image ގައްދޫ ރަޝީދު   21 ނޮވެމްބަރު 2021 - 17:6
14 ވަނަ ބައި

................

ޖަގަންނާތު އަނެއްކާވެސް ހީނލައިފިއެވެ. އޭނާ ބުންޏެވެ.

"ކަލެއަކީ ވަރަށް ރަނގަޅު މީހެކެވެ.... އަދި ރަނގަޅު ކަމަކީ އިންސާނާގެ އެންމެ ބޮޑުބަލިފައެވެ. އެބަލިފައިގެ ފައިދާ ނަގާކަށް މިދުނިޔެ ފަހަރެއްގައިވެސް ޖެހިލުމެއް ނުވެއެވެ. އާއެކެވެ. ތިރްލޯކްއެވެ. ކުރީގައި އަހަރެންނަކީވެސް ކަލޭ ކަހަލަ މާތް އިންސާނަކީމެވެ. ވަރަށް ރަނގަޅު މީހަކީމެވެ. ޅަފަތުގައި ޔަތީމުވެއްޖެއެވެ. އަމިއްލަ ހިތްވަރާ މަސައްކަތާއެކު އަހަރެން މުޖުތަމަޢުގައި ވަރަށް މަތިވެރި މަޤާމެއް ހޯދީމެވެ. އަހަރެންގެވެސް ފެކްޓަރީއެއް ހުއްޓެވެ. އެތާނގެ މުވައްޒަފުން އަހަންނާމެދު ދެކުނީ ވެރިއެއްގެ ގޮތަކުން ނޫނެވެ. ބޮޑުބޭބެއެއްގެ ގޮތުންނެވެ. އަދި އަހަރެން އެމީހުންނާމެދު ބެލީ އެއްބަނޑު އަޚުން ކަމުގައެވެ.

އަހަރެން ބަނޑުހައި ހޫނުކަންވެސް ދުށީމެވެ. އަތްވާ ވާރެއަށްވެސް ކެތްކުރީމެވެ. އަހަރެންނަށް ފެންވަރު ނޯޅުނީވެސް އެހެންވެއެވެ. އަހަރެންގެހުރީ އެންމެ ރަޙްމަތްތެރިއެކެވެ.. އެއީ މަދަރުސާ ދުވަސްވަރުގެ ރަޙްމަތްތެރިއެކެވެ. ޕްރޭމްއެވެ. އަހަރެން އޭނާ ހެދީ އަހަރެންގެ ފެކްޓަރީގެ މެނޭޖަރ ކަމުގައެވެ. އޭނާ ބަފަޔަކު ދެކެ ވާލޯބި އަހަރެން ދެކެވިއެވެ.

ދެން އެޒުވާން ދުވަސްވަރު އަހަރެންގެ ޙަޔާތަށް އަންހެން ކުއްޖަކު އަތުވެއްޖެއެވެ. އަހަރެންގެ ފެކްޓަރީގެ ސްޕަރވައިޒަރެއްގެ ކޮއްކޮއެވެ. އޭނާވެސް މަސައްކަތް ކުރަނީ ފެކްޓަރީގައެވެ. ސްޕަރވައިޒަރ މަސައްކަތް ކުރަމުން ގެންދިޔައީ އެކޮއްކޮގެ ކައިވަންޏަށް ޓަކައެވެ. އެހެން ނަމަވެސް އަހަރެން ޕްރޭމް މެދުވެރިކޮށް ސިޓީ ފޮނުވައިގެން އެކުއްޖާއާއި އިނދެފީމެވެ........ މިކާވަނީގެ ސަބަބުން މަސައްކަތްތެރިންނާ ވެރިމީހާގެ ގުޅުން ކުރިޔަށްވުރެވެސް ބަދަހިވެއްޖެއެވެ.

އަހަރެން ތާރާ ދެކެ އިންތިހާއަށް ލޯބިވީމެވެ. އެހެންކަމުން އަހަރެން ގަސްތުކުރީ ދުނިޔޭގައިވާ ހުރިހާ އުފަލެއް އޭނާއަށް ހޯދައި ދިނުމަށެވެ. އޭނާ ޖިފުޓިގަނޑުން ނެރެ ގަނޑުވަރެއް ކަހަލަ ގެއަކަށް ގެންދިޔައީމެވެ. ފުޓްޕާތުގައި ފައިމަގުގައި ހިނގަމުން ދިޔަ ތާރާ އެއަރކަންޑިޝަން ކާރަކަށް އެރުވީމެވެ. ހަނީމޫން ފާހަގަ ކުރުމަށްޓަކައި އޭނާ ގޮވައިގެން ސްއިޒަރލޭންޑަށް ދިޔައީމެވެ. ޕެރިހަށް ދިޔައީމެވެ. އެދުވަސްވަރު އަހަންނަކީ، ދުނިޔޭގައި ހުރި އެންމެ ނަސީބުގަދަ މީހާ ކަމުގައި ދުށީމެވެ.

ދުނިޔޭގައި އިންސާނާއަށް ބޭނުންވަނީ ދެކަމެކެވެ. އަންބަކާއި ރަޙްމަތްތެރިއެކެވެ. މި ދެނަސީބުވެސް އަހަންނަށް ޙާޞިލުވިއެވެ. ތާރާވެސް އަމިއްލަ ފުރާނަދެކެ ވާލޯބި އަހަރެން ދެކެ ވިއެވެ. އަހަރެންގެ އަނގައިން އާހެއްގެ އަޑު އިވުނަސް އޭނާ ރޮއެވެ. ހެނދުނާ ހަވީރު އަހަރެންގެފައިގައި ބޮސްދެއެވެ. އަހަރެން އޭނާގެ ދުނިޔެ އާރާސްތު ކޮށްދިން ކަމަށްޓަކައި އޭނާ ދެކެނީ އަހަންނަކީ ވަރަށް މާތްމީހެއްގެ ގޮތުގައެވެ. ކޮންމެއަކަސް އެއަށްފަހު.......

ޖަގަންނާތު ފިނި ނޭވާއެއްލާފައި ބުންޏެވެ.

"އަހަރެން ވިޔަފާރީގެ ކަމެއްގައި އެއްމަސް ދުވަހަށް ޖަރްމަނަށް ދާން ޖެހިއްޖެއެވެ. ޚުދު އަހަންނަކީ މެކޭނިކެކެވެ. އަހަރެން ޖަރްމަނަށް ދިޔައީވެސް ޓްރޭނިންގ ލިބިގަތުމަށެވެ. އެކަމަކު ދިމާވި އުނދަގޫ ސަބުތަކަކާހުރެ ޖަރްމަނުގައި ހަމަސްދުވަހު މަޑުކޮށްލަން ޖެހުނެވެ. މިގޮތަށް މިކަން ދިމާވި ކަމުގައިވިޔަސް ތާރާއާމެދު އަހަރެން ފިކުރެއް ނުކުރަމެވެ. އަދި ފެކްޓަރީއާ ބެހޭގޮތުންވެސް ވިސްނާކަށް ނުޖެހުނެވެ. އެހެނީ އަހަރެން ފުރައިގެން ިދޔައީ ހުރިހާކަމަކާ އަހަރެންގެ ރަޙްމަތްތެރިޔާ ޕްރޭމްއާ ޙަވާލު ކޮށްފައެވެ.

އަހަރެން ކޮންމެ ދުވަހަކު ފޯނުން ތާރާއާ ޕްރޭމްއާ ގުޅަމެވެ. އަހަރެން ހުންނަނީ ވަރަށް ހިތްހަމަ ޖެހިގެންނެވެ. ކޮންމެއަކަސް އަހަރެންގެ ކޯސް ފުރިހަމަ ވެއްޖެއެވެ. އިންޑިޔާއަށް އެނބުރި ދާން ފުރަމުން ޕްރޭމްއާއި ތާރާއަށް ހަދިޔާ ބަދިޔާ ގަތީމެވެ.

އަދި އަންގާލުމަކާ ނުލައި އަހަރެން އިންޑިޔާއަށް ހިނގައްޖައީމެވެ.

ދުވަހަކީ ވަރަށް ވިއްސާރަ ދުވަހެކެވެ. ބޯޓް ޖެއްސުނީވެސް ވަރަށް އުނދަގުލުންނެވެ. އެއަރޕޯރްޓްގައި އެއްވެސް ޓެކްސީއެއް ނެތެވެ. އެހެންކަމުން އަހަރެން ހުރިހާ ސާމާނެއް އެއަޕޯޓް ލޮކް ރޫމަށް ލާފައި ޕްރައިވެޓް ކާރަކަށް އަރައިގެން ގެއަށް ހިނގައްޖައީމެވެ.......... އެދުވަހު އަހަރެންހުރީ އިންތިހާއަށް އުފާވެފައެވެ. އަދި އަހަރެން ބޭނުންވެފައި ހުރީ ހަމަ އެ އުފާވެރިކަމާއި ހިތްހަމަ ޖެހުން ތާރާއާއި ޕްރޭމްގެ ފަރާތުން ވެސް ލިބުމަށެވެ.

އަހަރެން އުފަލުން ފުމެމުންގޮސް ގެއަށް ވަދެއްޖައީމެވެ. ފުރަތަމަ ބެޑްރޫމްގެ ކުޑަދޮރު ކައިރިއަށްގޮސް ބިއްލޫރި ގަނޑުން އެތެރެ ބަލާލައިފީމެވެ. އެވަގުތު އަހަރެންނަށްފެނިގެން ދިޔައީ ކޮންކަހަލަ މަންޒަރެއްކަން އެނގޭ ހެއްޔެވެ؟

ޖަގަންނާތުގެ އަޑު ރޫރޫ އަޅައިގަތެވެ. އެނާ ތުން ފިއްތާފާ ބުންޏެވެ.

"އަހަރެންގެ ނިދާ އެނދުގައި ތިބީ އަހަރެން އިންތިހާއަށް ލޯބިވާ އަނބިމީހާ ތާރާއާއި އަހަރެންގެ ޢިއްޒަތްތެރި ރަޙްމަތްތެރި ޕްރޭމްއެވެ.... ތާރާއަކީ އަހަރެން މަހާރާނީއަކަށް ހެދި ފަޤީރު އަންހެން ކުއްޖާއެވެ. އަދި އަހަރެންގެ ހުރިހާ ކަމަކާ ޙަވާލުކޮށްފައި ހުރި ވެރިޔަކީ ރަޙްމަތްތެރި ޕްރޭމްއެވެ. ދުނިޔެ ހިނގަމުން ދާގޮތް ނިކަން ވިސްނާލަ ބަލާށެވެ. ޕްރޭމަށް އަހަރެން އެ ވަޒީފާ ނުދިންނަމަ އޭނާ ހުންނަން ޖެހޭނީ އާދައިގެ ކާތިބެއްގެ ގޮތުގައެވެ.

ދެން އަހަރެން ކޮޅުފައިން ޖެހުމާއެކު ދޮރު ހުޅުވާލައިފީމެވެ. އަދި އެމީހުންނަށް އިތުރު ބަހަނާއެއް ދެއްކުމުގެ ކުރީގައި އަހަރެން އެމީހުން ގަޔަށް ބަޑިޖަހާ ވަގުތުން މަރާލައިފީމެވެ."

ޖަގަންނާތު ފިނި ނޭވާއެއް ލާފައި ހިމޭން ވެއްޖެއެވެ. ތިރްލޯކް ހާސްވެފައި އޭނާއާއި ދިމާއަށް ބަލަހައްޓައިގެން އިނެވެ. އެވަގުތު ތަށި އެއްކުރާ މީހާގެ އަޑު އިވިއްޖެއެވެ. އެއާއެކު ކޮންމެ މީހަކުވެސް އެމީހާގެ ތަށިގެންގޮސް ދޮންނަން ފަށައިފިއެވެ. ... ދެވަނަ ފަހަރަށް ބައްދަލުވަންދެން ތިރްލޯކްގެ ކަންފަތްހުރީ ބައްވެފައެވެ. ދެންހަމަ އެދުވަހުގެރޭ އެނާއާ އަނެއްކާވެސް ޖަގަންނާތާ ބައްދަލުވެއްޖެއެވެ.

ތިރްލޯކު ފެނުމުން ޖަގަންނާތު ހިނިތުން ވެލާފައި ބުންޏެވެ.

"ކަލޭ މިއަދު ހަތަރުދަމު ވިސްނާނީ އަހަރެންގެ މައްސަލައާ ބެހޭގޮތުންކަން އަހަންނަށް އެނގެއެވެ."

"އާއެކެވެ. އަހަރެން ހުރިހާ ދިމާއަކަށް ބަލާ ފިކުރު ކޮށްފީމެވެ. އެކަމުގައި ކަލޭގެ ފަރާތުން އެއްވެސް ކުށެއް ނުކުރެވެއެވެ."

ޖަގަންނާތު ހީނލާފައި ބުންޏެވެ.

"ކަލޭގެ އަންހެނުން ދެކެ އިންތިހާއަށް ލޯބިވަމުއެވެ. ކަލޭ އެއަނބިމީހާގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ކުށެއްނެތް އިންސާނަކު މަރާލައިފީމުއެވެ. އެކަމުން ކަލެއަށްވެސް ލިބުނީ ހިތާމައެވެ. އެހެން ނަމަވެސް އަންހެނުންނަކީ ކޮން ބައެއްކަން އަދި ކެލައަކަށް ނޭނގެއެވެ. އޭގެ ތަޖުރިބާއެއް ލިބިފައެއް ނެތެވެ. އަންހެނުންނަކީ އަވާ މެންދުރެއްފަދަ އެއްޗެކެވެ. ދުރުން ބަލާއިރު ފެންނާނީ ހާމަ ވެލިގަނޑުގައި ފެންގަނޑެއް އޮންނަ ކަހަލަ ގޮތަކަށެވެ. އެކަމަކު ކައިރިއަށް ދާއިރު ފެންނާނީ ކުރީގައިވެސް އޮތްރީތި ވެލިގަނޑެވެ. ފެނުގެ އަސަރެއްވެސް ފެންނާކަށް ނުހުރެއެވެ. ސަތޭކައަކުން ނުވަދިހަ ޕަސެންޓް އަންހެނުންނަކީ ބޭވަފާ ތެރިންނެވެ. ފިރިމީހާ ދުރަށް ޖެހިލާއިރަށް ކޮންމެވެސް އެހެން ރީތި ފިރިހެނަކަށް އޭނާގެ ތުއިކަން ދައްކައެވެ. ފަރި ހިނގުމާ އަސަރުގަދަކަން ހާމަކޮށްދެއެވެ. އެންމެފަހުން ނުވާންވީ ހުރިހާކަމެއް އޮންނާނީ ވެނިމިފައެވެ. ބުރައެއް ލިބިއްޖެނަމަ އެބުރައިގައި ހިފަން ހުންނާނީ އެއްކަލަ ފިރި މަނިކުފާނެވެ."

ތިރްލޯކް ތުރުތުރު އަޅައިގަތެވެ. އޭނާ މަޑުމަޑުން ތުންތަޅުވަމުން ބުންޏެވެ.

"ނޫނެކެވެ. ނޫނެކެވެ. އަހަރެންގެ އަންހެނުންނަކީ އެކަހަލަ މީހެއްނޫނެވެ. އެއްފަހަރު ރޫޕާ ފެނިލިއަސް އޭނާއަކީ އެކަހަލަ އަންހެނަކަށް ނުވާނެއޭ ކަލޭގެ ދުލުން ބުނެލެވޭނެއެވެ."

"ކަލޭގެ އަންހެނުން އެހާވަރަށް ކަލޭ ދެކެ ލޯބިވާނަމަ މިހާ ދުވަސްވާއިރު ކަލެޔާ ބައްދަލުކުރަން ނައިސް އެއިންނަނީ ކީއްވެގެން ހެއްޔެވެ؟"

"އަހަރެން ހުރީ ޖަލުގައި ކަމެއް އަދިވެސް އޭނާއަކަށް ނޭނގޭނެއެވެ. ކިޝޯރުބާބޫއާއި ޕްރަބާ އޭނާ ގާތުގައި ބުނެފައި އޮތީ އަހަރެން ހުރީ އަހަރެންގެ ސާހަބާއެކު އެމެރިކާގައި ކަމުގައެވެ. މިދޮގު ބުނަން ޖެހުނީ އޭނާ ކެންސަރުގެ އޮޕަރޭޝަނެއް ކުރެވުނުތާ އަދި މާގިނަދުވަސްތަކެއް ނުވާތީއެވެ. އޭނާއަކަށް މިހާވަރުގަދަ ހިތާމައަކާ ކުރިމަތި ލާނެ ހިތްވަރެއް އަދި ނުލިބޭނެއެވެ."

"ތިޔަބުނާ ޕްރަބާއަކީ ކާކު ހެއްޔެވެ؟........"

"އަހަރެން ކޮޓަރި ކުއްޔަށް ހިފައިގެން ހުންނަ ގޭގެ ވެރި އަންހެން މީހާގެ ދަރިފުޅެކެވެ."

"މީހަކާއި އިނދެފި ހެއްޔެވެ؟"

"އާނއެކެވެ. އެކަމަކު ފިރިމަރުވިތާ ދެއަހަރު ވެއްޖެއެވެ."

"ހުވަފަތް ކުއްޖެއްދޯއެވެ. އަހަރެން ހީކުރަނީ އެއީ ކަލޭގެ ރަޙްމަތްތެރިޔާގެ އަންހެނުން ކަމުގައެވެ...."

"ނޫނެކެވެ. އެއީ އޭނާގެ އަންހެނުންނެއް ނޫނެވެ. އަދި އެ ކިޝޯރު ބާބޫއަކީ އަހަރެންގެ ރަޙްމަތްތެރި އެއްވެސް ނޫނެވެ. އެއީ އޮފީހުގެ އެސިސްޓަންޓް މެނޭޖަރއެވެ. އޭނާގެ އަންހެނުން މަރުވެއްޖެއެވެ. އަދި ޕްރަބާއަކީ، ކިޝޯރު ބާބޫގެ އަންހެނުންގެ އެކުވެރި ކުއްޖެއެވެ."

"އަޖައިބެއް ކުހަލަ ގުޅުމެކެވެ. ޕްރަބާގެ ގޭގައި ކަލޭ ހުންނަތާ ކިހާ ދުވަހެއްވެއްޖެ ހެއްޔެވެ؟"

"މިހާރު ދޮޅު އަހަރުވަރު ވެދާނެއެވެ."

"ފުރަތަމަ ދުވަހުއްސުރެ ކޮއްކޮއެއްގެ ގޮތުގައި ޕްރަބާ ދެކެން ފަށައިފިން ހެއްޔެވެ."

"ނޫނެކެވެ."

ޖަގަންނާތު ތުނބުން ފުމެންއުޅޭކަހަލަ ގޮތަކަށް ތުން އޫކޮށްލާފައި ހިނިތުން ވެލަމުން ބުންޏެވެ.

"ޙައިރާންވަމެވެ. ދޮޅުއަހަރު ދުވަސްވެސްނުވެ އުޅެނިކޮށް ކުއްލިއަކަށް ރާކީ ބަނުން އެއީ އާދައިގެ ކަމެއް ނޫނެވެ. ކަލޭގެ ލޮލުން އެކަން ފާހަގަ ކުރެއެވެ."

"ތިޔަ ބުނަނީ ތެދެކެވެ.........." ތިރްލޯކް މަޑުމަޑުން ބުންޏެވެ.

ދެން އޭނާ ޖަގަންނާތަށް ތަފްޞީލުކޮށް ވާހަކަގަނޑު ކިޔާ ދީފިއެވެ........... ޖަގަންނާތު ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ.

"ތިޔައީ ހަމަ އަންހެނުންގެ މަކަރެވެ. އަހަރެންގެ ކޮޓަރީން ޕްރޭމްއާއި ތާރާ ފެނުނު ދުވަހު ތާރާ ބުނީ ކީކޭ ކަމަށް ހެއްޔެވެ. އޭނާ ބުނީ ޕްރޭމް ގަދަކަމުން ކޮޓަރިއަށް ވަނީ ކަމުގައެވެ. އެކަމަކު އެދެމީހުން ފެނުނުއިރު ތިބީ ނުލާހިކު އުފަލުގައި ހަމަޖެހިލައިގެންނެވެ."

"ހަމަ ރަނގަޅަށް ހެއްޔެވެ؟"

"އާނއެކެވެ. އަހަންނަކީ މޮޔައެއްނަމަ މަރާލާނީ ހަމައެކަނި ޕްރޭމްއެވެ. ލޯބީގެ ޙައްޤުގައި ތާރާ ދޫކޮށްލާނީއެވެ. އެއަށްފަހު ޖަލަށްވެސް އަންނަން ޖެހޭނެއެވެ. ތަރާ ކޮންމެވެސް އެހެން ޖަގަންނާތެއް ނުވަތަ ޕްރޭމެއް ހޯދާނީއެވެ.... އަންހެނަކު ކަމަކަށް އެދި ކާމިޔާބު ނުވެއްޖެނަމަ އެމީހަކު ނައްތާލުމަށް މަސައްކަތް ކުރެއެވެ. އަދި އެކަންވެސް ކާމިޔާބު ނުވެއްޖަނަމަ ދެން ހަދާގޮތް އެނގޭ ހެއްޔެވެ؟"

"ކިހިނެއް ހެއްޔެވެ؟"

"ރާކީ ބަނދެފައި ބޭބެއަކަށް ނުވަތަ ކޮއްކޮއަކަށް ހަދަނީއެވެ." ޖަގަންނާތު ހީނގަތެވެ.

ތިރްލޯކްގެ ހިތުގައި މީހަކު ގޮށްމުށުން ޖެހިކަހަލައެވެ. ޖަގަންނާތު ހުނުން ހުއްޓާލާފައި ބުނެފިއެވެ.

"އަހަރެން ހީކުރީ ކިޝޯރާއި ޕްރަބާއަކީ ދެމަފިރިން ކަމުގައެވެ. އަންހެނެއްގެ ހިތުގައި އެއްވެސް ކަހަލަ ނޭދެވޭ އެދުމެއް ނެތްނަމަ ހިލޭ ފިރިހެނެއްގެ ކުރިމަތީގައި އެހާ ގިނައިރަކު ހިމޭނަކުން ނީންނާނެއެވެ. ޚުދު ކަލޭ މިކަމާ ވިސްނާލަ ބަލާށެވެ. އޭނާގެ ހިތުގައި ކަލެޔާމެދު ނޭދެވޭ އެދުމެއް ނޫފުދޭ ހެއްޔެވެ. އެނާގެ މަޅިއަކު ކަލެއެއް ނުބެދުނެވެ. އެންމެފަހުން ގޮތް ހުސްވެގެން ކަލޭ ބޭބެއަކަށް ހެދީއެވެ. އޭނާ ކިޝޯރާވެސް މުޚާތަބު ކުރަނީ ބޭބެގެ ނަމުން ހެއްޔެވެ؟"

"ނޫނެކެވެ."

"ބޭބެ ނުކިޔާންވީ ކީއްވެގެން ހެއްޔެވެ. ކިޝޯރު ބޭބެއޭ ކިޔުމުން އޮތީ ކޮންގެއްލުމެއް ހެއްޔެވެ؟ ބޭބެއޭ ކިޔާ ވާހަކަ ދައްކަން ފެށުމުން ފަރުދާގެ އަނެއް ފަރާތުގައިވާ ގުޅުން ފޮހެވިގެން ހިނގައި ދާނެއެވެ."

ތިރްލޯކްގެ ކުޅު ހިކިއްޖެއެވެ. ޑަންޑަންލާފައި ހިތްތެޅެން ފަށައިފިއެވެ. އަނެއްކާވެސް ޖަގަންނާތު އަހައިފިއެވެ.

"ކިޝޯރަކީ ކަލޭމެންގެ ފާމްގެ އެސިސްޓަންޓް މެނޭޖަރ ހެއްޔެވެ؟"

"އާނއެކެވެ."

"ކަލެޔަކީ ކާތިބެއްދޯއެވެ."

"އާނއެކެވެ."

:އޭނާ ކަލެޔާމެދު އެހާބޮޑަށް ހަމްދަރްދީވަނީ ކީއްވެގެން ހެއްޔެވެ؟"

ކިޝޯރުގެ ޙަޔާތް ރަނގަޅަށް ތަފްޞީލްކޮށް ތިރްލޯކަށް ކިޔަވައިދީފިއެވެ. އަދި ކިޝޯރުގެ އަންހެނުން ނިމިގެން ދިޔަގޮތްވެސް އޮޅުން ފިލައިފިއެވެ. ......... އަނެއްކާވެސް ޖަގަންނާތު ހިނިގަނޑެއް ޖަހާލާފައި ބުންޏެވެ.

"ކަލޭގެ އަންހެނުންގެ އޮޕަރޭޝަނަށް ވިހި ހާސް ރިފިޔާ ހޯދައިދިނީ އެހެންވެގެން ހެއްޔެވެ؟"

"އާނއެކެވެ."

"އެހެނިހެން ކަންތައްވެސް ހުންނާނެކަން އެނގެއެވެ."

"އާނއެކެވެ."

"އެއީ ކޮންކަމެއް ހެއްޔެވެ؟"

"އަހަރެންގެ މުސާރައާ އެއްވަރަށް ކޮންމެ މަހަކުވެސް އޭނާ ރޫޕާއަށް ފައިސާ ގެންގޮސްދެއެވެ."

"މުސާރަވެސް ދޭ ހެއްޔެވެ؟ ......... ކޮންމެ މަހަކު ފައިސާ ގެންގޮސްދޭ ހެއްޔެވެ؟"

"އާނއެކެވެ."

ޖަގާންނާތު ވަރަށް ބާރަށް ހީގެންފައި ބުންޏެވެ.

"ހަމަ ރަނގަޅަށް ހެއްޔެވެ. ތިރްލޯކްއެވެ. ކަލޭ ހާދަހާ މޮޔައެވެ. ކިޝޯރު އެހާގިނަ ފައިސާތަކަކާ ވަގުތުތަކެއް އެނަގާލަނީ ހަމައެކަނި އަންހެނުން މަރުވުމުގެ ހިތާމަ ޙައްލުކުރަން ވެގެނެއްނޫނެވެ........... ފައިސާއާއި ސިޓީ ހިފައިގެން ދިއުމުގެ ބަހަނާގައި އޭނާ ކަލޭމެން ގެއަށް އައިސްގޮސް ވާނެކަން ނޭނގެއެވެ."

"އާނއެކެވެ. ދާނެއެވެ."

"އެގޭގައި ވަގުތު ހޭދަ ކުރާނެކަންނޭނގެއެވެ. ކަލޭގެ އަންހެނުން އޭނާއާ ވާހަކަ ދައްކާނެއެވެ. ސައިދޭނެއެވެ. އަދި ކިޝޯރަކީ ތިމާގެ އެންމެބޮޑު އެހީތެރިޔާ ކަމުގައި ދެކޭނެއެވެ. ދެން ކޮންމެވެސް އެއްދުވަހަކުން އޭނާއަށް ހުރިހާކަމެއް އެނގިދާނެއެވެ. ކަލޭ ދިހަ އަހަރުގެ ސަޒާ ޖަލުގައި ކަޑައްތު ކުރަނީ ކަންވެސް އެނގިދާނެއެވެ. އެހެންކަމާއެކު ދިހަ އަހަރުވެންދެން އޭނާ ކަލޭގެ ލޯބިންވެސް މަޙްރޫމް ވެދާނެއެވެ. ދިހަ އަހަރު ވަންދެން ދެމީހުން ތިބެން ޖެހޭނީ ދެތަނެއްގައެވެ. ދެމަފިރިން ލޯތްބާއި މަޖަލުގައި ކަޑައްތު ކުރަންޖެހޭ ދިހައަހަރު ގެއްލިގެން ހިނގައިދާނެއެވެ. އިންސާނާގެ ޢުމުރު ހުސްވަމުން ދާވަރަކަށް ޖިސްމާނީ އެދުންތައްވެސް ދާނީ މަދުވަމުންނެވެ. ގެއްލެމުންނެވެ. އޭގެ ފަހުގައި އޭނާގެ އޮޕަރޭޝަނަށް ފައިސާ ހޯދައިދިނީ ކިޝޯރުކަން ކޮންމެވެސް ގޮތަކުން އެނގިދާނެއެވެ. ހަމަ އެއާއެކު އޭނާއަށް ޝުކުރުވެރިވެ އިޙްސާންތެރިއެއްގެ ނަޒަރުން ދެކެން ފަށާފާނެއެވެ. ފިރިހެނެއްގެ އިޙްސާސްތެރިކަމުގެ ބަދަލު ދިނުމަށްޓަކައި އަންހެނަކަށް އޮތީ ހަމަ އެންމެ ގޮތެކެވެ."

"ނޫނެކެވެ." ތިރްލޯކްގެ އަޑު ތުރުތުރު އަޅައިގަތެވެ.

"ތިރްލޯކްއެވެ. އަންހެނެއްގެ ޖިންސީ ވަފާތެރިކަމަކީ ކުއްތާއެއްގެ ވަފާތެރިކަން ފަދަ އެއްޗެކެވެ. ކަލޭގެ ގޭގައި ކުއްތާއެއް އޮތްނަމަ އޭގެ ވަފާތެރި ކަމުގައި ފުރާނަވެސް ދުއްވާލަ ފާނެއެވެ. އަދި ކަލޭ އެކުއްތާ އަހަންނަށް ދީފިއްޔާ ދުވަސް ކޮޅަކުން ހަމަ ކަލެޔާމެދު ވަފާތެރިވި ވަރަށް އަހަންނަށްވެސް ވަފާތެރިވާން ފަށާފާނެއެވެ. ކަލެޔަށް މިކަހަލަ ތަޖުރިބާތައް ކުރެވިފައި ނެތީ ކަންނޭނގެއެވެ."

ތިރްލޯކް ބުންޏެވެ.

"ޖަގަންނާތުއެވެ. ދެން ހުއްޓާލާށެވެ."

"އަހަރެންގެ ވާހަކަ ލިޔެފާވެސް ދީފާނަމެވެ....... ތިރްލޯކްއެވެ. އެއްދުވަހަކުން ކަލޭގެ އަންހެނުންވެސް..."

ކުއްލިއަކަށް ޕަސްލާފައި ގޮވިއަޑަކާއެކު ހުރިހާ ގައިދީން އެދިމާއަށް ކުރިމަތި ލައިފިއެވެ. ތިރްލޯކް ކޮޅަށް ތެދުވެހުރެ ރޫރޫ އަޅަމުން ބުނެއެވެ.

"ގޮތްކުޑަ މީހާއެވެ........... މީގެ ފަހުން އަހަރެންގެ އަންހެނުންނާމެދު ތިޔަކަހަލަ މުޑުދާރު އަޑެއް ކަލޭގެ އަނގައިން ބޭރުވެއްޖިއްޔާ ފުރާނަ ދުއްވާލާނަމެވެ."

ހުރިހާ ގައިދީން ޙައިރާން ވެއްޖެއެވެ. ޖަގަންނާތު އެއްވެސް ބަދަލެއް ނުހިފިއެވެ. އޭނާ ހަމައެކަނި ހީނލާފައި އަށީގައި އޮށޯތީއެވެ. އަދި ރަޖާގަނޑު ލައިފިއެވެ... ތިރްލޯކް ރުޅިއައިސް ރަތްވެފައި ހުއްޓެވެ.

+ + + + +

ކިޝޯރު އޮފީހުން ނުކުތީ ހަމަ ދެންނެމައަކުއެވެ. އޭނާ ކާރުގައި ތަންކޮޅަކަށް ހިނގައްޖެއެވެ. ކުއްލިއަކަށް ޕްރަބާ ކުރިމަތިން ފެނިއްޖެއެވެ. އެނާ އަތުގެ އިޝާރާތުން ކާރު މަޑުކުރުވައިފިއެވެ. ކިޝޯރު މަގުގެ އެއްފަރާތަށް ކާރު ގެންގޮސްފިއެވެ. އެއާއެކު ޕްރަބާ މަގު ހުރަސްކޮށް އައިސް ކާރުގެ ދޮރު ހުޅުވާލާފައި ކުރީ ސީޓްގައި އިށީނދެއްޖެއެވެ. އެއަށްފަހު ކިޝޯރު ބުންޏެވެ.

"ކަލޭ މިހިސާބުގައި ކީއްކުރަނީ ހެއްޔެވެ؟"

"އަޅުގަނޑު ރައްޓެހި ކުއްޖަކާ ބައްދަލު ކޮށްލަން އައިސް އުޅެނީއެވެ."

"މި ދިމާވީ ރަނގަޅަށެވެ. އަހަރެންވެސް މިދަނީ ތިޔަގެއަށެވެ."

"އަދަކީ މަހުގެ އެކެއް ކަމުގައިވާތީ ދުރުވަނީތޯއެވެ."

"އާއެކެވެ..... މިއަދު ތިރްލޯކްގެ މުސާރަ ރޫޕާއަށް ގެންގޮސް ދޭން ޖެހޭނެއެވެ."

* "އެހީގެ އަގު" ވާހަކައިގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 53 އިން 57 އަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން