މިއަހަރު ފަހުކޮޅު ގަތަރުގައި އޮންނަ ވޯލްޑް ކަޕްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ތުރުކީ ވިލާތުގެ 3250 ސެކިއުރިޓީ އޮފިސަރުން ގަތަރަށް ފޮނުވުމަށް ހަމަޖެހިފައިވާކަމަށް ތުރުކީން ހާމަކޮށްފިއެވެ.

ތުރުކީގެ އެތެރޭގެ ސަލާމަތީ ކަންކަން ބަލަހައްޓާ އިންޓީރިއާ މިނިސްޓަރ ސުލޭމާން ސޯލު ވިދާޅުވީ ސެކިއުރިޓީ އޮފިސަރުން ފޮނުވުމުގެ އިތުރުން، ތުރުކީގެ ސެކިއުރިޓީ އޮފިސަރުން ތަމްރީންވެސް ކޮށްދީފައިވާ ކަމަށެވެ.

ތުރުކީން ގަތަރަށް ފޮނުވުމަށް ހަމަޖެހިފައިވަނީ 3000 ރަޔަޓް ފުލުހުން، ސްޕެޝަލް ފޯސަސްގެ 100 އޮފިސަރުން، ގޮވާތަކެތި ހޯދުމުގެ ގާބިލްކަން ލިބިފައިވާ 50 ކުއްތާއާއި އެ އެއްޗެހި ބަލަހައްޓާ އޮފިސަރުންގެ އިތުރުން، ގޮވާތަކެތީގެ ދާއިރާގެ 50 އެކްސްޕާޓުންނާއި، އަދިވެސް އިތުރު ބައެއް އޮފިޝަލުންނެވެ.

"އަހަރުމެންގެ 3250 އޮފިސަރުން މަސައްކަތްކުރާނެ ގަތަރުގައި ނޮވެމްބަރުން ފެށިގެން ޑިސެމްބަރަށް 45 ދުވަހުގެ މުއްދަތަކަށް، އެތައް މިލިއަން ބަޔަކު ޖަމާވާ ނި ހަރަކާތުގެ ސެކިއުރިޓީ ޔަގީންކުރުމުގައި އޮފިސަރުން ހަރަކާތްތެރިވާނެ." ސުލޭމާން ބުންޏެވެ.

ސުލޭމާން ބުނީ ގަތަރުގެ 677 އޮފިޝަލަކު އެކި ދާއިރާތަކުން ތަމްރީންވެސް ކޮށްދީފައިވާ ކަމަށެވެ.

ގަތަރު ވޯލްޑްކަޕުގައި އެހީތެރިކަން ފޯރުކޮށްދޭން ތުރުކީން ނިންމާފައިވާއިރު އެ ދެ ގައުމުގެ ގުޅުން ދަނީ މިފަހުން ވަރަށް ބޮޑަށް ބަދަހިވަމުންނެވެ. އެގޮތުން ގަލްފްގެ އެހެން ގައުމުތަކާއި ގަތަރާއި އުފެދޭ މައްސަލަތަކުގައިވެސް ތުރުކީން ދަނީ ގަތަރަށް ވާގިދެމުންނެވެ. މީގެއިތުރުން ގަތަރުގައި ތުރުކީގެ އަސްކަރީ މަރުކަޒެއްވެސް ވަނީ ގާއިމްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން