ކޯވިޑްގެ އާލަމީ ވަބާއާއެކު ވެސް ރާއްޖޭގައި ކުޑަވެސް ފަނޑުކަމެއް ނެތި، މަޑުޖެހުމެއްނެތި ނިމިދިޔަ 2021 ވަނަ އަހަރުވެސް އެންމެ ހަރަކާތްތެރި އެއް ދާއިރާއަކީ ސިޔާސީ ދާއިރާއެވެ. ފެންނަމުން ދިޔަ މަންޒަރު ތަކާއި އިވެމުން ދިޔަ އަޑުތަކަށް ބަލާއިރުވެސް ރާއްޖޭގައި ކޯވިޑްގެ ހަބަރުތަކާއި ދާދި އެއްހަމައެއްގައި ސިޔާސީ ހަބަރުތައް ވެސް ހިފަހައްޓާލިއެވެ. ކޯވިޑްގެ ބިރުވެރިކަމާއި މަރުތަކާއި މާޔޫސްކަމާއި އަތްމަތީގެ ދަތިކަމާއި އިޤުތިޞާދީ ބޮޑު އަޑިގަނޑާއެކުވެސް ސިޔާސީ ހަރަކާތްތައް ހަމަ އެންމެ ތަންފުކެއްވެސް ފަނޑެއް ނުވެއެވެ.

ނިމިދިޔަ އަހަރު ފެށުނު އިރުވެސް ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ތެރޭގައި އޮތް އެންމެ ބޮޑު ހިތްހަމަ ނުޖެހުމަކީ އެޕާޓީގެ "ބޮޑު ދެގެރީ" ގެ ތަޅާފޮޅުމުގެ ވާހަކައެވެ. މިދެންނެވީ އެޕާޓީގެ ދެ ރައީސުންގެ ސިޔާސީ ވާދަވެރިކަމާއި ބާރުތަކުގެ ވާދަވެރިކަމުގެ ތެރެއިން އުފެދުނު ވަރުގަދަ އުދާސްތަކާއި ބަހުގެ ހަމަލާތަކުގެ ވާހަކައެވެ. އަދި މި ވާދަވެރިކަމުގައި އެމްޑީޕީގެ ތެރޭގައި ވާދަވެރި ދެ ފެކްޝަނެއް އުފެދިގެން ދިޔަ ވާހަކައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ދެމެދު ސިޔާސީ ގޮތުންނާއި ސަރުކާރާއި މަޖިލީހުގެ ބާރުތަކުގެ ވާދަވެރިކަމެއް ހިނގަމުން އަންނަ ވާހަކައަކީ 2021 ވަނަ އަހަރު ފެށުނުއިރުވެސް ސިޔާސީ މަޝްރަހުގައި އެންމެ ބާރަށް އެންމެ އަޑުހަރުކޮށް ދެކެވުނު އެއް ވާހަކައެވެ. މިވާހަކަތައް އާންމުންނާއި ހަމައަށް އެހާ ރަނގަޅަށް އެހާ ފާޅުކަން ބޮޑު ގޮތެއްގައި ތިލަވެގެން ދިޔައީ ހުސްވި އަހަރުގައި ހިނގާދިޔަ އެންމެ ނުރައްކާތެރި އަދި އެންމެ ހިތާމަވެރި އެއް ހާދިސާ ކަމަށްވާ ރައީސް ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަށްފަހުއެވެ.

މިހަމަލާގެ ތުހުމަތު ކޮންމެވެސް ވަރަކަށް ސަރުކާރަށް އަމާޒުވަމުން ދިޔައިރު އެތުހުމަތު ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ސަރުކާރުގެ ދިފާޢީ ވަޒީރުގެ އިސްތަށިފުޅަށް މަހާލަން ކޮންމެވެސް ސިފައެއްގައި މަސައްކަތް ކުރަމުން ދިޔަކަން ވެސް އިހުސާސް ކުރެވިގެން ދިޔައެވެ. އަދި ޚުދު ރައީސް ޞާލިހުގެ އިސްތަށިފުޅުގައި ވެސް އެތުހުމަތުގެ ކޮންމެވެސް ވަރެއް "ބީހިގެން" ދިޔައެވެ. ދިފާއީ ވަޒީރު މާރިޔާ ދީދީއަށް ހަމަލާގެ ވާހަކަ އެނގިވަޑައިގެން ހުންނަވައި އެކަން އަންގަންވީ ފަރާތްތަކަށް ނޭންގެވި ކަމުގެ ތުހުމަތާއި ރައީސް ނަޝީދު ބޭސްފަރުވާއަށް ބޭރަށް ވަޑައިގެންނެވި ފަހުން ރައީސް ޞާލިޙު ރައީސް ނަޝީދަށް ނުގުޅުއްވާ ނުވަތަ ހާލުކޮޅު ވެސް ބައްލަވާ ނުލައްވާ ކަމަށް ބުނާ ވާހަކަތަކުން އެފަދަ ޝައްކުތަކާއި ވަހުމްތައް ކޮންމެވެސް ވަރަކަށް އިތުރުވި ނަމަވެސް ރައީސް ޞާލިހު މިކަމުގައި އަމަލުކުރެއްވި ހިކުމަތު ޢަމަލީގެ ސަބަބުންނާއި ކަންކަން ގެންދެވިލެއް ފުރިހަމަ ކަމުން އެފަދަ އެއްވެސް ތުހުމަތެއް އެމަނިކުފާނުގެ އިސްތަށިފުޅަށް މަހާލެވޭ ގޮތެއް ނުވިއެވެ. މަޖިލިސް މެންބަރުން މެދުވެރިކޮށް މައްސަލައަށް އިޖާބަދެއްވި ގޮތާއި ބައިނަލްއަޤްވާމީ ފެންވަރުގައި ކަން ކުރެއްވި ގޮތުންނާއި އޭރު އާންމުންގެ ކުރިމައްޗަށް ނުކުމެވަޑައިގަންނަވާ ކޮންމެ ފުރުސަތެއްގައި އެވާހަކަ ދައްކަވައި ޖަވާބުދާރީ ވެވަޑައިގެންނެވިލެއް ފުރިހަމަކަމުގެ ސަބަބުން އެފަދަ އެއްވެސް މަޅިއެއްގައި ރައީސް ޞާލިޙު ބައްދާލެވޭ ގޮތެއް ނުވިއެވެ.

ނަމަވެސް އެ ހާދިސާއަށްފަހު ރައީސް ނަޝީދު އާންމުންގެ ކުރިމައްޗަށް ނުކުމެވަޑައިގެންނެވި ކޮންމެ ފުރުސަތެއްގައި ވެސް ބޭނުންކުރެއްވީ އެމަނިކުފާނު އަބަދުވެސް ގެންގުޅުއްވާ މޮޅު ސިޔާސީ އުކުޅު ތަކެވެ. ސިޔާސީ ގޮތުން އެމަނިކުފާނު އަބަދުވެސް ކުރިއަށް ކުޅުއްވާ ހަކުޅި މިފަހަރުވެސް ކުޅުއްވިއެވެ. ސިޔާސީ ގޮތުންނާއި ސަރުކާރުގެ ބާރުތައް ކޮންޓްރޯލް ކުރުމުގައްޔާއި ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލް ކުރުމުގައި ދެބޭފުޅުންގެ މެދުގައި އޮތް ވާދަވެރިކަން އާންމު ރައްޔިތުންނާއި ހަމައަށް އެހާ ސާފުކޮށް ތިލަވެގެން ދިޔައީ މިދެންނެވި ފުރުސަތު ތަކުގައި އެމަނިކުފާނު ދައްކަވަމުން ގެންދެވި ވާހަކަފުޅުތަކުންނެވެ.

ދެރައީސުންގެ ސިޔާސީ ވާދަވެރިކަން "ގޯނިން" ބޭރުވެގެން ދިޔަ ހިސާބަކީ ސިޔާސީ ގޮތުން ރައީސް ޞާލިޙާއެކު މަސައްކަތް ނުކުރެއްވޭނެކަން ފާޅުގައި ރައީސް ނަޝީދު އިޢުލާން ކުރެއްވި ހިސާބުންނެވެ. އޭގެ ކުރިންވެސް ރައީސް ނަޝީދު އަބަދުވެސް ވަކާލާތު ކުރަށްވާ ބަރުލަމާނީ ނިޒާމުގެ ވާހަކަ ދެކެވެމުން ދިޔަ ނަމަވެސް އަދި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ރައީސް ނަޝީދު ބޮޑުވަޒީރުކަން ކުރަށްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ރައީސް ޞާލިހަށް ހުށައެޅުއްވި ނަމަވެސް ގިނަ ބަޔަކު ދެކޭ ގޮތުގައި އެއީ ރައީސް ނަޝީދު އާންމުކޮށް ދައްކަވާ ވާހަކަފުޅަކަށްވާތީ އެއީ ދެ ރައީސުން ގުޅިވަޑައިގެން ސިޔާސީ ގޮތުން "ވަކަރަށް ޖަހާލުމުގެ" ގޮތުން ދައްކަވާ ވާހަކަފުޅު ތަކެވެ.

ރައީސް ޞާލިޙާއެކުގައި ސިޔާސީ މަސައްކަތް ނުކުރެއްވޭނެ ކަމަށް ވިދާޅުވެ އެހާހިސާބުން ރައީސް ނަޝީދުގެ ވާހަކަފުޅު ނިންމަވާލީއަކީ ނޫނެވެ. އެވާހަކައަށް ފަހު ދެން ވިދާޅުވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމުގައްޔާއި އެކަމަށް މަގުފަހި ކުރުމަށް ގާނޫނު އަސާސީ ބަދަލުކުރަން އެހީތެރިވުމާއި އެމަނިކުފާނު މަޖިލީހުގެ ތެރެއިން ފާސްކުރަށްވަން ބޭނުންފުޅުވާ ބައެއް ގާނޫނު ތަކުގައި ހުރި ކަންކަމަށް ތާއީދުކުރާނަމަ އިދިކޮޅު ޕީޕީއެމާއެކުވެސް އަދި ސީދާ އިދިކޮޅު ލީޑަރު ރައީސް ޔާމީނާއެކުވެސް ވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ވާހަކަފުޅެވެ. މީގެއިތުރުން އެންމެ ބޮޑަށް ބަހުސް ކުރަމުން ގެންދާ ޕާޓީގެ އެތެރޭގައި ރިޔާސީ ޓިކެޓްގެ ޕްރައިމަރީގެ ވާހަކަ އިޢުލާން ކުރަށްވައި އެމަނިކުފާނު ޕްރައިމަރީގައި ވާދަކުރަށްވައި ރިޔާސީ ޓިކެޓް ހޯއްދަވާނެ ކަމުގައި ވެސް ވިދާޅުވީއެވެ. އަދި މިވަރުންވެސް ނިމުނީއަކީ ނޫނެވެ. އެމަނިކުފާނު ވިދާޅުވި ގޮތަށް ބަރުލަމާނީ ނިޒާމަށް ވެރިކަމުގެ ނިޒާމު ފުރޮޅާލުމުގެ މަސައްކަތް އަމަލީ ގޮތުން ވެސް ފެއްޓެވީއެވެ.

މީގެ ސަބަބުން ފެނިގެން ދިޔަ އެއް މަންޒަރަކީ ދެ ރައީސުންގެ ސައިޒް ވަޒަންކޮށް މިންއަޅައި މިނެމުން ގެންދިޔަ މަންޒަރެވެ. އެއްބަޔަކު ވަޒަންކުރީ ޕާޓީގެ ތެރޭގައި ދެރައީސުންގެ ސައިޒެވެ. އަނެއް ބަޔަކު ވަޒަންކުރީ ރައްޔިތުންގެ މަޖިލީހުގައި ދެބޭފުޅުންގެ ސައިޒެވެ. ސަރުކާރުގެ ތެރޭގައި ރައީސް ނަޝީދުގެ ސައިޒް މިނައި ވަޒަން ކުރާން ނުޖެހޭ ވަރަށް ސަރުކާގެ ތެރޭގައި ރައީސް ނަޝީދުގެ ސައިޒް ކުޑަކަން އެމަނިކުފާނު އޮތީ ވިދާޅުވެދެއްވައިފައެވެ.

ރައީސް ނަޝީދު ބޭސްފަރުވާއަށް ބޭރަށް ވަޑައިގެންނެވި ގޮތަށް އެނބުރި ވަޑައިގަންނަވަންދެން ވެސް ގިނަ ބަޔަކަށް ގަބޫލުކުރެވުނީ "ބޮޑު ދެގެރީގެ" ތަޅާ ފޮޅުމުގައި މުޅި ޕާޓީ ރަނގަޅަށް ދެބައިވި ނަމަވެސް އެތެރޭގެ ބާރުތަކުގެ ވާދަވެރި ކަމުގައި ދެ ރައީސުން ގަދަ ހިފުމަކަށް ދާނެ ކަމަކަށް އެއްވެސް ބަޔަކު ހިސާބެއް ނުޖަހައެވެ. އެގޮތަށް ހިސާބު ޖަހަން ނޭނގުނު އެންމެ ބޮޑު އެއް ސަބަބަކީ ރައީސް ޞާލިހުގެ ފަރާތްޕުޅުން މިހާތަނަށް ވެސް ފެނިގެން ގޮސްފައިވާ އެމަނިކުފާނުގެ މަޑުމައިތިރި އަދި ވަރަށް އަވަހަށް ގޮތް ދޫކުރަށްވައި ފަހަށް ޖެހިވަޑައިގެންނެވުމުގެ މިޒާޖެވެ. އެއީ މިހާތަނަށް ވެސް އެމަނިކުފާނު ސިފަކުރެވިފައިވާ ގޮތް ކަމަށް ވިޔަސް ރައީސް ނަޝީދުގެ މިފަހަރުގެ ބަސްފުޅުތަކާއި އަމަލުފުޅުތަކުގެ ސަބަބުން ރައީސް ޞާލިޙު އިހުތިޔާރު ކުރެއްވީ ކުރިއަށް ވަޑައިގެންނެވުން މަޑުޖައްސަވާލައްވައި ގޮތް ދޫކުރަށްވައި ފަހަތަށް ފިޔަވަޅު އަޅުއްވާކަން ނޫންކަން މިވަނީ ފެމުޅީން ކަށަވަރުވެ ޔަގީންވެފައެވެ. އެހެންވީމާ މިފަހަރު ރައީސް ނަޝީދު ގޮތް ދޫނުކުރަށްވައި އަދިވެސް ހަކުޅި ކުރިއަށް ކުޅުއްވާން ގަސްތު ކުރަށްވައިފިނަމަ ހަމަ ރަނގަޅަށް ގަދަ ހިފުމަކަށްދާނެ ކަމީ ވެސް ޔަގީންވާ ކަމެކެވެ.

ރައީސް ނަޝީދު ކިތަންމެ ބޭނުންފުޅަސް ރައީސް ޞާލިޙު ހުންނެވީ އެމްޑީޕީގެ ބާރުތައް ވެސް ދޫކުރަށްވާ ގޮތަކަށް ނޫނެވެ. ހަމައެހެންމެ ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ވެސް ދޫކުރަށްވައި ފަހަތަށް ޖެހިވަޑައިގަންނަވާ ގޮތަކަށް ނޫނެވެ. މީގެއިތުރުން މިކަމުގައި ރައީސް ޞާލިހުގެ "ގަޓް" ކަން ހާމަވެގެން ދިޔައީ ރައީސް ނަޝީދު ގަނޑު ހިއްޕަވައިގެން ބަރުލަމާނީއަށް ސޮއި ހޯއްދަވަން ނުކުމެވަޑައިގެންނެވުމުން ވެސް އެންމެ ސޫތެއްވެސް ދޫނުދެއްވައި ކުރިއަށް ވަޑައިގެންނެވުމުންނެވެ.

މިހާރު ކަށަވަރުވެ ޔަގީންވާ ގޮތުގައި ރައީސް ޞާލިހު ހުންނެވީ އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީއަކަށް ވަޑައިގަންނަވާ ގޮތަކަށްވެސް ނޫނެވެ. ބަރުލަމާނީ ނިޒާމާ ދިމާއަށް ދީލައިލައްވާ ގޮތަކަށްވެސް ނޫނެވެ. ސަރުކާރާއި މަޖިލިސް ތެރެއިންވެސް ދޫދެއްވާ ގޮތަކަށް ނުމެނޫންމެއެވެ. ކުރިފުޅުމަތީގައި ހުރި ހުރިހާ ހުރަހެއް، ގަލެއް ގިރާކުރަށްވައި މިދައުރު ނިންމަވައިލައްވައި، ދެވަނަ ދައުރަކަށް ވެސް ނުކުމެވަޑައިގަންނަވާނެކަން އިޢުލާން ކުރެއްވީއެވެ. އެކަމަކު ކޮންމެވެސް ވަރެއްގެ މަޑު ދުއްޔެއް އަދި ބައިންދަވާފައި، މިއީ "ވަކަރަށް ޖައްސަވައި" ލެއްވުމެކޭ ވެސް ދެންނެވިދާނެއެވެ. ރައީސް ޞާލިހު ދެވަނަ ދައުރަކަށް ވަޑައިގަންނަވާނެކަން އިޢުލާން ކުރެއްވީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތަށް، ރައީސް ނަޝީދުގެ ފަހަތްޕުޅުގައި ހުންނެވި މި ސަރުކާރުގެ އެންމެ "ނެގިމަޑު" ކަމަށް ބުނާ، އެންމެބޮޑު ޒިންމާ ކޮނޑުފުޅުގައި އަޅުއްވައިގެން ހުންނެވި ވަޒީރު ލައްވައެވެ. މިއީ އިއްތިފާގެއް ކަމަކަށް ނުބެލެވެއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުން ނިމިދިޔަ 2021 ވަނަ އަހަރު އިވިގެންދިޔަ އެންމެ ވަރުގަދަ އަދި އެންމެ ބާރުގަދަ އަދި ގިނަ ބައެއްގެ ހިތްތަކުގައި ސުވާލު އުފެދިގެންދިޔަ އަޑަކަށް ނުވަތަ ޚަބަރަކަށްވާނީ ރައީސް ޞާލިޙު ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިޢުލާން ކުރަށްވައި ރައީސް ނަޝީދުގެ ވާހަކަފުޅުތަކަށް ޖަވާބުދެއްވި ޚަބަރެވެ. ރައީސް ނަޝީދުގެ އިތުރުން މި ޚަބަރަކީ އިދިކޮޅަށް ވެސް އަދި އިދިކޮޅު ލީޑަރަށް ވެސް ކުޑަ އަދި މަޑު އަޑަކަށް ނުވާނެއެވެ. ނުވަތަ އާދައިގެ ޚަބަރަކަށް ނުވާނެއެވެ.

2021 ގައި އެންމެ ގިނަބަޔަކު ހައިރާންކޮށްލި އެއް ހާދިސާއަކީ ސްޕްރީން ކޯޓުން ރައީސް ޔާމީން މިނިވަންކުރުން ކަމަށް ބައެއް މީހުންނަށް ގަބޫލުކުރެވިދާނެއެވެ. ނަމަވެސް މިހާރު ސަރުކާރުގައި އޮތް ކޯލިޝަނާއެކު ރައީސް ޞާލިޙު އަންނަ ރިޔާސީ ދައުރަށް ނުކުމެވަޑައިގަންނަވާނެކަން މިހާރު ގާތްގަނޑަކަށް ކަށަވަރުވެފައިވާއިރު މިއީ އަނެއްކާވެސް 2018 ގެ ނަތީޖާ ތަކުރާރުވެ، އެމަންޒަރު އިޢާދަވެގެން ހިނގައިދާނެ ކަމަށް ބެލެވޭނެ ފާލެކެވެ. މީގެސަބަބުން 2023 ގެ އިންތިޚާބުވެސް ދެވަނަ ބުރަކަށް ނުގޮސް ދެފިކުރުން ވާދަކޮށް ނިމިދާ މަންޒަރު އިހުސާސު ކުރެވުމަކީ ހަމަގައިމުވެސް ސިޔާސީ ގޮތުން ކުޑަ ކަމަކަށް ނުވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު


9

2003 ވަނައަހަރު

06-Jan-2022

ކުރިން އަހަރުމެން ތިބީ ޖާނާއި މާލުން ގުރުބާން ވެގެން އަންނި އަށް ރައީސް ކަން ހޯދައިދޭށެވެ. ޢެކަން ހާސިލު ވިޔަސް އެއީ އެޑްމިނިސްޓްރޭޓަރެއް ނޫނެވެ. އިބޫ ގެންދާގޮތް ރަގަޅެވެ. ޕާޓީ ހަލާކު ކުރަން މަގު ހުޅުވަން އަންނީ ނޫޅޭށެވެ.



ޓްރެންޑިން