަދަކީ ރާކީގެ ދުވަހެވެ......"

ޕްރަބާ ކުރެހިފައިވާ އަޑަކުން ބުންޏެވެ.

"ހަނދާން ނެތޭނީ ކިހިނެއް ހެއްޔެވެ." އެއްބަނޑު އެއްބަފާ ބޭބެއަކު ނުލިބުނު ތާނގައި ބޭބެއަކަށް ހަދައިގެން އުޅުނު މީހާގެ އަތުގައި ރާކީ ބަންނަން ޖެހުނީ އެންމެ ފުރަތަމަވެސް ޖަލުގައެވެ."

* "އެހީގެ އަގު" ވާހަކައިގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 45 އިން 48 އަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން